ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު. (ފޮޓޯ/ މަޖިލިސް)

ފުލުހުން

ޝުޖާއުއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓް ފުލުހުންގެ ތަހުގީގު ފަށައިފި

ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފައި
3 އޯގަސްޓު 2025
4

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ފުލުހުންގެ ތަހުގީގެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އާންމުވީ އިއްޔެ އެވެ.

އެހެން ނަމަވެސް އެ ރިޕޯޓުގެ ސައްހަކަމާ މެދު ޝުޖާއު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ބުނީ ކީކޭ؟ - ސޯޝަލް މީޑިއާގައި ރިޕޯޓު އާންމުވެފައިވަނީ، އެކަން ތަހުގީގުކުރަން އެފްއައިޔޫއިން ފުލުހުންނަށް ރިޕޯޓު ފޮނުވާފައިވާ އޮއްވަ އެވެ.

ޝުޖާއު އެ ރިޕޯޓު ދޮގުކުރައްވާފައިވަނިކޮށް އެކަމާ ގުޅޭގޮތުން 'ދައުރު'އިން ފުލުހުންގެ މީޑިއާއާ ސުވާލުކުރުމުން އޮފިޝަލަކު ވިދާޅުވީ "މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

ތަފްސީލު - އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ. އެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ  ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ.

އޭގެ ތެެރޭގައި ހިމެނެނީ:

  • އޮފިޝަލް އިވެންޓްސް

  • ސްވޯން ފެމިލީ

  • ސްޓޯ ޕްރޯސް ޓްރޭޑިން

  • ކުއިކް ޝުއާ

  • ޑީކިއު ހޯލްޑިންސް

އާންމުވެފައިވާ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކީ:

  • ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި؛ އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރަން

  • އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް

  • ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި

  • ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް، ކޮމިޓްމަންޓް ފީގެ ގޮތުގައި

  • އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ

  • އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކާ

ގުޅުންހުރި ކަމެއް - އެ ރިޕޯޓު އާންމުވެފައިވަނިކޮށް އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރިކަން ވެސް 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ކޮމެންޓް (4)

ހަޤީޤަތް

3 އޯގަސްޓު 2025
ގިނަ ބަޔަކު ފެލާލި ޖެމް ކިޔު އަކީވެސް ސީދާ ސުޖާއު އާއި ސަރުކާރުގެ އޮފިޝަލުންތަކެއް އަޑީގައި ތިބެ ހިންގި ސްކީމެއް. އެކަމެއްވެސް ތަޙްޤީޤު ނުކުރޭވޭނެ.ދިވެހި ފުލުހުންނަށް ޖެމް.ކިޔު މައްސަލައިގެ އަޑިޔަށް ފީނުން އޮތީ މަނާކޮށްފައި .
3 0

ޢަސްލު ވާގޮތް

3 އޯގަސްޓު 2025
ނުކުރޭ ތަޙްޤީގެއް ، ތިޔަ ރިޕޯރޓު ލީކު ވީ ތިޔަ ރިޕޯރޓެއް ފުލުހަށް ފޮނުވިތާ 1 އަހަރު ފަހުން.. ކޮންމެ ކަމެއް ތިޔަހެން ކުރީމައި ގައުމުގެ މުއައްސަސާތަކަށް ރައްޔިތުން އިތުބާރު ނުކުރާނެ
3 0

ބާރަށު މައިކް

3 އޯގަސްޓު 2025
ތިޔަ ރިޕޯރޓެއް ފުލުހަށް ފޮނުވިތާ ދޮޅުއަހަރުވީއިރު އަޅާނުލަ ތިބެފަ، މިހާރު ދެންކީކޭތަ މިކިޔަނީ، ތިއުޅެނީ ތިޔަރިޕޯރޓް ލީކުވީ ކިހިނެއްތްތޯ ބަލާ ތަހްގީގުކޮށް ލީކުކުރިމީހާ އުލުބައިންދަންވެގެން
6 0

ބަލަގަ

3 އޯގަސްޓު 2025
ތަހުގީގު އެމީހުންނަށް ކުރެވޭނީ. ސޯޝަލް މީޑިއާއަށް ރިޕޯޓު ލީކުވެ، އެއްޗެއް ބުނެލުމުގެ ބޭނުމުގަ ތިހެން ކިތައް ވާހަކަ ދައްކާފަ ކަންކަން ހިންދާލާފަ ހުރީ. މި ގައުމަކުން އިންސާފެއް ނުލިބޭނެ. ބާރުވެރިކަން ލިބުނީމަ އާހިރަތެއް އޮންނަކަން ހަނދާން ހުރި އެންމެ މީހެއްވެސް ނެތް މިގައުމަކު. ކައްޒާބުންނާއި ދީން ހަތިޔާރަކަށް ހަދައިން އުޅޭ ސިޔާސީ މުނާފިގުން މިގައުމުގަ ތިބީ. ދީން ދަންނަ ކަމަށް ހެދިގެން އުޅޭ ކިތައް "ދަންނަބޭކަލުން" ބާ އެއްޗެކޭ ބުނާނީ މިކަމުގަ. ނޫނިއްޔާ އެމީހުންގެ ހޭވެރިކަން އަންނަނީ އަންހެނެއްގެ މައްސަލަ ފެނުމުން އެކަނިބާ؟
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް