ރޭ ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ކުރީ ސަރުކާރުގެ ފެނަކަ ހިޔާނާތް ބަލަން އަންގައިފިން: ރައީސް

ހިޔާނާތްތަކުން ގެއްލިފައިވާ ފައިސާ ދައުލަތަށް ހޯދުމަށް ގާނޫނެއް ތައާރަފް ކުރައްވާނެ ކަމަށް މިދިޔަ އަހަރުގެ މެދުތެރޭގައި ދެއްކެވި ވާހަކަ ރޭގެ ޖަލްސާގައި ރައީސް ތަކުރާރުކުރެއްވި

ކުރީގެ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އަހްމަދު ސައީދު ހުންނެވިއިރު އޭރު ހިންގި ހިޔާނާތުގެ މައްސަލަ އަވަހަށް ބަލަން ކަމާ ގުޅުން ހުރި މުއައްސަސާތަކަށް މިހާރު އަންގަވާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކޮރަޕްޝަންގެ 'ހާއްޔެއް'ގެ ގޮތުގައި އޮތް ފެނަކައިގެ 2021-2023ގެ އޮޑިޓް ރިޕޯޓެއް އޮޑިޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓާ ގުޅޭ ގޮތުން  ރައީސް ވާހަކަފުޅު ދެއްކެވީ އެމަނިކުފާނު މީގެ ދެ ހަފްތާ ކުރިން ފެއްޓެވި އަތޮޅުތަކުގެ ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންވި ތ. ތިމަރަފުށީގައި ބޭއްވި ޖަލްސާގަ އެވެ.

ތަފްސީލު - އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން މިފަދަ ކޮރަޕްޝަންތައް ތަހުގީގު ކުރުމަށް މުއައްސަސާތަކަށް އެމަނިކުފާނަށް އެންގެވޭނެ ކަމަށެވެ. އެގޮތުގެ މަތިން ފެނަކައިގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް މިހާރު އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގައި [އޮޑިޓް ރިޕޯޓުގައި] އެއޮތީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަންކޮށްފައިވާ ކަމަށް. ދެން މިކަމުގައި ފުލުހުންގެ އިދާރާއިން ކުރަން ޖެހޭ ކަންކަން ފަަށައިފި. އެއީ، ސީދާ އަޅުގަނޑު މި ދެންނެވިހެން އަޅުގަނޑުމެންނަށް ބެލެން ހުންނާނެ ކަަންކަން. އަޅުގަނޑުމެން އަންގައިފިން އޭސީސީއަށް ވެސް، އަޅުގަނޑުމެން އަންގައިފިން ޕްރޮސެކިއުޓާ ޖެނެރަލްއަށް ވެސް، އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން އެންގޭނެ މިންވަރަށް އަންގައިފިން [ފެނަކައިގެ އޮޑިޓް ރިޕޯޓާ ގުޅިގެން] މިކަން އަވަސް ކުރަން،" ރައީސް ވިދާޅުވި އެވެ.

ފެނަކަ ތެރެއިން ހިޔާނާތް އެވީ ރައްޔިތުންގެ ފައިސާއިން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި އެ ކުންފުނި ހަލާކުވާން އޭރު އޮތީ ދޫކޮށްލާފައި ކަމަށެވެ. އަދި ފެނަކައިގެ އިތުރުން ދައުލަތުގެ އެހެން ކުންފުނިތައް ވެސް ހުރީ އެގޮތަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހަލާކުކޮށްލާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އެ މައްސަލަތައް ހައްލުކުރަން އަޅުގަނޑުމެންނަށް އެހާ ދުވަސް މި ނެގީ އަޅުގަނޑުމެންނަށް. މި ހުރިހާ ކުންފުނިތައް ހުރީ މިގޮތަށް މިސްޔޫސްކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ކުރިން ހިންގާފައި ހުރި ވައްކަންތަކުން ދައުލަތަށް ހޯދަން ޖެހޭ ފައިސާ ހޯދުމަށް  އެސެޓް ރިކަވަރީ ގާނޫނެއް ގެންނަވާނެ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ވަނީ އިއުލާން ކުރައްވާފަ އެވެ. ނަމަވެސް އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު، އަދިވެސް އެ ބިލު މަޖިލީހަށް ހުށަނާޅަ އެވެ.

