ކަނޑާލަން ނިންމި އެއް ނިކަގަހާއި އޭގެ ކުރިމަތީގައި ހުރި ބައެއް ގެތައް: މިއީ ވިލިމާލޭގައި ހުރި މުހިންމު ގަސްތަކުގެ ތެރެއިން ގަހެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ގަސް ކެނޑުން

ދެ ނިކަގަސް ކަނޑާނުލައި ހޯދޭނެ ހައްލެއް ނެތްތަ؟

ގަހާ ކައިރީގައި ހުރި ބައެއް ގެތަކަށް އޭގެ މޫތަކުގެ ސަބަބުން ގެއްލުންތައް ކުރިމަތިވޭ. ނަމަވެސް ވިލިމާލޭގެ ތިމާވެށީގެ ހިމާޔަތްތެރިން ބުނަނީ ގަސް ކަނޑާނުލައި ހޯދޭނެ ހައްލު ވެސް ހުންނާނެ ކަމަށް

މުހިންމު ނުކުތާތައް

ބައެއް ގޭގޭގެ މީހުން ބުނަނީ ނިކަގަހުގެ މޫތަކުން ފާހާނާތައް ހަލާކުވެ ހޮޅިތައް ބެދިގެން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް

ދެ ގަސް ނަގަން ފެނޭތޯ ބަލަން އަތް ހިއްލައިގެން ވޯޓު ނެގި ގޮތާ މެދު ބައެއް މީހުންގެ ހިތްހަމަނުޖެހުން އެބަ ހުރި

މޫތައް ނުފެތުރޭނެ ގޮތަށް ގަސްތަކުގެ ވަށައިގެން ކޮންކްރީޓް ފަށަލައެއް ލެވިދާނެ ކަމަށް ތިމާވެށީގެ ހިމާޔަތްތެރިން ބުނޭ

ފެރީއަށް އަރަން ދިޔައިރު، ސައިކަލު ޕާކް ކުރާނެ ޖާގައެއް ނުލިބުނެވެ. އެހެންވެ، ފެރީ އެ ކެޓީ އެވެ. ވިލިމާލެ ފެރީ ޓާމިނަލްގައި ދެން އޮތް ފެރީއަށް މަޑުކޮށްލައިގެން ހުރުން ނޫން ގޮތެއް ނެތެވެ.

އިވެމުން ދިޔައީ މާލޭގެ މި ކާރޫބާރޫ މަގުތަކުގެ ހަލަބޮލިކަމުގެ އަޑުތަކެވެ؛ އެއްގަމު އުޅަނދުތަކުގެ ބަރުގޮނު އެޅުމާއި އެތަކެތީގެ ސައިލެންސަރު އެކި ރާގުރާގަށް ގޮވާ ގޮވުންތަކެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުން ނުކުންނަ އަޑުތަކާއި މުދާ އުފުލާ ބަރުކުރުމުގެ މަސައްކަތުގެ އަޑުތަކެވެ.

އެ ހުރިހާ އަޑުތަކުން ސަލާމަތްވެ ހިމޭންކަން އިހުސާސްކުރެވުނީ އޭގެ 20 މިނިޓް ފަހުން، ވިލިމާލެއަށް ދެވުނު ހިސާބުންނެވެ. ހިތަށް ލިބުނީ ފަސޭހަކަމެވެ. 

މާލޭގެ މި އަވަށަށް އަހަރެމެން މި އައީ އެންމެ ބޭނުމެއްގަ އެވެ. މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު މި ރަށުގައި ބޭއްވި ޖަލްސާއެއްގައި އަތް ހިއްލައި، ވޯޓެއް ނެގި އެވެ. އެއީ މި ރަށުގައި ހުރި ގިނަ ދުވަސް ވީ ބޮޑު ދެ ނިކަގަސް ކަނޑާލަން ނުވަތަ ނަގަން ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމުމާ މެދު ބައްދަލުވުމުގައި ތިބި މީހުންގެ ހިޔާލު ހޯދާށެވެ.

ވިލިމާލެ ރައްޔިތުންނާ އެކު ރައީސް މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ދެ ނިކަގަސް ނަގަން ބޭނުންވަނީ ކިތައް މީހުންތޯ ބަލަން ވޯޓަކަށް އައްސަވަނީ (ފޮޓޯ/ ރައީސް އޮފީސް)

އެ ޖަލްސާގައި އެ ވޯޓު ނެގީ އެއީ ހަގީގަތުގައި ވެސް ވިލިމާލޭގެ ރައްޔިތުން އެދޭ ގޮތްތޯ ބެލުމަށެވެ. އެގޮތަށް ރައްޔިތުންގެ ތެރެއިން ބަޔަކު ބޭނުންވާ ސަބަބު އޮޅުންފިލުވުމަށެވެ.

މޫތަކުން، ފާހާނަ ހޮޅިތައް ބެދި ބޮޑެތި ގެއްލުން

ރަށުގެ ހުޅަނގު ފަރާތުގައި އޮތް ހުސް ބިމެއްގައި ހުރި އެއް ނިކަގަހަށް 100 ވަރަކަށް އަހަރު ވެއްޖެ ކަމަށް، ބައެއް މީހުން ބުނެ އެވެ. އެ ގަހުގެ ކުރިމަތީގައި އޮންނަނީ މޫދެވެ. ގަހަށް ވުރެ އެއްގަމުގައި މީހުން ދިރިއުޅޭ ތިން ގެއެއް ހުރެ އެވެ.

ކަނޑާލަން ނިންމި ދެވަނަ ގަސް ހުންނަނީ ފުރަތަމަ ގަސް ހުރި ހިސާބުން ހަތަރު ވަރަކަށް މިނިޓުން ހިނގާލައިފައި ދެވޭ ޕާކެއް ތެރޭގަ އެވެ. ރަށު މީހުން ބުނާ ގޮތުން އެ ގަހަށް 40-50ވަރަަކަށް އަހަރު ވެދާނެ އެވެ. އެ ނިކަގަހާ އިންވެގެން މީހުން ދިރުއުޅޭ އެއްވެސް ގެެއެއް ނެތެވެ. ނަމަވެސް ނިކަގަސް ހުރި ޕާކުގެ އުތުރަށް އޮންނަ ގޯޅިތެރޭ ޓޭކްއަވޭ ކެފޭއަކާއި މީހުން އުޅޭ އަށެއްކަ ގެ ހުރެ އެވެ.  ޕާކުގެ ދެކުނަށް އޮންނަނީ ހުސް ބިމަކާ އެކު މޫދެވެ.

އުމުރުން 70 އަހަރުގެ ފާތުމަތު އަލީއަކީ، 1993ގައި ވިލިމާލޭގައި އެންމެ ފުރަތަމަ އާބާދުވީ މީހުންގެ ތެރޭގައި ހިމެނޭ އެކެކެވެ. ފާތުމަތުގެ 'ބިންފެހިގެ' ހުންނަނީ، އެ ޕާކް ކުރިމަތީގަ އެވެ. އޭނާ ބޭނުންވަނީ އެ ގަސް އެތަނުން ނަގާށެވެ. 

ވިލިމާލެއަކީ ފެހިކަން ގަދަ ހިތްގައިމު ރަށެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެގޮތަށް ބޭނުންވާ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އެ ނިކަގަހުގެ މޫތަކުން ގޭގެ ފާހާނާތަަކާއި ހޮޅިތައް ބެދެނީ އެވެ. ފެން ދައުރުވުން ވެސް ހުއްޓެނީ އެވެ. އެހެންވެ ކޮންމެ ތިން މަހަކުން ސާފުކުރަން ޖެހި، އަތުން ބޮޑު ހަރަދެއް ދެ އެވެ. 

"މޫތައް ހަމަ ފާހާނާ ތެރެއިން އަރަނީ. މިހާރު ވެސް އެބަހުރި އަރާފައި. އެންމެ ފަހުން ވެސް ސާފުކުރިތާ އަދި ނުވާނެ ދެ މަސް. ކޮންމެ ފަހަރަކު މި ޖެހެނީ ބަޔަކަށް 7،000 ރުފިޔާ ދީގެން މީހަކު ލައްވައި ސާފުކުރަން،" ފާތުމަތު ބުންޏެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިކަމަށް ހައްލެއް. އެ ގަހުގެ ބަދަލުގައި އެހެން ގަހެއް އިންދައި ވެސް ދީފާނަން. އަޅުގަނޑުމެން ބޭނުންވަނީ ހަމަ އެތަނުން އެ ގަސް ނަގަން،" އޭނާ ބުންޏެވެ.

ފާތުމަތު ބުނި ގޮތުގައި އެއީ އޭނާގެ އެކަނި އެދުމެއް ނޫނެވެ. އެ ގޯޅި ތެރޭގައި ދިރިއުޅޭ އެންމެންނަށް ވެސް އެ މޫތަކުގެ އުނދަގޫ ފޯރާ ކަމަށް ބުންޏެެވެ.

ބިންފެހިގޭ ކޮޓަރިއެއްގެ ފާހަނާ: މޫތަކުން ލިބޭ ގެއްލުން ރަނގަޅުކުރަން 7،000އެއްހާ ރުފިޔާ ހަރަދު ކުރޭ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

އަވައްޓެރިންގެ ވާހަކަތަކުން އެނގުނު ގޮތުގައި ނިކަގަހުގެ މޫތަކުގެ އުދަނގޫ އެންމެ ބޮޑަށް ޖެހެނީ ބިންފެހި ގެއާ އެކު އެ ގޯޅި ތެރޭގައި ހުންނަ ތިން ގެއަކަށެވެ. ދެން ހުރި ގެތަކަށް ވެސް އެ މޫތަކުގެ ސަބަބުން އުނދަގޫތައް ކުރިމަތިވާ ކަމަށް ވެސް ބައެއް އަވައްޓެރިން ބުނެ އެވެ.

'ކަނޑާލަން ވާނީ އެންމެ ފަހު އޮޕްޝަންއަށް'

އެ ދެ ނިކަގަހުގެ މޫތަކުން ބައެއް ގެތަކަށް ގެއްލުންވާކަމަށް އަހަރެމެންނާ ވާހަކަ ދެއްކި އެންމެން ވެސް އެއްބަސްވެ އެވެ. އެހެންކަމުން ރައްޔިތުންގެ އެ ތަސައްލީއަށް ހައްލެއް ހޯދަައިދޭން ޖެހޭނެ ކަމަށް ވެސް ގަބޫލުކުރެ އެވެ. ނަމަވެސް ދެބަސްވެވެނީ، އެހާ ގިނަ ދުވަސް ވީ ނިކަގަހެއް ކަަނޑާލަން އުޅުމާއި ރައީސް މުއިއްޒު އެކަން ކުރައްވަން އުޅުއްވާ ގޮތާ މެދުގަ އެވެ.

ތިމާވެށީގެ ހިމާޔަތްތެރިން ބުނަނީ މިހާ ރީތި އަދި ގިނަ ދުވަސްވީ ގަސްތައް ކަނޑައިގެން ނުވާނެ ކަމަށް (ދައުރު ފޮޓޯ)

ވޯޓ ުނެގި ޖަލްސާއަށް ދިޔަ ބައެއް މީހުންނަކީ މި ރަށުގައި އުޅޭ ބައެއް ވެސް ނޫން ވާހަކަ ދެއްކި ގިނަ މީހުން ބުންޏެވެ. އެހެންވެ އެގޮތަށް އަތް އުފުލައިގެން ނަގާ ވޯޓަކުން އަސްލު ވިލިމާލޭގެ މީހުން ބޭނުންވާ ގޮތް ނޭނގޭނެ ކަމަށް ވެސް އެމީހުން ބުންޏެވެ.

"އަޅުގަނޑުމެންނަށް ވެސް ބައިވެރިއެއް ނުވެވުނު އެ ބައްދަލުވުމުގައި. އެއީ ދަރިފުޅު ވެސް ނިދާ ވަގުތު ކަމުން އެހާ ކޮންވީނިއަންޓް ގަޑިއަކަށް ނުވި،" މާލޭގައި ހުރި ގެ ހަދަންވެެގެން ކުރު މުއްދަތަކަށް ވިލިމާލެއަށް ބަދަލުވި ގޮތަށް މި ރަށަށް ހިތް ދޫވެގެން އާއިލާއާ އެކު ދިރިއުޅެމުން އަންނަ ނުޒްރަތު ނަޖީބު (ކަމަ) ބުންޏެވެ.

ނުޒްރަތެކޭ އެއްގޮތަށް ވިލިމާލޭގައި އުޅޭ ގިނަ މީހުންގެ ހިތުގައި ގުދުރަތީ ރީތި ކަމަށް ވަރަށް ބޮޑު ލޯތްބެއް އޮވެ އެވެ. މާލޭގެ ހަލަބޮލި މާހައުލުގައި ނޫޅެ، ތިމާ އާއި ތިމާގެ އާއިލާގެ ނަފްސާނީ އަދި ސިއްހީ ދުޅަހެޔޮކަމަށް އެ ވެށި އެ މީހުންނަށް އެހާމެ މުހިންމެވެ. އެއް ގަހުން އަނެއް ގަހުން އަރައި، ކުޑައިިރު އުޅުނު ރަށްފުށު ދިރިއުޅުން، ޅަދަރިންނަށް ހޯދައިދޭން ބޭނުންވާ މީހުންނާ ވެސް ދިމާވެ އެވެ. އެހެންކަމުން އެފަދަ މީހުންނަށް ރައީސް މުއިއްޒުގެ ނިންމެވުން ހިތަށް ކުޅަދާނައެއް ނުވި އެވެ.

"ފުދޭ ވަރަކަށް ދުވަސް ވެފައި ހުރި ގަސްތައް މިއީ. ރިޕްލޭސް ކުރެވޭ ކަހަލަ އެއްޗެއް ނޫން މިއީ. އެހެން ހުރިހާ އޮޕްޝަންތަކެއް ބަލާފައި، އެންމެ ފަހު އޮޕްޝަނަކަށް ވާން ޖެހޭނީ ގަސް ކެނޑުން،" ނުޒްރަތު ބުންޏެވެ.

ކަނޑާލަން ނިންމި ނިކަގަސް ކައިރިން މީހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ)
ގަހެއް މި ގޮތަށް ހެދެން 50 އަހަރު ނަގާ. ކަނޑާލަން އެންމެ 10 މިނިޓް (ދައުރު ފޮޓޯ)

މީގެ ކުރިން ވިލިމާލޭގައި ގަސްތައް ކަނޑެމުގެ ކަންކަން ގޮސްފައި ހުރި ގޮތަށް ބަލާއިރު، ދެ ނިކަގަހަށް ވުރެ ގިނަ ގަސްތައް ނަގުމުގެ ބިރު ވެސް ބައެއް މީހުންގެ އެބަ އޮތެވެ.

"ސިޓީ ކައުންސިލުން ވެސް އެއް ގަސް ކަނޑާލަން ކިޔާފައި، އެއް ގަސް ކަނޑާތަނެއް ނުފެނޭ. އޮޅިގެން އޮންނަނީ 10 ވަރަކަށް ގަސް ކެނޑިފައި. އެއީ އެންމެ ފަހުން ވެސް ކަންވީ ގޮތް. މިހެން ކޮންމެ ފަހަރަކު ގަސް ކަނޑާލާ ނަމަ، އަޅުގަނޑުމެންގެ ދަރިންނަށް އެހާ ދުވަސްވީ ގަސްތައް ނުފެނިދާނެ،" ހަވީރު ވަގުތު ދަރިފުޅާ އެކު ބީޗް ސަރަހައްދުގައި ކުޅެން ގޮސް ހުރި ރާއީ މުނައްވަރު ބުންޏެވެ.

ރާއީ ވިލިމާލޭގައި ދިރިއުޅެމުން އަންނަތާ މިހާރު ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ. އޭނާ ވެސް ގަބޫލުކުރާ ގޮތުގައި ހައްލަކީ، ގަސް ކެނޑުމެއް ނޫނެވެ.

"އެއީ ވަރަށް ދެރަވަރު ނިންމުމެއް. ރައީސުލްޖުމްހޫރިއްޔާ އެކަން ކޮށްގެން ނުވާނެ. ގަހެއް މި ހެދެނީ، 50 އަހަރުން، 60 އަހަރުން. އެ ގަސް ކަނޑާލަން މި ނަގަނީ 10 ވަރަކަށް މިނެޓު،" މިދިއަ 16 އަހަރު ވިލިމާލޭގައި ދިރިއުޅެމުން އަންނަ އަަހުމަދު ރިޔާޒު ބުންޏެވެ.

"ގޯތި މޫވްކޮށްލާފައި ވެސް މުސްތަގުބަލަށް މާ ރަނގަޅު ވާނެ. ގަސް ކެނޑުމެއް ނޫން ހައްލަކީ. ގަސް ކެނޑިޔަސް އެތަނުން ގަސް ފަޅާނެ، މޫ ވެސް ދުވާނެ." 

ގަސް ކަނޑާނުލާ ދެން އޮތީ ކޮން ގޮތެއް؟

ނިކަގަހުގެ އުނދަގުލާ ހެދި ބައެއް މީހުންނަށް ނޫޅެވޭ ހިސާބަށް ދިޔުމުން އެކަމަށް ހައްލެއް ހޯދަައިދޭން ވެސް ޖެހޭނެ އެވެ. ނަމަވެސް ގަސް ކަނޑާނުލާ އެކަން ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ގަސް ކަނޑާނުލާ ނުވަތަ ގަސް އެތަނުން ނުނަގާ، މޫތަކުގެ އުނދަގުލުން އެ އާއިލާތައް ސަލާމަތް ކުރެވޭނެ ހެއްޔެވެ؟ ތިމާވެއްޓަށް ލޯބި ކުރާ އަދި އެ ގަސްތައް އެތަނުން ނެގުމާ ދެކޮޅުހަދާ މީހުން ގަބޫލުކުރާ ގޮތުގައި އެއީ ކުރެވޭނެ ކަމެކެވެ.

ވިލިމާލޭގައި ގަސްތައް ކަނޑާ ގޮތުން ވެސް ބައެއް މީހުންގެ ނުރުހުން ބޮޑު (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ތިމާވެށީގެ ހިމާޔަތުގައި ވަކާލާތު ކުރާ، ވިލިމާލޭގައި ހަރަކާތްތެރިވަމުން ޖަމިއްޔާއެއް ކަމަށްވާ، 'ސޭވް ދަ ބީޗް މޯލްޑިވްސް'ގެ ފައުންޑަރު ހަސަން އަހްމަދު (ބޭބެ) ވިދާޅުވީ ކަނޑާލަން އުޅެނީ ހިމާޔަތްކޮށްފައިވާ ދެ ގަސް ކަމަށެވެ. 

"މުޅި ވިލިނގިލި ރެޕްރެޒެންޓް ކުރާ ވަރުގެ ގަހެއްގެ ވާހަކަ މި ދައްކަނީ. އެންމެ ގިނަ ދުވަސް ވީ ގަހަކީ، ރަށުގެ އެހެން ހުރިހާ ގަސްތަކަށް ހެލްޕްކޮށްދޭ ގަހެއް. ވަރަށް މީނިންފުލް ގަހެއް އަސްލު. ވަރަށް ގިނަ ދުވަހު ހިމާޔަތް ކުރެވިފައި ހުރި ދެ ގަސް މިއީ. މިދިޔަ ހުރިހާ ދުވަހު ނުކެނޑި މިހިރީ ސަބަބަކަށްޓަކައި،" ހަސަން ވިދާޅުވި އެވެ.

އޭނާ ދެއްވި ހިޔާލަކީ:

  • ފުރަތަމަ ކަމަކަށް ގަސް ނުކަނޑާ، ހިމާޔަތް ކުރެވޭނެ ގޮތްތަކެއް ސަރުކާރުން ހޯދުން

  • ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް މޫތައް ފެތުރުން ހުއްޓުވަން ވަށައިގެން ކޮންކްރީޓް ފަށަލައެއް ލުން

ދެ ނިކަގަސް ކަނޑާލަން، ނުވަތަ ނަގަން ސަރުކާރުން ނިންމުމުން ކުރިމަތިވި ފާޑުކިއުންތަކާ އެކު ރައީސް މުއިއްޒު ވަނީ ބަދަލުގައި 300 ގަސް ވިލިމާލޭގައި އިންދާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެހެންވެ މި ރަށުގައި އިތުރު 200 ގަހާ އެކު 500 ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ވަނީ ފަށައިފަ އެވެ. 

ނަމަވެސް ހަސަން އާއި އެ ގަސްތައް ކަނޑަން ދެކޮޅުހަދާ މީހުންގެ އުންމީދަކީ އެ ދެ ގަހުގެ ހިމާޔަތުގައި ހައްލެއް ހޯދައިދިނުމެވެ. އިތުރު ގަސްތަކެއް ވިލިމާލޭގައި އިންދުމަކީ، ދުވަސް ވީ ދެ ގަސް ކަނޑާލަން ނުވަތަ ނަގަން އޮތް ހުއްޖަތެއް ކަމަށް އެމީހުން ގަބޫލެއް ނުކުރެ އެވެ. އެ ދެ ގަސް ހިމާޔަތްކުރަން ބޮޑު ހަރަދެއް ކުރަން ޖެހުނަސް، އެއީ މުސްތަގުބަލަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމީހުން ދެކެ އެވެ.

ކޮމެންޓް (8)

އަހުމަދޭ

2 ޑިސެމްބަރު 2025
ގަސް ކަނޑާލާ. ތީގެން ވާ ފައިދާއެއް ނެތް. ރައްޔިރުންނަށް ގެއްލުން. ތިގަސް ހިމާޔަތް ކުރަން ބޭނުންވާ މީހުންނަށް ހިމާޔަތް ކުރަން ވަނީ ވަރަށް ވަގުތު ދެވިފަ. ގަހުގެ ޝަކުވާ ކުރާތާ މިހާރު ކިތަންމެ އަހަރެއް. އެކަކުވެސް ނޫޅުނު މިކަން ހައްލު ކުރާކަށް.
3 2

އިބްނިކަބީރު

1 ޑިސެމްބަރު 2025
ހައްޖުސޫރަތުގެ ވަނަ އާޔަތުގެމާނަ ހަމަކަށަވަރުން، اللَّه، ބިމުގައިވާހާތަކެއްޗެއް ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިކަމާއި، ކަނޑުގައި ނާފަހަރު ދުވަނީ، އެކަލާނގެ أمر ފުޅާ އެކުގައިކަމާއި، އެކަލާނގެ إذن ފުޅާލައިގެން މެނުވީ، ބިމުގެ މައްޗަށް އުޑު ނުވެއްޓޭގޮތުން ހިފަހައްޓަވާކަން، ތިބާއަށް ނޭނގެނީ ހެއްޔެވެ؟ ހަމަކަށަވަރުން، اللَّه އީ، މީސްތަކުންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
0 0

ސަހަރޯއި

1 ޑިސެމްބަރު 2025
ނިކަގަހަކުން އެކަނިތަ ތިމާވެށި ހިމާޔަތްވަނީ. ގަސްބަހައްޓަން ބޭނުންވާމީހުންގެއަތުން ހަލާކުވާގެތަކުގެ މަރާމާތަށް ހަރަދުދޭގޮތަށް ބަހައްޓާ.
4 1

މަބުނީ

1 ޑިސެމްބަރު 2025
މަށަށް ފެންނަނީ މާލޭ ދަރުމަވަންތަހޮސްޕިޓަލްކައިރީ ނިކަގަހެއް އިންދާ ވިލިމާލެ ނިކަގަހާ ދެގަހުގެ މޫ ގުޅުވައިގެން ތިދޭތެރޭ ބުރިޖުހަދަން. ތިލަމާލެ ބުރިޖަށްވުރެ ރައްކާތެރިވެފަ އަދިވެސް އަވަހަށް ނިމޭނެކަމަށްލަފާކުރެވެނީ. އެހެނީ ނިކަގަހުގަމުލަކީ ވަރަށް ވަރުގަދަވެފަ ފެނަށް ދުވާއެއްޗެއް.
1 1

ހަރި

1 ޑިސެމްބަރު 2025
ތަންތަން ޢިމާރާތް ކުރާއިރު ތިޔަ މުލުން ސަލާމަތްވާނޭ ގޮތަށް ތަންތަން ޢިމާރާތް ކުރާނެ ގޮތް ނެތްތަ؟ ނިކަގަހަށް ހާދަވަރެކޭ ތިބާލަނީ. ގަސް ނުކަނޑާ ވާނެ އެއްވެސް ގޮތެއް ނެތްތަ؟
4 4

މަލުމަތި

1 ޑިސެމްބަރު 2025
ނިކަގަސް ބަހައްޓަން ޖެހޭތަ. ދެ ގަސް ކެނޑީމަ މާބޮޑަށްވެސް ފައިދާހުރި 100 ގަސް އެތާޖެހޭނެ
4 4

ނޯއިޓްއޯލް

1 ޑިސެމްބަރު 2025
@މަލުމަތި ނިކަގަސް ބަހައްޓަންޖެހޭ ތޯ އެއްނޫން އަހަން ޖެހެނީ. ނިކަގަސް ކަނޑަންޖެހޭތޯ އަހަންވީ. އޭގެ ޖަވާބަކީ ނޫނެކޭ. އެއްވެސް ގަހެއް ކެނޑުމުގެ ކުރިން އެހެން އަހަން ޖެހެނީ. އެނޫން ގޮތެެއް ނެތުނީމަ ކަނޑާނީ. މިގަހުން ބައެއް މީހުންނަށް ލިބޭ ގެއްލުމަކީ ގަސް ނުކަނޑާ ހައްލުކުރެވޭނެ ކަމެއް. އަހަރެން މިއީ އެގޯޅީގަ 19 ސުރެ އުޅޭ މީހެއް. މަށެއް ބޭނުމެއް ނޫން އެގަސް ކަނޑާކަށް.
4 2

މުއިއްޒެކޭ ތަފާތެއް ނެތް ނޫސްވެރިޔާ

1 ޑިސެމްބަރު 2025
ހާދަ ތަފާތު ބަޔަކާއޭ ތި ގޮސް ސުވާލުވެސް ކޮށްލީ ރާއީ މުނައްވަރުއާ ނުޒުރަތު ނަޖީބުއާ. ވާވް. ބުނާނެ އެއްޗެއްވެސް ނެތް. ތި މީސް މީހުންނަކީ ބޮޑެތި މަހުޖަނުންގެ ދަރިން. ލަންޑަނުގަ ގެ ހުންނަ މީހުން.
9 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް