ޕްރޮޕެލާ ގާޑެއް: ރާއްޖޭގައި ޓޫރިސްޓުން ގޮވައިގެން އުޅަނދުފަހަރު ދާއިރު މި ގާޑު ބޭނުންކުރުން މުހިންމު
ބުރަފަތި ގާޑު: ހަރަދާއި ފުރާނައިގެ އަގުގެ ބަހުސެއް
މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައިސް އުޅުނު އާޖެންޓީ ފަތުރުވެރިޔަކު ވަނީ މަރުވެފަ އެވެ. ފެހުރިހި ބަލަން ގޮސް އުޅެނިކޮށް ލޯންޗެއްގެ ބުރަފަތީގައި ޖެހިގެންނެވެ.
ނޮވެމްބަރު 2024ގައި ފެހުރިއްސާ ބެހޭ ދިރާސާއެއް ހަދަން އައިސް އުޅުނު އުމުރުން 15 އަހަރުގެ ސިންގަޕޫރު އަންހެން ކުއްޖަކު ވެސް ވަނީ މަރުވެފަ އެވެ. ދޯނީގެ އިންޖީނު ނިއްވާނުލަނީސް މޫދަށް ފުންމާލި ގަޑީގައި ބުރަފަތީގައި ޖެހިގެންނެވެ.
އޭގެ އަދި ދުވަސްކޮޅެއް ކުރިން، ޖޫން 2024ގައި ފާނައަށް ގޮސް އުޅުނު ބިދޭސީއެއް ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ ފާނަ ބާނަން އޮއްވާ ގައިގައި ލޯންޗެއްގެ ބުރަފަތިން ޖެހި، ހަށިގަނޑު ދެ ފަޅިވެގެންނެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ދުރަށް ފެންނަ ގޮތަށް ދިދަ ވެސް ނަގައިގެން އޮއްވަ އެވެ.
މި ތިން ހާދިސާ އާއި އޭގެ ކުރިން ވެސް ހިނގާ ދިޔަ މިފަދަ އެތައް ހާދިސާއެއްގައި ވެސް ހިމެނޭ އެއްގޮތް ކަމަކީ ލޯންޗު ނުވަތަ ދޯނީގެ ބުރަފައްޗެވެ.
ހުކުރުދުވަހުގެ ހާދިސާއާ އެކު ސޯޝަލް މީޑިއާގައި އާންމުވީ ބުރަފަތިތަކުގައި އަޅުވާ 'ޕްރޮޕެލާ ގާޑު'ގެ ފޮޓޯތަކެވެ. ގިނަ މީހުން ބުނާ ގޮތުގައި ބުރަފަތީގެ ވަށައިގެން އަޅުވާ އެ ގާޑުގެ ސަބަބުން މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރެވިދާނެ އެވެ. އެއީ ބުރަފަތީގައި އެޅުވުން ލާޒިމްކުރަން ޖެހޭ އެއްޗެކެވެ. އެކަމާ ދެކޮޅަށް ވެސް ބައެއް މީހުން ހިޔާލުފާޅުކުރި އެވެ.
ޕްރޮޕެލާ ގާޑަކީ ކޮބާ؟
މިއީ ޕްލާސްޓިކް އަދި ސްޓެއިންލެސް ސްޓީލް ފަދަ މެޓީރިއަލްތަކުން އުފައްދާ، ބުރަފަތި ވަށައިގެން އަޅުވާ ގާޑެކެވެ.
ޕްރޮޕެލާ ގާޑުގެ މައިގަނޑު ދެ ބޭނުމެއް އޮވެ އެވެ. ފުރަތަމަ ކަމަކީ ލިބޭ ގެއްލުމަކުން ބުރަފައްޗާއި ގިއަރު ބޮކްސް ރައްކާތެރިކުރުމެވެ.
އަނެއް ކަމަކީ ބުރަފަތިން ޖެހިގެން ދިމާވާ ހާދިސާތަކުން މީހުން ރައްކާތެރި ކުރުމެވެ.
'ހަރަދެއް ނޫން، އިސްކުރަންވީ ރައްކާތެރިކަން'
ޕްރޮޕެލާ ގާޑުގެ ބަހުސާ ގުޅޭ ގޮތުން މެރިން އިންޖިނިއަރިންގައި ތަރުޖިބާކާރު، ހަސަން މެރިންގެ މެނޭޖިން ޑިރެކްޓަރު ހަސަން ހަލީމް ވިދާޅުވާ ގޮތުގައި މިފަދަ ހާލަތްތަކުގައި މިއީ ކޮންމެހެން ވެސް ބޭނުންކުރުން މުހިންމު އެއްޗެކެވެ.
ސަބަބަކީ ކޮންމެ އުޅަނދަކީ ވެސް، ވަކި ބޭނުމަކަށް ހާއްސަ އުޅަނދަކަށް ވުމެވެ.
"މިސާލަކަށް، ފެރީގައި ޕްރޮޕެލާ ގާޑު ކޮންމެހެން ހުންނާކަށް ނުޖެހޭ. އެއީ ވަކި ޗެނަލްއަކުން ދަތުރުކުރާ އުޅަނދު. އެކަމަކު ފުލްކޮށް ގެސްޓުން ގޮވައިގެން އެކްސްކާޝަނަށް ލެގޫންތަކަށް ދާ އުޅަނދުތަކުގައި ހުންނަން ޖެހޭ. އެއީ ވަރަށް މުހިންމު ކަމެއް،" ހަސަން ވިދާޅުވި އެވެ.
"ޑައިވިން، މަންޓާ ނުވަތަ އެކްސްކާޝަނެއް ވިޔަސް، ވަކި ކަމަކަށްތާ ގެސްޓުން ގޮވައިގެން އެ އުޅަނދުތައް އެ ދަނީ؟ ގޮސް މީހުން މޫދަށް އަޅާލަނީ. އެހެންވީމަ ރައްކާތެރި ކުރެވިފައި ހުންނަންވާނީ."
ސޯޝަލް މީޑިއާ ބަހުސްގައި ޕްރޮޕެލާ ގާޑާ ދެކޮޅަށް ދެކެވުނު މައިގަނޑު ވާހަކައަކީ، އެ ގާޑު އެޅުވުމުން އުޅަނދުގެ ސްޕީޑް ދަށްކަމަށް ބުނެވޭ ވާހަކަ އެވެ.
ހަސަން ވެސް ވިދާޅުވީ އެއީ ތެދެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސްޕީޑާއި ހަރަދަށް ވުރެ "ރައްކާތެރިކަން މާ މުހިންމު" ކަމަށެވެ.
"ޕާފޮމެންސަށް އަންނާނެ ކޮންމެވެސް ވަރެއްގެ ބަދަލެއް. ސްޕީޑަށް ބަދަލެއް އަންނާނެ، ފުދޭ ވަރެއްގެ. ތެލުގެ ހަރަދު ވެސް ބޮޑުވާނެ،" ހަސަން ވިދާޅުވި އެވެ.
"އެހެން ނަމަވެސް ރައްކާތެރިކޮށް ކުރާ ނަމަ، ކުރަން ވާނީ އުސޫލެއްގެ ތެރެއިން. [ޕްރޮޕެލާ ގާޑު އެޅުވީމާ އަންނަ ބަދަލުތަކަކީ] ކޯސްޓެއް ކަމަށް ބަލައިގެން ކުރަން ޖެހޭނީ."
ހޭލުންތެރިކަން ކުޑަވުން: އެންމެ ބޮޑު މައްސަލަ
މިފަދަ ހާދިސާތައް ހިނގައިގެން އުޅޭއިރު ބައެއް ފަހަރު ހޭލުންތެރިކަން ކުޑަވާކަމުގެ ކަންބޮޑުވުން ވެސް އޮވެ އެވެ. އެ ކަންބޮޑުވުން ހިއްސާކުރައްވައި ހަސަން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކޮބައިކަން ގެސްޓުހައުސްތަކާއި ކަމާ ބެހޭ ފަރާތްތަކުން ފަތުރުވެރިންނަށް އަންގަން ޖެހޭ ކަމަށެވެ. އެގޮތުން:
-
މީހުން މޫދަށް ބާލާއިރު ސަލާމަތީ ކަންކަމާ ބެހޭ މައުލޫމާތު ދޭން ވާނެ
-
ފަތުރުވެރިޔާ މޫދަށް ފުންމާލާއިރު، އެ ފުންމާލެވެނީ އިންޖީނުލީ އުޅަނދެއް އޮތް ތަނަކަށް ތަކުރާރުކޮށް ބުނެދޭން ވާނެ؛ އޭރުން އެކަމާ މެދު އޭނާގެ ސަމާލުކަން ވެސް އިތުރުވާނެ
-
މިސާލަކަށް ބަލާއިރު ރިސޯޓުތަކުން ފަތުރުވެރިއަކަށް ޖެޓްސްކީއެއް ވެސް ދެނީ އެއާ ބެހޭ ހުރިހާ މައުލޫމާތެއް ދިނުމަށް ފަހު
ގަވާއިދު ކޮބާ؟
ސިންގަޕޫރު ކުއްޖާ މަރުވި ފަހުން ނޮވެމްބަރު 2024ގައި ޓޫރިޒަމް މިނިސްޓްރީން ސާކިއުލާއެއް ވަނީ ނެރެފަ އެވެ.
އެ ސާކިއުލާގެ އަމާޒަކީ މޫދު ކުޅިވަރުތަކާއި ހަރަކާތްތަކުގައި ފަތުރުވެރިންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތައް މަދުކުރަން، ހިދުމަތް ދޭ ތަންތަނުން ސަމާލުވާން ޖެހޭ ކަންކަން ބުނެދިނުމެވެ.
ފަތުރުވެރިކަމުގެ ހިދުމަތްތައް ދޭ ތަންތަނަށް މިނިސްޓްރީން ފޮނުވި އެ ސާކިއުލާގައި ސަމާލުކަން ދޭން ޖެހޭނެކަން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަކީ:
-
މޫދު ކުޅިވަރުގެ ހަރަކާތެއް ފެށުމުގެ ކުރިން އެ ހަރަކާތަކާ ގުޅޭ ސަލާމަތީ ކަންކަމުގެ މައުލޫމާތު ބައިވެރިންނަށް ދިނުން
-
މޫދު ކުޅިވަރުގައި ބޭނުންކުރާ އާލާތްތަކަކީ ސަލާމަތީ މިންގަނޑުތަކަށް ފެތޭ ތަކެއްޗަށް ވާން ޖެހޭނެ؛ އެ ތަކެތި ބޭނުންކުރަން ކަނޑައަޅާފައިވާ ގޮތް ނޫން އެހެން ގޮތަކަށް ބޭނުންކޮށްގެން ނުވާނެ
-
ސަރަހައްދު ވަކިކޮށްގެން ހިންގާ ކުޅިވަރުތައް ހިންގަންވާނީ ކަނޑައަޅާފައިވާ ސަރަހައްދުގައި
-
ފަތަން ނުދަންނަ ފަތުރުވެރިން މޫދު ކުޅިވަރުތަކުގައި ބައިވެރިކުރަން ޖެހޭނީ ލައިފް ޖެކެޓު އަޅުވައިގެން
-
މޫދު ކުޅިވަރު ހިންގާ ފަރާތްތައް މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވާން ޖެހޭނެ؛ މޫސުން ގޯސްވެދާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދީފި ނަމަ ނުވަތަ ކުޅިވަރު ހިންގާ ވަރަށް ވުރެ މޫސުން ގޯސްވެއްޖެ ކަމަށް އިންސްޓްރަކްޓަރަކަށް ފެނިއްޖެ ނަމަ ކުޅިވަރު މެދުކަނޑާލަން ޖެހޭނެ
-
މޫސުމަށް އަންނަ ބަދަލުތައް އަންގައިދޭން މެޓުން ކަނޑައަޅާފައިވާ ހުދު، ރީނދޫ، އޮރެންޖު، ރަތް އަދި ފެހި ކުލައިގެ ކަލާ ކޯޑުގެ ދިދަ ނުވަތަ ސާފަސް ބެލޫން ފަދަ ތަކެތި ބޭނުންކުރެވިދާނެ
-
އިންސްޓްރަކްޓަރާއި މޫދު ކުޅިވަރު ސެންޓަރާ ދެމެދު މުއާމަލާތް ކުރެވޭނެ މުވާސަލާތީ ވަސީލަތެއް އިންސްޓްރަކްޓަރުންގެ އަތުގައި ނުވަތަ ބޭނުންކުރެވޭ ފަދަ ތައްޔާރީ ހާލަތެއްގައި އޮންނަން ޖެހޭނެ
ފަތުރުވެރިން އެކްސްކާޝަން ހަދާއިރު ރައްކާތެރި ގޮތުގައި އެކަންކަން ކުރުމަށާއި އެފަދަ ހިދުމަތްތައް ދޭއިރު ޒިންމާތައް ކަނޑައަޅައި އެކަންކަން ކުރާނެ ގޮތުގެ ގަވާއިދެއް ވަރަށް އަވަހަށް އެކުލަވައިލާނެ ކަމަށް ވެސް އެ ސާކިއުލާގައި ބަޔާންކޮށްފައިވެ އެވެ.
އެ ސާކިއުލާގެ ބޭނުމަކީ އެ ބުނާ ގަވާއިދު އެކުލަވައިލުމާ ހަމައަށް ވެސް ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ނަމަވެސް އޭގެ ފަހުން ދެ މަސް ފާއިތުވެދިޔައިރު ވެސް އެ ގަވާއިދު ވީ ހިސާބެއް އަދި ނޭނގެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިކަމާ ބެހޭ މައުލޫމާތެއް ވެސް ނުލިބުނެވެ.
ސާކިއުލާ ނެރުމާއި ގަވާއިދު ހެދުމަކީ ހާދިސާތައް މަދުކުރަން އެޅޭ ފިޔަވަޅުގެ އެއް ބައެވެ. އަނެއް ބަޔަކީ އެ ގަވާއިދު ތަންފީޒު ކުރުމާއި ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމެވެ.
ކޮމެންޓް (5)
ހައްޕު
ހުސެން ސައީދު
ސިކުނޑި
އަދި އަދިި ވެސް
ސަޖޯ