ރައީސް ވިދާޅުވީ މަޖިލިސް ދެން ހުޅުވުމާ އެކު އެ ބިލު ހުށަަޅާނެ ކަމަށެވެ. މިފަދަ ވައްކަންތަކުގެ ފައިސާ ދައުލަތަށް ހޯދުމަށް އެއީ މުހިންމު ބިލެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މިދިޔަ ދުވަސްތަކުގައި ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް، އެމްއެމްޕީއާރުސީ [ހިޔާނާތް] ހާއްސަކޮށް. މިކަންކަން ބަލައި ނިމޭއިރުގައި މިއިން އެއްވެސް ފަރާތެއް ދައްކަން އޮތް އެއްޗެއް ހޯދޭ ގޮތެއް ނުވޭ. މިހާރު އޮތް ނިޒާމުގެ ތެރެއިން ނުހޯދޭ،" ރައިސް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން މި ހުށަހަޅަނީ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފު ކުރުމަށްޓަކައި ބިލެއް. މި ބިލު މަޖިލީހުން ނިންމުމާ އެކު ތަސްދީގުކުރަން ފޮނުވާ ދުވަހު ހަމަ އަޅުގަނޑު ތަސްދީގުކުރާނަން."

އެއާ އެކު ރައީސް ވިދާޅުވީ އެ ގާނޫނު ތަންފީޒުކުރަން ފެށުމާ އެކު، ބޮޑެތި ވައްކަން ކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ބާރަށް ދާނެ ކަމަށެވެ. އަދި އެކަމުގައި ވަކި މީހެއް އިސްތިސްނާ ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފެނަކައިގެ އޮޑީޓްގައި ފާހަގަކުރި ބައެއް މުހިންމު ކަންކަން

  • ފެނަކައިން 2021އިން ފެށިގެން 2023ގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތް ހޯދުމަށް ހަރަދުކޮށްފައިވޭ؛ އޭގެ ތެރެއިން އެވަގުތަށް މުހިންމު ނޫން ކަންކަމަށާއި ބީލަމުގެ އުސޫލުން ބޭރުން އަދި އަގު ބޮޑުކޮށް ބައެއް ހަރަދުތައް ކޮށްފައިވޭ

  • ކުންފުންޏަށް ބޭނުންވާ ތަކެތި ގަތުމަށާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތްތަކަށް 674 އެއްބަސްވުމުގެއް ދަށުން 2.22 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވޭ؛ އޭގެ ތެރެއިން 439 (%65) އެއްބަސްވުމުގެ ދަށުން 1.37 ބިިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިއުލާންނުކޮށް، ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން

  • ރަށްރަށުގެ އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމަށް 2023ގެ ނިޔަލަށް 57 މަޝްރޫއުގެ މަސައްކަތަށް 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވާ އިރު އޭގެ ތެރެއިން ނުނިމި ހުރި 41 މަޝްރޫއު ނިންމަން އަދިވެސް ގާތްގަނޑަކަށް 241 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ

  • އިންޖީނުގެތައް އެޅުމަށް ހަވާލުކޮށްފައިވަނީ މާކެޓް އަގަށް ވުރެ އިތުރަށް ގާތްގަނޑަކަށް 767 މިލިއަން ރުފިޔާ ހަރަދުވާނެ ގޮތަށް

ކޮމެންޓް (2)

ސިކުނޑި

27 ސެޕްޓެމްބަރު 2025
މިސަރުކާރުގެ ފެނަކަ އާއި މޯލްޑިވްސް ގޭސްގެ މައްސަލަތައް ވެސް ބަލަން މިހާރު އެންގެވިއްޔާ ރަނގަޅުވާނީ! ފަހުން ފައިދާވާނެ! އަދި މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓް އަވަސް ކުރުމަކީ، މަނިކުފާނަށް މިހާރު އަމާޒުވާ ފާޑު ކިއުންތަކުން ސަލާމަތްވާނެ ކަމެއް!
2 0

ކޮސް

27 ސެޕްޓެމްބަރު 2025
ރަނގަޅު.ކުރީގެ ހިޔާނާތާއި މިހާރުގެ ހިޔާނާތްތައްވެސް އެކުއެކުގާ ބަލަންވާނެ. ކުރީގެ ހިޔާނާތްވި ފަރާތްތަކަށް ފިޔަވަޅު އަޅާފަދައިން މިހާރު ހިޔާނާތް ވަމުންދާ ފަރާތްތައް މަޤާމުން ވަކިކޮށް ފިޔަވަޅު އަޅަންވާނެ. އެކަމަކު އިތުބާރު ކުރެވޭ ފުލުސްއޮފީހަކާއި ސުޕުރީމް ކޯޓެއް ފުރަތަމަ ހުންނަންޖެހޭ. އެހެންނޫނީ ކިހިނެއް މައްސަލަ ބަލާނީ؟؟؟؟؟؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް