ޖުމްހޫރީ މައިދާނުގެ ކުރިން ފެންނަ ފެހިކަން މިހާރު މާ ބޮޑަށް އޮތީ ކުޑަކޮށްފައި (ފޮޓޯ/އާރުޑީސީ)

ޖުމްހޫރީ މައިދާން: މާލޭގެ މޫނުމަތި މިފަހަރު ފެންނަނީ މާ ބޮޑަށް 'ހުދުކޮށް'

ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ %90 ނިންމުމަށް ފަހު ރޯދަމަހަށް ހުޅުވިއިރު ބައެއް ކަންކަން ވަނީ ބަދަލުކޮށްފައި. އޭގެ ތެރޭގައި އިށީންނަން ލަކުޑިން އަށި ހެދުން ހިމެނޭ
24 ފެބްރުއަރީ 2026
5

ވަށައިގެން ޓިނު ޖަހައި، މަސްތަކެއް ވަންދެން ބަންދުކޮށްފައި ބޭއްވުމަށް ފަހު، ޖުމްހޫރީ މައިދާން އާންމުންނަށް އަލުން ހުޅުވީ އިހަކަށް ދުވަހު އެވެ. މިފަހަރު ވެސް މުޅިއަކުން ނޫނެވެ. ބައެއް މަސައްކަތްތައް ކުރާތީ ޕާކްގެ ވަކި ހިސާބެއްގައި އަދިވެސް ކަޅު ދާ ހުރީ ދަމައިފަ އެވެ.

ބަލައިލަން ހިތްގައިމު އެއް ބަދަލަކަށް ފެނުނީ މައިދާނުގެ ވަށައިގެން މީހުން އިށީނދެ ތިބޭ ފާރުބުރި ނުވަތަ އަށިތަކެވެ. ކުރިން ހުންނަނީ ކޮންމެވެސް ކުލައެއް ލައިފަ އެވެ. ގިނަ މީހުން އިށީންނަ ތަނަކަށް ވާތީ މާ ގިނަ ދުވަހެއް ނުވެ ކުލަތައް ހުންނަނީ ފިލައިފަ އެވެ. ފަހުން އެތަނުގައި މުށި ވެސް ޖެހި އެވެ.

މިފަހަރު އިށީންނަ ބައި ހަދާފައި ހުރީ ލަކުޑިންނެވެ. މެދަށްވާ ގޮތަށް ހުންނަ ބުރުތަކުގައި ކުދި ގަސްތައް ޖަހާފައި އެބަ ހުއްޓެވެ. ބައެއް ދިމަދިމާލުގައި ރުއް ވެސް އިނދައިފަ އެވެ. ދުވަސްވީ ދިގު ރުއްތައް މިހާރު ފެންނާކަށް ނެތެވެ. 

އާބާތުރަ ފިލުވައިލައި އާ ފަރުމާކުރުމެއްގައި ހަދަމުން އަންނަ މައިދާނުގެ ދެ އަރިމަތިން، ބޮޑު ބަޔަކުން ވިނަގަނޑު މިހާރު ވަނީ ނަގައިފަ އެވެ. ނުނަގާ އޮތީ ވަކި ބައްޓަމަކަށް ފަރުމާކޮށްގެން ބަހައްޓާފައި އޮތް ވިނަކޮޅެކެވެ. އެ ބައްޓަމުގެ ރީތިކަން އެނގޭނީ މަތިން ޑްރޯންއެއް އަރުވާލީމަ އެވެ. ވިނަގަނޑު ރޯކުރަމުން އަންނާތީ އެ ބައި އަދި އޮތީ ބަންދުކޮށްފަ އެވެ.

ޖުމްހޫރީ މައިދާނުގައި ބަޔަކު އިށީނދެގެން (ދައުރު ފޮޓޯ)
ލަކުޑީގެ ބައިތައް އައުމުން ކުރިއަށް ވުރެ ރީތި ކަމަށް ދައްކާ (ދައުރު ފޮޓޯ)

ޗާނދަނީމަގާ ވީ ފަޅިން، މައިދާނުގެ އެތެރޭގައި ހިޔާކޮށްފައި ހުރި ބެންޗެއް ކަހަލަ ތަނެއް ފެނެ އެވެ. އެ ބެންޗުގައި އިށީނުމުން ބެކްގްރައުންޑަކަށް ވާނީ 'މިހިރަ ފެންނަ ދިދަ' އެވެ. ސަޅި ފޮޓޯއެއް ކަނޑާލެވޭނެ އެވެ.

ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވައި، ވަގުތީ ގޮތުން ހުޅުވާލާފައި. (ދައުރު ފޮޓޯ)

އެކަމަކު މައްސަލައަކީ ޖުމްހޫރީ މައިދާނަށް އާ ބަދަލުތަކެއް ގެންނައިރު މިފަހަރު ވެސް ވާރެ އާއި އަވިން ރަނގަޅަށް ހިޔާވާނެ ތަނެއް ނެތީމަ އެވެ. ބޯމަތީގައި ހިޔަލަކަށް ލަކުޑި ޖަހާފައި ހުރީ ދޭތެރެ ދުރުކޮށެވެ. އެއީ އިށީންނަ ތަނުގައި ޖަހާފައި ހުރި ލަކުޑީގެ ޑިޒައިންގެ މަތީ ބަ އެވެ. 

އިށީންނަން ހަދާފައި ހުރި އަށީގެ މަތީގައި އެ ޑިޒައިނަށް ލަކުޑި 'ފުރާޅެއް' ލާފައި (ދައުރު ފޮޓޯ)

އަމީރު އަހްމަދު މަގާވީ ފަޅީގައި، އެތަނުގައި ހުރި ބިޔަ ގަސްތަކުގެ ސަބަބުން، އަބަދުވެސް އޮންނަނީ ހިޔާވެފަ އެވެ. އެތަނުގައި ހުރި އުމުރުން ދުވަސްވީ ދިވެއްސަކާ ސުވާލުކުރީމެވެ. 

އަހަރެން: ބޭބޭ ކޮޮބާ، މި ތަން މިހާރު ސަޅިތަ؟

އޭނާ: ނޫން.

އަހަރެން: އެއީ ކީއްވެ؟

އޭނާ: ކުރިން މާ ފެހިކޮށް އޮތީ. މިހާރު ނެތެއްނު ފެހިކަމެއް؟

އަހަރެން: އާނ، ދޯ؟

އޭނާ: އެވަރަކަށް ކޮތަރު ވެސް ނާދެއެއްނު؟

އެކަމަކު ވިނަގަނޑުގެ ބޮޑު ބައެއް ނަގާފައި އޮތުމުން އެ ހިސާބަށް ކޮތަރު ގިނަވެއްޖެ ނަމަ މުޅި ތަން ހަޑިކޮށްލާނެ ކަމަށް ފެނެ އެވެ.

ޖުމްހޫރީ މައިދާނުގައި މީހުންނަށް އިށީނދެވޭ ގޮތަށް ހަދާފައިވާ އައްޓެއް (ދައުރު ފޮޓޯ)

ބިދޭސީން ނަގާފައި ޖުމްހޫރީ މައިދާނުގައި މިފަހަކާ ޖެހެންދެން އަސްލު ރަސްކަން ކުރަމުން އައީ އެތަނަށް ޖަމާވާ ކޮތަރުތަކެވެ. އެކަމަކު ކޮތަރު ގިނަވުމަކީ ވެސް އެ ހިސާބުގަނޑު ނުތާހިރުކޮށްދޭ ކަމެކެވެ. އެހެންވެ ކޮތަރަށް ކާން ނުދޭން ރަސްމީކޮށް ލިއެފައި ހުރެ އެވެ.

ޖުމްހޫރީ މައިދާނުގައި މީގެ ކުރިން ކުދިބޮޑު މީހުން ކޮތަރަށް ކާން ދޭ މަންޒަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަރާމާތަށް ފަހު ޖުމްހޫރީ މައިދާންގެ ބައެއް ހުޅުވާލުމުން ސޯޝަލް މީޑިއާގައި ސަރުކާރަށް ތާއީދުކުރާ މީހުން އަންނަނީ ތައުރީފްކުރަމުންނެވެ. އަނެއް ބަޔަކު ކިޔަނީ ފާޑެވެ.

ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން ބުނަނީ މިހާރު ޖުމްހޫރީ މައިދާނަށް އެ ގެންނަ ބަދަލުތަކަށް ބަލާފައި ވެސް ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.

ފާޑުކިޔާ މީހުން ގެންގުޅެނީ އަދި މުޅިން ތަފާތު ނަޒަރިއްޔާތެކެވެ.

"ތިން އަހަރުން ތި ތަންކޮޅު ހަދާލެވިގެން ތި އަތް ޖަހަނީ، ތިއޮތީ ކަމެއް ކޮށްދެވިފައި، ރައްޔިތުން ހަނާވަނީ އެކަމަކު،" އެކަކު ލިއުނެވެ.

"ގައުމެއްގައި ސަރުކާރަކުން ތިވަރު ތަންކޮޅެއްގައި ކުލަ ޖައްސާލީމާ ތަރައްގީވީ ކަމަށް ހީކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް،" އެހެން މީހަކު ބުންޏެވެ.

ޖުމްހޫރީ މައިދާން، 2022ގައި އޮސްޓްރޭލިއާއިން ގެނައި ވިނަ އިންދުމަށްފަހު އޮތް ގޮތް. މި މަސައްކަތް ކުރީ ރައީސް މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވިއިރު ކައުންސިލުން. (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

މި ފަހުން ވައިރަލްވި 'ގޮތް ނިންމާނީ ތިކޮޅުން'ނޭ ބުނެ ހިއްސާކޮށްފައިވާ އެ ޕޯސްޓުގައި އެހެން މީހަކު ބުނީ ގޮތް އެ އޮތީ މާ ކުރިން ނިންމާފައި ކަމަށެވެ. އޭނާ ލަފާކުރަނީ ބޮޑު ހަރަދެއް ކޮށްގެން ހަދާފައި އޮތީ ވަރަށް އުމުރު ކުރު ގޮތަކަށް ކަމަށެވެ.

"ގޮތް ނިންމާފައި އެ އޮތީ ބަންޑާރަ ކަފަ އަމިއްލަ ބާލީހަށް އަޅާ އުސޫލުން،" އޭނާ ބުންޏެވެ.

ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ އާރުޑީސީއާ އެވެ. އަގާ ބެހޭ ގޮތުން އެ ކުންފުންޏާ ސުވާލުކުރުމުން ބުނީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މައުލޫމާތު ހޯދުމަށެވެ. އެކަމަކު އެއީ އެހާ ފަސޭހައިން މައުލޫމާތު ދޭ މިނިސްޓްރީއެއް ނޫނެވެ.

ޖުމްހޫރީ މައިދާން ތަރައްގީކޮށްފައި އޮތީ ހުތުރުކޮށޭ ނުބުނަމެވެ. އެކަމަކު އެތަނަށް މީހުން ކުރާ ތައުރީފު ހޯދަން ސިޔާސީ އެކްޓިވިސްޓުންނާއި ޕޭޖުތަކުގެ ޕޯސްޓުތަކުގައި ފީނަން ޖެހުމަކީ ލައްކަ ވާހަކަ އެވެ.

ޔަގީނުން ވެސް އާ ޖުމްހޫރީ މައިދާނުގައި ކުރިން އޮތް މިންވަރަށް ވިނައެއް ނެތެވެ. އެތަނުގައި ކުރިން ބޮޑަށް ބޭނުންކޮށްފައި ހުރީ ފެއްސާއި ރަތް ކުލަ އެވެ. މިފަހަރު ބޮޑަށް އޮތީ ހުދު ކުލަ އެވެ. ރީތިވާ ބަޔަކަށް ރީތިވާނެ އެވެ. 

އަލަށް ލީ ހުދު ކުލައިން ޖުމްހޫރީ މައިދާން ފެންނަނީ އާ ގޮތަކަށެވެ. ބައެއް މީހުން ބުނާނެ އެވެ: މާލޭގެ މޫނުމަތި މިހާރު އެ އޮތީ ހުދުކޮށްލައިފަ އެވެ.

ކޮމެންޓް (5)

މަބުނީ

2 މާރިޗު 2026
އަބަދު ވިނަހައްދަން ކުރަންޖެހޭ ހަރަދު ކުޑަވީނު. އޮސްޓްރޭލިއއިން ވިނަގެނެސްގެންވެސް ވީކަމެއްނެތް.
0 0

ސިކުނޑި

24 ފެބްރުއަރީ 2026
މަރުކަޒުބޭރުގައި މާބުލް ޖެހުމާއި ޖުމްހޫރީ މައިދާން ހުދުކުރުން ފަދަ ކަންކަމަކީ މުޅިން އެހެން ނިޔަތެއްގައި ކުރާކަންކަން!
3 4

ތެފައާސާ.

24 ފެބްރުއަރީ 2026
މިކަހަލަ ރިޕޯޓު ޖަހާއިރު ވިސްނާލަން އެބަޖެހޭ، މާ ހުދޭ ލިޔެގެން މާދަމާ އިއުލާން ކޮށްފާނެ، ޖުމްހޫރީ މައިދާނުގައި އަލުން ކަޅުކުލައިން މުށި ޖަހަން ނިންމައިފި ކަމަށްވެސް. ޑަބަލް ޚަރަދުގައި އުނބަށްޖެހުން އެހާ އާންމު އިރެއްގައި ނޫސްވެރިންވެސް ބަލާލަންވާނެ ދޯ؟
8 2

ކޮސް

24 ފެބްރުއަރީ 2026
ދިމްޔާތުން ތަންތަން ފަރުމާކޮށް ހަދަންޏާ ވާނެ ހުރިހާ ކަމެއް މިވަނީ. މުޅި ޕާކަށް މިއޮތީ ސހރ ފނޑތ ހަދާފަ 2028 އަށް. އެކަމަކު ދާނީ ޗަކޮހުން.
5 4

އެޑްމުންޑޯ

24 ފެބްރުއަރީ 2026
ކޮތަރަށް ޚާއްސަ ޕާކެއް ހަދަންޖެހޭ ، ކޮތަރަށް ކާންދީ ކޮތަރުތަކާއި އެކީ ކުޅެލަން ޚާއްސަ ތަނެއްވެސް އޮންނަންޖެހޭ ،
2 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް