2024 ވައިއާރު4 އެސްޓްރޮއިޑްގެ ކުރެހުމެއް (ވ). ކަނާތްފަރާތުގައި ވަނީ އިރުގެ ނިޒާމުގެ ތެރޭގައި ދުނިޔެ އަދި 2024 ވައިއާރު4 ގެ އޯބިޓް ދައްކުވައިދޭ ކުރެހުމެއް. މި އެސްޓްރޮއިޑަކީ 2024 ގެ ޑިސެމްބަރު 27 ގައި ފުރަތަމަ ފެނުނު، 130 އާއި 300 ފޫޓާ ދެމެދުގެ ބޮޑުމިނުގެ އެސްޓްރޮއިޑެއް.

ސައިންސް

2032 ގައި އެސްޓްރޮއިޑެއް ހަނދުގައި ޖެހިއްޖެނަމަ، ހަނދުގެ ކުދި ހިލަތައް ދުނިޔެއާ ހަމައަށް އައުމުގެ ނުރައްކާ އޮތްކަމަށް ދިރާސާއަކުން ދައްކައިފި

ހަނދުގައި ޖެހުމުގެ 4.3% ފުރުސަތު އޮތް 'ސިޓީ ކިލާ' އެސްޓަރޮއިޑަކުން ދުނިޔޭގެ ބިމަށް ނުރައްކާ ވެދާނެ ކަމަށާއި ނަމަވެސް ނާދިރު އަދި ވަރަށް ރީތި މީޓިއޯ ޝަވަރެއް ފެނިދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނޭ
30 ޖުލައި 2025

2032 ގައި ބޮޑު އެސްޓްރޮއިޑެއް ހަނދުގައި ޖެހިއްޖެނަމަ، ހަނދުގެ ކުދިކުދި ބައިތައް ދުނިޔޭގެ ބިމަށް އައުމުގެ ނުރައްކާ އޮތްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ. މިފަދަ ހާދިސާއަކުން ސެޓެލައިޓްތަކަށް ނުރައްކާ ކުރިމަތިވެދާނެކަމަށާ ނާދިރު އަދި ވަރަށް ރީތި މީޓިއޯ ޝަވަރެއް އުޑުމަތީން ފެނިގެންދާނެ އެވެ.

ހަގީގަތް: އެސްޓަރޮއިޑްގެ ފުރުސަތު

އެސްޓްރޮއިޑް 2024 YR4 މިއަހަރުގެ ކުރީކޮޅު 'ޕްލެނެޓަރީ ޑިފެންސް ރެސްޕޮންސްއެއް' ފެށިފައި ވަނީ ޓެލެސްކޯޕް އޮބްޒަވޭޝަންތަކުން މި 'ސިޓީ ކިލަރ' ދުނިޔޭގެ ބިމުގައި ޖެހުމުގެ 3% ފުރުސަތެއް އޮތްކަން ހާމަވުމުންނެވެ.

2024 ވައިއާރު4 އެސްޓްރޮއިޑް 2032 ގައި ހަނދުގައި ޖެހުމުގެ 3.8% ފުރުސަތު މިހާރު އެބައޮތް.

ފަހުން ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި ގާތްގަނޑަކަށް 53-67 މީޓަރު (174-220 ފޫޓު) ފުޅާމިނުގެ މި އެސްޓްރޮއިޑް،  ބިމުގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަވެފައިވަނީ 0.0017% އަށެވެ. އެހެންނަމަވެސް ހަނދަށް އަދިވެސް ނުރައްކަލެއް އެބަ އޮތެވެ.

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްގެ ޑޭޓާއަށް ބަލާއިރު، މި ބޮޑު ހިލަ ބިމުގެ އެންމެ ކައިރި އަވަށްޓެރި ހަނދުގައި ޖެހުމުގެ ފުރުސަތު މިހާރު 4.3% އަށް އިތުރުވެފައިވެ އެވެ.

ދިރާސާ: ހަނދަށް ކުރާނެ އަސަރު

މި މަހު ކެނެޑާގެ ޔުނިވާސިޓީތަކުގެ ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ، ނަމަވެސް އަދި ޕިއަ ރިވިއު ކުރެވިފައިނުވާ ދިރާސާއެއްގައި، އެސްޓްރޮއިޑް ޖެހުމުން ހަނދުގެ ބައިތައް ކަނޑައިގެ ގޮސް ދުނިޔޭގެ ބިމަށް އައުމުގެ ފުރުސަތު އޮތްގޮތް ދައްކުވައިދީފައިވެ އެވެ.

ދިރާސާކުރާ ފަރާތްތަކުން ސިމިއުލޭޓްކޮށްފައިވާ ގޮތުގައި މީގެ ސަބަބުން ގާތްގަނޑަކަށް 1 ކިލޯމީޓަރު ޑައިމީޓަރުގެ ވަޅުގަނޑެއް ހަނދުގެ ސަތަހައިގައި އުފެދި، މިލިއަން ކިލޯގްރާމްގެ ކުނޑިތައް ހަނދުގެ މަދާރުން ބޭރަށް ދުނިޔޭގެ ބިންމައްޗާ ދިމާއަށް ދޫވެ، އެ ކުނޑިތައް ދުވަސްތަކެއް ފަހުން ބިމާ ހަމައަށް ފޯރާނެ އެވެ.

ތާރީޚީ އެންމެ ބޮޑު ހާދިސާ

ރިޕޯޓުގައި ބުނެފައިވަނީ "2024 YR4 ހަނދުގައި 2032 ގައި ޖެހިއްޖެނަމަ، އެއީ (ތަފާސްހިސާބު ގޮތުން ބަލާއިރު) ގާތްގަނޑަކަށް 5,000 އަހަރުގެ ތެރޭގައި އެންމެ ބޮޑު އެފަދަ ހާދިސާ ކަމުގައި ވާނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބިމުގައި ފެނިގެންދާނެ މީޓިއޯ ޝަވާ ވަރަށް ސަމާލުކަން ލިބޭފަދަ ކަމަކަށް ވެދާނެ އެވެ."

ނުރައްކާ: ސެޓެލައިޓްތަކަށް ގޮންޖެހުން

މިލިމީޓަރުން ސެންޓިމީޓަރަށް ހުންނަ ގިނަ ހަނދުގެ ގާތައް ބިމުގެ ޖައްވުގައި އަނދައިގެން ހިނގައިދާނެ އެވެ. އަދި އިންސާނުންނަށް އެއްވެސް ނުރައްކަލެއް ނެތް ނަމަވެސް، ބައެއް މެޓީރިއަލް ބިމާ ކައިރިއަށް އައުމުގެ ފުރުސަތު ބޮޑެވެ. މިއީ ސެޓެލައިޓްތަކަށް، ސްޕޭސްކްރާފްޓްތަކަށް އަދި އެސްޓްރޮނޯޓުންނަށް ނުރައްކަލެއް ކަމުގައި ވެދާނެ އެވެ.

ދިރާސާގެ މައިގަނޑު މުސައްނިފު، ޔުނިވާސިޓީ އޮފް ވެސްޓަން އޮންޓޯރިއޯގެ ޑރ. ޕޯލް ވީގަރޓް، އޭޖެންސް ފްރާންސް-ޕްރެސްއަށް ބުނެފައިވަނީ ހަނދުގެ ސަތަހައިގައި މި ހިލަ ޖެހުމުގެ އަސަރު "ބޮޑު ނިއުކްލިއާ ގޮވުމަކާ އެއްވަރުގެ ހަކަތަ ދޫކުރާ މިންވަރާ އެއްވަރު" ވާނެކަމަށެވެ.

ރައްކާތެރިކަން: ފިޔަވަޅުތައް

ދިރާސާގައި ދައްކުވައިދީފައިވަނީ "ޕްލެނެޓަރީ ޑިފެންސް ކޮންސިޑަރޭޝަންތައް" ބިން ކައިރި ޖާގައިން ދުރު ސަރަޙައްދުތަކަށް ވެސް ނުރައްކަލުގެ ބިރު ކުރިމަތިވާގޮތަށް ފުޅާކުރަންޖެހޭކަމެވެ.

ނާސާ އަދި އެހެނިހެން ގައުމީ ސްޕޭސް އޭޖެންސީތަކުން ސަރަހައްދަށް ނުރައްކާ ކުރިމަތިކުރުވަފާނެ އެސްޓްރޮއިޑްތަކާއި ކޮމެޓްތައް ޓްރެކްކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.   އަދި އެސްޓްރޮއިޑް ޖެހުމެއް ކުރިމަތިވެދާނެ ހާލަތެއްގައި ކަންތައް ކުރާނެ ގޮތްތައް ހޯދަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. ނަމަވެސް ހަނދަކީ ދެވަނަ ކަންބޮޑުވުމެކެވެ.

2022 ގައި، ނާސާއިން ޑަބަލް އެސްޓްރޮއިޑް ރިޑައިރެކްޝަން ޓެސްޓް (ޑާޓް) ސްޕޭސްކްރާފްޓް ޑިމޯފޮސް ނަމަކަށް ކިޔާ އެސްޓަރޮއިޑަކާ ޖެއްސުމުން، އެ ދަތުރުކުރާ މަގު ބަދަލުކުރުމަށް ޓެސްޓެއް ކުރި އެވެ. މި މިޝަން ބެލެވުނީ ބިމާ ދިމާއަށް ދަތުރުކުރާނެ މުސްތަގްބަލުގެ އެއްޗެއްސަށް ޓެސްޓް ރަންއެއްގެ ގޮތުގަ އެވެ.

ކުރިމަގު: 2028 ގައި އަލުން ބެލުން

 އިރު ވަށައިގެން ދައުރުވާ އެސްޓްރޮއިޑް 2024 YR4 މިހާރު ވަނީ ރަނގަޅަށް ބެލޭވަރަށްވރެ ދުރުގަ އެވެ. އަދި 2028 ގެ ނިޔަލަށް އަލުން ފެންނާނެކަމަށް ނުބެލެވެ އެވެ. އެއަށް ފަހު ދިރާސާކުރާ ފަރާތްތަކަށް އޭގެ ސައިޒާއި މަގު އަލުން ވަޒަންކުރެވޭނެ އެވެ.

އޭޕްރިލްމަހު ނާސާއިން އެ އެސްޓްރޮއިޑްގެ ސައިޒް އަލުން ވަޒަންކުރުމަށްފަހު، ކުރިން ހަނދާ ޖެހުމުން ބިމާ ދެމެދު އޮތް މަދާރު ބަދަލުވެދާނެކަމުގެ ކަންބޮޑުވުންތައް އޮތްނަމަވެސް، އެފަދަ ނުރައްކަލެއް ނެތްކަމަށް ބަޔާންކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް