އާރަށު އިސްތިއުނާފީ މައްސަލާގައި ހުކުމް ކުރަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޔާމީން ހުކުމް އިއްވަމުން ދިޔައިރު އަޑުއައްސަވަނީ
11 އަަހަރުގެ ހުކުމް ހައި ކޯޓުން ބާތިލުކޮށްފި؛ ޔާމީން މިވަގުތަށް މިނިވަންކޮށްފި
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތާ، މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކްރިިމިނަލް ކޯޓުން 25 ޑިސެމްބަރު 2022ގައި ޔާމީންގެ މައްޗަށް އިއްވީ:
-
ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް
-
މަނީ ލޯންޑަރިންގެ ކުށަށް، 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާއަކާ އެކު ހަތް އަހަރުގެ ޖަލު ހުކުމެއް
ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މި ދެ މައްސަލާގައި ހުކުމް ކުރަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެންމެ ފުރަތަމަ ބާތިލްކުރީ ރިޝްވަތު ނެގިކަން ސާބިތުވެގެން އިއްވާފައިވާ 4 އަހަރުގެ ޖަލު ހުކުމެވެ. ގާތްގަނޑަކަށް 6 ގަޑިއިރަށް ދިގު ދެމިގެން ދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި މަގުރިބު ނަމާދަށް ފަހު މިރޭ ބޭއްވި އަޑުއެހުމުގައި ނިންމީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އިއްވާފައިވާ 7 އަހަރުގެ ހުކުމް ބާތިލް ކުރުމަށެވެ.
-
މިއަދުގެ ހުކުމުގައި ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއް ވެސް ކަނޑައަޅާފައި
ތަފްސީލް - މަނީ ލޯންޑަރިންގެ ހުކުމް ބާތިލުކުރީ ހައި ކޯޓުން މިއަދު ރިޝްވަތުގެ ހުކުމް ވެސް ބާތިލުކޮށްފައި ވާތީ އެ ދައުވާ ސާބިތުނުވާ ހާލަތުގައި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުނުވާނެ ކަމަށް ކަނޑައަޅާފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ދަށު ކޯޓުގެ ފަނޑިޔާރު ފުރުސަތު ނުދިނުމުން ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދިފާއުވުމުގެ ހައްގާއި އިސްތިއުނާފް ކުރުމުގެ ހައްގުން ޔާމީން މަހުރޫމްވެފައިވާ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި އިޖުރާއީ އައިބެއް އޮތްކަން ސާފުވާ ކަމަށާއި އޭގެ ސަބަބުން ހެކި ވަޒަންކޮށްފައިވާ ގޮތަށް ބަދަލުއައުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ހުކުމުގައި ފާހަގަކުރި އެވެ.
ހުކުމުގައި އިތުރަށް ބުނެފައިވަނީ ހެކިތައް ޖުމްލަކޮށް ވަޒަންކޮށްފައިވުމުގެ ސަބަބުން ދަށު ކޯޓުން ބަލައިގަނެފައިވާ ބައެއް ހެކި އެއްފަރާތްކުރުމުން އޭގެ ނަތީޖާ ދެނެގަނެެވޭނީ ބާކީ ހެކި ވަޒަންކޮށްގެން ކަމަށެވެ. އެހެންވެ އެކަންކަން ކަށަވަރުކުރުމަށް ދެ ހުކުމާ ގުޅޭ މައްސަލަ ވެސް އަލުން ބަލަން ޖެހޭ ކަމަށް ހުކުމުގައި ވެއެވެ.
މިގޮތަށް ނިންމާފައި ވަނީ މި މައްސަލައިގެ ބެންޗުުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ސަލީމް، ފަނޑިޔާރު ހަސަން ޝަފީއު އަދި، ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިއްތިފާގުންނެވެ.
އެޔަށް ފަހު ހައި ކޯޓުން މިއަދު ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކުރީ:
-
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދީ އެޔާ ގުޅޭގޮތުން ގޮތެއް ކަނޑައަޅަން
-
ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގެންފައި ވަނީ އިޖުރާއަތާ ހިލާފަށް ކަމުން އެ ހެކި އެއްފަރާތްކޮށް މައްސަލާގައި ގޮތެއް ނިންމުމަށް
-
މައްސަލަ އަލުން ބަލާއިރު އަދީބު ބުނި ބުނުމަކަށް އެމްއެމްޕީއާރުސީގެ ފައިސާއިން ޔާމީން ފައިސާ ނެންގެވި ކަމަށް ޝައްކުކުރެވޭ ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމާފައިވަނީ ގޯސްކޮށް ކަމުން އެ ދޭހަ އެއް ފަރާތްކުރުމަށް
-
މައްސަލަ އަލުން ބަލާއިރު ހެކިތައް ވަކިވަކިން ވަޒަން ކުރުމަށް
އެނގުން މުހިންމު - އާރަށް މައްސަލާގައި ހައި ކޯޓުގައި ޔާމީން އެދިވަޑައިގަތީ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްދިނުމަށެވެ. ނަމަވެސް، އެ މައްސަލަ ބާތިލުކުރުމާ އެކު އަލުން ބަލަން ހައި ކޯޓުން އަމުރުކުރުމުން ހުކުމަށް ފަހު މީޑިއާތަކާ ބައްދަލުކުރައްވާ ޔާމީން މިރޭ ވިދާޅުވީ، މި ހުކުމް މިއަށްވުރެ ކުރިން އެ ކޯޓަށް ނިންމުނީސް ކަމަށާއި ހައި ކޯޓުގައި މައްސަލަ ދިގުލައިގެން ދިއުމުން ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެން ހިނގައްޖެ ކަމަށެވެ.
ނަމަވެސް، މައްސަލާގައި ހުރި ހެކިތަކަށް ބަލާއިރު ކުށް ސާބިތުނުވާނެކަން އޭރު ވެސް ޔަގީންކުރެވޭ ކަމަށާއި މިއީ ތަހުގީގު ވެސް ފުރިހަމަނުވާ މައްސަލައެއް ކަމަށް އޭރު ވެސް ބުނަމުންދިޔަ ކަމަށް ޔާމީން ވިދާޅުވި އެވެ. އަލުން މައްސަލަ ބަލަން މިޖެހުނީ އެހެންވެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި، މިކަމުގެ ތެރޭގައި އެންމެ ދެރަވާ ކަމަކީ ޖިނާއީ އަދުލުގެ ތެރޭގައި މީހަކު ތާށިވެގެންދާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން އަލުން މި މައްސަލާގައި ގޮތެއް ނިންމުމާ އެކު 11 އަހަރުގެ ޖަލު ހުކުމުން ޔާމީން މިވަގުތަށް މިނިވަންވެވަޑައިގަތް ނަމަވެސް:
-
އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ޝަރީއަތްތަކެއް ކްރިމިނަލް ކޯޓުގައި އަދިވެސް އެބައޮތް
-
ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ޝަރީއަތް ކުރަނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ
-
މި އަޑުއެހުންތައް މަޑުޖެހިފައި އޮންނަތާ މިހާރު ވަނީ 8 މަސްވެފައި
ކޮމެންޓް (1)
އާލަމް