ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު (ދައުރު ފޮޓޯ/ އަނޫދް ޖުނައިދު)

ކޮރަޕްޝަން

ޝުޖާއުއަށް އިންޓެލިޖެންސް ރިޕޯޓު ސައްހަކަން އަދި ޔަގީނެއް ނޫން

މެމްބަރު ޝުޖާއު ވިދާޅުވި ގޮތުގައި އޭނާގެ އުންމީދަކީ މިނިވަންކަމާ އެކު ވިޔަފާރިކުރަން ލިބޭ ހައްގުގެ ތެރެއިން އޭނާގެ ވިޔަފާރި ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދިއުން

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓު ދޮގުކޮށް، އެ ރިޕޯޓުގެ ސައްހަކަން އަދި ޔަގީންނުވާ ކަމަށް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ. އެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ  ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ.

އޭގެ ތެެރޭގައި ހިމެނެނީ:

  • އޮފިޝަލް އިވެންޓްސް

  • ސްވޯން ފެމިލީ

  • ސްޓޯ ޕްރޯސް ޓްރޭޑިން

  • ކުއިކް ޝުއާ

  • ޑީކިއު ހޯލްޑިންސް

މި ކުންފުނިތަކުގެ ތެރެއިން ޑީކިއު ހޯލްޑިންސްއަކީ އަހަރަކު 9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ނަމަވެސް މީގެ ކުރިން މީރާއަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ވެސް ހިމެނުނު ކުންފުންޏެކެވެ.

ބުނީ ކީކޭ؟ - އާންމުވި ރިޕޯޓާ ގުޅޭ ގޮތުން ޝުޖާއު 'އެކްސް'ގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

"ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން އަޅުގަނޑަށް ނޭނގެ އެވެ. ސަބަބަކީ އެކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީ އެވެ،" ޝުޖާއު ވިދާޅުވި އެވެ.

"އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބުކުރި ގޮތާއި އެ މަސައްކަތް ކުރި ގޮތް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް ކަމުގައި ދެކެމެވެ."

ރައީސް މުހައްމަދު މުއިއްޒު ހުވާކުރައްވަން ތައްޔާރުކުރި ހާއްސަ ދަރުބާރުގެ: ސިފައިންގެ ވެލްފެއާ ކުންފުންޏަށް މަސައްކަތް ހަވާލުކުރިޔަސް އަގުގެ ބޮޑު ބައެއް ލިބުނީ ޝުޖާއުގެ އޮފިޝަލް އިވެންޓަށް (ފޮޓޯ/މަޖިލިސް)

އެފްއައިޔޫއިން މިފަދަ ރިޕޯޓުތައް އެކުލަވާލާއިރު އެކަން އެއްވެސް ފަރާތަކަށް ނާންގާނެ އެވެ. ސޯޝަލް މީޑިއާގައި ރިޕޯޓު އާންމުވެފައިވަނީ، އެކަން ތަހުގީގުކުރަން އެފްއައިޔޫއިން ފުލުހުންނަށް ރިޕޯޓު ފޮނުވާފައިވާ އޮއްވަ އެވެ. 

ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ތަފްސީލު - އާންމުވެފައިވާ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކީ:

  • ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި؛ އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރަން

  • އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް

  • ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި

  • ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް، ކޮމިޓްމަންޓް ފީގެ ގޮތުގައި

  • އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ

  • އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކާ

އެ ރިޕޯޓު ދޮގުކޮށް ޝުޖާއު ވިދާޅުވީ އޮފިޝަލް އިވެންޓްސްއަކީ ކުރީގެ ރައީސް ޔާމީން، ރައީސް ސޯލިހު އަދި މި ސަރުކާރުގައި ވެސް ކާމިޔާބު ގިނަ މަޝްރޫއުތަކެއް ހިންގި ކުންފުންޏެއް ކަމަށެވެ.

"މިފަދަ މަސައްކަތްތަކުގެ ބިޑުތައް އަޅުގަނޑުމެންގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑު ތަނުން ރަނގަޅުވީމަ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެކަންކަން އަޅުގަނޑުމެންގެ މަސައްކަތްތަކުން ފެންނާނެ އެވެ،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާ އެކު ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން އިރާދަކުރެއްވިއްޔާ ވިޔަފާރި ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުގެ އުންމީދެކެވެ."

ޝުޖާއު ވިދާޅުވީ އޭނާ އާއި އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭ ގޮތުން މިއަދާ ހަމައަށް އައިއިރު ދުވަހަކު ވެސް އެއްވެސް އިދާރާއަކުން ކަމެއް ސާފުކޮށް، އެއްވެސް މައްސަލައެއް ނުބަލާ ކަމަށެވެ. އަދި ބަލަން ޖެހޭ އެއްވެސް މައްސަލައެއް ނޯންނާނެކަން ފާހަގަކޮށް، އޭނާ ވިދާޅުވީ މައްސަލައެއް އޮތް ނަމަ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަން ވާނެ ކަމަށެވެ.

"މިފަދަ ހަގީގަތެއް ނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އަޅުގަނޑު ކުރާ ސިޔާސީ މަސައްކަތް ހުއްޓޭނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމުގައި ދަންނަވަމެވެ،" ޝުޖާއު ވިދާޅުވި އެވެ.

ކޮމެންޓް (3)

ހެޕީ ދޯ؟؟

3 އޯގަސްޓު 2025
އާ ޔޫ ހެޕީ؟ ވެރީ ހެޕީ؟؟؟ ވެރީ ވެރީ ހެޕީ؟؟؟؟
1 0

ސަކީނާ

3 އޯގަސްޓު 2025
މިހާބާރަށް ޕޯޑިއަމްތަކަށް އަރާ އަޑުގަދަ ކުރާ ސަބަބު މިއޮށް ފަޅާއެރީނު!
5 0

ށަކީނާ

3 އޯގަސްޓު 2025
@ސަކީނާ ނޫނޭ... ޓައީގެ ކުލަވެސް މުހިއްމު ދައުރެއް ކުޅޭނެ.. ރައްޔިތުން ހެވިފަ ނުތިބެ މައިތިރި ކުރަން ނިކުންނަންވީ..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް