އިސްކަންދަރުގެ އީތަން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ: މިއީ އިސްކަންދަރުގެ ޓީމުގެ ތަފާތު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

ފުޓްބޯޅަ

ތަފާތު ހުނަރުތަކެއް ދެކިލަން ރަނގަޅު ފައިނަލް މެޗެއް

އިސްކަންދަރުގެ 15 އަހަރުން ދަށުގެ ޓީމު މާދަމާ ރޭ ފައިނަލަށް ނުކުންނަ އިރު ޖުމްލަ 79 ލަނޑު ޖަހާފައިވޭ، އޭގެ ތެރޭގައި ފޯވަޑް އިލާންގެ 33 ލަނޑު ހިމެނޭ
11 މާރިޗު 2023
1

އީތާން އިބްރާހިމް ޒަކީ، ޕެނެލްޓީ އޭރިޔާ ތެރެއިން ރެހެންދި ސްކޫލްގެ ދެ ކުޅުންތެރިޔަކަށް 'ވާނުވާ ނޭނގޭ' ކަހަލަ ގޮތަކަށް ފަހަތަށް ބޯޅަ ދަމާލައި، ދެމިގަނެ، ގޯލު ކުރިމައްޗަށް ދިން ޕާސް ފެނިފައި، "އޯ...ނޯ، ކިހިނެއް އެހެދީ" އޭ، ދަނޑުގައި އިން ޒުވާން ފިރިހެން ކުއްޖަކަށް ބުނެވުނެވެ.

އިހުތިޔާރުން ބޭރުގަ އެވެ. ފެނުނު ހުނަރު ތަފާތުވެގެން ލިބުނު ހައިރާންކަމުގަ އެވެ.

ފަސް ޒުވާނުންގެ އެ ގްރޫޕް ދަނޑުގެ ގޮނޑިބަރީގައި އިށީންތާ އޭރު ވީ ކުޑަ ވަގުތުކޮޅެކެވެ. އޭގެ ކުރިން ތިބީ މަޖީދީ މަގަށް ވީ ފަޅީގެ ސިޑިބަރީގަ އެވެ. ފަހަރެއްގައި އެ މީހުން އައީ ވެސް، އީތަން އާއި އިސްކަންދަރު ސްކޫލްގެ 15 އަހަރުން ދަށުގެ ޓީމުގެ ކުޅުން ބަލައިލަން ކަމަށް ވެދާނެ އެވެ. ރާއްޖޭގެ ނިސްބަތުން އާދަޔާ ހިލާފު ކުޅުންތެރިންތަކެއްގެ ވާހަކަ ކޮންމެވެސް ގޮތަކުން އަޑުއިވިގެން ވަނީ ކަމަށް ވުން ވެސް ކައިރި އެވެ.

އެ ޒުވާނުންނަށް، އީތަން އާއި އޭނާ އެ ދިން ޕާހުގައި ލަނޑު ޖަހައި، އުފާފާޅުކުރަން ދަނޑުގެ ހުޅަނގު އުތުރު ކޯނަރު ދަނޑި ކައިރިއަށް މަޑުކޮށްލި މުހައްމަދު އިލާން، އިދިކޮޅު ޓީމުތައް "ރޫޅާލައި، ކުދިކުދިކޮށްލަން' ދައްކާ ކުޅުމުން އުފާވެރިކަން ގެނެސްދިނެވެ. އީތަންގެ ބޯޅައިގެ ހުނަރާއި އިލާންގެ ލަނޑު ޖެހުމުގެ ކުޅަދާނަކަން ފެނިފައި، ޒުވާން އެ ގްރޫޕްގެ ހައިރާންކަން ދޭތެރެ ދޭތެރެއިން ބޮޑުވެ އެވެ.

ސެމީ ފައިނަލްގައި ރެހެންދި ކޮޅަށް ލަނޑު ޖެހުމަށް ފަހު އިލާން އުފާ ފާޅުކުރަނީ: އޭނާ ވަނީ ފައިނަލް މެޗުގެ ކުރިން ޖުމްލަ 33 ލަނޑު ޖަހާފައި (ފޮޓޯ/އެފްއޭއެމް)

މިއީ މިދިއަ ބުދަދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު ސްކޫލްތަކުގެ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އިސްކަންދަރު ޓީމު އަތުން ރެހެންދި 10-0 އިން ބަލިވި މެޗުގެ ކުޑަ ތަންކޮޅެކެވެ. ސެމީ ފައިނަލްގައި އެހާ ބޮޑު ތަފާތަކުން މޮޅުވުމުގެ މާނައަކީ އިސްކަންދަރު ޓީމުގައި އެ އުމުރު ފުރައިގެ އާދަޔާ ހިލާފު ކުޅުންތެރިންތަކެއް ތިބުމެވެ.

ޕްލޭމޭކަރެއްގެ ގޮތުން އީތަން ދައްކަމުން އަންނަ ކުޅުމާއި ފޯވަޑެއްގެ ގޮތުން އިލާންގެ ކުޅަދާނަކަން ހިމެނެނީ މި މުބާރާތުގެ އުފާވެރި ވާހަކަތަކުގެ ތެރޭގަ އެވެ. މި ދެ ކުޅުންތެރިންނާ އެކު މެދުތެރެއިން ކެޕްޓަން ޔޫސުފް އަޔާން އާމިރުގެ ހުނަރާއި ބޯޅައާ އެކު ދެމިގެންނަ ބާރު ދުވެލިން އިދިކޮޅު ޓީމުތަކުގެ ކުޅުންތެރިންނަށް 'ވާނުވާ ނޭނގި' އުޅެނިކޮށް އޮންނަނީ ގޯލަށް ނުރައްކާވާރުގެ ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ.

ސެމީ ފައިނަލާ ހަމައަށް އިސްކަންދަރު ދިޔަ އިރު، އޭގެ ކުރިން ކުޅުނު ހަތަރު މެޗުގައި 69 ލަނޑު ޖަހައިފި އެވެ. ބައިކޮޅަށް އެންމެ ލަނޑެއް ވެސް ނުވަދެ އެވެ. އެ ހަތަރު މެޗުގައި 10 ލަނޑަށް ވުރެ ދަށް އަދަދެއް ސްކޯ ބޯޑުގައި އޮތީ، ކްއާޓާ ފައިނަލްގައި އިމާދުއްދީން ސްކޫލް އަތުން މޮޅުވި 5-0ގެ ނަތީޖާއިން އެކަންޏެވެ.

އިސްކަންދަރުގެ ނަތީޖާތައް

  • 1-

    29-0: އަމީނިއްޔާ ސްކޫލް

  • 2-

    18-0: ގިޔާސުއްދީން ސްކޫލް

  • 3-

    17-0: ބިލަބޮންގް 

  • 4-

    5-0: އިމާދުއްދީން ސްކޫލް

  • 5-

    10-0: ރެހެންދި ސްކޫލް

އިސްކަންދަރުގެ މި ތަފާތު މޮޅުތަކުގެ އިތުރުން އިލާންގެ އެކަނި ލަނޑުގެ ޖުމްލައަށް ބެއްޔަސް، އެއީ ކޮން ފެންވަރެއްކަން އެނގެ އެވެ. މާދަމާ ރޭ (މި ރިޕޯޓް މިއަދު ފުރަތަމަ ޝާއިއުކުރި އިރު މެޗު ކުޅެން އޮތީ މިރެ އެވެ. ނަމަވެސް ފަހުން ވަނީ މާދަމާ ރެއަށް މެޗު ފަސްކޮށްފަ އެވެ.) ކަލާފާނު ސްކޫލާ ދެކޮޅަށް އޮތް ފައިނަލް މެޗަށް ނުކުތުމުގެ ކުރިން އޭނާ ވަނީ 33 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި ނުވަ ހެޓްރިކް ހިމެނެ އެވެ.

އިލާންގެ ލަނޑު މެޝިން

  • 1-

    13: އަމީނިއްޔާ ސްކޫލްއާ ދެކޮޅަށް

  • 2-

    4: ގިޔާސުއްދީން ސްކޫލްއާ ދެކޮޅަށް

  • 3-

    8: ބިލަބޮންގްއާ ދެކޮޅަށް

  • 4-

    2: އިމާދުއްދީން ސްކޫލްއާ ދެކޮޅަށް

  • 5-

    6: ރެހެންދި ސްކޫލްއާ ދެކޮޅަށް

އިސްކަންދަރުގެ ޓީމުގައި ހުނަރުގެ ގޮތުން ތަފާތު ދައްކަނީ ހަމައެކަނި މި ތިން ކުޅުންތެރިންނެއް ނޫނެވެ. އަހުމަދު ކައިން ގަޔާޝް އާއި އަލީ އިލާން އަހުމަދު އަދި މުހައްމަދު ލާމިހު އިމްތިޔާޒު ވެސް، އިދިކޮޅަށް ނުކުންނަ ޓީމުތަކުގެ ކުޅުންތެރިންނާ އަޅާބަލާއިރު ތަފާތެވެ. ފައިނަލަށް ދިޔަ އިރު ޓީމުގެ ދިފާއީ ކުޅުންތެރިންނަށާއި ކީޕަރަށް މާ ބޮޑު ހުރަހެއް ނެތެވެ. ސެމީ ފައިނަލްގައި ވެސް ނުރައްކަލަކަށް ވާ ކަހަލަ ބޯޅައެއް، ގޯލާ ހަމައަށް ދިޔައީ އެންމެ ފަހަރަކު އެވެ.

ލަނޑު ޖެހުމަށް ފަހު އިލާން އުފާ ފާޅުކުރާ އިރު އިސްކަންދަރުގެ ހުނަރުވެރި ކެޕްޓަން އަޔާން (ކ) އޭނާއާ ބައިވެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

އެއްވެސް ޝައްކެއް ނެތް ގޮތުގައި ބޯޅަ ގެންގުޅުމުގެ ހުނަރާއި ސްޕީޑާއި ގޯލު ޖެހުމުގެ އުކުޅުތައް އެއްކޮށްލާއިރު މުޅި މުބާރާތުގައި އީތަން އާދަޔާ ހިލާފެވެ. އިލާންއަށް ލަނޑު ޖަހާނެ ފުރުސަތުތައް ހޯދައިދެމުން، އީތަން ވަނީ މިހާތަނަށް 19 ލަނޑު ވެސް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ހަތަރު ހެޓްރިކް ހިމެނެ އެވެ.

ފުރަތަމަ މެޗުގައި އަމީނިއްޔާ ކޮޅަށް 29 ލަނޑު ޖެހުމުން، ބައެއް މީހުންގެ ހިތުގައި އުފެދުނު ސުވާލަކީ، އެހާ ވަރަށް ލަނޑު ޖަހަން ޖެހޭ ބާވަ އެވެ؟ ކުޑަކުދިންގެ މުބާރާތަކަށް ވާތީ، ކޮންމެހެން އެވަރުނުކޮށްލިޔަސް ފުދޭނެކަމަށް، ބައެއް މީހުންނަށް ބުނެވުނެވެ.

ނަމަވެސް ރާއްޖޭގެ ޖޫނިއަ ޓީމުތަކާއި ބޮޑެތި ޓީމުތަކުގެ ކޯޗުކަން ވެސް ކޮށްފައިވާ ތަޖުރިބާކާރު ކޯޗަކު ބުނީ ވާދަވެރި މުބާރާތެއްގައި ލިބޭ ކޮންމެ ފުރުސަތެއް ބޭނުންކުރުން މުހިންމު ކަމަށެވެ. 

އިސްކަންދަރުގެ ކުޅުންތެރިން ދައްކަމުން އަންނަނީ އެ ކުޅުމެވެ. އިދިކޮޅުގެ ގޯލަށް ވީހާވެސް ގިނަ ލަނޑެއް ޖަހައި، ވީހާވެސް ތަފާތު ބޮޑުކޮށް މޮޅުވުމެވެ. އެ ކުޅުންތެރިން ހިފެހެއްޓުމަކީ، ނުވަތަ ލަނޑު މަދުކުރުމަކީ، އިދިކޮޅަށް ނުކުންނަ ޓީމުގެ ޒިންމާއެއް ކަމެވެ.

މާދަމާ ރޭގެ ފައިނަލަށް އަރާއިރު ޔަގީނުން ވެސް ކަލާފާނު ޓީމަށް ހަދަން ވާ ގޮތް އެނގޭނެ އެވެ. ކަލާފާނު ފައިނަލަށް ކުރި ދަތުރުގައި 21 ލަނޑު ޖަހާފައިވެ އެވެ. ބައިކޮޅަށް ވަނީ އެންމެ ދެ ލަނޑެވެ.

ކަލާފާނުގެ އާކިފް ބިން މުހައްމަދު މިހާތަނަށް ޖެހި ހަ ލަނޑުން އޭނާއަކީ އެ ޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ ކަން އެނގެ އެވެ. 

އީތަން އާއި އަޔާން މެދުތެރެއިން އެ ކުޅޭ ކުޅުން ހަލާކުކޮށްލައިގެން ނޫނީ، ކަލާފާނަށް ސަލާމަތެއް ނޯންނާނެ އެވެ. އިސްކޮޅުން ދިގު، އަދި ދުވުން ވެސް އެހާމެ ބާރު އިލާން ބެލެހެއްޓުމަކީ، މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ކަލާފާނުގެ ދިފާއީ ކުޅުންތެރިންނަށް ފަސޭހަ މަސައްކަތެއް ނޫންމެ އެވެ. އަނެއްކޮޅުން ފައިނަލަކުން މޮޅުވެ ތަށި އުފުލައިލެވޭނީ ވެސް އުނދަގޫ ހުރިހާ މަރުހަލާއަކުން ސަލާމަތްވެގެންނެވެ. ކަލާފާނު ޓީމުން އެކަން ގަބޫލުކުރާނެ ކަން ޔަގީނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ މެޗުތައް ބަލަން މިހާރު ވެސް ގަލޮޅު ދަނޑަށް އެތައް ހާހުން މީހުން ވަދެ އެވެ. ފުޓްބޯޅައަކީ ދިވެހިންގެ ކުޅިވަރެވެ. އެކަމަކު ކްލަބް ފުޓްބޯޅަ ބަލަން ގޮސް، ފޫހިފިލުވުމުގެ އާދައެއް މިހާރަކު ނެތެވެ. އެ އާދަ ގެނެވެން އޮތީ، އީތަން އާއި އިލާން އަދި އަޔާން ފަދަ ކުޅުންތެރިން ތަރިންނަށް ވެ، އެ ކުޅުންތެރިންގެ ކުޅުން ބަލަން ލޯބިކުރާނެ ޒުވާނުންތަކެއް ވެސް ނެރެވިގެންނެވެ.

ސެމީ ފައިނަލް މެޗަށް އެ ފަސް ޒުވާނުންގެ ގްރޫޕް ދިއުމަކީ އޭގެ އެއް މިސާލެވެ. އެއް ގަޑިއިރުގެ މެޗު ނިމުނީ ފޫހިފިލުވައިދީފަ އެވެ.

މާދަމާ ރޭގެ މެޗު ބަލަން ގަލޮޅު ދަނޑަށް ވަދެލަމާ ހިނގާށެވެ. ދެ ސްކޫލްގެ އެތައް ސަތޭކަ ކުދިންގެ ހަޅޭއްކާއި ތަރުހީބު ދިނުމުގެ އަޑުން ދަނޑު އޮންނާނީ ގުގުމާފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ނިމުނު 17 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލް މެޗުން އެ މަންޒަރު ފެނުނެވެ. ގަބޫލުކުރާށެވެ. މިއީ ފުޓްބޯޅައިގެ ފޯރި އާއި ޅަ ކުޅުންތެރިންތަކެއްގެ ފަރާތުން ފޫހިފިލާނެ ހުނަރުތަކެއް ބަލައިލަން، އަހަރެމެންނަށް މި ވަގުތު ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.

ކޮމެންޓް (1)

ހަސަންދީ

11 މާރިޗު 2023
ފުޓުބޯޅައިގެ މުސްތަގުބަލު އުޖާލާ ކުރުމައްޓަކައި ފުޓުބޯޅައިގެ އިދާރީ ހިންގުން ހަރުދަނާކުރަންޖެހޭ. މިހާރު ހިންގުމުގައިތިބީ ފަސާދައިގެ ލައްގަނޑު ޖެހިފައިތިބި ބައެއް.
6 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް