ފެނަކައިން ލ. މާވަށަށް އާ އިންޖީނެއް ގެންގޮސް ބެހެއްޓުމުގެ މަސައްކަތް ކުރަނީ: ފެނަކައިގެ ތެރޭގައި ހިޔާނާތް އޮތީ މޫލާފައި (ފޮޓޯ/ފެނަކަ)
ފެނަކަ އުވާލުން ނޫން ގޮތެއް ނެތް
ފެނަކައަކީ އޭރަކު އޮންނަ ސަރުކާރަކާ ގުޅިފައި ތިބޭ އެތައް ބަޔަކު ނާޖާއިޒު ފައިދާ ހޯދަން ބޭނުންކުރާ ދައުލަތުގެ މުދަލެކެވެ. އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން އެކަން އެ އޮތީ ފެންނާށެވެ. އެމްޑީޕީ ސަރުކާރުން އެތަން ހިންގި އިރު، އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، ފެނަކައިން 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ ދައުލަތުން ކަނޑައަޅާފައި އޮންނަ އުސޫލާ ހިލާފަށް، މަޝްރޫއުތައް ދިނުމާއި މުދާ ގަތުމަށެވެ.
ރައީސް މުހައްމަދު މުއިއްޒު އަޑަށް ބާރުލައްވާފައި އެ ވިދާޅުވަނީ އެ ހިޔާނާތުގެ މައްސަލަތައް ބަލަން ކަމާ ބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.
"އޭގައި [އޮޑިޓް ރިޕޯޓުގައި] އެ އޮތީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަންކޮށްފައިވާ ކަމަށް. ދެން މިކަމުގައި ފުލުހުންގެ އިދާރާއިން ކުރަން ޖެހޭ ކަންކަން ފަަށައިފި. އެއީ، އަޅުގަނޑުމެންނަށް ބެލެން ހުންނާނެ ކަަންކަން. އަޅުގަނޑުމެން އަންގައިފިން އޭސީސީއަށް ވެސް، އަޅުގަނޑުމެން އަންގައިފިން ޕްރޮސެކިއުޓާ ޖެނެރަލްއަށް ވެސް، އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން އެންގޭނެ މިންވަރަށް އަންގައިފިން [ފެނަކައިގެ އޮޑިޓް ރިޕޯޓާ ގުޅިގެން] މިކަން އަވަސް ކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފެނަކައިގެ ބިތުފަންގި ނެގުމުން ފެނުނު ބޮޑެތި މައްސަލަތަކުން، ކުރިން ވެސް އެކަން އޮންނާނީ އެހެންކަން އެނގޭ މީހުން، ހައިރާނެއް ނުވާނެ އެވެ. ރައީސް މުއިއްޒު ވެސް ހައިރާންވެވަޑައެއް ނުގަންނަވާނެ އެވެ.
ސިޔާސީ ހިޔާލު ތަފާތުން ބޮޑުވެ، މި ސަރުކާރުގެ ހިޔާނާތުގެ އެތައް މައްސަލައެއް ވެސް ތިލަވަމުން ދާ އިރު، ފެނަކައިގެ އޮޑިޓް ރިޕޯޓަކީ އެމްޑީޕީއާ މެދު ހިތްހަމަނުޖެހުން ބޮޑުކޮށްދޭން ސަރުކާރަށް ލިބޭ ފުރުސަތެކެވެ. އެކަމަކު ރައީސް މުއިއްޒުގެ ޒިންމާ އެއަށް ވުރެ އަދި މާ ބޮޑުވެ އެވެ. ހިޔާނާތް ހިންގި މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ޒިންމާގެ އެއް ބަ އެވެ. އަނެއް ބަޔަކީ މި ސަރުކާރުގެ މައްޗަށް ކުރާ ތުހުމަތުތައް ވެސް ބަލައި، ހިޔާނާތް ހުއްޓުވަން މަސައްކަތްކުރައްވާކަށް ރައްޔިތުންނަށް ދެއްކެވުމެވެ. ސުވާލަކީ އެކަން ކުރައްވާ ހެއްޔެވެ؟ ޖަވާބަކީ ނޫނެކޭ އެވެ.
މިސާލެއް ނަގަމާ ހެއްޔެވެ. ފެނަކައިގެ ވައްކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ރޭ ޕީއެސްއެމްއަށް ސަރުކާރުގެ ފަރާތުން އެރުވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އެއީ ރައީސް މުއިއްޒަށް އެނގިވަޑައިނުގެން ހިނގި ކަމެއް ހެއްޔެވެ؟ އެ ޕްރޮގްރާމަށް ޝުޖާއު އެރުވުން މައްސަލައަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބު ވަރަށް ކުރެވެ. ފުރަތަމަ ސުވާލުގެ ޖަވާބަކީ ރައީސަށް އެނގިވަޑައިނުގަތުން ވަރަށް ދުރުކަމެވެ. ދަވަނަ ސުވާލުގެ ޖަވާބަކީ ޝުޖާއުއަށް އެ ފުރުސަތު ދިނުމަކީ ހިޔާނާތާއި ވައްކަން މި ސަރުކާރުން އެ ނަގަނީ ޖޯކެއްގެ ގޮތަށް ކަމެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ރައީސް މުއިއްޒު ކުރެއްވި ރަސްމިއްޔާތުގެ ސްޓޭޖާއި ސައުންޑާއި ލައިޓިން ފަދަ ކަންކަން ޝުޖާއުގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ އޮފިޝަލް އިވެންޓްސްއަށް ދިން ގޮތަކީ ހިޔާނާތުގެ ބޮޑު އަމަލެކެވެ. މަކަރާއި ހީލާތެވެ. ރަސްމީ ބިޑަކަށް ނުދާންވެގެން އެ މަސައްކަތް ހަވާލުކުރީ ސިފައިންގެ ސިވެކްއާ އެވެ. ސިވެކްއިން އެ މަސައްކަތްތައް ކުރުވީ އޮފިޝަލް އިވެންޓްސް އާއި ޝުޖާއުގެ ރައްޓެހިންނާއި އާއިލީ މީހުން ހިމެނޭ އެކި ކުންފުނިތައް ލައްވަ އެވެ. އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން ރުފިޔާ ދިނެވެ.
އެ ރަސްމިއްޔާތަށް ތަން ތައްޔާރުކުރަން 23 މިލިއަން ރުފިޔާއަށް ސިވެކްއާ ހަވާލުކުރީ ޝުޖާއުގެ ކުންފުނިތަކަށް، ބިޑަކަށް ނުގޮސް، މަސައްކަތް ދޭންކަން އެ އޮތީ ފެންނާށެވެ. މިއީ ގާނޫނު ހިނގާ ގައުމެއް ނަމަ ސިވެކްގެ ވެރިންނާއި އޮފިޝަލް އިވެންޓްސްއާ ދެކޮޅަށް ވެސް ފިޔަވަޅު އެޅޭނެހާ ސާފު މައްސަލައެކެވެ. ނަމަވެސް އެކަން ކުރުމުގެ ބަދަލުގައި ސަރުކާރުން ވައްކަމާއި ހިޔާނާތާ ދެކޮޅަށް ވާހަކަ ދައްކަވަން ޕީއެސްއެމްއަށް އެ އެރުވީ ޝުޖާއު އެވެ.
ސަރުކާރުގެ އެކި ވެރިން، އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވެސް ހިމެނޭ ގޮތަށް، ހިޔާނާތުގެ އަމަލްތައް ހިންގަނީ ކިހާ ވަރަކަށްތޯ ބަލަން ފުލުހުންނަށާއި އޭސީސީއަށް މިހާރު ވެސް ހަވާލުކުރެވެން އެބަ އޮތެވެ. މިސާލަކަށް ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބުކުރެއްވުމާ އެކު ދުބާއީ ކަހަލަ ތަންތަނުގައި ކުންފުނިތައް ހެދީ ސަރުކާރުގެ ކޮން ބައެއްތޯ ބެލުމެވެ. އެ ކުންފުނިތަކަށް މިހާތަނަށް ސަރުކާރުން މުދާ ގަންނަން ހަވާލުކޮށްފައި އޮތްތޯ ވެސް ބެލުމެވެ. ސިޔާސީ ޒިންމާއެއް އޮތް މީހެއް ނަމަ ކުންފުނި ހަދާފައި ހުންނާނީ ތިމާގެ ކޮންމެވެސް މީހެއް ނުވަތަ ރައްޓެއްސެއްގެ ނަމުގަ އެވެ. ދައުލަތުގެ އިދާރާތަކުގައި ހިތްވަރެއް ހުރި ނަމަ ސަރުކާރުގެ ތެރެއިން ވައްކަން ކުރާ ގޮތާއި އޭގެ ތަފުސީލުތައް ދެނެގަތުން އުނދަގުލެއް ނުވާނެ އެވެ.
ހިޔާނާތާ ރައީސް މުއިއްޒު ދެކޮޅުކަން ދައްކަވާ ވާހަކަފުޅުތަކުން ރައްޔިތުންނަށް ހީވެދާނެ އެވެ. އެހެން ކަމަށް ވާ ނަމަ ގަބޫލުކުރައްވާށެވެ! ފެނަކަ އުވާލަން ޖެހޭ ދުވަސް މި އޮތީ އައިސްފަ އެވެ. ފެނަކަ ހިންގާހާ ދުވަހަކު އެ ހިޔާނާތްތައް ނުހުއްޓުވޭނެތީ އެވެ. އެއީ ސަރުކާރާ ގުޅިފައި ތިބި އެކި މީހުންނަށް ނާޖާއިޒު ފައިދާ ހޯދައިދޭން ހުޅުވާފައި އޮތް ދޮރަކަށް ވާތީ އެވެ. ކިތައްމެ ހަރުދަނާ އުސޫލުތަކެއް ހަމަޖައްސާފައި އޮތަސް، އެ އުސޫލުތަކުން ނެއްޓިގެން ނަމަވެސް ވައްކަން ނުކޮށް ނުތިބެވޭނެހާ ބޮޑަށް ވައްކަމުގެ ބަލި ފެތުރިފައި ވާތީ އެވެ.
އެ ބަލި ނައްތާލަން އެއްވެސް އިންތިޒާމެއް އެއްވެސް ސަރުކާރަކުން ހަމަޖައްސާފައެއް ނުވެ އެވެ.
ދިވެހިންނަށް ނޭނގެނީކީ ނޫނެވެ. ފެނަކައަކީ ސިޔާސީ ކުޅިއެކެވެ. ޕާޓީއަށް ސޮއިކުރުމުން ނުވަތަ ވޯޓު ހޯދައިދޭނެކަމުގެ އުއްމީދުގައި ވަޒީފާ ދެމުން އެ ދަނީ އޭގެ ބުރަ އުފުލުން މުޅި ދައުލަތް، ނުވަތަ ހުރިހާ ރައްޔިތުންގެ ބޮލަށް ދޫކޮށްލައިފަ އެވެ. ދެތިން މުވައްޒަފުންނަށް ހިންގޭ ވަރުގެ އިންޖީނު ގެއަކަށް ވެސް 40 ނުވަތަ 50 މުވައްޒަފުން ލާފާނެ އެވެ. ކުރިން މަސްވެރިކަން ކުރި ނުވަތަ ރަށުގައި އަމިއްލަ ކޮންމެވެސް މަސައްކަތެއް ކުރި މީހުން، އެކަން ހުއްޓާލައި އެ ތިބީ، ކަމެއް ނުކޮށް ފެނަކައިން މުސާރަ ނަގަނަގަ އެވެ.
އުފެއްދުންތެރިކަމެއް ނެތި ވަޒީފާ ބެހުމާއި ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ސަގާފަތަކަށް ވެފައި އޮތް ކުންފުންޏެއް ހިންގުމުގެ ބަދަލުގައި ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ޒިންމާއަކަށް މިހާރު ވެފައި މި އޮތީ އެތަން އުވާލައިފައި، އެހެން އިންތިޒާމެއް ހަމަޖެއްސުމެވެ. ބައެއް މީހުން ބުނާ ގޮތަށް ރަށު ކައުންސިލްތަކަށް އެހީތެރިވެގެން އިންޖީނުގެތައް އަލުން ހިންގަން ފެށުމެވެ.
އާއެނކެވެ. މި ހުންނަނީ ފަސޭހަ ކަންކަމެއް ނޫނެވެ. ނަމަވެސް ވަގުންގެ ދިރިއުޅުން ކޮޅަށް ޖަހައިދޭން ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާ ހޭދަކުރުމުގެ ފުރުސަތު ދީގެން ނުވާނެ އެވެ. އެކަން ހުއްޓުވަން ޖެހިވަޑައިގަންނަވާނީ ރައީސްއަށެވެ. މި ވަގުތު އެ މަގާމުގައި ހުންނެވީ ރައީސް މުއިއްޒެވެ.
ކޮމެންޓް (13)
އަފުން
ބަލާލާ
ހައްވަ
ދދދދދދ
ދިއްދޫމީހާ
ފެނަކައަލިބޭ
ކުރިންވެސް
ހަތަރެސްކަން
ނުވިސްނާ
ހައްވަ
ތެފައާސާ.
ސިކުނޑި
ސިކުނޑި