ތަރައްގީއަށްޓަކައި ވިލިމާލެ ފިނި ހިޔަލަކުން ގަދަ ހޫނަކަށް
ތިބެނީ މަގުގެ އެއް ކައިރީގަ ބޯހާވާލައިގެންނެވެ. މީހުން ގޮވައިގެން ދުއްވާފައި ދާ 'ނިކަމެތި' ބަސްތަކަށް ހަމަލާ ދީ، ތަޅައި، އަނިޔާކުރަނީ އެވެ. މުޅި މަގަށް ކުނިއަޅައި ހަރާބުކޮށްފި އެވެ. ނުވިތާކަށް ހުއްދަ ނެތި މީސްމީހުންގެ ގެއަށް ވެސް ވަންނަނީ އެވެ. ފަސްގަނޑަށް ފެތުރިގެން ބިމު އަޑިން ލާފަ އެވެ. ފެންނަނީ ބިންގަނޑު ފަޅާލާފައި ގޭތެރެއަށް ވަދެ ފާހާނާ އާއި ބަދިގެއަށް ވެސް ވަދެ ތިއްބަ އެވެ.
ނޫނެކެވެ. މި ދައްކަނީ މަގުމައްޗަށް ގިނަވެގެން ލަޓޯފަޓޯވެގެން އުޅޭ ގުރޫޕެއްގެ ވާހަކައެއް ނޫނެވެ. އިންސާނުންގެ ވާހަކައެއް ވެސް ނޫނެވެ. މިފަހުން މާލޭ ސިޓީ ކައުންސިލުން ބޮޑެތި ކީސްތަކާއި ސާމާނު ހިފައިގެން ގޮސް ބުޑުން ކަނޑައި ވައްޓާލި ދުވަސްވީ ގަސްތަކުގެ ވާހަކަ އެވެ. އެ ގަސްތަކުގެ ކުށަކަށް ވީ ތަރައްގީގެ ފަސޭހަތަކަށް ހުރަސް އެޅުމެވެ. މާ ބޮޑެތިވެ، އިންސާނުންގެ އަތްފޯރާހާ ތިރިއަށް އޮފިތައް އެލި، ކޮންމެވެސް ބަޔަކަށް ތުރާލަކަށްވީ އެވެ.
"ސިޓީ ކައުންސިލުން ބުނެފައި އޮތީ ގަހުގެ މޫތައް ގޮސް ގޭގެއަށް ވަދެ، ގޭގޭ ފާހާނާއަށް ވަދެ، ބަދިގެއަށް ވަދެ، އެހެންވެ އެމީހުންނަށް އެކަންތައް ބޮޑުވެގެން ގަސްތައް ކަނޑަނީއޭ ބުނީ،" ގަސްތައް ކެނޑުމުގެ ފަހަތުގައި އޮތް ސަބަބު، އެނގިފައިވާ ގޮތަށް ހިއްސާކުރަމުން ދައުރު'އާ ވާހަކަދެއްކި ވިލިމާލޭގެ ރަށްވެއްސަކު ބުންޏެވެ.
ގަސް ކެނޑީ ބަސް ދުއްވަން އުނދަގޫވެގެން، އެމްޓީސީސީގެ އެދުމަކަށް
މި ވެގެން އުޅޭ ގޮތެއް ބަލަން އަހަރެމެން މާލެ ސިޓީ ކައުންސިލްގެ ބަހެއް ހޯދަން ފުރަތަމަ މަސައްކަތް ކުރީ 6 މާޗުގަ އެވެ. ޖަވާބެއް ލިބުނީ މިއަދު އެވެ. ކައުންސިލުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި ގަސްތައް ކަނޑާލީ އެ ރަށުގައި ބަސް ދަތުރުކުރަން އުނދަގޫވާތީ އެމްޓީސީސީން އެކަމަށް އެދިގެންނެވެ.
"އަޅުގަނޑުމެންނަށް ލިބުނީ އެމްޓީސީސީއިން ސިޓީއެއް. މީހުން މަގުމަތީގައި ނަމާދު ކުރާނެތީވެ ރޯދަޔަށް ބަސް ރޫޓު ބަދަލުކުރަން އުޅޭ ކަމަށް ބުނީ. ގަސްތައް ވަރަށް ތިރިކޮށް (ފޯދިފައި) ހުންނާތީ، ބަސްތަކަށް ރަނގަޅަށް ނުދުއްވޭތީ ގަސްތައް ވަރަށް ބޮޑަށް ކޮށައިދޭން އެދުނީ،" އޮފިޝަލު ވިދާޅުވި އެވެ.
ގަސް ކޮށައިދޭން އެދި، އެމްޓީސީސީއިން އެ ބުނާ ގަސްތަކުގެ ފޮޓޯ ވެސް ހިއްސާކުރި ކަމަށް ވެއެވެ. ނަމަވެސް މާ ބައިވަރު ގަސް ނުކަނޑާކަން ފާހަގަކޮށް އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުން ކެނޑީ އެންމެ އަށް ގަހެވެ. އެ ހުރިހާ ގަސްތަކުގައި ހުރީ ކަތުރުފަނި ވެސް އަޅާފައި ކަމަށްވެ އެވެ.
ކަނޑާލި ގަސްގަހުގެ ބަދަލަށް ބަގީޗާ 60 ގަހާއި މޭވާ އަޅާ 70 ގަސް ކައުންސިލުން ވަނީ އިންދާފަ އެވެ. އޭގެ ތެރޭގައި އަނބާއި ޖަނބުރޯލާއި ފޭރާއި ޖަންބު ގަސް ހިމެނެ އެވެ. އާންމުކޮށް ސުވާލުތަކަށް ވަރަށް ފަސޭހައިން ޖަވާބު ލިބުނު ނަމަވެސް މިކަމުގައި ކައުންސިލުން ހަފުތާއެއް ވަންދެން ހިމޭނުން ތިބީ ސިއްރުސިއްރުން މައްސަލަ ހިންދާލަން ކަމަށް ވެސް ވެދާނެ އެވެ.
މަާލެ ސިޓީގެ، އެކި ސަރަޙައްދުތަކުގައި، ގަސް އިންދައި ފެހިކޮށް ރީތިކުރުމާއި، އިންދާފައިވާ ގަސްތައް، ރީތިކުރުމަށް ގަސްކޮށައި، ހެދުމަކީ، މާލެ ސިޓީ ކައުންސިލުން ވަރަށް އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތެއް. މި ގޮތުން، ވިލިމާލޭގައި، ގަސް އިންދުމަށް ޚާއްޞަކުރެވިފައިވާ،… pic.twitter.com/PPpnURSLnx
— Malé City Council (@MaleCitymv) March 13, 2025
އެންމެ އަށް ގަސް ކަނޑާލި ކަމަށް ކައުންސިލުން ބުނި ނަމަވެސް ވިލިމާލޭ ރަށްވެހިންގެ ވާހަކަ އާއި އެތަނަށް ގޮސް ބަލައިލުމުން ފެންނަ މަންޒަރު މުޅިން ތަފާތެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެއީ ވިލިމާލޭގެ އެންމެ ހިތްފަސޭހަ އެއް މަގެވެ. އެތައް ބަޔަކު ގެއާއި ފެރީ ޓާމިނަލާ ދެމެދު ކޮންމެ ދުވަހަކު ހިނގާބިނގާވެ އުޅޭ މަގެކެވެ. މިހާރު ފެންނަނީ އަވިގަދަ، ހަނަފަސް ކަމެކެވެ. ދުވާލު އިރު ދޮންކޮށްލާފައި އޮންނަ ކޮންމެ ގަޑިއެއްގައި ވެސް އިހުސާސް ވަނީ ހޫނު ކަމެވެ. ހިޔަލެއް ލިބޭނަމަ މިހާރު ލިބޭނީ ކޮންމެވެސް އިމާރާތެއްގެ ނިވަލުންނެވެ.
"އަހަރެމެން އަބަދުވެސް މާލެ ދާއިރު މި މަގުން ދަނީ. އެއީ މި މަގުން ޓާމިނަލާ ހިސާބަށް ފިނިކޮށް (ހިޔަލުން) ދެވޭނެ. މިހާރު މި މަގުގައި ހުރި 12، 13 ވަރަކަށް ގަސް މަދު. ހަމަ ކަނޑާ ނަގާފައި މިހުރީ. އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ،" ވިލިމާލޭގައި ދިރިއުޅޭތާ 20 ވަރަކަށް އަހަރުވީ މީހަކު ބުންޏެވެ.
ބަސް ދުއްވަން އުނދަގޫވަނީއޭ ކިޔާފައި ގޮސް މިވަރު ކޮށްލުމުން ގިނަ މީހުން ތިބީ ގަބޫލުކުރަން ދަތިވެފަ އެވެ. ގަސްތައް ކަނޑައި ތިރި ނުކުރިޔަސް ގޮތެއް ހޯދޭނެ ނޫން ހެއްޔެވެ؟ އެ ބުނާ، އުނދަގޫވާ ވަރަށް ފޯދިފައި ހުރި އޮފިތައް ކޮށާ ވެސް ލެވިދާނެ ނޫން ހެއްޔެވެ؟ ބުޑުން ލުހެލައިގެން ގޮސް އެއްލައިލުން ނޫން ގޮތެއް ހަމަ ކައުންސިލަށް ނުފެނީ ހެއްޔެވެ؟
ގަސްތަކާއި ރަށްވެހިންނާ ދެމެދު އޮތީ ހާއްސަ ގުޅުމެއް؛ ކަނޑާލުމަކީ ބޮޑު ހިތާމައެއް
ވިލިމާލޭގައި އުޅޭ އަންހެނެއް ބުނީ ގަސްތައް ކަނޑާލި މަންޒަރު ފެނުމުން ވަރަށް ދެރަވި ކަމަށެވެ. އަބަދު ގޭގައި ނުހުންނަން ވެގެން ހިތްފަސޭހަކޮށްލަން އޭނާ ކުރިން ނުކުންނަނީ ބޭރަށެވެ. އެކަމަކު ގަސްތައް ކަނޑާލި ފަހުން ވާ ހޫނެއްގެ ބޮޑުކަމުން މިހާރު ގެއިން ނުކުންނަ ހިތް ވެސް ނުވަނީ އެވެ. އެކަމަކު ނުނުކުމެ ވެސް ނުހުރެވޭނެ ނޫން ހެއްޔެވެ.
"ދައްތަ ވެސް އެ މަގުން ހިނގާނެ. އެ [ގަސްތައް] ކެނޑި ކުދިން ވެސް އެ މަގުން ހިނގާނެ. ހަމަ ހޫނުވާނެ. ވަރަށް ހޫނު ގަދަ ދުވަސްވަރެއް. ވަރަށް ހޫނުވޭ، ބޭރަށް ނުކުންނަ ހިތް ވެސް ނުވޭ. ދެން އަބަދު ގޭތެރެއަކު ވެސް ނީނދެވޭނެ ދޯ ކޮއްކޯ،" ވިލިމާލޭގައި އުޅޭ އަންހެނަކު ބުންޏެވެ.
ވިލިމާލޭގައި ހަރަކާތްތެރިވާ 'ސޭވް ދަ ބީޗް މޯލްޑިވްސް' ޖަމިއްޔާއިން ވާހަކަދެއްކި މީހަކު ބުނީ ވިލިމާލޭގެ އެ ގަސްތަކަކީ އެތަނުގެ ރަށްވެހިން ވަރަށް ކުރިން، އެ މީހުންގެ އަމިއްލަ އަތުން އިންދި ގަސްތަކެއް ކަމަށެވެ. އެހެންވެ އެ ގަސްތަކާއި އެ މީހުން އަދި ވިލިމާލޭގެ ރަށްވެހިންނާ ދެމެދު ވެސް ހާއްސަ ގުޅުމެއް އޮންނަކަމަށް އޭނާ ބުންޏެވެ.
"މޫ އަރަނީއޭ ނޫނީ ފަތް އެޅެނީއޭ ނޫނީ ބަހުގައި ދާއިރު ގޮތްޕެއް ޖެހެނީއޭ ކިޔާފައި ގަސް އެއްކޮށް ކަނޑާލުމަކީ އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިހާ ބޮޑެތި ގަސްގަހަކީ ވަރަށް ބައިވަރު ކާބަން 'އެބްސޯބް' ކޮށްފައި ވަރަށް ބައިވަރު ފައިދާތަކެއް އަޅުގަނޑުމެންނަށް ދޭ ގަސްތަކެއް،" އޭނާ ބުންޏެވެ.
"ދެން މި އެއްޗެހި [ގަސްތައް] ކަނޑާލާފައި ކުދިކުދި ގަސް އިންދީމަ މި ގަސްތަކުން ކުރި 'އެފެކްޓު' އަލަށް އިންދި ގަސްތަކުން ކުރަން ކިހާ ދުވަހެއް ވާނެ؟"
ގަސް ބެލެހެއްޓުމެއް ނޯވޭ؛ ކަނޑާލަން ފަސޭހައެއްނު؟
މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފު ފާތިހު ވިދާޅުވި ގޮތުގައި ވިލިމާލޭގައި ހުރި ގަސްތައް ކަނޑަން ހިންގި ޕްރޮގްރާމަކީ ކައުންސިލްގެ އާންމު ނިންމުމަކުން ކުރި ކަމެއް ނޫނެވެ. އެކަން ކުރަން ކައުންސިލްގެ މެމްބަރުން ލަފައެއް ވެސް ނުދެ އެވެ. އަދި އާންމު ނިންމުމެއް ވެސް ނުނިންމަ އެވެ.
ދާއިރާތަކަށް ވަކިވަކި ކައުންސިލަރުން ތިބި ނަމަވެސް އިންތިޒާމީ، ތަންފީޒީ އަދި އިދާރީ ބާރުތަކެއް ކައުންސިލަރުންނަކަށް ނޯވެ އެވެ. އެހެންވެ ގަސް ކެނޑުމުގެ މި ޕްރޮގްރާމު ހިންގުމުގައި ފަހަތުގައި ހުންނެވީ މޭޔަރު ކަމެއް، ސެކްރެޓަރީ ޖެނެރަލް ކަމެއް ނުވަތަ ޑިރެކްޓަރު ޖެނެރަލް ކަމެއް އޭނާއަށް އެނގިވަޑައިނުގަންނަވަ އެވެ.
ތަރައްގީއަށްޓަކައި ވިލިމާލެ ފިނި ހިޔަލަކުން ގަދަ ހޫނަކަށް
— Dhauru (@Dhaurunews) March 14, 2025
މީގެ އެތައް އަހަރެއް ކުރިން ވިލިމާލޭގެ ރަށްވެހިން އިންދި ގަސްތައް ބޮޑެތިވެ ހިޔާ ލިބިލިބި ހުއްޓާ ކައުންސިލުން ވަނީ ބައެއް ގަސްތަކުގެ ބުޑުން ކަނޑާލައި މުލުން ލުހެލާފައި
އިތުރަށް ކިޔާލަން: https://t.co/4ZshQaaSLn pic.twitter.com/yqt1YssTKU
ނަމަވެސް މި މައްސަލައިގައި އަމިއްލަ ހިޔާލު ފާޅުކުރައްވަމުން ސައިފު ވިދާޅުވީ މިފަދަ 'އާބަން ސެޓިން'ތަކުގައި ގަސް ގެންގުޅުމާއި ބެލެހެއްޓުމުގައި ހިފަހައްޓާ ހަމަތަކެއް ހުންނަ ކަމަށެވެ.
"ރޫޓް ސިސްޓަމް ކޮންޓްރޯލް ކުރުމާއި ޕްރޫން ކުރުމުގެ އުކުޅުތަކެއް އެބަހުރޭ،" އޭގެ މިސާލުތަކެއް ދައްކަވަމުން ސައިފު ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ހަމަތަކެއް މިތަނުގައި ނޯވެ އެވެ. އެއްވެސް ހަމައެއް ލަމައެއް ނެތި ޖެހުނު ގޮތަކަށް، ހިތަށް އަރާއިރަށް ގޮސް ގަސްތައް ކަނޑާލަނީ ވެސް އެހެންވެ އެވެ.
"ގަސް އެންމެ ބޮޑަށް ހެދޭއިރަށް ގޮސް މި ކަނޑާލަނީ. ނުބަލަހައްޓާ ދޫކޮށްލާފައި ދެން 50 އަހަރު ވެފައި ހުންނަ ގަސްތައް ކަނޑާލަނީ،" ސައިފު ވިދާޅުވި އެވެ.
"30 ވަރަކަށް އަހަރުގެ ގަހަކާ އިއްޔެ މުޑުވަށް ކޮށްގެން ގޮސް އިންދި 3 ފޫޓުގެ އޮފިބުރިއަކާ އެއްވަރެއް ނުވާނެ ނޫންތޯ."
އޭނާ ވިދާޅުވީ ގަސް ހެއްދުމުގެ އިލްމު ހުރި، ތަންދޮރު ދަންނަ މީހުން ވެސް ކައުންސިލްގައި ނުތިބޭ ކަމަށެވެ.
"އެކްސްޕާޓް ކޮންސަލްޓެންޓުން އެބަ ނަގާ. ކެމެރާ ކުރަން މީހުން އެބަ ނަގާ. އެހެންވީމަ ނަގަން ވާނެއެއްނު ބޮޓަނިސްޓުން ވިޔަސް ލޭންޑްސްކޭޕާސް ވިޔަސް ހޯޓިކަލްޗަރިސްޓު ވިޔަސް ނުވަތަ ކޮންމެ ނަމެއް ކިޔަސް އެކަން ކުރެވޭ ބަޔަކު ވެސް." ސައިފް ވިދާޅުވި އެވެ.
ޖެހުނު ގޮތަކަށް ގަސް ކަނޑާ މިސާލެއްގެ ގޮތުގައި ސައިފު އިޝާރާތް ކުރެއްވީ އަމީނީމަގަށެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އަމީނީމަގުގެ ތާރުއެޅިއިރު އެ މަގުގައި ހުރި ދުވަސްވީ ގަސްތައް ކަނޑާލީ، ސައިފު ވިދާޅުވި ގޮތުގައި އޮފިއެލޭ ގަސް އެއްގޮތަކަށް ވެސް ބަހައްޓަން ނުވާނޭ ބުނަމުންނެވެ.
"އެހެން ކިޔާފައި، ގަސްތައް ކަނޑާފައި ބައްލަވާ، ޖަހާފަ ހުރީ ހަމަ އޮފި އެލޭ ގަސް،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން އައިސް، އެމްޑީޕީ ސަރުކާރަށް އަމީނީމަގުން ނުނިންމުނު ބައިގައި ތާރުއެޅީ ވެސް ހަމަ އެ ގޮތަށް ގަސް ކަނޑައިގެންނެވެ.
އިތުރަށް ކިޔާލަން
'ހިތުހުރި ގޮތަކަށް ގަސް ކެނޑުން ގާނޫނާ ހިލާފު؛ ދައުވާ ކުރަންޖެހޭ'
6 މާރިޗު 2025
މި ސަރުކާރުން ވެސް ގަސް ކަނޑައިގެން އަމީނީ މަގު ހަދާތީ ފާޑުކިޔަނީ
10 ޑިސެމްބަރު 2023
'އަމީނީ މަގުގައި ހުރީ މަގުމަތީ އިންދާ ޒާތުގެ ގަސްތަކެއް ނޫން'
29 ސެޕްޓެމްބަރު 2022
އަމީނީމަގުގެ ގަސްތައް ސަލާމަތްކުރަން ޖެހެނީ ކީއްވެ؟
29 ސެޕްޓެމްބަރު 2022
ވިލިމާލޭގެ ގަސްތައް ކަނޑާލަން ނިންމި ބޭފުޅަކު އެކަންކޮށް އަދި އަލުން ގަސް އިންދުމުގެ ފަހަތުގައި އޮތީ ކޮން ކަހަލަ ވިސްނުމެއް ނުވަތަ 'ލޮޖިކެއް' ކަން ސައިފަށް ވެސް އެނގިވަޑައިނުގަންނަވަ އެވެ. ވިލިމާލޭގައި އިންދި ކުދި ގަސްތައް ވެސް ނުބަލަހައްޓައި، ބޮޑެތިވެ، ބަޔަކަށް އެ ގަސްތަކުން ހިޔާވަހިކަމާއި ފަސޭހައެއް ލިބެން ފެށުމާ އެކު އަނެއްކާ ވެސް ގޮސް ކަނޑާލާނީބާ އެވެ.
ކައުންސިލަރުންގެ ބަހެއް ނެތި ވިލިމާލޭގެ ދުވަސްވީ ގަސްތަކެއް ކަނޑާލިއިރު، ސައިފު ވިދާޅުވީ އޭގެ ބަދަލުގައި ކުދިކުދި ގަސްތަކެއް އިންދީ ވެސް ކައުންސިލްގެ ނިންމުމަކުން ނޫން ކަމަށެވެ. އެކަމުން ވެސް ދައްކައިދެނީ، އޭނާ ވިދާޅުވި ގޮތުގައި އެގްޒެކެޓިވް ޑިސިޝަން ނުވަތަ ވަކި އިސް ބޭފުޅަކަށް ކަންކަން ނިންމަން ލިބިފައި އޮންނަ ބާރެއްގެ ބޭނުންކޮށްލާ މިންވަރެވެ. އަދި ކުދިކުދި ގަސްތަކެއް އިންދި ނަމަވެސް، ކުރިން ލިބުނު ހިޔަލެއް، ފައިދާއެއް އަވަސް މުސްތަގްބަލެއްގައި ވިލިމާލޭގެ ރަށްވެހިންނަށް ނުލިބޭނެ ކަމަށް އޭނާ ވެސް ފާހަގަކުރެއްވި އެވެ.
"30 ވަރަކަށް އަހަރުގެ ގަހަކާ އިއްޔެ މުޑުވަށް ކޮށްގެން ގޮސް އިންދި 3 ފޫޓުގެ އޮފިބުރިއަކާ އެއްވަރެއް ނުވާނެ ނޫންތޯ،" ސައިފު ވިދާޅުވި އެވެ.
'އާދޭހާ އެކު: ގަހެއް ނުކަނޑާ ވޭތޯ ބަލައިދީ'
ވިލިމާލޭގެ ދުވަސްވީ ގަސްތައް ކަނޑާލުމުގައި ކައުންސިލަށް މިފަހަރު އިސްކުރެވިފައި މި އޮތީ އާންމުންގެ ފަޅިއެއް ނޫނެވެ. އެ ނިންމުން ނިންމީ ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ ފަޅީގައި އޮވެގެންނެވެ. އެ ކުންފުނިން ދޭ އާންމު ހިދުމަތަކަށް ފަސޭހަ ކޮށްދިނުމަށޭ ވެސް ބުނެ ފަރުޖައްސާލެވިދާނެ އެވެ. ނަމަވެސް އެހެން ބުނާނަމަ އެ ގަސްތަކުން ވެސް އެ ލިބިދެނީ އާންމު ހިދުމަތެއް ނޫން ހެއްޔެވެ؟ އަގެއް ނުނަގައި މުޅިން ހިލެ އެވެ.
ބަހުގައި ދުއްވާފައިދާ މީހަކަށް ނުވަތަ ބަޔަކަށް އިރުގެ ހޫނުކަން އިހުސާސެއް ނުކުރެވޭނެ އެވެ. ނަމަވެސް އެއްކަލަ ދައްތަމެން ގޮތަށް 10 ވަރަކަށް ފޫޓުގެ ބަންދު ކޮޓަރިއަކުން ހިތްފަސޭހަކޮށްލަން ނުކުންނަ މީސްމީހުންނަށް ވާނެ ފިންޏެއް ނޯންނާނެ އެވެ. ބަހުގައި ދުއްވާފައިދާ މީހުން ވެސް އޭސީގެ ފިނި ހިޔަލަކުން ފައިބަން ޖެހޭނީ ގަދަ ހޫނަކަށެވެ.
"މުއައްސަސާތަކަށް ވެސް، ކައުންސިލަށް ވެސް ދަންނަވާލާނީ، އާދޭހާ އެކު ބުނަމޭ، އަމުދުން ތާރު އަޅާފައި ހުންނަ ރަށެއްގައި ގަހެއް ނުކަނޑާ ވޭތޯ ބަލާލައްޗޭ."
ވިލިމާލެއަކީ މާލެ ސަރަހައްދުގެ އަޅި ކޮންކުރީޓު ހާލީގެ ތެރެއިން ހެދިފައި އޮތް ކުޑަ ވަރެއްގެ ބަގީޗާއެކެވެ. ފާރަވެރިންނަށް ތިބީ ކައުންސިލެއް، ސަރުކާރެއް ނޫނެވެ. އެކަހަލަ ދުވަސްވީ ބިޔަ ބޮޑެތި ގަސްތަކެވެ. އިރުގެ ހޫނު ދޯދިތަކަށް އައްޑަނައެއްގެ ގޮތުގައި އޮފިތައް ފަތުރާލައިގެންނެވެ.
އަރާމު ވައިރޯޅިތަކަށް ހެލިލާ ފަތްތަކުން ކަންފަތަށް އިއްވައިދެނީ ހިތްގައިމު ގުދުރަތީ މިއުޒިކެކެވެ. އެކަމަކު އެ ފާރަވެރިންނެއް މިހާރަކު ނެތެވެ. އަމިއްލަ އިހުތިޔާރެއް ނެތި، ވިލިމާލޭ ރައްޔިތުންނަށް ދާން މި ޖެހުނީ ފިނި ހިޔަލަކުން ގަދަ ހޫނަކަށެވެ.
ކޮމެންޓް (3)
އަލީ.
ސާމީ
ސޭވް ވިލިމާލެ