ބިމުގެ ޖައްވަށް ވަދެ، އުފެދޭ ހޫނުގެ ސަބަބުން އަނދަމުންދާ އެސްޓްރޮއިޑެއް ބިމާ ދިމާއަށް އަންނަ މަންޒަރުގެ ކުރެހުމެއް.
2032 ވަނަ އަހަރު ދުނިޔޭގައި ޖެހިދާނެ ކަމުގެ ކުޑަ ފުރުސަތެއް އޮތް އެސްޓްރޮއިޑް '2024ވައިއާރު4' ގެ ހަރަކާތްތައް ދަނީ ދިރާސާ ކުރަމުން
އަލަށް ހޯދާފައިވާ އެސްޓްރޮއިޑެއްގެ ހަރަކާތްތައް ދުނިޔެ ދިފާއުކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ދަނީ ގާތުން ބަލަމުންނެވެ. ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ޕްލެނެޓަރީ ޑިފެންސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެސްޓްރޮއިޑް 2032 ވަނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު ދުނިޔެއާ ވަރަށް ކައިރިން ދަތުރު ކުރާނެކަމަށް ލަފާކުރެވެ އެވެ. އަދި މި އެސްޓްރޮއިޑް ދުނިޔެއާ ނުޖެހި ދާނެ ކަމުގެ ފުރުސަތު %99 ކަމަށް އެ އޭޖެންސީން ބުނެފައިވެ އެވެ.
ސައިންޓިސްޓުން ބުނާ ގޮތުގައި މި އެސްޓްރޮއިޑް ދުނިޔޭގެ ބިމުގައި ޖެހުމުގެ ފުރުސަތު މުޅިން ނަފީކުރެވޭ ހިސާބަކަށް އަދި ނުދެ އެވެ.
-
'އެސްޓްރޮއިޑް 2024ވައިއާރު4' ގެ ނަމުން މި އެސްޓްރޮއިޑް ފުރަތަމަ ހޯދާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހު ޗިލީގެ ރިއޯ ހަރްޓާޑޯގައި ހުރި އެޓްލަސް ޓެލެސްކޯޕުންނެވެ. މިއީ 'ނިއަރ އާރތު އެސްޓަރޮއިޑް' އެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އެސްޓްރޮއިޑެކެވެ. އަދި މި އެސްޓްރޮއިޑް ހޯދުމާއެކު، އޮޓޮމޭޓެޑް ވޯނިން ސިސްޓަމްތަކުން ސައިންޓިސްޓުންނަށް އަންގާފައިވަނީ 2032 ވަނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު ދުނިޔޭގައި ޖެހުމުގެ ކުޑަ ފުރުސަތެއް އޮތް ކަމަށެވެ.
ޔޫރަޕިއަން ސްޕޭސް އޭޖެންސީން ބުނާ ގޮތުގައި މިފަދަ ބޮޑުމިނުގެ އެސްޓަރޮއިޑެއް ދުނިޔޭގައި ޖެހެނީ އެވްރެޖްކޮށް ކޮންމެ ހާހެއްހާ އަހަރަކުން އެއްފަހަރު އެވެ. އަދި މިފަދަ އެސްޓްރޮއިޑެއް ޖެހިއްޖެނަމަ އެ ސަރަހައްދަކަށް ނުރައްކާތެރި ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ އޭޖެންސީން ވަނީ އިންޒާރުދީފަ އެވެ. މިހާރު މި އެސްޓްރޮއިޑް ވަނީ އެ އޭޖެންސީގެ އެސްޓްރޮއިޑް ރިސްކް ލިސްޓުގެ އެންމެ މަތީގަ އެވެ.
މިއަހަރުގެ އަހަރުގެ ކުރީކޮޅުން ފެށިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ޓެލެސްކޯޕްތައް މެދުވެރިކޮށް އެސްޓްރޮނޮމަރުން ވަނީ މި އެސްޓްރޮއިޑްގެ ހަރަކާތްތައް ދިރާސާކުރަން ފަށާފަ އެވެ. އާ މައުލޫމާތުތަކުގެ އަލީގައި އެސްޓްރޮއިޑްގެ ބޮޑުމިނާއި ދަތުރުކުރާ މަގު ހޯދުމަށް އިތުރު ފުރުސަތު ލިބިގެންދާނެ އެވެ.
ޖެނުއަރީ 29 ގައި ޔޫރަޕިއަން ސްޕޭސް އޭޖެންސީން ބުނެފައިވަނީ މި އެސްޓްރޮއިޑް ބިމުގައި ޖެހުމުގެ ފުރުސަތު %1.2 ކަމަށެވެ. މިއީ ޓޮރީނޯ އިމްޕެކްޓް ހެޒާޑް ސްކޭލްގެ ލެވެލް 3 ގެ ނުރައްކަލެކެވެ. މާނައަކީ "އެސްޓްރޮނޮމަރުންނާއި އާންމުންގެ ސަމާލުކަން ބޭނުންވާ ގާތް އިމްޕެކްޓެއް" ކަމަށެވެ. ނަމަވެސް، އިތުރު ދިރާސާތަކާއެކު އެސްޓްރޮއިޑް ބިމުގައި ޖެހުމުގެ ފުރުސަތު ފުރަތަމަ މަތިވެފައި، އޭގެ ފަހުން އެ ފުރުސަތު ސުމަކަށް ދިއުމަކީ އާންމު ކަމެއް ކަމަށްވެސް ސައިންޓިސްޓުން ބުނެ އެވެ.
-
މި އެސްޓްރޮއިޑްގެ ހަރަކާތްތައް މޮނިޓަރކުރަމުން ގެންދަނީ އދ. އިން އެންޑޯސްކޮށްފައިވާ ދެ އެސްޓްރޮއިޑް ރިއެކްޝަން ގްރޫޕަކުންނެވެ. އެއީ އިންޓަނޭޝަނަލް އެސްޓްރޮއިޑް ވޯނިންގ ނެޓްވާރކް (އައިއޭޑަބްލިއުއެން) އާއި ސްޕޭސް މިޝަން ޕްލޭނިން އެޑްވައިޒަރީ ގްރޫޕް (އެސްއެމްޕީއޭޖީ) އެވެ. އެސްޓްރޮއިޑް ދުނިޔޭގައި ޖެހުމުގެ ފުރުސަތު އިތުރުވެއްޖެނަމަ، ޖެހުމުގެ އަސަރުތައް ދެނެގަތުމާއި ގެއްލުން ކުޑަކުރުމުގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް އައިއޭޑަބްލިއުއެން އިން ފަށާނެ އެވެ.
މި އެސްޓްރޮއިޑް 2025 ވަނަ އަހަރުގެ ތެރޭގައި ފެންނަ މިންވަރު ދަށްވަމުންދާނެ އެވެ. ނަމަވެސް އޭގެ ކުރިން، ޔޫރަޕިއަން ސަދަން އޮބްޒަވޭޓަރީގެ ވެރީ ލާޖް ޓެލެސްކޯޕް ފަދަ ބޮޑެތި ޓެލެސްކޯޕްތައް މެދުވެރިކޮށް، އެސްޓްރޮއިޑްގެ މައުލޫމާތު އިތުރަށް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. އެސްޓްރޮއިޑް އަލުން ފެންނަން ފަށާނީ 2028 ވަނަ އަހަރު ދުނިޔެއާ ގާތްވާން ފަށާ އިރު އެވެ.
-
ދުނިޔޭގައި ޖެހުމުގެ ފުރުސަތު %1 އަށްވުރެ މަތީގައި ދެމިހުރެއްޖެނަމަ، އުޅަނދެއް މެދުވެރިކޮށް މިކަމަށް އިޖާބަދިނުމަށް ރާވަން ފަށާނެ ކަމަށް ސްޕޭސް މިޝަން ޕްލޭނިން އެޑްވައިޒަރީ ގްރޫޕުން ބުނެފައިވެ އެވެ. 2022 ވަނަ އަހަރުގެ ޑާޓް މިޝަނުން ދައްކާފައިވަނީ އެސްޓްރޮއިޑްގެ މަގު ބަދަލުކުރެވިދާނެ ކަމެވެ. އަދި 2024ވައިއާރު4 ދުނިޔެއަށް ނުރައްކަލަކަށް ވެއްޖެނަމަ، އެ ސައިންސްގެ ހަގީގީ ޓެސްޓެއް ކުރެވިދާނެ ކަމަށްވެސް ސައިންޓިސްޓުން ބުނެ އެވެ.
ކޮމެންޓް