އިސްކަންދަރު ސްކޫލްގެ އީތަން ބޯޅަ ހިފައިގެން ކުރިއަށް ދަނީ: މިއީ އުއްމީދީ އެތައް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހުނަރުވެރިއެއް (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

ފުޓްބޯޅަ

ދިވެހި ފުޓްބޯޅާގައި ކުރިއަށް ވެސް 'ރަން ޖީލެއް' އެބަ އޮތް

މި ފަހުން ބޭއްވި ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތުގެ އެކި އުމުރުފުރައިގެ ވާދަކުރުމުގައި ހުނަރުން ފުރިފައި ތިބި އެތައް ކުޅުންތެރިންނެއް ފެނުނު

މިދިއަ ފެބްރުއަރީ އާއި މާޗު މަހު ގަލޮޅު ދަނޑުގައި އިނދެ ބަލަމުން ދިޔައީ ރާއްޖޭގެ އެންމެ މަތީ ކްލަބްތަކުގެ ފުޓްބޯޅައެއް ނޫނެވެ؛ އުމުރުން 17 އަހަރާއި 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ހުނަރު ދައްކާލި މެޗުތަކެކެވެ.

ފެބްރުއަރީ މަހު އޮތް ސްކޫލްތަކުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތާއި މާޗު މަހު ކުރިއަށް ގެންދިޔަ 15 އަހަރުން ދަށުގެ މުބާރާތެވެ. މި ދެ މުބާރާތުގައި ވެސް، ރާއްޖޭގެ ފުޓްބޯޅައިގައި ކުރިއަށް 'ރަން ޖީލެއް' އެބަ އޮތްކަން ސާބިތުކޮށްދިނެވެ.

ރެހެންދި ސްކޫލް 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދިއިރު ކެޕްޓަން އަހުމަދު އަކްމަލް ނިޒާމްގެ ކިބައިން ފެނުނު ރީތި، މޮޅު އަދި ހާސްކަމެއް ނެތް ކުޅުމަކީ، އޭގެ ތެރެއިން އެއް އުއްމީދެވެ.

އޭގެ ފަހުން 15 އަހަރުން ދަށުގެ މުބާރާތުގައި އާދަޔާ ހިލާފު ނަތީޖާތަކެއް ނެރުނު އިސްކަންދަަރު ސްކޫލްގެ މިޑްފީލްޑަރު އީތާން އިބްރާހިމް ޒަކީ އާއި ފޯވަޑް މުހައްމަދު އިލާން އާއި ކެޕްޓަން ޔޫސުފް އަޔާން އާމިރަކީ، އަކްމަލް ފަދަ ކުޅުންތެރިންނާ ގުޅެން ތިބި، ރާއްޖޭގެ ހުނަރުވެރިންނެވެ.

އިސްކަންދަރުގެ އަޔާން އާއި އިލާން: މިއީ މަސައްކަތްކޮށްފި ނަމަ ދެން އަރަން ތިބި ކުޅުންތެރިން (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

މިދިއަ މޭ މަހު ކ. ގުޅިއަށް ކުރި ދަތުރެއްގައި އެ ރަށު ބަނދަރުމަތިން ދިމާވީ، މާލޭގައި އޮތް 13 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި އެ ރަށު ސްކޫލް ޓީމު، އެދުވަހުގެ މެޗަށް މާލެ ދާން ޖަމާވެފައި ތިއްބަ އެވެ. ޖޯލިފައްޗެއްގައި ތިބި ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު 'އަޅުގަނޑުގެ ފޮޓޯއެއް ވެސް ނަގައިދޭށޭ' ބުންޏެވެ. އެ ފޮޓޯ ނެގީމެވެ. އެއީ ގުޅީ ސްކޫލް ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިދިން ފޯވަޑް އިބްރާހިމް އަލްޔާން ޝާހިރު އެވެ.

މުބާރާތުގެ ކްއާޓާ ފައިނަލަށް ނުގޮސް ގުޅީ ސްކޫލް ކެޓީ، ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ލަނޑުގެ ތަފާތުންނެވެ.

އެ މުބާރާތުގައި އަލްޔާން ފަދަ ހުނަރުވެރި، މޮޅު، އަދި އަކްމަލް އާއި އީތަން އާއި އިލާން އާއި އަޔާންއާ ގުޅިދާނެ އެތައް ކުޅުންތެރިންނެއްގެ ކުޅުން ފެނުނެވެ.

މި ދެވުނީ ރާއްޖޭގެ ކުރިމަގުގެ ފުޓްބޯޅަ ތަރިންނަށް ވުމުގެ ގާބިލްކަން ހުރި ވަރަށް މަދު ކުޅުންތެރިންގެ ނަންތަކެވެ. އެފަދަ އެތައް ހުނަރެއް، އެ ތިން މުބާރާތުން އެކަނި ވެސް ފެނުނެވެ. އޭގެ އެތައް ހުނަރުވެރިންނެއް، ރާއްޖޭގެ އެހެން ރަށްރަށުގެ މަގުތަކާއި ދަނޑުތަކުގައި މިހާރު ވެސް ކުޅެމުން ގެންދާނެ އެވެ.

އިއްޔެ ލުބުނާން ކުޅުންތެރިއެއް ކައިރިން ދާން ރާއްޖޭގެ ހަމްޒާ މުހައްމަދު (ކ) މަސައްކަތްކުރަނީ؛ ހަމްޒާމެންނާ ކުރިއަށް އޮތް ތަނުގައި ގުޅޭނެ މޮޅު ކުޅުންތެރިން ތިބީ އުފެދުމުގެ މަގުމަތީގައި --ފޮޓޯ/އިމޭޖްސްއެމްވީ

އަޅުގަނޑުގެ ނޫސްވެރިކަމުގެ ވަރަށް ބޮޑު ބައެއް ހޭދަކުރީ (1989ގެ ފަހުކޮޅުން 2004ގެ ކުރީކޮޅަށް) ކުޅިވަރު ލިއުންތެރިއެއްގެ ގޮތުގަ އެވެ. ރާއްޖޭގައި ކުޅޭ ހުރިހާ ކުޅިވަރެއް ކަވަރުކުރި ނަމަވެސް މައިގަނޑު ވިސްނުން އޮތީ ފުޓްބޯޅައަށެވެ. ކޮލަމްބޯގައި 1991ގައި އޮތް ސާފް ގޭމްސްގެ ފުޓްބޯޅައިގެ ފައިނަލަށް، ސަރަހައްދު ހައިރާންކޮށްލާފައި ރާއްޖެ ގޮސް، ދިވެހިން އުފާކޮށްދިން ޓީމުން ފެށިގެން، 1997ގައި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދި ޓީމާ ބެހޭ ލިއުންތައް، ކިއުންތެރިންނާ ހަމައަށް ގެނެސްދެވުނެވެ.

ދިވެހި ފުޓްބޯޅައިގެ ރަން ޒަމާނަކީ 1980ގެ މެދުތެރެއިން 2008އާ ހަމައަށް ކަމަށް، އެއް ނަޒަރަކުން ބެލިދާނެ އެވެ. އެއީ ސަރަހައްދުގައި ބޫޓާން ނަގާފައި ދެން އެންމެ ދަށްކޮށް އޮތް ގައުމުގެ ދަރަޖައިން ނުކުމެ، އެންމެ ވަރުގަދަ ޓީމުތަކާ ވާދަކުރެވޭ ވަރުގެ ފުޓްބޯޅައިގެ ތަރައްގީއެއް ހޯދި، އަދި އެފަދަ ކުޅުންތެރިންތަކެއް ނެރުނު 20 އަހަރެވެ. ހާއްސަކޮށް ސާފް ޗެމްޕިއަންޝިޕްގެ ތަށި 2008ގައި ކާމިޔާބުކުރި ގައުމީ ޓީމަކީ ރާއްޖޭގައި މިހާތަނަށް ފެނުނު އެންމެ މޮޅު ކުޅުންތެރިންގެ ގްރޫޕް ކަމަށް ބުނެވެން އެބަ އޮތެވެ.

އެ ރަން ޖީލު އުފެދުނީ އެތައް ސަބަބަކާ ހެދި އެވެ. ފުޓްބޯޅައިގެ ކްލަބް ފޯރި ވެސް އެހާމެ ގަދަ ދުވަސްވަރެއްގަ އެވެ. ނަމަވެސް އޭގެ ފަހުން ކުރިމަތިވީ ކްލަބްތަކުގެ ވާދަކުރުންތައް ބަލަން ގަލޮޅު ދަނޑަށް މީހުން ވަނުން މަދުވަމުން ދިޔަ އަހަރުތަކެވެ. ކުޅުންތެރިން މޮޅަސް، ކުޅުންގަނޑު ރީތި ނަމަވެސް، ރާއްޖޭގެ އެންމެ ބޮޑު ދަނޑު އޮންނަނީ ހުހަށެވެ. އޭރުގެ ބޮޑެތި ކްލަބްތައް ބައްދަލުކުރާ އިރު 10،000 މީހުން ވަދެ ދަނޑު ފުރާލި މެޗުތައް ލިއުމުގެ ހިތްހަމަޖެހުން ލިބުނު ލިއުންތެރިޔަކަށް، މިއަދުގެ ބޮޑެތި ކްލަބްތައް ކަމަށްވާ މާޒިޔާ އާއި އީގަލްސް ފަދަ ޓީމުތައް ނުކުމެ، ހުސް ދަނޑެއްގައި މެޗުތައް ނިންމާލާ ތަން ފެނުމުން ދެރަވެ، ހިތާމަ ލިބެ އެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި 1991 ގައި އޮތް ސާފް ގޭމްސްގެ ފައިނަލްގައި ކުޅުނު ގައުމީ ޓީމުގެ ފުރަތަމަ 11: މިއީ ރާއްޖޭގެ ފުރަތަމަ ފައިނަލް. އޭގެ ފަހުން ފުޓްބޯޅަ ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި

އެކަމަކު ހަގީގަތް ވާނީ ހަގީގަތަށެވެ. މިއީ މުނިފޫހިފިލުވަން، މޮބައިލް ފޯނު ފުދޭ ޒަމާނެވެ. ދުނިޔޭގެ އެންމެ މަތީ ލީގުތައް ކަމަށްވާ އިނގިރޭސި ޕްރިމިއަ ލީގާއި ސްޕެއިންގެ ލަލީގާގެ މެޗުތައް ކޮންމެ ހަފުތާއަކު ވަގުތުން އެ ފެންނަނީ އެވެ. އެހެންކަމުން ކްލަބް މެޗުތައް ބަލަން ދަނޑަށް ނުވަނުމަކީ، ފުޓްބޯޅައިގެ ފޯރި ނެތްކަން ނިންމޭނެ ސަބަބެއް ނޫނެވެ.

ރާއްޖޭގައި ފުޓްބޯޅަ ފޯރި އެބަ އޮތެވެ. އަދިވެސް ފުޓްބޯޅައަކީ ރާއްޖޭގެ އެއްވަނަ ކުޅިވަރެވެ. އަދިވެސް ގަލޮޅު ދަނޑު ފުރާލާނީ ފުޓްބޯޅަ މެޗުތަކަށެވެ.

ސްކޫލްތަކުގެ ފުޓްބޯޅަ ވާދަ އޮތް އިރު އެ ފޯރި ފެނުނެވެ. ވާދަކުރާ ސްކޫލްތަކުގެ ދަރިވަރުންނާއި ކުޅުންތެރިންގެ ބެލެނިވެރިންގެ އިތުރުން އާންމުންގެ ތެރެއިން ވެސް އެތައް ބަޔަކު ގަލޮޅު ދަނޑަށް ވަދެ، ހިތްހަމަޖެއްސި އެވެ. ނޭނގި ނަމަވެސް އެ ފޯރި ނެގުނީ ރާއްޖޭގެ ކުރިއަށް އޮތް ފުޓްބޯޅައިގެ 'ރަން ޖީލަށެ'ވެ.

އިއްޔެ ބެންގަލޫރުގައި ކުޅުނު މެޗުގައި ލުބުނާން އަތުން 1-0 އިން ބަލިވެ، ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ ކެޓުމުން ލިބުނު މޮޅީގައި އަޅުގަނޑަށް އިނދެވުނެވެ. މިއީ 1997ގެ ސާފް ޗެމްޕިއަންޝިޕްގައި އެ ލިބުނު އުފާވެރިކަން، ކިއުންތެރިންނާ ހަމައަށް ގެނެސްދެވުނުކަމުގެ އުފާ އަބަދުވެސް އޮތް މި ލިއުންތެރިޔާއަށް ހިތްދަތި ހަގީގަތެކެވެ.

ނަމަވެސް ދެން ވިސްނުނީ، މި ފަހުން ގަލޮޅު ދަނޑުން އެ ފެނުނު އުމުރުފުރައިގެ ފުޓްބޯޅަ ކުޅުންތެރިންގެ ރީތި، މޮޅު ހުނަރާ މެދުގަ އެވެ. 'ކުރިމަގުގެ އުއްމީދު ގަލޮޅު ދަނޑު ދިއްލާލައިފި' ސުރުހީގެ ދަށުން 17 އަހަރުން ދަށުގެ ފައިނަލް މެޗުގެ ހަބަރު ގެނެސްދިނީ އެ އުއްމީދު އޮވެގެންނެވެ. 'ތަފާތު ހުނަރުތަކެއް ދެކިލަން ރަނގަޅު ފައިނަލް މެޗެއް'، މި ސުރުހީގައި، 15 އަހަރުން ދަށުގެ ފަހު ވާދައާ ބެހޭ ގޮތުން ލިއުނީ ވެސް، ފެނުނު ފުޓްބޯޅައިން އުފެދުނު އިހުސާސްތަކުގަ އެވެ.

ކުޅިވަރުގައި މާޔޫސް ނަތީޖާތަކެއް ދިމާވާ ފަހަރު ވަރަށް ގިނައިން އާދެ އެވެ. އިއްޔެއަކީ އޭގެ ދުވަހެކެވެ. ނަމަވެސް ސެމީ ފައިނަލުން ޖާގަ ހޯދަން ކޮންމެހެން ވެސް މޮޅުވަން ޖެހޭ މެޗެއްގައި ލުބުނާނާ ދެކޮޅަށް ރާއްޖޭގެ ޓީމުން ދެއްކީ މުބާރާތުގައި ދިވެހިން ކުޅުނު އެންމެ ރަނގަޅު ކުޅުމެވެ. ތަފާތަކަށް ވީ، ހާއްސަ ދައުވަތެއްގައި ބައިވެރިވި ލުބުނާނަކީ މި ސަރަހައްދުގެ ފެންވަރަށް ވުރެ ތަންކޮޅެއް މަތީ ފެންވަރެއްގެ ޓީމަކަށް ވުމެވެ.

މި ފަހަރުގެ މުބާރާތުގައި ހުސް މި ސަރަހައްދުގެ ޓީމުތައް ބައިވެރިވި ނަމަ، ސެމީ ފައިނަލަށް ނުގޮސް ރާއްޖެ ކެޓުން ދުރެވެ. އެ ނަޒަރުން ވިސްނާ ކޮންމެ މީހަކަށް އެއީ ހިތްހަމަޖެހުމެކެވެ. 

ދިވެހި ފުޓްބޯޅަ އޮތީ ކުރިއަށެވެ. އެކަމަކު އެއީ މި ލިއުމުގައި ފާހަގަކުރި ޅަ ހުނަރުވެރިން، ގައުމީ ތަރިންނަށް ހެދޭނެ ފަދަ ރޭވުންތެރިކަމެއް އެފްއޭއެމްގައި ވެސް ހުރެގެން ނެރެވޭނެ ނަތީޖާއެކެވެ. އިޖުތިމާއީ ގޮތުން އެތައް ބަދަލެއް ފެންނަ ޒަމާނެއްގައި، މި ކުޅުންތެރިން ކުރިމަގުގެ ހުވަފެނީ ޓީމަކަށް ހެދޭނީ އެފަދަ ވިސްނުންތަކެއްގައި، ތަފާތުކުރުމެއް ނެތް މާހައުލެއްގައި، އަދި ފާޑުކިއުންތެރިންގެ ހިޔާލުތަކަށް ވެސް ކަނެއް ދީގެންނެވެ.

އަޅުގަނޑަށް ފެންނުނީ އުއްމީދެވެ. އަޅުގަނޑަށް ފެންނަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 'ރަން ޒަމާނެއް' ގެނެސްދެވޭ ވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް ރާއްޖެއަށް ފެތުރިފައި އޮއްވަ އެވެ. އެއީ މިހާރުގެ ގައުމީ ޓީމުގައި ތިބި ޒުވާން ބައިވެރިން ދަނޑު މަތީގެ ތަޖުރިބާކާރުންނަށް ވާއިރު، އެ މީހުންނާ އެކު ގައުމު އުފާކޮށްދޭނެ  ކުޅުންތެރިންނެވެ.

ކުރިމަގަށް އުއްމީދުކުރަމާ ހިނގާށެވެ! މާޔޫސްނުވެ، ހިތްވަރުދެރަނުކޮށް، މަސައްކަތައިގެން އުޅެމާ ހިނގާށެވެ!

ކޮމެންޓް (4)

ހައްޕު

1 ޖުލައި 2023
ފުޓުބޯޅައިގައި ދިވެހިންްގެ ކުރިމަގު މާއަލިކޮށް އޮތްކަމަކަށް ނުފެނޭ. ސަބަބުތައް ބައިވަރު . އިންޑިއާ ، ބަންގުލަދޭޝް ، ބޫޓާން މާބޮޑަށް އެބަ މަސައްކަތްކުރޭ. ހުނަރުުހުރި ކުދިން ރާއްޖޭގައި ނެތީކީ ނޫން . އެކުދިންވެސް ފުޓުބޯޅައަށް ޚާއްޞަވެގެން އުމުރު ދުއްވައެއްނުލާނެ. އެފޯރިއެއްނެތް މިޙާރަކު. ހިޔެއްނުވޭ ޕޮލިސީ ގެންްގުޅޭގޮތުންްވެސް ކުރިމަގެއްއޮތްްހެނެއް. ކިރިޔާވެސް ފުރުޞަތެއްއޮތީ ޒުވާން ދެތިން ޓީމު ޔޫރަޕު ހިސާބުގައި ފަސްވަރަކަށް އަހަރު ބައިތިއްބައިގެން ޓުރޭނިންް ދީގެންކަމަށް ފެންނަނީ. މިކަން ވާނެތަ؟؟؟؟
0 0

ޖުމާނު ރާއީ

30 ޖޫން 2023
ފުޓްބޯޅައަކީ އިންޑަސްޓްރީއެއް ނޫން، އެހެންވެއްޖިއްޔާ ތިކުޅުންތެރިން ބޮޑުވެ ދިރިއުޅުމެއް ހޯދަން ޑިޕެންޑެއް ނުވެވޭނެ ފުޓްބޯޅައަކަށް. މާނައަކީ ތީގެ ތެރެއިން %99 ގައުމީ ޓީމާ ހަމައަށް ފޯރުން ދުރޭ. ދެން އަނެއްކަމަކީ ތަރައްގީއާކު މިއައި ކަންތައް. އެނަޖީ ޑްރިންކާ ވޭޕް ދެމުމާ މިހުރިހާ ކަމަކާއެކު އެމީހުން ސްކޫލް މުބާރާތުގަ ދެއްކި ހުނަރުގެ ފުލް ޕޮޓެންޝިއަލް ނުދެއްކޭ ގިނަ ފަހަރަށް. މިހާރުގެ ކުޅުންތެރިން އިންޑިވިޖުއަލް ހާސްބައި ތަފާތަސް އަދިވެސް އަހަންނަށް ދެވޭނީ ހަމަ ތޮއްޑޫމެން ޝާހުމެން ހުރާ އަބުޅޯމެން ވިލްދާނުމެން ކައްޕިމެންގެ ޖެނެރޭޝަނާ ދިމާލަށް.
0 0

ާއަބުދުﷲ

29 ޖޫން 2023
ފުޓްބޯޅަކުޅޭ އެއްވެސް ޓީމެއްވެސް ކުލަބެއްވެސް އަބަދު ބޮނތީގައި ނޯވޭ. ބަލާބަލަ ބްރަޒިލް، އާޖެންޓީނާ، ޖރުމަން، އިޓާލީ. މެންޗެސްޓާރ ޔުނައިޓެޑް، ރިއާލް މެޑުރިޑު، ބާރސެލޯނާ، ބަޔާރން މިޔުނިކް ފަދ ގައުމުތަކާއި ކުލަބުތައް.
0 0

އަކްރަމް ރާއީ

29 ޖޫން 2023
ކުޅިވަރާއި އަރޓްސްގެ ފަންނުގެ ދާއިރާގައި ރާއޖެ ދަނީ ފަހަތަށް. ކުޅިވަރު ތެރެއަށް ވެސް އިންތިހާ އަށް ކޮރަޕްޝަނާއި ޕޮލިޓިކުސް ވައްދައިގެން .
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް