7 ޖުލައި 2024: ޕީއެންސީ ހަރުގެ ޖަލްސާގައި ރައީސް މުއިޒް ބައިވެރިވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެމްއެމްޕީއާރުސީ މައްސަލަ ދޫނުކުރާނަން؛ ގެއްލުނު ފައިސާ ހޯދައި އަދަބު ދޭނަން: ރައީސް

ރައީސް ވިދާޅުވީ އެ ވައްކަމުގެ ތެރެއިން ރާއްޖެއިން ބޭރުގައި ފޮރުވާފައިވާ ފައިސާއެއް ވިޔަސް ހޯދާނެ ކަމަށާއި އެކަމަށް ހާއްސަ އެސެޓް ރިކަވަރީ ގާނޫނެއްގެ ޑްރާފްޓް މިހާރު ނިމެމުން އަންނަކަމަށް

އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވި އެންމެންގެ މައްސަލަ ބަލައި، އެއީ ކޮންމެ މީހެއް ނަމަވެސް ފިޔަވަޅު އަޅުއްވާނެ ކަމަށާއި އެ ހިޔާނާތުގެ ތެރެއިން ރާއްޖެއިން ބޭރުގައި ފޮރުވާފައިވާ ފައިސާއެއް ވިޔަސް ބޭރުގެ އެހީތެރިކަމާއެކު ހޯދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، މިރޭ ޕީޕީއެމް-ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ގެއްލިފައިވާ ފައިސާ ހޯދަން ޖެހޭ ކަމަށާއި ކޮރަޕްޝަނުގެ ނުބައި އެކި ކަހަލަ އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ބަލާނެ ކަމަށެވެ.

ބުނީ ކީކޭ؟ - ކޮންމެ ސަރުކާރެއްގައި ވެސް ރިޔާސީ ކޮމިޝަނެއް ހަދައި އެތަނަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދުވާއިރު ގެއްލިފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް އަނބުރާ ހޯދިފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން މި ސަރުކާރުން ނިމުމަކަށް ގެންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ:

  • އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް ހަދަން ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް

  • ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ކުޑަ އަގުގައި ވިއްކައިގެން ފައިދާ ހޯދުމުގެ އަމަލުތައް ކޮށްފައި ހުރި ފަރާތްތަކުގެ ކިބައިން އެ މުދާ ރިކަވާކުރުމުގެ މަސައްކަތް ކުރާނެ

  • ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ފައިސާ ވެސް ހޯދާނެ ކަމަށް ވިދާޅުވި

  • އެސެޓް ރިކަވަރީއަށް ހާއްސަކޮށް ގާނޫނު ހަދާއިރު އެފަދަ ފައިސާ ކާމިޔާބުކަމާ އެކު ހޯދުމަށް ރާއްޖެއިން ބޭރު، ބައިނަލްއަގުވާމީ މިންގަނޑުތަކާއިި ރެކޮމެންޑޭޝަންތައް ހޯދައި އެގޮތަށް ބިލް ތައްޔާރުކުރާނެ ކަމަށް ވިދާޅުވި

"އޭރުން އިރާދަކުރެއްވިއްޔާ ހަމައެކަނި ވައްކަންކޮށްގެން ރާއްޖޭގައި ރައްކާކޮށްފައި ހުރި ފައިސާއެއް ނޫން، ރާއްޖެއިން ބޭރަށް އެއްޗެއް ގެންގޮސްފައި އެއްޗެއް ހުރިއްޔާ އެވެސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަވެގެންދާނެ. އަޅުގަނޑު ކަންބޮޑެއް ނުވޭ މިކަން ކުރުމުގައެއް،" ރައީސް ވިދާޅުވި އެވެ.

ތަފްސީލް - ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަނަކީ ސަރުކާރު ތެރޭގައި އަބަދު ހިނގަ ހިނގާ އޮންނަ ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރާނެ ކަމަށެވެ. ރައްޔިތުންގެ ފައިސާ ހޯދަން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލިފައިވާ ފައިސާގެ މައްސަލަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެންމެ އިސްކަމެއްދޭނެ އެއް މައްސަލައަކީ، ރައީސް ވިދާޅުވި ގޮތުގައި، އެ ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދައި، އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމެވެ.

"އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް، އެ މީހަކަށް ދޭން ޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ، އެ ފައިސާ ރައްޔިތުންނަށް ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެކަމުގައި ބައިވެރިވި މީހެއްކަން ސާބިތުކުރެވެން ޖެހޭނީ އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. އެ މީހަކު އެކަމުގައި ޝާމިލްވަނީ އެ ނިޔަތުގައި ކަމުގައި ވާ ނަމަ އެމީހަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެނގުން މުހިންމު - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ އަދަބު ދީފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދު ޒިޔަތުގެ މައްޗަށެވެ. އެބޭފުޅުންގެ ޖަލު ހުކުމް ކުރީ ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށް ތަންފީޒުކުރަމުން ދަނިކޮށް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަދީބާއި ޒިޔަތަށް މާފުދެއްވައި، މިނިވަންކުރައްވައިފަ އެވެ. 

މީގެ އިތުރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ޖަލު ހުކުމުން ސަލާމަތްވެފައި ވަނިކޮށް އެ ހިޔާނާތުގެ އިތުރު މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ޖަލު ހުކުމުން ވެސް މިވަގުތަށް ރައީސް ޔާމީން ވަނީ މިނިވަންވެފަ އެވެ. ނަމަވެސް، އެމައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް މިހާރު އޮތީ ހައި ކޯޓުން އަންގާފަ އެވެ.

އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ވެސް ތަހުގީގު ކުރާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް (5)

13ވގ

10 ޖުލައި 2024
މަނިކްފާގެ ގުރޫޕްގެ ގިނަބަޔަކު ތިބިކަމައްބުނަނީ ކެރޭނެތަ އެންމެން ނައް ފިޔަވަޅުއަޅަން
0 0

ކޮންފިއުޒްޑް އުންގާ ބުންގާ

8 ޖުލައި 2024
ބައްލަވާ މަނިކުފާނު ތިހެން ވިދާޅުވި ޖަލްސާގަ އެންމެ ފޯރިއާއެކު ވާހަކަދެއްކީ ޔެމްޔެމްޕީޔާރުސީ ފައިސާ ގޯންޏަށް އަޅައިގެން ބެހިކަމަށް މަޖިލީހުގައި ވިދާޅުވި ބޭފުޅާ. މިޖެހުނީ ދެން ކޮންތާކު؟
0 0

آب ރ

8 ޖުލައި 2024
ރައީސް އަދި ބަލަންވާނެ ރޮލެކުސް ގަޱި މާލެއިން ބިންގަނެގެން އުޅޭމީހުންގެ ހަޤީގަތްވެސް އެފައިސާ ހޯދިގޮތެއްވެސް. ޤައުމު ސާފުކުރަންވާނެ މިފަހަރު.
1 0

آب ރ

8 ޖުލައި 2024
ރައީސް އަދި ތިވަރުން ނިންމާލައިގެން ނުވާނެ. އެއަރ މޯލްޱިވްސް، އެސްޓީއޯ، އެމްޓީ ސީސީ، އެފުޕީއައިޱީ، ދިވެހީންގެ ނޭވާހޮޅި، މޯލްޱިވްސް ގޭސް، ސިފައިންގެ އެކުވެރި ކުންފުނި، ސިފައިންގެ ޕާޖޭސިންގ ޱިޕާޓްމެންޓް، އެޓޮލް މިނިސްޓްރީ، މޯލްޱިވްސް އިލެކުޓްރިކު ބޮޱުއިންޖީނުގެ (މާލެ ) ފެނަލަ ، ރޯޱު ކޯޕަރޭޝަން ، ވެމްކޯ ،އެމްއސްއެލް އަދިވެސް އދިވެސް. މީ ކުޱަވަރެއް މިދިޔަ 40 އަހަރު ގެއްލިފައިވާ ފައިސާ ޖެހޭނެ ހޯދަން
1 0

ސިކުނޑި

8 ޖުލައި 2024
މިލަވަޔަކީ ސިޔާސީމީހުން ރައްޔިތުން ނިންދަވަންކިޔާ ނާނާއަކަށް ވެއްޖެ! ކުރާނެ އެއްވެސް ކަމެއް ދައްކާނެ އެއްވެސް ވާހަކައެއް ނެތީމާ، ދެން މިކިޔަނީ ގެއްލިފަހުރި ފައިސާއޭ! ގެއްލުވާލާފައިވާ މީހުންނޭ! އެ ކަންކަމަކީ އިއުލާނު ނުކުރިޔަސް ދައުލަތުގެ މައްޗަށް ކުރުން ލާޒިމު ކަންތައް! ތި މައްސަލައިގައި ދެން ޔާމީނު ގައިގައި އަތްލުން އެހާ ބުއްދިވެރިއެއްނުވާނެ! ހުރިހާ އެންމެންނަކީ "ކަސްބީ" ވިސްނުން ގެންގުޅޭ ބައެއްނޫން!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް