ނޮވެމްބަރު 3ގެ ހަމަލާގެ އިސް ދެ މީހުން ކަމަށްވާ އަބްދުﷲ ލުތުފީ އާއި އަހުމަދު ނާސިރު، އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުން މާލެއަށް ބާލަނީ
ނޮވެމްބަރު 3: މިހާރު އެންމެ ކުށްވެރިއެއް ވެސް ނެތް
މިިދިއަ 36 އަހަރުގެ ތެރޭގައި މި ދުވަސް، ނޮވެމްބަރު 3، ދިވެހިންނާ ބައްދަލުކުރާ އިރު، ރާއްޖެ ދުށް ޓެރަރިޒަމްގެ އެންމެ ބޮޑު ހަމަލާގެ ކޮންމެވެސް ބައިވެރިޔަކު ޖަލުގައި ހުރެ އެވެ. އެކަމަކު މިއީ ދިވެހިންގެ 19 މީހެއްގެ ލޭ އޮހޮރުވާލައި، ގައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވި ހަމަލާގެ ޒިންމާ ނަގަން ޖެހޭ އެއްވެސް މީހަކު ޖަލުގައި ނެތި، އެ ދުވަސް ފާހަގަކުރާ ފުރަތަމަ އަހަރެވެ.
އަބްދުﷲ ލުތުފީއަކީ ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ގަދަބާރުން ބަދަލުކުރަން ސްރީ ލަންކާގެ ތަމަޅައިންގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ މީހުން ރާއްޖެ ގެނެސް، 3 ނޮވެމްބަރު 1988ގައި، ސިފައިންނާ ހަނގުރާމަކުރުމުގެ މޭސްތިރި އެވެ. އެ ހަމަލާގެ ކުށުގައި އޭރުގެ ހައި ކޯޓުން އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް މައުމޫން މައާފުކޮށްދެއްވުމުން 27 ނޮވެމްބަރު 2023އާ ޖެހެންދެން އޭނާ ހުރީ ޖަލުގަ އެވެ. ނުވަތަ ފިލައިގެން އުޅުނީ ސްރީ ލަންކާގަ އެވެ.
ލުތުފީއާ އެކު އެ ދުވަހު ތަމަޅަަ ޓެރަރިސްޓުންނާ އެކު މާލެ އައި ދެވަަނަ މީހަކީ ސަގަރު އަހުމަދު ނާސިރެވެ. އޭނާއަށް އިއްވި މަރުގެ ހުކުމް ވެސް މައުމޫން ވަނީ 17 ސެޕްޓެމްބަރު 1989ގައި އުމުރުދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްދެއްވައިފަ އެވެ. އެ މުއްދަތު ހަމަކޮށް ނާސިރު މިނިވަންވީ 2014ގަ އެވެ. ލުތުފީ ވެސް އެ އަހަރު މިނިވަންވީހެވެ. ނަމަވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ބޭސްފަރުވާއަށް ސްރީ ލަންކާއަށް ފޮނުވި ގޮތަށް އޭނާ އުޅުނީ ފިލައިގެންނެވެ. އަނބުރާ ރާއްޖެ ގެނައީ 2019ގަ އެވެ.
ނޮވެމްބަރު 3ގެ ހަމަލާ އެކި ގޮތްގޮތުން ތަޖުރިބާކުރި މީހުންނަށް އެ ދުވަހުގެ ބިރުވެރިކަމާއި ހިތާމައިގެ ހަނދާންތައް އަބަދުވެސް އާވެއާވެ ހުންނާނެ އެވެ. މަރުވި ދިވެހި ރައްޔިތުންގެ އާއިލާތަކާއި ރައްޓެހިންނަށް މިއަދު ވެސް އެއީ ވަކިވުމެއް ނެތް ހިތްދަތިކަމެކެވެ. ސިފައިންގެ ހިސޯރުކޮށްގެން ތިބި ޓެރަރިސްޓުންގެ ހަމަލާތަކަށް ރައްދުދިނުމުގައި މުޅި ދުވަސް ހޭދަކުރި ހިތްވަރުގަދަ ސިފައިންނަށް އެއީ ގައުމީ ޖޯޝް ކައްކުވާލާނެ ހަނދާނެކެވެ.
އަޅުގަނޑު ކަހަލަ ބައެއް މީހުންގެ ނަޒަރުގައި އެ ހަމަލާގެ އެންމެ އިސް މީހުންގެ އެންމެ ފަހު ނޭވާ ވެސް ދޫކޮށްލަން ޖެހޭނީ ބަންދުގައި ހުރެގެންނެވެ. އެ މީހުން މިނިވަންވެގެން އާންމުންގެ ތެރޭގައި އުޅުމުގެ ފުރުސަތު ދެވިގެންނުވާނެ އެވެ. އެކަމަކު ރާއްޖޭގެ ގާނޫނު ބުނަނީ އެހެން ވާހަކައެކެވެ. އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރެވެ. ބޭރުުގެ ބައެއް ގައުމުތަކުގައި އެފަދަ ހަމަލާއެއްގައި މަރުވާ ކޮންމެ މީހެއްގެ މަރުގެ ޒިންމާ ވަކިވަކިން އުފުލަން ޖެހުނަސް، ރާއްޖެ ތަފާތެވެ. އެދުވަހު ދުނިޔެ ދޫކުރި 19 ދިވެހިންގެ ކޮންމެ މީހެއްގެ މަރުގެ ޒިންމާ ލުތުފީ އާއި ނާސިރު ވަކިވަކިން ނަގަން ޖެހުނު ނަމަ އެއީ 475 އަހަރެވެ.
އެ ހަމަލާގެ ސަބަބުން ގައުމަށް ލިބުނު އެހެން ގެއްލުންތަކުގެ ޒިންމާއާ އެކު އެ މުއްދަތު އެއަށް ވުރެ ވެސް ދިގުވީހެވެ.
އަޅުގަނޑުގެ ހަނދާނުން ނޮވެމްބަރު 3 ފިލައިގެން ނުދާނެކަން، 'ހަވީރު' އާއި 'މިހާރު' އަދި 'ދައުރު'ގައި ލިއުނު ލިއުންތަކުން އެނގޭނެ އެވެ. އެ ދުވަހުގެ އަނިޔާވެރިކަން ސިޔާސީ ބަހުސަކަށް ހަދާލައިފައި ނިންމާލެވޭނެ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެ އެވެ. ފުރަތަމަ ކަމަކީ ސިޔާސީ ދެކޮޅުވެރިކަމުގައި ހަތިޔާރު ނެގިގެންނުވާނެ ކަމަށް ގަބޫލުކުރާ ކުރުމެވެ. ލޭއެހޮރުވައިގެން ނުވާނެ އެވެ. ބިދޭސީ ޓަރަރިސްޓުން ގެނެސްގެންނުވާނެ އެވެ. އަދި ރާއްޖޭގެ ދިފާއީ ބާރު ހިސޯރުކުރެވިގެން ވެސް ނުވާނެ އެވެ.
ނޮވެމްބަރު3އާ ބެހޭ އިތުރު ކަވަރޭޖް
ނޮވެމްބަރު 3ގެ ހަމަލާއާ ގުޅިފައިވާ ވަރަށް ހާއްސަ ބޭފުޅަކަށް މިރޭ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވާނެ އެވެ. މިއީ ޓެރަރިސްޓުން ސިފައިންގެ މައި މަަރުކަޒު ހިސޯރުކޮށްފައި ވަނިކޮށް އެދުވަހު ހަމަލާގެ ތެރެއަށް ނުކުތް 10 ސިފައިންގެ ލީޑަރު، ލެފްޓިނެންޓް މޫސާ އަލީ ޖަލީލް އެވެ. ފަހުން އޭނާއަކީ މޭޖާ ޖެނެރަލްއެކެވެ. އޭނާ ވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ސިފައިންގެ މައި މަރުކަޒުން ނުކުންނާނެ ގޮތެއް ނެތި ޓެރަރިސްޓުންނާ ހަމަލާ ބަދަލުކޮށް، އެދުވަހު ޖިހާދުކުރި ދިވެހި ސިފައިންނަށް އަބަދުމެ އޮންނާނީ ޝުކުރާއި ތައުރީފް އެވެ.
އެފަދަ ހަމަލާއެއް ކުރިމަތިވެދާނެ ކަމަކަށް އެ ޖީލުގެ ދިވެހިންގެ ހިތަށް ވެސް، އެދުވަހުގެ ކުރިން، އަރާފައެއް ނުވެ އެވެ. އެހެންކަމުން ބަޑީގެ އަޑުފަށްގަނޑާއި މީހުން މަރުވެފައި ތިބި މަންޒަރާއި މަރުވަމުން ދާކަމުގެ ތަފާތު އަޑުތަކާއި ރަހީނުކޮށްގެން އެތައް ބަޔަކު އާގުބޯޓެއްގައި ގެންދިއުމުގެ ބިރު، ދިވެހިންގެ ތެރޭގައި އޮންނާނެ ގޮތް ވަޒަންކުރެވޭނީ އެކަން ތަޖުރިބާކުރި ބަޔަކަށެވެ.
ލުތުފީ މިނިވަންވި ދުވަހު އަޅުގަނޑު ލިއުނު ރިޕޯޓް ނިންމާލީ، ނޮވެމްބަރު 3ގެ ހަމަލާއަކީ 'ދުނިޔޭގައި ހުރިހާ ހިނދަކު ވަކިވެވެން ނެތް ހަނދާންތަކެވެ.' މިހެންނެވެ.
އެހެން ބަޔަކު އަޅުގަނޑާ މެދު ކޮންމެ ގޮތަކަށް ދުށް ނަމަވެސް، މިއަދު ވެސް ލިއެވެން އޮތީ އެ ލަފުޒުތަކެވެ. ދުނިޔޭގައި ހުރިހާ ހިނދަކު އެ ދުވަހުގެ ހިތްދަތި، ބިރުވެރި ހަނދާންތަކާ ވަކިވެވޭކަށް ނެތެވެ.
ކޮމެންޓް (6)
ތިންކާފު
ކިނާރީ
ހިމާރުލްގައުމު
ދުންބޯ އައިސާނިކެ
ދޮންއާދަނު
ޙަސަން ފަރީދު