ވިލިމާލޭގައި ނަގަން ނިންމި ދެ ނިކަގަހުގެ ތެރެއިން ގަހެއް: ރައީސް ވިދާޅުވީ ދެ ނިކަހުގެ ބަދަލުގައި 300 ގަސް އިންދާނެ ކަމަށް (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

2 ނިކަގަހުގެ ބަދަލުގައި ވިލިމާލޭގައި 300 ގަސް އިންދަން އަންގައިފިން: ރައީސް

ދުވަސްވީ ދެ ނިކަސް ނަގާތީ ނުވަތަ ކަނޑާލާތީ ކިޔާ ފާޑުކިޔުންތަކާ ގުޅިގެން ރައީސް ވަނީ އެ މަނިކުފާނުގެ ނިންމުން ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައި

ވިލިމާލޭގެ ދެ ނިކަގަސް ނެގުމަށް ނިންމާފައިވާތީވެ، އެ އަވަށުގައި 300 ގަސް އިންދުމަށް ތިމާވެއްޓާ ބެހޭ ވަޒީރަށް މިހާރު އަންގަވާފައިވާނެ ކަމަށާއި މި ސަރުކާރަކީ ފެހި ކަމަށް ލޯބި ކުރާ ސަރުކާރެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު ވިލިމާލެގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އެ ތަނުގެ ބައެއް ރަށްވެހިން ވަނީ ދުވަސްވީ ދެ ނިކަގަހެއް ކަނޑާލުމަށް އެދިފަ އެވެ. އަދި އެ ޖަލްސާއަށް ދިޔަ މީހުންގެ މެދުގައި އަތް އުފުލައިގެން ވޯޓެއް ނަގައި އެ ދެ ގަސް ކަނޑާލަން ނިންމެވިކަން ރައީސް އެ ރޭ އިއުލާން ކުރެއްވި އެވެ. އެގޮތުން:

  • ދެ ގަސް ކަނޑާލާތީ ނުވަތަ ނަގާތީ ތިމާވެއްޓަށް ލޯބިކުރާ ބައެއް މީހުންނާއި ވިލިމާލޭގެ ބައެއް ރަށްވެހިން އަދި އާންމުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުން

  • ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ބައެއް ޕޯސްޓުތަކުގައި ރައީސްއަކީ 'ތިމާވެށިގެ ދުޝްމަނެއް'ގެ ގޮތުގައި ވެސް ސިފަކޮށްފައިވޭ

  • އެކަންކަމާ ގުޅިގެން ރައީސްގެ ނިންމެވުން ދިފާއު ކުރައްވައި އެ މަނިކުފާނު ވާހަކަ ދެއްކެވީ ރޭ މައްޗަންގޮޅި ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވިލިމާލެ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ނިކަގަސް ނަގަން ބޭނުންވާ މީހުން އަތް ހިއްލުމަށް ރައީސް އެދިވަޑައިގަތުމުން ޖަލްސާގެ ބައިވެރިން އަތް ހިއްލައިގެން: ރައީސް ވިދާޅުވީ ގާތްގަނޑަކަށް އިއްތިފާގުން ފާސްވީ ގަސް ނަގަން ކަމަށް. (ފޮޓޯ/ ރައީސް އޮފީސް)

ބުނީ ކީކޭ؟ - "ގަސް ކެނޑުމާ މިކަންކަމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. ތަނެއްގެ ޒަރޫރީ ބޭނުމަކަށް، އިންސާނީ ދިރިއުޅުމަށް އުދަނގޫވާ ކަމުގައިވާ ނަމަ، އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން [އަދި] ގާނޫނީ ގޮތުން ވެސް އިޖުރާތްއް ފުރިހަމަ ކުރެވިގެން އެ ގަހެއް އެ ތަނުން ނެގުމަކީ އެއީ ގަސް އިންދި އިންދުމާ ދެކޮޅު ހެދުމެއް ނޫން،" އަމީނިއްޔާ ސްކޫލްގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ. 

ތަފްސީލު - ރައީސް ވިދާޅުވީ މި ސަރުކާރަކީ ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާށީގެ މުހިންމުކަން ގަބޫލު ކުރާ ސަރުކާރެއް ކަމަށެވެ. އެ ވާހަކަ ރައްޔިތުން ގަބޫލު ކުރުމަށް އެ މަނިކުފާނު ދެއްކެވި މިސާލަކީ މި ސަރުކާރުގެ ފަސް އަހަރު ތެރޭ ފަސް މިލިއަން އިންދުމުގެ މަޝްރޫއަށެވެ. އަދި ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި 300 ގަސް އިންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއް ގަސް ނަގައިފިއްޔާ މަދުވެގެން ތިން ގަސް ޖަހަން ޖެހޭނެ. މިހާރު ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި، އަޅުގަނޑު އޮންނާނީ އެންވަޔަރަމެންޓް މިނިސްޓަރަށް ދަންނަވާފައި މުޅި ވިލިމާލޭގައި މަދުވެގެން 300 ގަސް ޖަހަން ވާނެއޭ، މަދުވެގެން 300 ގަސް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ފެހިކަމަށް ލޯބި ކުރާ، ގަސްތަކަށް ލޯބި ކުރާ ބައެއް."

ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އެ އެންގެވުމާ އެއްގޮތަށް މިނިސްޓްރީން މިހާރު ވިލިމާލޭގައި 300 ގަސް އިންދުމުގެ ޕްރޮގްރާމް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ:

  • ފަސް މިލިއަން ގަސް ފަސް އަހަރު ތެރޭ އިންދުމަކީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކުރި ކަމެއް ނޫން

  • އެ ވައުދު ފުއްދުމަށްޓަކައި މިހާރު ގާތްގަނޑަކަށް އެއް މިލިއަން ގަސް އިންދިއްޖެ

  • ކުރިއަށް މި އޮތް ތިން އަހަރު ތެރޭ ސްޕީޑް އަވަސްކޮށްލައިގައި އަމާޒު ހާސިލުކުރުމަށް ތިން މިލިއަން ގަސް އިންދާނަން؛ ހަ މިލިއަން ގަސް ދޭން އެކި ފަރާތްކުން އެއްބަސްވެފައިވޭ

ރައީސް ވިދާޅުވީ ދެމެހެއްޓެނި ތަރައްގީ ހާސިލުކުރުމަށް އިއާދަކުރަނިވި ހަކަތައަށް އިންވެސްޓު ކުރަމަކީ ވެސް މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

އެގޮތުގެ މަތިން ވައުދުވެފައިވާ ގޮތަށް ރާއްޖޭގެ ކަރަންޓުގެ %33އަކީ 2028 އަންނަ އަހަރު އިއާދަކުރަނިވި ހަކަތަ ކަމަށް ހަދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ކަރަންޓު އުފެއްދުމަށް ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ބޮޑު ހަރަދުން %33 ސަލާމަތް ކުރެވި، ރައްޔިތުންގެ އެހެން ބޭނުންތަކަށް އެ ފައިސާ ހަރަދު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (2)

ތެފައާސާ.

26 ނޮވެމްބަރު 2025
މިއީ މި ދައްކާ ވާހަކައަކީ. ގަސްކެނޑުމާއި ދެކޮޅު ނޫންނަމަ، ތިޔަ ބުނާ 300 ގަސް އިންދާ ވާހަކަ ދައްކަންވާނީ، ގަސް ކަނޑަން ވޯޓު ނަގައި އިއުލާންކޮށް އެކަމާއި ދެކޮޅަށް މީހުން ވާހަކަ ދައްކައި ކަންބޮޑުވެގެން އުޅެގަތީމަކާއެއްނޫން. 2 ގަސް ކަނޑަން އަތް އުުފުލައިގެން ވޯޓު ނެގި ދުވަހުވެސް ތިޔަ 300 ގަހެއްގެ ވާހަކަ އިއުލާންކޮށް އެވާހަކަ ދެއްކުނީސް. އެކަމަކު އޭގެ މާ ފަހަކުން ތިޔަ 300 ގަހެއްގެ ވާހަކަ ދެއްކީމާ މި އެނގެނީ ތިޔަކީ ހެޔޮ ނިޔަތުގައި ތިމާވެއްޓަށް ލޯތްބެއް އޮވެގެން ދައްކާ ވާހަކައަކަށްވުރެ، ބައެއްގެ ނުރުހުން އަމާޒުވެގެން ޑެމޭޖު ކޮންޓްރޯލް ކުރަން ދައްކާ ވާހަކައެއްކަން.
10 0

ލޯމާފާނު

26 ނޮވެމްބަރު 2025
ނިކަގަސް ކަނޑާނުލާ ތިޔަ ތަރައްޤީ ގެނެވޭނެ ގޮތެއް ހަމަނެތީތަ؟ ނިކަގަހާއި އެކު ޑިސައިން ޕުލޭން ނުހެދެނީތަ؟ ނިކަގަސް އެއްކޮށް ކަނޑަން ޖެހޭތަ؟ ބައެއް ކަނޑައި ދެން އެއާ އެކީ ޕުލޭން ހެދިއްޖެއްޔާ ކިހާ ރަނގަޅު. މިކަމުގެ ބުއްދިއެއް ވިސްނުމެއް ފިކުރެއް ނެތީ؟
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް