ވިއަވެތި ރާއްޖެ ކޮންފަރެންސްގައި ފެނަކަ ކުންފުނީގެ އޭރުގެ އެމްޑީ ސައީދު (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭސީސީ

ފެނަކަ ސައީދަށް ހިޔާނާތުގެ އިތުރު ދައުވާއެއް ކޮށްދޭން އޭސީސީން އެދިއްޖެ

ސައީދާއި ފެނަކައިގެ އިތުރު އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން މިފަހަރު އެދުނީ އައިސް ޕްލާންޓެއް ގަތުމުގައި ހިޔާނާތުގެ ކަންތައްތަކެއް ހިމެނޭތީ

މިދިޔަ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ އިތުރު މައްސަލައެއްގައި އޭނާ އަށާއި އެތަނުގެ އޭރުގެ އެހެން ވެރިއެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ސައީދުގެ އިތުރުން، އެ ކުންފުނީގެ އޭރުގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދު، ހިންމިޔާ/ ރ. އުނގޫފާރުގެ މައްޗަށް ދައުވާ ކުރަން އޭސީސީން އިއްޔެ ފޮނުވީ:

  • ލ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް އޭސީސީން މިއަދު ބުނި

ތަފްސީލު - އެކަމާ ގުޅޭ ގޮތުން އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމްކޮށްފައިވާ އައިސްޕްލާންޓް ފެނައިކައިން ގަނެފައި ވަނީ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަދި ވަރަށް ބޮޑަށް ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން ބުނީ:

  • ފެނަކައިން 2023ގައި ބޭއްވި 18 ވަނަ ބޯޑު ބައްދަލުވުމުގައި އައިސްޕްލާންޓް ގަންނަން ނިންމާފައިވަނީ އެ ޕޮރޮޖެކްޓަކީ ކުންފުންޏަށް ގެއްލުން ހުރި 'އިންޓާނަލް ރޭޓް އޮފް ރިޓާން' އަދި 'ނެޓް ޕްރެޒެންޓް ވެލިއު' ވަރަށް ބޮޑަށް ދަށް ޕްރޮޖެކްޓެއްކަން އެނގިތިބެ

  • ފިޝަރީޒް މިނިސްޓްރީ އާއި ފެނަކައާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މާމެންދޫގައި އައިސްޕްލާންޓެއް ބެހެއްޓުމަށް އޭރު އޮތީ ހަމަޖެހިފައި

  • މިނިސްޓްރީއާއެކު ހަދާފައިވާ އޮތް އެއްބަސްވުމުގެ ދަށުން ބަހައްޓާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެދާނެ ކަމަށް ވިދާޅުވެ ބޯޑު މެންބަރުންނަށް ސައީދު ދޮގު މައުލޫމާތު ދެއްވާފައިވޭ

"އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި [އޭރުގެ ޗީފް އެކައުންޓެންޓް] މުހައްމަދު މަސްއޫދު ހުށަހަޅާފައިވާ އަގަކީ، މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަހުގީގަށް ވަނީ ހާމަވެފަ އެވެ. އައިސްޕްލާންޓް ފަދަ ތަކެތި ވެލިއޭޝަން ހެދުމުގެ ގާބިލުކަން ފެނަކައިގައި ހުރި ނަމަވެސް މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައި ވަނީ އޮޅުވާލައިގެން،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

އޭސީސީން އެދުނީ މި މައްސަލައިގައި އެ މީހުންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ދެ ކުށެށްގެ ދައުވާ ކޮށްދިނުމަށެވެ. އެއީ:

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ

  • ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަށް އަމަލު ކުރުމުގެ ދައުވާ

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ޑިސެމްބަރު މަސް ތެރޭ ވެސް އޭސީސީން ސައީދުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ. އޭގެ އިތުރުން ސައީދު ފެނަކައިގައި ހުންނެވި އިރު ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓު ވެސް އޮތީ ހިފަހައްޓައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް