ފެނަކަ ކޯޕަރޭޝަނުން 8 ނޮވެމްބަރު 2023 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވާހަކަދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)
ފެނަކަ ކޮރަޕްޝަނުގެ އިތުރު މައްސަލައެއްގައި ސައީދުގެ މައްޗަށް ދައުވާކޮށްފި
މިދިޔަ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ އިތުރު މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.
ވީ ކިހިނެއް؟ - ލ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސައީދުގެ މައްޗަށް ދައުވާކުރުމަށް އޭސީސީން މިދިޔަ 13 އޭޕްރީލުގައި ވަނީ ފޮނުވައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނި ގޮތުގައި ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅީ 20 މެއިގަ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.
މި ދައުވާގެ ޝަރީއަތް ފެށުމަށް އަޑުއެހުމެއް މި ފަހުން ކްރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް އެ ދުވަހު އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
ތަފްސީލް - ފެނަކަ އާއި ފިޝަރީޒް މިނިސްޓްރީއާ އެކު ހެދި އެއްބަސްވުމުގައި ސައީދު ސޮއިކުރެއްވުމަށް ފަހު، މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ހިންގީ އުސޫލުތަކުގެ ބޭރުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ސައީދުގެ މައްޗަށް ދައުވާކުރުމާ ގުޅޭގޮތުން ޕީޖީ އޮފީހުން ފާހަގަކުރިގޮތުގައި:
-
މާމެންދޫގައި ފެނަކައިން އައިސްޕްލާންޓެއް އެޅުމުގެ ބަދަލުގައި އެ ރަށުގައި އޭރު ވެސް ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅީ އާދަޔާހިލާފު ބޮޑު އަގެއް ކަމަށްވާ 11.2 މިލިއަން ރުފިޔާ
-
އައިސްޕްލާންޓް ގަތުމަށް ނިންމީ ފެނަކައިން އިންހައުސްކޮށް އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން ބޯޑުގެ ބައްދަލުވުމުގައި ސާފުކޮށްނުދީ. އަދި އެ ވާހަކަ ހުއްޓުވާފައިވޭ
-
އަދި އެ ގޮތަށް ނިންމީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔެއް ހޯދުމަކާ ނުލައި، އަދި އެއީ ފެނަކައިގެ ބިޒްނަސް ޕްލޭންތަކުގައި ވެސް މާލީ ގޮތުން ގެއްލުން ބޮޑު މަޝްރޫއުއެއްކަން ބަޔާންކޮށްފައިވަނިކޮށް
-
ކައިޒާން އިންވެސްޓްމަންޓްއަށް ފެނަކައިން އެހާ ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ގޮތް މެދުވެރިކުރަން މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ސައީދު ސޮއިކޮށްފައިވޭ
އެނގުން މުހިންމު - މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިން ހިންގި ކަމަށް ތުހުމަތުކުރާ ހިޔާނާތުގެ 75 މައްސަލައެއް ތަހުގީގުުކުރަން ފަށައި ސައީދުގެ މައްޗަށް އެހެން މައްސަލައެއްގައި ވެސް ދައުވާކޮށްފައިވެ އެވެ. އެއީ:
-
މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމެންޓް ކުންފުންޏެއް ކަމަށްވާ، ބްލޭޒަން އިންކްއާ ފެނަކައިން ހަވާލުކުރި މަސައްކަތެއް ނިންމިކަން ކަށަވަރުކުރުމެއް ނެތި އެ ކުންފުންޏަށް ފައިސާ ދޫކުރި ކަމަށް ބުނާ މައްސަލައެއް
-
އޭގެ ސަބަބުން ފެނަކައަށް 848،000 ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައި