ސާފް ގޭމްސް 1991

91ގެ ކޮލަމްބޯ ސާފް ގޭމްސް: އެ ފައިނަލުން ބަލިވުމުން ވެސް ދިވެހިންގެ ލޮލަށް އައީ އުފަލުގެ ކަރުނަ

ސަރަހައްދީ ފުޓްބޯޅާގައި ބަލިވަމުން ދިޔަ ރާއްޖެ ފުރަތަމަ ފަހަރަށް ނޭޕާލާއި ލަންކާ ބަލިކޮށް ފައިނަލަށް ގޮސް ހޯދި ކާމިޔާބީއަށް 30 އަހަރު
29 ޑިސެމްބަރު 2021

"މިއަދުގެ ނަތީޖާއަށް ވިސްނާލާ އިރު ދެރަވާން ޖެހޭ. އެކަމަކު މުޅި މުބާރާތަށް ވިސްނާއިރު ހީވަނީ، އަޅުގަނޑުމެންގެ ޓީމު ވެސް، ރާއްޖޭގައި ފުޓްބޯޅަ ކުޅޭ މީހުން އެކަންޏެއް ނޫން، މުޅި ދިވެހިރާއްޖެ ވެސް އަޅުގަނޑުމެންގެ ކުޅުމާ މެދު ހިތްހަމަޖެހޭނެހެން."

އެއީ 29 ޑިސެމްބަރު 1991ގެ ދުވަހުގެ ރޭ، ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސްގަތަސާދާ ސްޓޭޑިއަމްގައި ހުރެ، ކެޕްޓަން މުހައްމަދު ކަލީމް، ޓީވީއެމްގެ ފުޓްބޯޅަ ކޮމަންޓޭޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ސުވާލަށް ދިން ޖަވާބެވެ.

އޭނާ ހުރީ ކަރުގައި ރިހި މެޑެލް އަޅުވައި، މާ ބޮނޑި ވެސް ހިފައިގެންނެވެ. ކޮލަމްބޯ ސާފް ގޭމްސްގެ ފޯރިގަދަ ފުޓްބޯޅަ ފައިނަލް މެޗުގައި އޭގެ ކުޑަ އިރުކޮޅެއް ކުރިން ޕާކިސްތާން އަތުން 2-0 އިން ރާއްޖެ ބަލިވެ، ކުޅުންތެރިންނާއި ކުޅިބަލަން މާލެއިން ދިޔަ ދިވެހިންގެ ލޮލުން ކަރުނަ ފޭބި އެވެ. އެކަމަކު އެއީ ބަލިވިޔަސް އުފަލުގެ ކަރުނަ އެވެ. ދިވެހި ފުޓްބޯޅައިން އޭގެ ކުރިން ދުވަހަކު ވެސް ފެނިފައި ނެތް ފެންވަރެއް، މުޅި މުބާރާތުގައި ދައްކައި، ފައިނަލަށް ދިއުމަކީ ވެސް، ދިވެހިންނަށް ފަހުރެކެވެ.

ކަރުނަ ފޮހެލައި، ހިތްހަމަޖައްސާލައި އަދި ދިވެހިންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނީ، ކަލީމް ބުނި ގޮތަށް، މުޅި މުބާރާތުގައި ދެއްކި ކުޅުން އޭރުގެ ސަރަހައްދީ ފެންވަރުން ހަމަ ތަފާތުވެގެންނެވެ. އޭގެ ކުރިން ނެރެފައި ނެތް ނަތީޖާތަކުން އުފާ ލިބިގެންނެވެ. ޓީވީން ވަގުތުން ނުފެނުނު ގްރޫޕް ދެ މެޗުގައި ފުރަތަމަ ފަހަރަށް ނޭޕާލް އާއި ލަންކާ އަތުން މޮޅުވެ އެ ގެނެސްދިން ހަބަރުން ލިބުނު ހައިރާންކަމުންނެވެ.

އެ ތާރީހީ ކާމިޔާބީއަށް މިއަދު 30 އަހަރު ފުރުނީ އެވެ.

ކޮލަމްބޯގައި 1991 ގައި އޮތް ސާފް ގޭމްސްގެ ފުޓްބޯޅައިން ރިހި މެޑެލް ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން މުހައްމަދް ކަލީމް، އެ ހަނދާންތައް 'ދައުރު'އަށް ކިޔައިދެނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މި ދައްކަނީ އެހެން ޒަމާނެއްގެ ވާހަކަ އެވެ. މާލޭގައި ގާޒީ ބިލްޑިންގާއި ހުރަވީ ބިލްޑިންއަކީ އެންމެ އުސް އިމާރާތްތަކަށް ވެފައި އޮތް ދުވަސްވަރުގެ ވާހަކަ އެވެ. މަޖީދީ މަގުގެ ވެސް އެއް ބަޔާ އެކު، ދެތިން މަގެއްގައި ސިމެންތީގެ ބޯ ފަށަލައެއް އަޅާފައި އޮތް އަދި އަޖުމަބެލުމުގެ ގޮތުން ޑެންމާކް ސަރުކާރުން އެއް ބައިގައި ގާ އެތުރި ޗާނދަނީ މަގު ފިޔަވައި، މާލޭގެ އެހެން ހުރިހާ މަގެއް، ވިއްސާރަ ނޫން ނަމަ ހިރަފުހުން، ވިއްސާރަ ނަމަ ފެނުން، ފުރިފައި އޮތް މާޒީގެ ވާހަކަ އެވެ.

އެކަމަކު އޭރު ވެސް ފުޓްބޯޅައަކީ ދިވެހިންގެ އުފަލެވެ. ހެންވޭރުން ނުކުންނަ ނިއު ރޭޑިއަންޓާއި ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ އާއި މައްޗަށްގޮޅީގެ ޓީމެއް ކަމަށް ބެލެވުނު ލެގޫންސާއި އެއްވެސް އަވަށަކާ ބެހުމެއް ނެތް އެކަމަކު ގިނަ ޒުވާނުންގެ ހިތް އަތުލި ވެލެންސިއާގެ ރަން ޒަމާނެވެ. ގަލޮޅު ދަނޑު ފުރި ބަންޑުންވި ފޯރި އެވެ. ސަރަހައްދުގައި ވެސް ނެތްވަރުގެ އިންތިޒާމީ ގޮތެއްގައި ފަށާފައި އޮތް ކުޑަކުޑަ ލީގެއްގެ ވާދަވެރިކަމެވެ.

ރިހި މެޑެލް ހޯދި ފުޓްބޯޅަ ޓީމުގެ ކޯޗު މިކޮލަސް ޓެމިސްވާރީ، އިބްރާހިމް ރަޝީދު (އަންދަރޭ)، އަހުމަދު ނިޔާޒު އަދި ރައީސް މައުމޫން 2 ޖެނުއަރީ 1992 ގައި، އިސްކަންދަރު ސްކޫލްގައި --(ފޮޓޯ/ނެޝަނަލް އާކައިވްސް)

އެ ހުރިހާ ކަމެއްގެ ތެރެއިން ގައުމީ ޓީމު ގޮސް، ކޮލަމްބޯގައި އެ ދައްކާލީ ހަމަ ހަގީގަތުގައި ވެސް ދިވެހިން އެ ނޫން ވާހަކައެއްގެ ތެރެއަށް އެދުވަސްވަރު ގަންބާނުލެވޭ ވަރުގެ މޮޅު ކުޅުމެކެވެ.

ފަހު ހަތް މިނިޓް ތެރޭގައި ޖެހި ދެ ލަނޑުން ރާއްޖެ ބަލިވެ، ރަން މެޑެލްގައި އަތްލަން ލިބުނު ފުރަތަމަ ފުރުސަތު ނާކާމިޔާބުވި އެވެ. އެކަމަކު ރިހި މެޑެލް މާ ބޮޑަށް ވެސް ފުދެ އެވެ. ބަންގްލަދޭޝްއިން 8-0 އިން، އިންޑިއާއިން 5-0 އިން، ސްރީ ލަންކާއިން 5-0 އިން އަދި ނޭޕާލުން 4-0 އިން ބަލިކުރަމުން އައި ގައުމު، 1985 އިން 1991އާ ދެމެދު އެވީ ހަ އަހަރު ތެރޭގައި ސަރަހައްދުގެ ފުޓްބޯޅައިގެ ބާރަކަށް ބަދަލުވުމަކީ ހާދަ ފުރިހަމަ ކުރިއެރުމެކެވެ.

ރިހީގައި އަތްލުމުގެ ދަތުރާއި އެ އެއްބައިވަންތަކަން

އޭރުގެ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހާމިދު އަބްދުލްގަފޫރު، އެ ހަނދާންތައް އާކުރައްވާ އިރު ފުރަތަމަ ވެސް ސިކުނޑިއަށް އަންނަނީ، މޮޅު ގައުމީ ޓީމެއް އެކުލަވާލަން ރާއްޖޭގައި އޮތް ހުރަސްތަކެވެ. އެހެންކަމުން ކޮލަމްބޯ ސާފް ގޭމްސްގެ އަސްލު ކާމިޔާބީ، ރިހި މެޑެއްޔާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. އެވަރުގެ ޓީމެއް، ހަމައެކަނި ކޯޗު ބޭނުންވާ ގޮތަށް ނަގައި، ކުޅުވުމުގެ އިހުތިޔާރު ލިބޭ ވަރަށް ފުޓްބޯޅަ އާއިލާ އެއްބައިވަންތަކޮށްލުމަކީ ވެސް، އެ އަހަރުގެ އުފާވެރި މަންޒަރެކެވެ.

"ކްލަބްތަކުގެ ވެރިން ދެކޭ ގޮތުގައި އެމީހުންނަށް އެނގޭނީ ގައުމީ ޓީމު ހަދަން. ގައުމީ ޓީމު ސެލެކްޓަރެއް، ގައުމީ ޓީމުގެ ކޯޗު އެއީ ދެވަނަ މީހާ،" ހާމިދު ވިދާޅުވި އެވެ.

އެފަހަރު ގައުމީ ޓީމަށް ގެނައި ހަންގެރީގެ މިކޮލަސް ޓެމިސްވާރީއަކީ ސަމާސާ މީހެއް ނޫނެވެ. އޭނާގެ ބާރު ނެތް ގޮތަކަށް ޓީމު ނަގާކަށް ބޭނުމެއްނުވި އެވެ. ކްލަބްތަކުގެ ވެރިން ބުނާ މީހުން ޓީމަށް ލައިގެން ކުޅުވަންޏާ، ޓެމިސްވާރީގެ ވާހަކައަކީ، ހާމިދު ކިޔައިދެއްވި ގޮތުގައި، "އެހެންވިއްޔާ އެއީ މަގޭ ޓީމެއް ނޫނެއް ނޫންހޭ، މަގޭ ޒިންމާއެއް ނުވާނަމޭ" އެވެ.

ވާދަވެރި ކްލަބްތަކުގެ ވެރިން އެއްބައިވި އެވެ. އެންމެން ކިޔަން ފެށީ އެކައްޗެކެވެ. އަމާޒަކަށް ހެދީ އެއް ކަމެކެވެ. ވިކްޓަރީގެ މަސްއޫލުވެރިޔާ އަދި މެނޭޖަރު، މައިނާ އިބްރާހިމް ރަޝީދު، ގައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖެއްސުމަކީ އޭގެ މިސާލެކެވެ.

 ސާފް ގޭމްސްގެ ފުޓްބޯޅައިން ރިހި މެޑެލް ހޯދި ޓީމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މަރުހަބާ ވިދާޅުވަން އޮތް ހަފުލާގައި ކެޕްޓަން މުހައްމަދު ކަލީމް ސަލާންކުރަނީ --(ފޮޓޯ/ނެޝެނަލް އާކައިވްސް)

"ވިކްޓަރީ-ވެލެންސިއާ، ވެލެންސިއާ-ނިއު ރޭޑިއަންޓް، ވިކްޓަރީ-ނިއު ރޭޑިއަންޓް، މި ހުންނަނީ ސީދާ ބޮޑެތި ހަނގުރާމަ. ހަނގުރާމައަށް ނަމަކަށް ވެސް ނޫން ނުކުންނަނީކީއެއް. ކުޅުންތެރިންނާއި ކުޅުންތެރިންގެ މައިންބަފައިންނާއި އެމީހުންގެ އަނބިދަރިންނާއި ގޭ މީހުންނާއި މުޅި ހިސާބުގަނޑުގެ މީހުން، މި އެންމެން ތައްޔާރުވަނީ އެކަމަށް. ވާދަވެރިކަން ވެސް ބިރުން ފިތްކަނޑައިގެން ދާ ވަރަށް އެބަ އޮވޭ،" އޭރުގެ ފުޓްބޯޅައިގެ ފޯރިއާ ބެހޭ ގޮތުން ކަލީމް ބުންޏެވެ.

އެ ހުރިހާ ވާދަ އާއި ވާދައިގެ ތެރެއިން ކެނޑޭ އަލިފާނުގެ ކަނިތައް މައިތިރިކޮށް، ގައުމީ ޓީމަކަށް ބޭނުންވާ އެއްބައިވަންތަކަން ނެރެވުމުގެ ނަތީޖާއަކީ، އޭނާ ބުނި ގޮތުގައި، 'ހަމަ ވަރަށް ބޮޑު ކަމެކެ"ވެ.

"ތަފާތު ފިކުރުގެ މީހުންތަކެއް އެއްކޮށް، އެއްތަނަކަށް ޖަމާވެވޭ ކަހަލަ ހާލަތެއް މެދުވެރިކުރުން، އެއީ އެންމެ ބޮޑު ޗެލެންޖް،" ކަލީމް ބުންޏެވެ.

ގައުމީ ޓީމުގެ ކުރީގެ ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) 1991ގެ ސާފް ގޭމްސްގެ ފައިނަލަށް ރާއްޖެ ދިއުމުގެ ހަނދާންތައް 'ދައުރު'އަށް އާކޮށްދެނީ

އޭނާ ނަމޫނާއަކަށް ނެގީ ޓެމިސްވާރީ އާއި މަޝްހޫރު ނަމުން ނަމަ މައިނާ އެވެ. އެ ދެ މީހުންގެ މެދުގައި ބައެއް ފަހަރަށް "އަލިފާން ކެނޑިގެންދާ" ޒުވާބުތައް ވެސް ހިނގި އެވެ. ކުޅުންތެރިންގެ ކުރިމަތީގަ އާއި، ސީނިއަ ކުޅުންތެރިންނާ އެކު ވަކިންނެވެ. އެކަމަކު ކަލީމް ބުނީ އެއީ ވެސް އެފަހަރު ފެނުނު އަދި ފަހުން އޭނާގެ ހަޔާތުގައި ރަނގަޅު ފިލާވަޅެއްގެ ގޮތުގައި ބޭނުންކުރާ ނަމޫނާއެއް ކަމަށެވެ.

ވަކި ކުޅުންތެރިއެއްގެ މޫނަށް ބެލުމެއް ނެތި މައިނާ ވެސް އަދި ޓެމިސްވާރީ ވެސް، ބުނަން ޖެހޭ އެއްޗެއް ބުނެ އެވެ. އަދި އެ ދެ މީހުންގެ މެދުގައި ހުރި ހިޔާލު ތަފާތުވުމުގައި ވެސް އެކަކު އަނެކެއްގެ ކުރިމަތީގައި ނުބުނެ ދޫނުކޮށްލެވޭ ވާހަކަތައް ސީދަލަށް ދައްކަ އެވެ.

ވަރަށް ބިކަ ހާލުގައި ކުރި ސެކްރިފައިޒެއް. އަޅުގަނޑުމެން އެކަންކަން [މައްސަލައެއްގެ ގޮތުގައި ނުނަގަން]. އެންމެން ގަބޫލުކުރީ އެއީ ޕްރޮސެސްއެކޭ، އިހުސާސްކުރަން ޖެހޭ، ތަޖުރިބާކުރަން ޖެހޭ ކަންތައްތަކެކޭ.

މައުރޫފް އަހުމަދު، ގޯލްކީޕަރު

"މަރުހޫމް މައިނާ އިބްރާހިމް ރަޝީދަކީ މެނޭޖަރެއްގެ ގޮތުން އޭނާގެ މުޅި އުމުރު ހޭދަކުރަން ނިޔަތް ގަނެފައި އޮތީ މި މެޑެލް، މި ޗެމްޕިއަންޝިޕް، މި މޮޅު ހޯދުމަށްޓަކައި،" ކަލީމް ބުންޏެވެ.

"އެހެންވީމާ ދެ މީހުންގެ ގޮތުގައި ދެ މީހުންނަކީ ވެސް އެއްވަރަކަށް، އެކައްޗެއް ބޭނުންވާ ދެ މީހުން. ދެ މީހުން އެއްވެގެން ވާހަކަ ދައްކާ ގަޑީގައި ދުންކެނޑި ބުރައިގެން އެބަ ދޭ. އަޅުގަނޑުގެ ނަޒަރުގައި އެއީ ކުރެވެން ޖެހޭނެ ކަންތައްތައް. އެވާހަކަ ދެކެވެން ޖެހޭނެ."

ސީދަލަށް ވާހަކަ ނުދެއްކޭ ނަމަ، ނުވަތަ ދައްކަން ޖެހިލުންވާ ނަމަ އަދި ވާ އެއްޗެއް ވާން ދޫކޮށްލި ނަމަ، ކަލީމް ބުނީ، "ސިލްވަ ކީއްކުރަން، އަޅުގަނޑުމެންނަށް އެއާ ގާތަށް ވެސް ނުދެވޭނެ" ކަމަށެވެ.

ޓެމިސްވާރީ އަކީ އާދަޔާ ހިލާފު މޮޅު ކޯޗެއް

ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ)އަށް 1991ގެ ކާމިޔާބީ ފެންނަނީ އޭރުގެ ކުޅުންތެރިންގެ ވަރަށް ބޮޑު ގުރުބާނީއެއްގެ ގޮތުގަ އެވެ. އޭރުގެ ހާލަތުން ލިބެން ހުރި ވަސީލަތްތަކާއި ސަރުކާރަށް ވެސް ދެވޭނެ އެހީތެރިކަމަށް ބަލާ އިރު، ހުރިހާ ކުޅުންތެރިން ވެސް ޝަކުވާއެއް ނެތި، ކެތްތެރިކަމާ އެކު އެ އުފުލި ބުރަ، އޭނާއަށް ވަރަށް ކަމުދެ އެވެ.

ކޮލަމްބޯއަށް ދިއުމުގެ ކުރިން ޓްރިވެންޑްރަމްގައި ތިން ހަފުތާގެ ކޭމްޕެއް ބޭއްވި އެވެ. ޓީމު ތިބީ ވަރަށް އާދައިގެ ހޮޓަލެއްގަ އެވެ. ޕްރެކްޓިސްއަށް، ޕްރެކްޓިސް މެޗުތަކަށް ދިޔައީ، އެންމެން އެކުގައި، މިހާރުގެ ދަތުރުތަކުގެ އަސާސީ ހިދުމަތެއްގެ ގޮތުގައި އޮންނަ، ބަހަކު ނޫނެވެ. ގައުމީ ޓީމަށް އޭރު ބަހެއް ހަމަޖައްސާލެވޭ ވަރުގެ މާލީ ތަނަވަސްކަމެއް ވެސް ލިބިފައެއް ނުވެ އެވެ.

"ހުރިހާ ކުޅުންތެރިން އެކި އޮޓޯތަކުގައި ދަނީ. ކާން ޖެހެނީ ވަރަަށް ތެޔޮ ފާޑުފާޑުގެ އެއްޗެހި. ކުދިން ބޭރަށް ވެސް ހިންގާ. އެކަމަކު އެއަކަށް ނޫން ފޯކަސްކުރީ،" މައުރޫފް ކިޔައިދިނެވެ.

ވަރަށް އާދަޔާ ހިލާފު ތަޖުރިބާއެއް ތަޖުރިބާއަކީ. އެއީ ފުޓްބޯޅައިގައި ހިމެނޭ އެއްގޮތަކަށް ވެސް ހީނުކުރާ ކަހަލަ ތަފާތު ހުނަރުތައް ތަފާތު އިލްމު، އޭނާގެ ފަރާތުން ޓީމަށް ލިބިދިނުމަށްޓަކއި މެދުވެރިވި މީހެއް މިކޮލަސް އަކީ.

މުހައްމަދު ކަލީމް، ޓީމުގެ ކެޕްޓަން

"ވަރަށް ބިކަ ހާލުގައި ކުރި ސެކްރިފައިޒެއް. އަޅުގަނޑުމެން އެކަންކަން [މައްސަލައެއްގެ ގޮތުގައި ނުނަގަން]. އެންމެން ގަބޫލުކުރީ އެއީ ޕްރޮސެސްއެކޭ، އިހުސާސްކުރަން ޖެހޭ، ތަޖުރިބާކުރަން ޖެހޭ ކަންތައްތަކެކޭ." 

ޓެމިސްވާރީ ލިބުމަކީ، ހާމިދާއި މައުރޫފް އަދި ކަލީމް ވެސް ދެކޭ ގޮތުގައި، ދިވެހި ފުޓްބޯޅަ ބަަދަލުކޮށްލަން މެދުވެރިވި އެހީއެކެވެ. އެހާ މޮޅު ކޯޗެކެވެ. އެފްއޭއެމުން އޭނާ ހޯދީ، ފީފާ މެދުވެރިކޮށެވެ. އިރުމަތީ ޔޫރަޕްގެ މީހަކަށް ވާތީ، ހުޅަނގު ޔޫރަޕްގެ ކޯޗުން ކިޔާ ކަހަލަ ބޮޑު އަގެއް ވެސް ދޭކަށް ނުޖެހުނެވެ. އެކަމަކު އެއީ ހުޅަނގުގެ މޮޅު ކޯޗުންނަށް ވެސް ދޫނުކުރާ ވަރުގެ ފުޓްބޯޅައިގެ ތަޖުރިބާކާރެކެވެ.

"އޭނާ ކިޔައިދޭ ޓެކްނިކަލީ ކިތައްމެ މޮޅަސް ދަނޑު މަތީގައި އެތުރިގެން ކުޅޭ އިރު ގިނަ ކަންތައްތަކެއް އަޅުގަނޑުމެން [ދަސްކުރަން ޖެހެއޭ]. އަނެއްހެން މާ ފްރީކޮށް ކުޅޭ ކުޅުމެއް އަޅުގަނޑުމެންނަށް ދުލެއްނުކުރޭ،" މައުރޫފް ބުންޏެވެ.

ސާފް ގޭމްސްގެ ފުޓްބޯޅައިން 1991 ގައި ރާއްޖެއަށް ރިހި މެޑެލް ހޯދައިދިން ހަންގެރީގެ ކޯޗު މިކޮލަސް ޓެމިސްވާރީ: އޭނާއަކީ އޭރު ރާއްޖެއަށް ލިބުނު އާދަޔާ ހިލާފު މޮޅު ކޯޗެއް

"ޓެކްޓިކްސް އަސްލު މައިގަނޑު ގޮތެއްގައި ދަނޑުމަތީގައި އެޕްލައިކުރަން ފަށަން ލިބުނު ފުރުސަތެއް. ޓެމިސްވާރީ ދަސްކޮށްދިން އެއްޗެހި [އެއީ]."

ރާއްޖޭގެ ފުޓްބޯޅަ ތިރިން ޕާސްކޮށްގެން ކުޅޭ އެއްޗަކަށް ބަދަލުކޮށްލަދިން އެކަކީ، ކަލީމަށް ވެސް އޭނާގެ އެހީތެރިކަން ލިބުނު، ރޫސީ ވިލާތުގެ ބިބިޗޭފް އެވެ. ކަލީމުގެ ބަހުން ނަމަ އެއީ "ކުދިކުދި ޕާސްތައް ޖަހާނެ ގޮތް"، އަދި އެ ހުނަރު ހޯދަން ކިހާ ވަގުތެއް ހޭދަވާކަން ދިވެހި ކުޅުންތެރިންނަށް ފުރަތަމަ ބުނެދިން ކޯޗެވެ. އެކަމަކު ޓެމިސްވާރީގެ ފަރާތުން ދަސްވި އެއްޗެހި އަދި މާ ގިނަވެފައި، މުހިންމެވެ.

އަލްމަރުހޫމް މައިނާ އިބްރާހިމް ރަޝީދު: އޭނާއަކީ 1991 ގެ ސާފް ގޭމްސްގެ ރިހި މެޑެލް ހޯދައިދިނުމުގެ އެއް ހިއްސާދާރު

"މިހާރު ވެސް، މިއަދު ވެސް އެންމެ ތަރައްގީ ފުޓްބޯޅާގައި މި ދައްކާ ވާހަކައިގެ ކޮންމެވެސް މިންވަރެއްގެ ދަރަޖައަކަށް، ހަމަގައިމު ވެސް އަޅުގަނޑަށް، ފުޓްބޯޅައަށް ލޯ ހުޅުވާލަދިން މީހަކީ މިކޮލަސް [ޓެމިސްވާރީ]،" ކަލީމް ބުންޏެވެ.

"ވަރަށް އާދަޔާ ހިލާފު ތަޖުރިބާއެއް ތަޖުރިބާއަކީ. އެއީ ފުޓްބޯޅައިގައި ހިމެނޭ އެއްގޮތަކަށް ވެސް ހީނުކުރާ ކަހަލަ ތަފާތު ހުނަރުތައް ތަފާތު އިލްމު، އޭނާގެ ފަރާތުން ޓީމަށް ލިބިދިނުމަށްޓަކައި މެދުވެރިވި މީހެއް މިކޮލަސް އަކީ."

ކަލީމާއި އާސިފްގެ ދެ ލަނޑު

ދިވެހިންގެ ހިތަށް ވެސް ނާރަ އެވެ. ގަބޫލެއް ވެސް ނުކުރެވުނެވެ. އެކަމަކު 24 ޑިސެމްބަރު 1991 ގައި، ދިވެހިންނަށް ލިބުނީ އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ލަނޑުން ނޭޕާލު އަތުން ރާއްޖެ ފުރަތަމަ ފަހަރަށް މޮޅުވި ހަބަރެވެ. 

އޭގެ ދެ ދުވަސް ފަހުން، 26 ޑިސެމްބަރުގައި މުޅި ރާއްޖެއަށް ބޮޑު ހުޅެއް ފަދައިން ފެތުރުނީ، ވާދަވެރި އެކަމަކު އޭގެ ކުރިން ދުވަހަކު ވެސް ދިވެހިންނަށް މޮޅުވެވިފައި ނެތް ލަންކާގެ ގައުމީ ޓީމު އަމިއްލަ ފަސްގަނޑުގައި ބަލިކޮށް ރާއްޖެ ލަންކާ މައްޗަށް ހޯދި ފުރަތަމަ މޮޅުގެ ވާހަކަ އެވެ. ޖެހި ހަމައެކަނި ލަނޑު ކަމިޔާބުކުރީ ކަލީމެވެ.

އެހާ މޮޅަށް، ރީތިކޮށް އަދި އެހާމެ ފުރިހަމަކޮށް ބޭއްވި ސާފް ގޭމްސްގައި ރާއްޖެ އަތުން ބަލިވުމަކީ ލަންކާއަށް ބޮޑު ލަދެކެވެ. އެކަމަކު އެއީ މިއަދު ނޫނީ މާދަމާ ވެސް ވާނެ ކަމެއްކަމުގެ އުއްމީދު، ރާއްޖެ ހޯދަމުން އައި ކުރިއެރުންތަކުން އޮތީ ލިބިފަ އެވެ.

"ލަންކާގެ މަޝްހޫރު ކުޅުންތެރިން ރާއްޖޭގައި ކުޅޭ ދުވަސްވަރަކަށް ވާތީ ލަންކާ މާ މަތީ ގައުމެއް ކަމަށް ދެކެވިފައި އޮތީ. [އެހެންވެ] ލަންކާގެ ދަނޑުގައި ލަންކާ ބަލިކޮށްލެވުމުން - އެހާ ހިސާބުން ހައިޕެއް އުފެދިއްޖެ،" މައުރޫފް ބުންޏެވެ.

ތިމަންނަ އުއްމީދުކުރީ ގޯލްޑަށޭ، ގޯލްޑް ނޫނިއްޔާ ތިމަންނައަކަށް ނުފުދެއޭ.

މުހައްމަދު ކަލީމް، ޓެމިސްވާރީ ބުނި ވާހަކައެއް

އެހާ ހިސާބުން ރާއްޖެ ފައިނަލަށް ގޮސް، ދިވެހިންނަށް ގެނެސްދިނީ އުފާވެރިކަމުގެ ބޮޑު ޝޮކެކެވެ. ސަރުކާރުގެ ވަފުދުތައް ވަގުތުން ފުރަން ފެށި އެވެ. އާންމު އެތައް ބަޔަކު ވެސް ލަންކާއަށް ދާން ދަތުރުހެދި އެވެ. ސަޕޯޓްކުރާނެ ހާއްސަ ގްރޫޕްތައް، އަނެއް ދުވަހު ފުރައިގެން ގޮސް، ފައިނަލް މެޗަށް ބޮޑުބެރާއި އެއްޗެހި ތައްޔާރުކޮށްލި އެވެ.

ވަރަށް ހުސް ދެތިން ބޯޅައެއް ލިބުނެވެ. ގޯލް ކުރިމަތިން ކަލީމް ވެސް ޖެހީ ދަނޑި މަތިން ބޭރަށެވެ.

ލިބެން ނެތް އެއްޗެއް ނުލިބޭނެ އެވެ.

އެކަމަކު ލިބުނީ ވެސް އެހާމެ ތާރީހީ ވަނައެކެވެ. އެއީ ދިވެހި ފުޓްބޯޅައިގެ ތަރައްގީއަށް ސަރުކާރާއި ކްލަބްތަކުން ހަ އަހަރު ތެރޭގައި ކުރި ހޭދަ އާއި މަސައްކަތުގެ އެންމެ މަތީ ނަތީޖާ އެވެ. ކަލީމްގެ ބަހުން ނަމަ، އެންމެ ހިތްގައިމު ދަތުރެވެ. ފިލާވަޅެވެ. މައުރޫފްގެ ނަޒަރުން ނަމަ ދިވެހި ފުޓްބޯޅަ އެހެން ލެވެލްއަކަށް ދިޔަކަމުގެ މެސެޖެވެ. ހާމިދު ގަބޫލުކުރައްވާ ގޮތުން ނަމަ، ފުޓްބޯޅައިގެ މިސްރާބު ބަދަލުކޮށްލި ބޮޑު ކާމިޔާބީ އެވެ.

އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހާމިދު އަބްދުލް ގަފުރު، 1991 ގެ ސާފް ގޭމްސްގެ ފުޓްބޯޅައިން ރާއްޖެ ހޯދި ކާމިޔާބު، 'ދައުރު'އާ ހިއްސާކުރަނީ

ފައިނަލް މެޗަށް ފަހު ޓީމުގެ ބައްދަލުވުމެއް އޮތެވެ. ޓެމިސްވާރީ އިނީ އެހާ އުފަލަކުންނެއް ނޫނެވެ. ކަލީމު އޭނާ ކައިރިއަށް ޖެހިލި އެވެ. މި ކާމިޔާބީގައި ކުޅުންތެރިންގެ އަގުވަޒަންކޮށްލަން "ބުރަކަށީގައި ޖަހާލައި، ފިރުމާލައި ހަދާލަން ވާނެ ނޫންހޭ" ކޯޗު ކައިރީ ކަލީމް ބުންޏެވެ. އޭނާގެ ޖަވާބަކީ "ތި ފިރުމުން ވެސް އެބަ ފިރުމަމޭ" އެވެ.

"ތެދެއް، ކުޅުންތެރިންނާ ދޭތެރޭގައި ވަރަށް ރަނގަޅަށް އެ ކޯޗު ކަންތައް ކުރީ،" އެ ބައްދަލުވުމުގެ ހަނދާންތައް އާކުރަމުން ކަލީމް ބުންޏެވެ.

"އެކަމަކު [އެ ވަގުތު ކޯޗު] ބުނީ ތިމަންނަ އުއްމީދުކުރީ ގޯލްޑަށޭ، ގޯލްޑް ނޫނިއްޔާ ތިމަންނައަކަށް ނުފުދެއޭ." 

މާނައަކީ، އެ ޓީމުގައި އެ ފެންވަރު ހުރިކަން، ޓެމިސްވާރީ ފުރިހަމައަށް ގަބޫލުކުރުމެވެ. އޭނާ ތައްޔާރުކުރި ޓީމަކަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ވެސް އެނގޭނީ އޭނާއަށެވެ.

އެކަމަކު އެ ރިހި މެޑެލް، އޭރު ދިވެހިން ތިބި ހާލަތަށް ބަލާ ނަމަ، ފުދެ އެވެ. މާ ބޮޑަށް ވެސް ފުދެ އެވެ.

ބަލިވުމުން ފޭބި ކަރުނަ އުފަލަކަށް ބަދަލުކޮށްލީ އެހެންވެ އެވެ.

ކޮލަމްބޯ ސާފް ގޭމްސްގެ ފައިނަލް މެޗުން މިހާރު ބަލައިލަން ލިބޭ ހަމައެކަނި ވީޑިއޯ

އިތުރު އާޓިކަލް

އިތުރު އާޓިކަލް