ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު (ވ) އާއި އެމްޑީޕީ ޕީޖީގެ ކުރީގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަމީމް

ފެނަކަ ހިޔާނާތް: އިއުލާން ކުރުމެއް ނެތި 111 މިލިއަން ރުފިޔާގެ ތެޔޮ ކުރީގެ މެމްބަރު ހުސައިންގެ ކުންފުނިން ގަތް

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު ހުސެއިންގެ ހިއްސާ އޮންނަ ސިރިއަސްއިން ފެނަކަށް އަޑީ ތެޔޮ ގަތީ އެމްޓީސީސީ އާއި ސްޓެލްކޯއާ އެކު ކުރި ވިޔަފާރި ހުއްޓާލުމަށް ފަހު

އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް (އަދުން ހުސައިން)ގެ ހިއްސާ އޮންނަ ކުންފުންޏަކުން، އިއުލާންކުރެއް ނެތި ފެނަކައިން 111 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - އޮޑިޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވަނީ ފެނަކަ ކުންފުނީގެ 2021-2023ގެ މާލީ މުއާމަލާތްތަކާ ގުޅޭ އޮޑިޓް ރިޕޯޓް ނެރެފަ އެވެ. މި  ރިޕޯޓުގައި ގާނޫނާއި ފެނަކައިގެ ޕްރޮކިއުމަންޓް އުސޫލު އަދި ޕީސީބީގެ ގައިޑްލައިންތަކާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ބުންޏެވެ. 

ތަފްސީލު - ރިޕޯޓުގައި ފާހަގަކޮށްފައި އޮތް އެއް ކަމަކީ، 2021އިން 2023ގެ ނިޔަލަށް ފެނަކަ ކުންފުނިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަޑީ ތެޔޮ ގަނެފައިވާ މައްސަލަ އެވެ. އެގޮތުން ރިޕޯޓުގައި ބުނީ:

  • އެ މުއްދަތު ތެރޭގައި 127.76 މިލިއަން ރުފިޔާގެ އަޑީތެޔޮ ފެނަކައިން ގަތް

  • އޭގެ ތެރެއިން 15.8 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަތީ ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ އެމްޓިސީސީ އާއި ސްޓެލްކޯ މެދުވެރިކޮށް

  • އެއީ އެ މުއްދަތުގައި ފެނަކައިން އަޑީ ތެލަށް ކުރި ހަރަދުގެ ގާތްގަނޑަކަށް %12 

  • ބާކީ %88 ނުވަތަ 111.95 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަތީ ހުސެއިންގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިސް މެދުވެރިކޮށް

ރިޕޯޓްފައި ބުނީ އޮޑިޓް އަމާޒުކުރި މުއްދަތުގައި ފެނަކައަށް އަޑީތެޔޮ ގަތީ އެއްބަސްވުންތަކެއް ނުހަދާ ކަމަށެވެ.

"އެ މުއްދަތުގެ ތެރޭގައި އަޑީ ތެޔޮ ގަންނަމުން ގޮސްފައި ވަނީ އާންމު ބީލަމުގެ އުސޫލުން މުދަލާއި ހިދުމަތް ހޯދަން ޖެހޭ ގޮތަށް ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމެންޓް ޕޮލިސީގެ ދަށުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުނުވާ އަދަދަށް ޕާޗޭސް އޯޑަރުތަކުގައި އަގު ޖަހައިގެން އެއް ދުވަހެއްގައި އެއް ޕާޗޭސް އޯޑަރުތަކަށް ވުރެ ގިނަ ޕާޗޭސް އޯޑަރުތައް އަޑީ ތެޔޮ ވިއްކި ކުންފުނިތަކަށް ފޮނުވައިގެން ކަން ފާހަގަކުރެވުނު،" ރިޕޯޓްގައި ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކުރީ ސަރުކާރުގައި ފެނަކައިން ކޮރަޕްޝަން ހިނގިއިރު އެވާހަކަ އޭރު ވެސް ގަދައަށް ދެކެވުނެވެ. ނަމަވެސް ކުންފުނީގެ ވެރިންނަށް އެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެހެންވެ މި ރިޕޯޓު އާންމުވުމާ އެކު އާންމުންނާއި ވާދަވެރިން ދަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.

އޭގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި މި ދަނޑިވަޅުގައި މިފަދަ ރިޕޯޓެއް އޮޑިޓް އޮފީހުން ނެރުނީ، އަންނަ ހުކުރުދުވަހު މި ސަރުކާރާ ދެކޮޅަށް ބާއްވާ 'ލޫޓުވައިފި' މުޒާހަރާއަށް ގިނަ ބަޔަކު ނުކުމެދާނެތީ ފޯކަސް އަނބުރާލުމަށެވެ. ވެރިކަމުގައި ތިބޭއިރު މިފަދަ އޮޑިޓްތައް ހަދައި، އާންމު ނުކުރާތީ އެކަމަށް ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

ގުޅުން ހުރި - ފެނަކައިގެ ހިޔާނާތާ ގުޅިގެން އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ މައްޗަށް ދައުވާކޮށް ޝަރީއަތް ދަނީ ހިނގަމުންނެވެ.

ކޮމެންޓް (5)

ކަހެލާ

28 ސެޕްޓެމްބަރު 2025
ކޮންމެއިރަކު ނެރުނަސް ކަންއެއޮތީ ކޮށްފައެއްނު. ހެވެއްނު ދަންވަރު ނެރުނަސް ހުކުރުވަގުތު ނެރުނަސް. އެގަނޑެއްގަނެފައެއްނުއޮތީ. ތިޔަމުން ރެކެންތަ ކަލޭމެންވެސް ތިޔައުޅެނީ. ކަލޭމެންނަށް ޚަރަދުކުރާ ބަައެއްތަ އަނެއްކާ އެ ސައީދޭކިޔާ މީހަކީ.
0 0

ސިކުނޑި

27 ސެޕްޓެމްބަރު 2025
ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ތަހުގީގު އަވަސްކުރަން ރައީސް އެންގެވީ މިކަން ނޭނގިތޯ؟
0 0

އަންނި

27 ސެޕްޓެމްބަރު 2025
މޑޕ ން އަދިވެސް ލޫޓުވާލީ އޭ ކިޔާފަ މަގުމައްޗަށް ނުކުންނަން ލަދު ނުގަނޭތަ.
2 0

އެތާމައްޗަށްއެގޮތަށްޖެހެނީ

27 ސެޕްޓެމްބަރު 2025
ސުރުޚީގައި އައިސްފައިވާ ފަރާތުގެ ނަން އޮންނަ އޮޑިޓްރިޕޯޓެއް މިސަރުކާރު އައުމުގެކުރިން ސަރުކާރުގެ އިސްމަގާމުތަކުގަޔާއި މަޖިލީހުގެ މެންބަރުކަމުގައި ތިއްބެވި ބޭފުޅުން އަދިވެސް އެގޮތަށް ތިއްބެވި އެއްޗަކީނަމަ، ދުނިޔޭގެ އަލިކަންދެކޭނެ ދުވަހެއް އަންނާނެޔެކޭ ހިތެއްނުބުނޭ.
0 0

ބަރޯ

27 ސެޕްޓެމްބަރު 2025
ނާސްތާ ޕްރޮގްރާމުން ޙުސޭނު ކުންފުންޏަށް ލިބުނު ވަރުވެސް ބަލާލާތި!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް