ރެހެންދި ސްކޫލްގެ ޓީމު، 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިގެން ދަނޑުން ފައިބަނީ: ހުނަރުވެރި ކުޅުންތެރިންތަކެއް ފެނުނު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ފުޓްބޯޅަ

ކުރިމަގުގެ އުއްމީދުން ގަލޮޅު ދަނޑު ދިއްލާލައިފި

ބުރާސްފަތިދުވަހުގެ ރޭ އޮތް 17 އަހަރުން ދަށުގެ ފައިނަލް މެޗަކީ ދިވެހި ފުޓްބޯޅައިގެ ޅަ ތަރިންގެ ހުނަރުން ހިތް އުފާކޮށްލަ ދިން ވާދަކުރުމެއް
12 ފެބްރުއަރީ 2023
5

މެދުތެރެއިން އޭނާ ކުޅެމުން އައީ ވަރަށް ހަމަޖެހިލައިގެންނެވެ. ތެޅިފޮޅިގަތުމެއް ނެތެވެ. ހާސްވުމެއް ނެތެވެ. އިދިކޮޅު ކުޅުންތެރިޔަކު ނުވަތަ ދެ ކުޅުންތެރިޔަކު ކައިރީގައި ތިއްބަސް، ބޯޅަ ކޮންޓްރޯލްކޮށްލާފައި، އަމިއްލަ ބާރުގެ ދަށަށް ގެންގޮސް، ބޭނުން ތަނަކަށް ވައްޓާލަ އެވެ.

އިދިކޮޅު ހާފުގެ މެދަކާ ހިސާބުން، ކަނާތް ފަރާތަށް މަތިން ފޮނުވާލި އެ ބޯޅަ ލިބުނީ ހުހަށް ހުރި ފޯވަޑަށެވެ. އެއީ މެޗުގެ ނަތީޖާ ނެރެން އޭނާ، އޭނާގެ ޓީމަށް ވެދިން އެހީ އެވެ. އެހާމެ ރީއްޗަށް ވައްޓާލި އެ ބޯޅަ، އެހާމެ ރީއްޗަށް ލަނޑަކަށް ހަދާލި އެވެ.

އަހުމަދު އަކްމަލް ނިޒާމްގެ އުމުރުން އަދި 16 އަހަރެވެ. އެކަމަކު މިދިއަ ބުރާސްފަތިދުވަހުގެ ރޭ، ގަލޮޅު ދަނޑުގައި އޮތް ސްކޫލްތަކުގެ 17 އަހރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ރެހެންދި ސްކޫލްގެ ކެޕްޓަންގެ ޒިންމާތައް އޭނާ ނެގިލެއް ފުރިހަމަ އެވެ. މެޗުގެ 40 ވަނަ މިނިޓްގައި އޭނާގެ އެ ރީތި ބޯޅަ، އަބްދުލް އައްވަލު މައުރޫފް ލަނޑަކަށް ބަދަލުކޮށްލީ އޮޅުމަކުންނެއް ނޫނެވެ. 

މިއީ މުބާރާތުގެ ޗެމްޕިއަންކަން ރެހެންދި ސްކޫލަށް ހޯދައިދިނުމުގެ މުހިންމު ދެ ކުޅުންތެރިންނެވެ. އެކަމަކު އެހާ ހިސާބަކުން އަދި ނުނިމެ އެވެ. ފަހަތަށް ކުޅުނު ލަހުފާން އަހުމަދު ޝަހީމް އާއި މުހައްމަދު އައިމަން އަލީ ވެސް އެހާމެ ފާހަގަކޮށްލެވެ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެހެންދި ސްކޫލްގެ އަހުމަދު އަކްމަލް ނިޒާމްއާ ހަވާލުކުރަނީ: މިއީ ކުރިމަގުގެ ތަރިއަކަށް ވެދާނެ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އިދިކޮޅަށް ނުކުތީ ކަލާފާނު ސްކޫލް އެވެ. މެޗުގެ ފުރަތަމަ ހާފުގައި، މުހައްމަދު މީކާއިލް އަބްދުﷲ މަސްއޫދު ކަލާފާނަށް ލީޑު ނަގައިދިނުން އެކަންޏެއް ނޫނެވެ. އަރިމަތިން އޭނާގެ ބާރު ދުވުމާއި ނެއްޓުން، ރެހެންދީގެ ދިފާއީ ކުޅުންތެރިންނަށް އުނދަގުލަކަށް ވި އެވެ. ލަހުފާން އާއި އައިމަން ނެތް ދިފާއީ ރޮނގެން ނަމަ، މީކާއިލްގެ ހުއްޓުވުން ފަސޭހައެއް ނުވީހެވެ.

މީކާައިލްއާ އެއްވަރަށް އެހާމެ ހަލުއި ދުވުމާއި ރީތި ނެއްޓުންތަކާ އެކު ކަލާފާނުގެ އަހުމަދު ރާއިފް ނަސީމު ވެސް ކުޅެލީ، ބަލަން ތިބި މީހުން ހިތްހަމަޖައްސައިދެމުންނެވެ.

މި މެޗުގައި ވާދަކުރި ދެ ޓީމުގައި ނެތް، އެކަމަކު ގާޒީ ސްކޫލްގެ ފޯވަޑް އަހުމަދު އަޒްލާން އަލީގެ ނަން އެބަ ގެންނަން ޖެހެ އެވެ. އޭނާ ޖެހި 12 ލަނޑާ އެކު މުބާރާތުގެ އެންމެ ގިނަ ލަނޑު ނިސްބަތް ވަނީ އަޒްލާންއަށެވެ. ތަފާތު ކުޅުންތެރިޔަކަށް ވާނެ ކަމާ މެދު ޝައްކެއް ނެތެވެ.

މި ފާހަގަކޮށްލީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ބިނާވެދާނެ ވަރަށް މަދު ކުޅުންތެރިންގެ ނަމެވެ. އެ ފައިނަލް މެޗު ކުޅުނީ ފޯރިދިނުމުގެ ގަދަ ހަޅޭއްކުކުގެ އަޑުތަކުގެ ތެރޭގަ އެވެ. އެހެންކަމުން އެއީ އެކަހަލަ މެޗެއްގައި ހާސްވެ، ހަދާނެ ނުހަދާނެ ގޮތް ނޭނގޭ ކުޅުންތެރިން ނަމަ، ކުޅުމުގެ އެ ގާބިލްކަން ނުދެއްކޭނެ މާހައުލެކެވެ.

ޕްރެޝަރު ބޮޑު މެޗެއްގައި، އެ ކުޅުންތެރިންގެ އެންމެ މަތީ ފެންވަރު ނުދެއްކުނަސް ހާސްވެގެންނެއް ނޫޅޭނެ އެވެ. 

އާއެނކެވެ؛ ކުޑަކުދިންގެ މެޗެކެވެ. ނަމަވެސް އެއީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލެވެ. ކްލަބް ފުޓްބޯޅައިގެ ފޯރި ނެތި، އެއްބައެއްގެ ނަޒަރުގައި އެ ވާދަަކުރުން 'މަރުވެއްޖެ' އެވެ. ނަމަވެސް އޭގެ މާނައަކީ ދިވެހިންގެ ހަށިގަނޑުން ފުޓްބޯޅައިގެ އިހުސާސްތައް ނެތިދިއުމެއް ނޫނެވެ. އަދިވެސް ފުޓްބޯޅައަކީ ދިވެހިންގެ މައިގަނޑު ކުޅިވަރެވެ. ކަލާފާނާއި ރެހެންދި ސްކޫލްގެ އެހާ ގިނަ ކުދިބަޔަކު، އެހާ ފޯރީގައި، އެހާ އުފަލުން ސަޕޯޓްކުރަން ދިއުމަކީ، އޭގެ ހެއްކެވެ. އާންމުންގެ ތެރެއިން އެކި އުމުރުގެ މީހުން، ހަމަޖެހިލައިގެން، ފޯރީގަ އާއި ހިތްހަމަޖެހުމުގައި ހޭދަކޮށްލުމަކީ އޭގެ ހެއްކެކެވެ.

ކަލާފާނުގެ ރާއިފް ނަސީމް (ކ) އާއި ރެހެންދީގެ ލަހުފާން އަހުމަދު ޝަހީމް ބޯޅައަށް އަރަނީ: މިއީ ވެސް މޮޅު ދެ ކުޅުންތެރިން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޔަގީނުން ވެސް ދިވެހި ފުޓްބޯޅަ ދިރި އެބަ އޮތެވެ. އެ މެޗުގެ އެކި ހިސާބުތަކުގައި، އެކި ކުޅުންތެރިންގެ ކިބައިން ފެނުނު ހުނަރުން އަންގައިދިނީ ދިވެހިންނަކީ ފުޓްބޯޅައިގެ ބައެއްކަމެވެ. އެ ހުނަރު އެ އަންނަނީ ގުދުރަތީ ގޮތުން އެ ކުދިންގެ އެ ފެންވަރު ހުރެގެންނެވެ. ކަލާފާނު ސްކޫލްގެ ދިފާއުގައި ކަނާތް ފަރާތް ބަލަހައްޓަން ހުރީ ޝަޔާން މުހައްމަދު އަބްދުﷲ އެވެ. ދަނޑު މަތީގައި ތިބި އެހެން ކުޅުންތެރިންނަށް ވުރެ ކުރެވެ. ހަށިގަނޑު 'ބަލިކައްޓެ'ވެ. އެކަމަކު ހަލުއިކަން ނުގެއްލެ އެވެ. ބިރުކުޑަކަމާއި އިދިކޮޅު މޮޅު ކުޅުންތެރިން ބޯޅަށް ހަދާ ގޮތްތައް ދެނެގަނެ، ހުރަސްއެޅި އެވެ.

ދެ ވަނަ ހާފުގައި ރެހެންދި ސްކޫލުން އެރުވީ އިސްމާއިލް މާހިލް އެވެ. ޝަޔާން ކަހަލަ ކުޅުންތެރިއެކެވެ. ނަމަވެސް ކުޅުނީ ދިފާއަކަށް ނޫނެވެ. އަރިމަތިން ކުރިއަށެވެ. ލިބުނު ކޮންމެ ބޯޅައެއްހެން، ކަލާފާނުގެ ދިފާއީ ކުޅުންތެރިންނަށް ވީ އުނދަގުލަކަށެވެ. އެ ބާރު ދުވުމާއި ނެއްޓުމާއި ބާރު ޖެހުމެވެ. ރީއްޗެވެ.

އިސްކޮޅަކީ، އެހެން ހުނަރުތައް ފުރިހަމަ ނަމަ، ފުޓްބޯޅާގައި މުހިންމު ބަޔަކަށް ނުވެ އެވެ.

އެކަމަކު އިސްކޮޅަކީ އެޑްވާންޓޭޖެއް ވެސް މެ އެވެ. ކަލާފާނުގެ ފޯވަޑް އަހުމަދު އާލިމްއަށް އެ އެޑްވާންޓޭޖް އޮތެވެ. ރާއްޖޭގެ އެ އުމުރުގެ އެވްރެޖް ކުދިންނާ އަޅާބަލާއިރު އިސްކޮޅުން ދިގުވުމުގެ އިތުރުން ހަށިގަނޑު ވެސް ވަރުގަދަ އެވެ. އޭނާގެ ކޮންޓްރޯލްގެ ދަށުގައި ރަނގަޅަށް ބޯޅަ ގެންގުޅެލެވޭ ކޮންމެ ފަހަރަކު އެ ބޯޅަ އަތުލައިގަންނަން، އުނދަގޫވެ އެވެ. އެ ހަށިގަނޑު ހުރަހަކަށް ވަނީ އެވެ.

މި ކުޅުންތެރިން މޮޅުކުރެވޭނީ އެ ފެންވަރަށް ތަމްރީން ދީ، ކުޅިވަރުގެ ޑިސިޕްލިން ހިފަހައްޓައިގެން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މި ހުރިހާ ސިފަތަކަށް ބަލާއިރު، އެ ފައިނަލް މެޗުން، އެ އުމުރު ފުރައިން އެކަނި ވެސް ދިވެހި ފުޓްބޯޅައިގެ ކުރިމަގު އަލިކަން އެނގެ އެވެ.

މިދިއަ އަހަރު އޮތް އޭޝިއާގެ އުމުރު ފުރައިގެ މުބާރާތްތަކުގައި ދިވެހި ގައުމީ ޓީމުތައް ހުރިހާ މެޗަކުން ބަލިވި އެވެ. ބައެއް މެޗުތަކުގައި ތަފާތު ބޮޑުކޮށެވެ. އެކަމަކު އެއީ އަލަށް ވީ ކަމެއް ނޫނެވެ. އުމުރު ފުރާގައި އަބަދުވެސް ރާއްޖޭގެ ނަތީޖާ ދަށެވެ. އެކަމަކު ދިވެހި ކުޅުންތެރިން ސީނިއަ ލެވެލްގައި ސަރަހައްދީ ފެންވަރުން ވެސް އަދި އޭޝިއާ ބައްރުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަ އެވެ.

ޖޫނިއަ ޓީމުތަކަށް ދިމާވާ މައްސަލަ ގުޅިފައި އޮތީ ތަމްރީންތަކާ އެވެ. ގިނަ ދުވަހު އެއް ޓީމެއްގެ ގޮތުގައި ނުގެންގުޅެވުމެވެ. ކުޅުންތެރިންނަށް ވާދަވެރި މެޗުތައް މަދުވުމެވެ. އަހަރަކު އެންމެ މުބާރާތަކުން ނުފުދެ އެވެ. އެ މުބާރާތުގައި ގިނަވެގެން ކުޅެލަން ލިބޭ އެންމެ ފަސް މެޗު ނުފުދެ އެވެ.

ހުނަރަކީ ތަރައްގީ ކުރަން ޖެހޭ އެއްޗެކެވެ. އެއަށް ބޭނުންވަނީ މައިންބަފައިންގެ ސަމާލުކަމާއި ކޯޗުންގެ އެހީތެރިކަމެވެ. އެފްއޭއެމްގެ ރޭވުންތެރިކަމާއި ހިންގުންތެރިކަމެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަކްމަލްއަށް ލިބުނެވެ. އޭނާގެ ކިބައިން ދަނޑުމަތީގެ ލީޑަޝިޕް ފެނުނީ، އެ އުމުރާ އަޅާބަލާއިރު ފުރިހަމަކޮށެވެ. އެހާ ހަމަޖެހިލައިގެން ކުޅެލާ ނަމަ، އޭނާގެ ތަރި ދިވެހި ފުޓްބޯޅައިގެ އުޑުން އެރުން ކައިރި އެވެ. އެކަމަކު އެއީ ކުޅިވަރުގެ ޑިސިޕްލިން ހިފަހައްޓައި، ކޯޗުންގެ ފުރިހަމަ އަޅާލުން ލިބި، މައިންބަފައިންގެ ސަޕޯޓާ އެކުގަ އެވެ.

ބުރާސްފަތިދުވަހުގެ ރޭގެ ފައިނަލް މެޗަކީ، އުމުރުފުރައިގެ ފުޓްބޯޅަ ހުނަރު ގަލޮޅު ދަނޑުން ފެނުނު އެއް މެޗެވެ. އޭގެ ކުރިން 19 އަހަރުން ދަށުގެ މުބާރާތް ވެސް ނިމިއްޖެ އެވެ. ދެން އޮތީ 15 އަހަރުން ދަށުގެ މުބާރާތެވެ.

ކްލަބްތަކުގެ ވާދަކުރުން މަތިން ފޫހިވެއްޖެ ނަމަ މިއީ ބަލައިލަން ރަނގަޅު މެޗުތަކެކެވެ. ޅަ ކުޅުންތެރިންގެ ހުނަރުން ފޯރި ނެރެ، ކުރިމަގުގެ ދިވެހި ފުޓްބޯޅައާ މެދު އުއްމީދު އާކުރާށެވެ. ފުޓްބޯޅައިގެ އާ ޖީލަށްޓަކައި އެ ކުޅުންތެރިންނަށް ހިތްވަރުދެމާ ހިނގާށެވެ.

ކޮމެންޓް (5)

މެން ސިޓީ

12 ފެބްރުއަރީ 2023
ޔުނައިޓެޑުން ދެ ޓީމް ނެރިގެންވެސް ކަމެއް ނުވޭ
0 0

ޙަސަން

12 ފެބްރުއަރީ 2023
އެހެންވީމާ ފުޓްބޯޅަ އަށް އަދި އުއްމީދު އެބަ އޮތް ދޯ
4 0

ހަސަންދީ

12 ފެބްރުއަރީ 2023
މޫސަ ކަހަލަ ސީނިޔަރ ލިޔުންތެރިން ފުޓުބޯޅައިގެ މުސްތަގުބަލާމެދު ފުޓުބޯޅަ ހިންގަންތިބި ބަޔަކު ވިސްނާހެނެއް ހިޔެއްނުވޭ. ސްކޫލްތަކުގެ މުބާރާތުގައި ކިތަންމެ ފޯރިއެއް އޮތަސް ކުލަބުތަކުގެ މެޗުތައް ކުޅެން މިޖެހެނީ ހުސް ސްޓޭޑިއަމްގައި. ސްކޫލްތަކުގެ މުބާރާތުން މިވިދާލާ ކުޅުންތެރިން ފުޓުބޯޅައިގެ ކެރިއަރެއް ބިނާކޮށްގެން މުސްތަގުބަލް ބިނާކުރެވިދާނެކަމަކަށް ނުދެކެން.
2 1

ނިއާމް

12 ފެބްރުއަރީ 2023
@ހަސަންދީ ގްރާސްރޫޓް ލެވެލްގައި ކުޅުންތެރިން ޓްރެއިން ކޮއްގެންނެރެގެން، މެޗްތަޖްރިބާ ހޯދައިދެވިގެން ކުރިމަގު ބިނާކުރެވޭނީ.. ކްލަބްފޯރި ކެނޑުނީ ކީ ނޫން އަދި. ޓީިވީ އިން ޔޫރަޕް ގެ މަތީފެންވަރު ގެ މެޗްތައް ފެންނަން ފެށުމުން ލީގްމެޗް ތަކުގެ ފެންވަރު ނެތްކަމައް ބަޔަކު ގަބޫލުކުރުން އެއީ ހަގީގަތަކީ... ޕްރޮފިޝަނަލް ލީގުން ތަކުގައި ކުޅުންހުއްޓާލާ ކުޅުބް ތެރިން ކްލަބްތަކައް ގެނެވޭނެ މަގު ހޯދާ 2 މަސް ނޫނީ 3 މަސްދުވަހުގެ ކުރުލީގެއް ކުޅުން މުހިންމުވަނީ ފޯރިގަދަކުރުމައް އަދި މަތީފެންވަރު ގެ ލީގެއް އުފެއްދުމައް
2 1

ޙޫސޭމަ

12 ފެބްރުއަރީ 2023
މައްސަލައަކަށް ވަނީ ޑިސިޕްލިން ހިފަހައްޓާ ނުލެވުމެވެ. (ކެއުން،ނިދުން،ރެސްޓްކުރުން،ފަރިތަކުރުން) މި ކަންކަން ނުކުރެވޭނަމަ އިސާހިތަކު ތަރި އޮއްސޭނެ
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް