ދިގުރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ދިގުރަށް ކައިރިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ސިންގަޕޫރުގެ އަންހެން ކުއްޖަކު މަރުވެއްޖެ
އދ. ދިގުރަށް ކައިރިން އެކްސްކާޝަނަށް ދިޔަ ދޯންޏަކުން ފުންމާލި ސިންގަޕޫރުގެ އަންހެން ކުއްޖެއްގެ ގައިގައި ދޯނީގެ ބުރަފަތިން ޖެހި މިއަދު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދިގުރަށް ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް އާސިފް 'ދައުރު'އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ބުނީ ކީކޭ؟ - ފުލުހުން ބުނީ މަރުވީ ވޭލް ޝާކްގެ ދިރާސާއަކަށް އައިސްއުޅުނު ސިންގަޕޫރުގެ ގްރޫޕްގެ15 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.
"ސްނޯކްލިއަންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހިގެން ޒަހަމްވީ" ކަމަށް، ފުލުހުންގެ މީޑިއާ ގްރޫޕްގައި ޖެހި މެސެޖެއްގައި ބުންޏެވެ.
"ބުރަފަތީގައި ޖެހި ހަށިގަނޑުގެ ވަރަށް ގިނަ ތަންތަން ކަފައިގެން ގޮސްފައި ވަނީ. ލޭ މަނާ ނުވެގެން ނުވަތަ މާ ގިނައިން ހަށިގަނޑުން ލޭ ފައިބައިގެން މަރުވިކަމަށް ބެލެވެނީ،" އާސިފް ވިދާޅުވި އެވެ.
"ރަށާ ކައިރިން އެ ހާދިސާ ހިނގީ. ދޯނި ލެފިއިރު ވެސް ވިންދު ނެތް ކަމަށް ގަބޫލުކުރެވެނީ. އެމްބިއުލާންސްގައި ސިއްހީ މަރުކަޒަށް ގެނެސް އީސީޖީ ހެދިއިރު [ވިންދެއް] ނެތް."
ރާއްޖޭގައި ޑައިވިންއަށާއި ސްނޯކްލިންއަށް ގޮސް އުޅުމުގެ ތެރޭގައި ދޯނީގެ ބުރަފަތީގައި ޖެހި ޓޫރިސްޓުން މަރުވުމުގެ ހާދިސާތައް ކުރިން ވެސް ހިނގަ އެވެ. ދޯނީގެ އިންޖީނު ނިންވާލުމުގެ ކުރިން އެއްވެސް މީހަކު މޫދަށް ފުންމާލިޔަ ނުދިނުމުގެ އުސޫލެއް ވެސް ގެންގުޅެ އެވެ. ނަމަވެސް އެގޮތަށް ޓޫރިސްޓުންނަށް މައުލޫމާތު ދީ، އުޅަނދުފަހަރުގެ ކައްޕިންނާއި ފަޅުވެރިން އަމަލުކުރަނީ ކިހާ ވަރަކަށް ކަމެއް ނޭނގެ އެވެ.
ކޮމެންޓް