ވަގަށް އެތެރެކުރި ތަނުން ކަސްޓަމްސްއިން އަތުލައިގަތް ސިނގިރޭޓް ކޭސްތައް: މި ހުރިހާ އެއްޗެއް މިހާރު ވަނީ ވަގަށް ގެންގޮސްފައި (ފޮޓޯ/ ކަސްޓަމްސް

1،360 ކޭސް ސިނގިރޭޓް ވަގަށް އެ ބޭރުކުރީ ހިލަމެއް ވެސް ނެތި؟

މައުލޫމާތު އެނގޭ ބައެއް މީހުން ބުނާ ގޮތުގައި އެވަރުގެ ބޮޑު ވައްކަމެއް ކަސްޓަމްސް އާއި އެމްޕީއެލްގެ އެތެރެއިން ރޭވިގެން ނޫނީ ވިޔަފާރި ބަނދަރުގައި ނުހިންގޭނެ
12 އޮކްޓޯބަރު 2025
9

ކީކޭ؟ ދެ ކޮންޓޭނަރުގެ ސިނގިރޭޓް ވަގަށް ނެގީއޭ؟ ކިހިނެއް؟ ނުވާނެ ތެދަކަށް؟

ނޫނެކެވެ. އެއީ ތެދެކެވެ. ގަބޫލުނުކުރެވިގެން ބޯހޫރުވުމުގެ ބޭނުމެއް ނެތެވެ. ގައުމުގައި ވައްކަން އޮތް މިންވަރާއި އެ ވައްކަމުގައި ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާކަން ހިތުގެ އަޑިން ގަބޫލުކޮށްލަމާ ހިނގާށެވެ.

ހުޅުމާލޭގައި ހުންނަ އެމްޕީއެލްގެ ބަނދަރުގައި، ކަސްޓަމްސްއިން ވަކި ގޮތެއް އަންގަންދެން ހުސްނުކުރެވޭ ގޮތަށް، 40 ފޫޓުގެ ދެ ކޮންޓޭނަރު ބަހައްޓާފައި ހުއްޓެވެ. އޭގެ ތެރޭގައި ހުރީ ވަގަށް އެތެރެކުރަނިކޮށް އަތުލައިގަތް 1،360 ކޭސް ސިނގިރޭޓެވެ.

މި ބޮޑު މަކަރު ފަޅާއަރައިގެން ކަސްޓަމްސްއިން އެ އެއްޗެހި ހިފެހެއްޓީ  މި އަހަރުގެ 26 އެޕްރީލްގަ އެވެ. އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ދެ ކޮންޓޭނަރު ބެހެއްޓީ އޭގެ ތަހުގީގު ނިމި، ކަސްޓަމްސްއިން ވަކި ފިޔަވަޅެއް އަޅަންދެނެވެ.

ނަމަވެސް މިދިއަ ބުރާސްދުވަހު އެމްޕީއެލްއިން ބުނީ ދެ ކޮންޓޭނަރުގައި ހުރި ސިނގިރޭޓްތައް ގެއްލިއްޖެ ކަމަށެވެ. އެއީ ނުބައި ބުނުމެކެވެ. ގެއްލުނީއެއް ނޫނެެވެ. ވަގަށް ނެގީ އެވެ. ބޮޑު އޮޅުވާލުމެއްގެ ތެރެއިން ބަނދަރުން ނެރެގެން ވަގަށް ގެންދިޔައީ އެވެ.

އެތެރެއިން ރާވައިގެން ނޫނީ މިވަރުގެ ކަމެއް ނުކުރެވޭނެ

މިއީ ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީގެ ނަމުގައި އެތެރެކުރި ކޮންޓޭނަރުތަކެއްގެ ތެރޭގައި ހިމެނުނު ދެ ކޮންޓޭނަރެވެ. އެކަމަކު މި ބޮޑު ހީލަތުގެ ހަގީގަތް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ހާމައެއްނުކުރެ އެވެ. ތަހުގީގު ކުރިއަށްދާތާ ހަ މަސް ވަނީ އެވެ. 

މާލޭގެ ވިޔަފާރި ބަނދަރުގައި ކަންކަން ހަމަޖެހިފައި ހުންނަ ގޮތް އެނގޭ ބައެއް މީހުން ބުނީ އެހާ ގިނަ މުދާ ބަނދަރުން ވަގަށް ބޭރުކުރެވޭނެ އޮންނާނީ އެންމެ ގޮތެއް ކަމަށެވެ: އެމްޕީއެލް އާއި ކަސްޓަމްސްގެ އެތެރެއިން ރާވައިގެން އެކަން ހިންގުމެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓްތަކެއް ކަސްޓަމްސްގެ އޮފިސަރަކު ދައްކާލަނީ (ފޮޓޯ/ކަސްޓަމްސް)

އެމްޕީއެލްގެ ވިޔަފާރި ބަނދަރުތަކުގެ ސަލާމަތީ ކަންކަން އެނގޭ މީހަކު، ނަން ނުޖަހާ ގޮތަށް ބުނީ، ބަނދަރުގެ ހުރިހާ ކަމެއް ފެންނަ ގޮތަށް ސީސީޓީވީ ހަރުކޮށްފައި ހުންނަ ކަމަށެވެ.

"ދޮރުން އެތެރެއަށް ވަނުމާ އެކު އެ މީހަކު އުޅޭ ގޮތް އެ ކެމެރާތަކަށް ނާރައެއް ނުހުންނާނެ،" ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ދެން ކީއްވެގެންހޭ ދެ ކޮންޓޭނަރު ކަނޑައިގެން އެ ކޭސްތައް ބޭރުކުރި އިރު ކެމެރާއަށް ނާރަންވީ؟"

ދެ ކޮންޓޭނަރު ހުރި ސަރަހައްދުގެ ކެމެރާތައް އެވަގުތު ނިއްވާލުމަކީ އެންމެ ކައިރި ގޮތެވެ.

މި ސިނގިރޭޓް ޝިޕްމަންޓްގެ ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ ޖެހެ އެވެ. މިހާ ބޮޑު ޝިޕްމެންޓެއް ވަގަށް ބޭރުކުރުމުގެ އޮޕަރޭޝަންގައި އެމްޕީއެލް އާއި ކަސްޓަމްސްގެ އެތެރެއިން އެހީތެރިކަން ނެތިއެއް ނުދާނެ އެވެ. އެހެންކަމުން މިއީ ދައުލަތުގެ ބޮޑު ދެ އިދާރާއެއްގެ އެތެރޭގެ ހިޔާނާތް މި ވަގުތުން ފެށިގެން ވެސް ބަލަން ދައުލަތުގެ ވެރިންގެ މައްޗަށް ލާޒިމްވާ ބޮޑު ވައްކަމެކެވެ.

ސިނގިރޭޓްތައް ގެއްލުނީ ކޮން އިރަކު؟

މިއީ އަދި ޖަވާބެއް ނެތް ސުވާލެކެވެ. މިހާތަނަށް އެމްޕީއެލްއިން ބުނީ ސިނގިރޭޓް 'ގެއްލުނު' މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެމްޕީއެލްގެ އިތުރުން ފުލުހުން ވެސް ތަހުގީގެއް އެބަ ހިންގަ އެވެ.

މިހާތަނަށް އަރާފައި ހުރި އަޑުތަކަށް ބަލާާއިރު އެ ވައްކަން ކުރި ބަޔަކު އެއް ކޮންޓޭނަރުގެ އެެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފޮޓޯގަނޑެއް ހަރުކުރި އެވެ. އެއީ އެމަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ޖެހުނު މައްސަލަގަނޑުގައި ޕީޕީއެމް އޮފީސް ހުސްކުރި އިރު ނެގި ފޮޓޯއެކެވެ. މައުމޫނަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަސްތައް ފާރުގައި ލިއެފައި ހުއްޓެވެ. އެއިން ފާރެއްގެ ކައިރީގައި ހުންނަވަނިކޮށް ނެގި ފޮޓޯގަނޑުގެ ކޮޕީއެއް ކޮންޓޭނަރުގެ އެތެރޭގައި ތަތްކުރުމުގެ މާނައަކީ 'ކަލޭމެން ދެން ބށ' ބުނުމެވެ. އެހެން ގޮތަކަށް ސިފަކުރާ ނަމަ ދައުލަތުގެ އިދާރާތަކަށް ވަގުން ގޮން ވެސް ޖެހީ އެވެ.

ސިނގިރޭޓްތައް ގެއްލުނީ ކޮން އިރަކުކަން އެނގޭ ބަޔަކު ނެތެވެ. ދެ ކޮންޓޭނަރު ޗެކްކުރީ، ބައެއް އަޑުތަކަށް ބުރަވާ ނަމަ، އޭގައި އެއްވެސް އެއްޗެއް މިހާރު ނުހުންނާނެ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ލޮރީގައި ބަނދަރުން ބޭރުކުރެވިދާނެތަ؟

މި ދައްކަނީ ކޮތަޅަކަށް އަޅައިގެން އެއްޗެއް ނެރޭ ވާހަކައެއް ނޫނެވެ. ދެ ކޮންޓޭނަރުގައި އެ ހުރީ 1،360 ކޭހެވެ. އެއީ އޭރު ކަސްޓަމްސް ބުނި ގޮތުގައި ޖުމްލަ 13.6 މިލިއަން ސިނގިރޭޓެވެ.

މިވަރުގެ ގިނަ މުދާތަކެއް ލޮރީއެއްގައި ބަނދަރުން ނެރެން ފުދޭވަރަކަށް ގިނަ މީހުންނާއި މަދުވެގެން ހަތަރު ވަރަކަށް ލޮރީ ވެސް ބޭނުންވެ އެވެ. މީހުންނާއި ތަކެތި ގިނަވި ވަރަކަށް ފަޅާއެރުން ކައިރި އެވެ. އަނެއްކާ މައި ގޭޓުން އެގޮތަށް ނެރުމަކީ ވެސް އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެހެންކަމުން 'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުން ބުރަވަނީ  ދޯންޏަކަށް އަރުވައިގެން ބޭރުކުރުން މާ ފަސޭހަވާނެ ކަމަށެވެ.

"އޭރުން އެހާ ގިނަ ބަޔަކު ބޭނުމެއް ނުވާނެ ހުސްކުރާކަށް ވެސް. ފަސޭހައިން އެކަން ކޮށްލެވޭނީ އެހެން ކަމަށް ފެންނަނީ،" އެކަކު ބުންޏެވެ.

މި ސިނގިރޭޓް ކޭސްތަކުގެ ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާ (ފޮޓޯ/ ކަސްޓަމްސް

ނަމަވެސް އޭރުން ވެސް ކޮންޓޭނަރު ހުޅުވުމާއި އެއިން ސިނގިރޭޓް ކޭސްތައް ނަގާއިރު ކަސްޓަމްސް އާއި އެމްޕީއެލްގެ ކޮންމެވެސް ބަޔަކު ތިބޭނެ ކަމަށް ބަލަމާ ހިނގާށެވެ.  ކަސްޓަމްސްގެ މީހަކު ނެތި އެ އެއްޗެހި ހުޅުވިގެން ނުވާނެ އެވެ. 

ބައެއް މީޑިއާތަކަށް ކަސްޓަމްސްއިން ބުނެފައި ވަނީ ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށެވެ.

"ތަހުގީގު އަދިވެސް ކުރިއަށް ދަނީ. އޭގެ ތެެރެއިން ބައެއް ކަންކަން މިހާރު ވާނީ ޕީޖީއާ ހަމައިގައި،" ކަސްޓަމްސްގެ އޮފިޝަލަކާ ހަވާލާދީ 'މިހާރު'އިން ލިއުނެވެ.

އެހެންކަމުން ތަހުގީގު މުޅިން ނިންމައި، އެއާ މެދު ވަކި ގޮތެއް ކަނޑައެޅެންދެން އެ ދެ ކޮންޓޭނަރު ހުޅުވިގެން ނުވާނެ އެވެ. އެކަމަކު އެ އޮތީ ހުޅުވައިގެން ހުސްކޮށްފަ އެވެ.

ފުލުހުންނާއި ކަސްޓަމްސް އާއި އެމްޕީއެލްއިން ޖަވާބުދާރީވާން ޖެހޭނެ

މިހާ ބޮޑު ވައްކަމަކާ ބެހޭ ގޮތުން ރައްޔިތުންނަށް ޖަވާބުދާރީ ނުވެ ކަސްޓަމްްސް އާއި އެމްޕީއެލް އާއި ފުލުހުން ތިބެގެން ނުވާނެ އެވެ. އަނެއްކޮޅުން އަޑިއަޑިން މިކަން ހިންދާލުމުގެ ފުރުސަތު، މީޑިއާތަކުން ދީގެން ވެސް ނުވާނެ އެވެ. އެ ތިން އިދާރާގެ ވެރިން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ، އެ ވައްކަމުގެ ހުރިހާ މައުލޫމާތެއް ހިއްސާކުރަން މަޖުބޫރުކުރަން އެބަ ޖެހެ އެވެ. އެހެން ނޫނީ މިކަހަލަ ބޮޑެތި ވައްކަމާއި މަކަރާއި ހީލަތާއި ހިޔާނާތުގެ ތެރޭގައި އެ އިދާރާތައް އަތުނުވާ ހިސާބަށް ހިނގައިދާނެ އެވެ. ނޫނީ މިހާރު ވެސް އެ އޮތީ ގޮސްފަ އެވެ.

މި ރިޕޯޓް ފަށަމުން ބުނިގޮތަށް ދެ ކޮންޓޭނަރުގެ ސިނގިރޭޓް ވަގަށް ގެންދިޔަ ހަބަރާ އެކު ބައެއް މީހުންނަށް ހައިރާންކަން ލިބުން ކައިރި އެވެ. ނަމަވެސް މި ގައުމުގައި ވައްކަން އާންމުވަމުންދާ ނިސްބަތަށް ބަލާއިރު އެކަހަލަ ހަބަރެއް އިވިގެން ހައިރާންނުވާށެވެ. އޭގެ ބަދަލުގައި ވަގުންނަށް އެ ފުރުސަތު ލިބުމާއި އެކަންކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު ނޭޅުމާއި އިދާރާތަކުގެ ވެރިންގެ ނާގާބިލްކަމާ މެދު ހިތާމަކުރަމާ ހިނގާށެވެ.

ކޮމެންޓް (9)

އިބިރަހިމާ

12 އޮކްޓޯބަރު 2025
އަދިވެސް އުމަރާ ގައުމު ހަވާލު ކުރާކަށް ނުވޭތަ؟
2 0

ޢުމަރު

14 އޮކްޓޯބަރު 2025
@އިބިރަހިމާ ޢުމަރު ޓީމުގައި ހުރީ އޭނާއެކަނި. ޢުމަރާއެކު ވަރުގަދަ ޓީމެއް ދައްކަބަލަ.
0 0

ވެންޓިސިގިރެޓު

12 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ނުލިބިގެން އަނބުރާ ހޯދަން އިހަށް ދުވަހު ހުކުމް ކުރީ 37 މިލިއަން ރުފިޔާ. މިއީ 122 މިލިއަން ރުފިޔާގެ އާމްދަނީ ވަގަށް ނެގީ. މިއީ ބޮޑު ވައްކަމެއް.
4 0

ސިކުނޑި

15 އޮކްޓޯބަރު 2025
@ވެންޓިސިގިރެޓު ގާނޫނާ ޚިލާފަށް އެތެރެކުރި އެއްޗަކުން ދައްކަންޖެހޭ ޑިއުޓީއެއް ނޯންނާނެ! މިރާއްޖޭގައި ގާނޫނެއް ގަވައިދެއް ހިނގާތަ؟ ރައީސްގެ ކަމަކީ، ރަށްރަށައި އަރައި ދޮގު ވައުދުތައްވުން! ކޮންމެ ކަމެއް އެ ބުނަނީ އިރާދަކުރެއްވިޔާއޭ ކިޔާފަ!
0 0

ފުއާދު

12 އޮކްޓޯބަރު 2025
ދައުރު ނޫސް ހުން ތިކުރާ މަސައްކަތަށް ތައުރީފު ހައްގު މިކަން ކުރި މީހުން އެގެންދެން އެންމެ ތަންކޮޅެއްވެސް ދުދިނުމެއް ނެތި ގައުމުގެ ހައްގުގައި މިކަން ކުރުން މުހިއްމު
11 0

ތެފައާސާ.

12 އޮކްޓޯބަރު 2025
ރައީސްގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދު ލިބެންދެން އިދާރާތަކުގެ ވެރިން ހަނުތިބީކަމަށް ވެދާނެ. އެ ލިބުނުހާއަވަހަކަށް ހުރިހާ ގަލެއް ފުރޮޅައި ތަހުގީގު ފައްޓާނެ. ދެން އެ ތަހުގީގު ދުނިޔެ ދެމިއޮތްހާހިނދަކު ކުރިއަށް ދާނެ. އެ ނިމުނީ!!
11 0

ސޮރު

12 އޮކްޓޯބަރު 2025
މިހުރީ މިޤައުމުގައި އިންސްޓިޓިއުޝަން ތަކުގެ ޙާލަތު، މިވަރުން އޮތީ ކޮންރައްކާތެރިކަމެއް؟
10 0

ސޭމް ސޭމް

12 އޮކްޓޯބަރު 2025
ނާސިރުގެ ދައުރުގަ ވެލާނާގޭ ފެންޑާ މަތީގަ ދައުލަތުގެ ތިޖޫރީ ބަހައްޓައިގެން ރުއްސަވާ ބޭފުޅުން ބޭނުން ކުރީ. މައުމޫނު ވެރިކަމުގަ މަސް ކުންފުންޏާ އެއާ މޯލްޑިވްސްއަށް ކިހިނެއްވީ. ކޮބާ އެމީހުން. ހުކުމެއް އައިތަ؟ ރައްޔިތުމީހާއަށް ގޯއްޗެއް ދޭނެ ބިމެއް ނެތިގެން އުޅޭއިރު އަނބިކަނބަލުންގެ ބޭބޭފުޅުގެ ނަމުގަ ކިތައް ގޯތި އެބައޮތްތޯ މި ފުރަމާލޭގަ؟ ނަޝީދުގެ ވެރިކަމުގެ އިސްތިހާރު ކުޅުނު މަންޖެމެންނަށްވެސް ރަށްތައް ބަހާލީ. ޔާމީން ވެރިކަމުގެ ވާހަކަ ނުދައްކާ. އެއްބޭފުޅަކު ބިލިއަނުން ނަންގަވައިގެން ސިޔާސީ ޑީލުގެ ދަށުން ދުބާއީއާ ވިލާތުގަ އެ އުޅުއްވަނީ. އިބޫ ވެރިކަމުގެ އެއްބާބު އެނިކުތީ އިހަށް ދުވަހު އޮޑިޓް ރިޕޯޓާއެކު. ވެރިކަން ނިމެން ކައިރިވީމަ ކޮންފަދަ ނުއަގުގަތޯ ފޭސް 2 ފޮތިފޮތިކޮށްފަ ޕާޓީ ބޭފުޅުންނަށް ބަހާލީ. މިވެރިކަމުގެވެސް ހަމަ އެހެން އެބުނާ މައިކަކާ ދެންވެސް ޖެހުނު ބަޔަކު ހަމަ ކަނީ ހަމަ ކަނީ. ސޭމް ސައިކަލް ވިތް ޑިފްރަންޓެ ލީޑާސް.
9 0

ޖުމޭ

12 އޮކްޓޯބަރު 2025
ހަބަރަކީ ހިތި އެއްޗެކެވެ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް