އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާ މަހިބަދޫ ދާއިރާ މެންބަރު އަހްމަދު ތޯރިގު (ޓޮމް): އޭނާގެ ކެންޑެސީ ބާތިލްކުރި މައްސަލަ ވަނީ ފީފާ އާއި އޭއެފްސީއަށް ހުށައަޅުއްވާފައި

ތޯރިގު ވިދާޅުވީ ރަނގަޅަށް، އިލެކްޓޯރަލް އެޕީލްސް ކޮމިޓީއެއް ނެތް، ފީފާއިން އެންގީ ގޮތެއް ނިންމަން އިތުރު ވަގުތު ބޭނުންވާ ކަމަށް

އެފްއޭއެމްގެ އިންތިހާބުތަކާ ގުޅޭ ޝަކުވާތައް ބަލަން އިންތިހާބު ކުރަން ޖެހޭ އިލެކްޓޯރަލް އެޕީލްސް ކޮމިޓީ ނެތުމުން އަހުމަދު ތޯރިގުގެ ޝަކުވާތަކާ މެދު ގޮތެއް ނުނިމިފައި
16 ޖެނުއަރީ 2024

އެފްއޭއެމްގެ އިންތިހާބުގައި އޭނާގެ ކެންޑިޑެސީ ބާތިލްކުރުމުން ހުށައެޅުއްވި މައްސަލަ ބަލާނެ އިލެކްޓޯރަލް އެޕީލްސް ކޮމިޓީއެއް ނެތް ކަމަށް އަހުމަދު ތޯރިގު (ޓޮމް) ދެއްކެވި ވާހަކައަކީ ހަގީގަތެއްކަން އިއްޔެ ހާމަވެއްޖެ އެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރީ އޭނާއަށް ތާއީދުކުރި ވެލެންސިއާގެ ތާއީދު، ފީފާގެ އުސޫލުތަކަށް ބިނާކޮށް ގަބޫލުނުކުރުމުންނެވެ. އިންތިހާބުގައި ދިމާވާ މިފަދަ މައްސަލަތައް ބަލަން އެފްއޭއެމްގައި އިލެކްޓޯރަލް އެޕީލްސް ކޮމިޓީއެއް އޮންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުންޏަސް، އެ ކޮމިޓީ އިންތިހާބުކޮށްފައެއް ނުވެ އެވެ.

ތޯރިގުގެ ޝަކުވާއާ މެދު ގޮތެއް ނިންމަން ޖެހޭ ތިން ދުވަހުގެ މުއްދަތު އިއްޔެ ހަވީރު ވަނީ ހަމަވެފަ އެވެ. ނަމަވެސް އެ މައްސަލަ ބަލާނެ ކޮމިޓީއެއް ނެތުމުން ތޯރިގާއި އެފްއޭއެމް ވެސް މިހާރު އިންތިޒާރުކުރަނީ ފީފާ އާއި އޭއެފްސީން ދޭނެ އިރުޝާދަކަށެވެ.

އިލެކްޓޯރަލް އެޕީލްސް ކޮމިޓީ އިންތިހާބުކޮށްފައި ނެތް ކަމަކަށް، އެފްއޭއެމުން ސީދާކޮށް އަދިވެސް ނުބުނެ އެވެ. އިއްޔެ ނެރުނު ބަޔާނުގައި ވެސް ބުނީ "މި ވަގުތު މި އެސޯސިއޭޝަންގައި އިންތިހާބީ އެޕީލްސް ކޮމިޓީއެއް އޮންނަން ޖެހޭ އުސޫލުގެ ތެރޭން އެކުލަވާލެވިފައި ނެތް" ކަމަށެވެ.

އަމަލްކުރަން ޖެހޭ އުސޫލަކީ، ތޯރިގު ވިދާޅުވާ ގޮތުގައި، ކޮންގްރެސްގައި އިލެކްޓޯރަލް ކޮމިޓީ އިންތިހާބުކުރާ ގޮތަށް، އިލެކްޓޯރަލް އެޕީލްސް ކޮމިޓީ ވެސް އިންތިހާބުކުރުމެވެ. އެކަމަކު މިދިއަ އަހަރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ޔައުމިއްޔާގައި އެޕީލްސް ކޮމިޓީ އިންތިހާބުކުރި ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ. 

"އެފްއޭއެމްގައި ނެތް އެޕީލްސް ކޮމިޓީއެއް. އޮތް ނަމަ އަޅުގަނޑު ހުށައެޅި މައްސަލަ އިއްޔެގެ ހަވީރު 4:16ގެ ކުރިން ނިންމާނެ،" ކުރިން ގައުމީ ޓީމުގެ ފޯވަޑް އަދި މިހާރު ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

 އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން އަހުމަދު ތޯރިގު (ވ) އޭނާގެ ފޯމު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު)އާ ހަވާލުކުރައްވަނީ

އިލެކްޓޯރަލް ކޮމިޓީން ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާ މުފާވިޒް ހާޝިމް (މުފާ)އަށް ވެސް ވެލެންސިއާއިން ތާއީދުކުރުމުންނެވެ.

އިންތިހާބުގައި އެއް ކްލަބަކުން ދެ ކެންޑިޑޭޓަކަށް ތާއީދުކޮށްފި ނަމަ ހަދާނެ ގޮތެއް އެފްއޭއެމްގެ ގަވާއިދުގައި ނެތެވެ. އެހެންކަމުން އެފްއޭއެމުން ބެލީ ފީފާގެ އިންތިހާބުތަކުގައި އަމަލްކުރާ ގޮތަށެވެ. ފީފާގެ އެއްވެސް އިންތިހާބެއްގައި އެއް އެސޯސިއޭޝަނަކުން ދެ ކެންޑިޑޭޓަކަށް ތާއީދުކޮށްފި ނަމަ އެ ދެ ހުށައެޅުން ވެސް ބާތިލްކުރެ އެވެ.

ތޯރިގުގެ ޓީމުން ގަބޫލުކުރަނީ މުފާވިޒްއަށް ވެލެންސިއާއިން ތާއީދުކުރިކަން އެންގި ކަމަށް ބުނާ ލިއުމަކީ ވަގު ލިއުމެއް ކަމަށެވެ. އެކަމަކު މުފާވިޒް އާއި ވެލެންސިއާގެ އެކްސްކޯގެ ބައެއް މެމްބަރުން އެ ވާހަކަ ދޮގުކުރެ އެވެ.

ތޯރިގަށް ތާއީދުކުރި ލިއުންތަކުގައި ސޮއިކުރައްވާފައި އޮތީ ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީން އެވެ. މުފާވިޒަށް ތާއީދުކޮށް ވެލެންސިއާއިން ދިން ލިއުމުގައި ސޮއިކުރެއްވީ ވައިސް ޗެއާމަން އިލްމާއު ހުސެއިން އިބްރާހިމް (މައު) އެވެ.

އެކަމަކު އަޒްމީން ނޫން ބޭފުޅެއްގެ ސޮއި ވެލެންސިއާގެ ރަސްމީ ލިއުންތަކުގައި ގަބޫލުނުކުރަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އޮތީ އެފްއޭއެމަށް ދެ ފަހަރެއްގެ މަތިން އަންގައިފަ އެވެ. 

ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރީ އެއް ވަނަ ޑިވިޒަންގެ ތިން ޓީމުގެ ތާއީދު ނެތް ކަމަށް ނިންމާފައި

އިލްމާއުގެ ސޮއި ގަބޫލުކުރީ، އޭޝިއާގެ ފުޓްބޯޅައިގެ އިދާރާ އޭއެފްސީއަށް ވެލެންސިއާއިން ފޮނުވި ސޮއިކުރުމުގެ ހައްގު ލިބޭ ތިން ބޭފުޅުންގެ ތެރެއިން އެކަކަށް އޭނާ ވުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ. އެހެންކަމުން އިލެކްޓޯރަލް ކޮމިޓީން ނިންމީ ތޯރިގާއި މުފާވިޒްއަށް ވެލެންސިއާއިން ކުރި ތާއީދު ވެސް ބަލައިގަންނަ ކަމަށެވެ.

އެކަމަކު ފީފާގެ އުސޫލުތަކަށް ބިނާކޮށް، އެ ދެ ތާއީދު ވެސް އިލެކްޓޯރަލް ކޮމިޓީން ބާތިލްކުރި އެވެ. އެހެންވެ ތޯރިގަށް އޮތީ އެއްވަނަ ޑިވިޒަންގެ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ޓީސީގެ ތާއީދެވެ. އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ޓީމުގެ ތާއީދު ބޭނުންވެ އެވެ.

ތޯރިގު މައްސަލަ ހުށައެޅުއްވީ ފީފާ އާއި އޭއެފްސީއަށެވެ. އެކަމާ މެދު އެ ދެ ޖަމާއަތުން އިއްޔެ ގޮތެއް ނިންމާނެ ކަމަށް ބެލެވުނެވެ. އެކަމަކު އެފްއޭއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެކަމުގައި ގޮތެއް ނިންމައި، ދެން ކަން ކުރަންވާނެ ގޮތްތަކެއް ކަނޑައަޅަން އިތުރު ވަގުތު ބޭނުންވާ ކަމަށް ފީފާ އާއި އޭއެފްސީން ވެސް އަންގާފައިވާ ކަމަށެވެ.

"މި ކަމުގައި ފީފާ އަދި އޭއެފްސީން ކަނޑައަޅާ ގޮތުގެ ތަފުސީލު މި އެސޯސިއޭޝަނަށް ލިބުނުހާ އަވަހަކަށް އެ މައުލޫމާތު ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް