އެމްއެމްއޭ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެމްއޭ

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާ އަޝްރަފް ބަދަލުކޮށްފި

އޭނާ މަގާމުން ބަދަލުކުރިއިރު، ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުއާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް އިއްޔެ ވަނީ އާންމުވެފައި
3 އޯގަސްޓު 2025
2

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް، އެ ތަނުގެ އެހެން ޑިިޕާޓްމަންޓަކަށް ބަދަލުކުރިކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ރިޕޯޓާ ގުޅިގެން އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފް ބަދަލުކުރިކަން 'ދައުރު'އަށް އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ މަގާމަށް އެހެން މީހަކު އައްޔަންކުރި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ތަފްސީލު - އަޝްރަފް މަގާމުން ބަދަލުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އޭނާއާ ގުޅުން އޮންނަ އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފަ އެވެ. 

އާންމުވެފައިވާ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކީ:

  • ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި؛ އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރަން

  • އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް

  • ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި

  • ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް، ކޮމިޓްމަންޓް ފީގެ ގޮތުގައި

  • އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ

  • އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކާ

ކޮމެންޓް (2)

ސުޖާ

3 އޯގަސްޓު 2025
ބާރަށު މައިކުގެ ސީދާ އެންގެވުމަށް ގެނެވުނު ބަދަލެއް ކަމަށް ބަލެވޭނީ! ދެންް ބުނާނެ ތަހުގީގް ކުރާ ކަމެއްވެސް، ރިޕޯރޓް ސައްހަ ކަމެއްވެސް ނޭގެޔޭ
1 0

ސިކުނޑި

3 އޯގަސްޓު 2025
ވެރިޔާ ބަދަލު ކުރިޔަސް މައްސަލަ ބަލާނެކަމަށް އުންމީދު ކުރަން! މިވަރުގެ ތުހުމަތަކުން ބަރީޢަވާން ކޯޓު ހުކުމެއް ބޭނުންވާނެ! މި މައްސަލައަކީ، އާންމުންގެ ތެރޭގައި ކުރިންވެސް ދެކެވުނު ވާހަކައެއް! މަނީ ލޯންޑްރިންގެ ނިޔަތެއް މިކަމުގައި އޮތްކަމަށް ވަަރަށްބޮޑަށް ބެލެވޭ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް