ނޮވެމްބަރު 3: ހިތްވަރު ގަދަ ސިފައިންކޮޅެއްގެ ނުކުތުން، އެކެއްގެ ތަފާތު ވާހަކަ
މި އޮޕަރޭޝަނާ ބެހޭ ގޮތުން މިހާތަނަށް ލިއެފައި ހުރި ލިއުންތަކުގައި ބޮޑެތި ތަފާތުތަކެއް ހުރެދާނެ އެވެ. އެކަމަކު އެއްވެސް ޝައްކެއް ނެތި ޔަގީންވާ ކަމަކީ، މި ނުވަ ސިފައިންނަކީ، ތަމަޅަ ޓެރަރިސްޓުން ސިފައިންގެއަށް ވަރުގަދައަށް ހަމަލާ ދެމުން ދިޔަ ދަނޑިވަޅު އެންމެ ބޮޑު ހިތްވަރެއް ދެއްކި ބަތަލުން ކަމެވެ. ބިރުގަތަސް، ވެއްޓުނަސް، އޮށޯވެ އޮތަސް، އެ ސިފައިން ނުކުތީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ.
ސިފައިންގެ މައި މަރުކަޒުގައި އެވަގުތު 300 އެއްހާ ސިފައިން ތިބި ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ލަފާކުރެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ސިފައިންގެ ދިފާއުކުރުމުގައި ބައިވެރިވެ، އެކި ކަންކަން ކުރަމުން ދިޔަ އެވެ. އެކަމަކު ބޭރަށް ނުކުންނާނެ ބަޔަކު ބޭނުން ކަމަށް، އޭރު ސިފައިންގެ ޔުނީފޯމް އެޅި އެންމެ މަތީ ވެރިޔާ މޭޖާ މުހައްމަދު ޒާހިރު ވިދާޅުވުމުން، އެކަމަށް ކެރިގެން ކުރިމަތިލީ މަދު ބައެކެވެ.
ކުރިން ދެއްވި އިންޓަވިއުތަކުގައި އޭރުގެ ލެފްޓިނެންޓް މޫސާ އަލީ ޖަލީލް ވިދާޅުވެފައި ވަނީ އޭނާ ލީޑްކުރައްވަން ނިންމެވީ އެ ވަގުތު އެއީ ގައުމީ އަދި ދީނީ ޒިންމާއެއް ކަމަށް ނިންމަވައިގެން ކަމަށެވެ. އަސްކަރީ ގޮތުން އޭނާއަށް ސަރުކާރުން ކިޔަވައިދިނީ "މިފަދަ ދަނޑިވަޅުގައި ހިދުމަތްކުރަން" ކަމަށް އަބަދުވެސް ގަބޫލުކުރެއްވި އެވެ. އެހެންކަމުން އަނެއް 10 ސިފައިންގެ ލީޑަރަކަށް ހުންނަވައި، ނުކުންނެވީ އެނބުރި ސިފައިންގެއަށް ވަޑައިނުގެންނެވުނަސް މައްސަލައެއް ނެތް ކަމަށް، އަޒުމް ކަނޑައަޅުއްވައިގެންނެވެ.
ނުކުތް ސިފައިން ބަހާލާފައި އޮތީ ދެ ގްރޫޕަކަށެވެ.
ގްރޫޕް -1
-
މޫސާ އަލީ ޖަލީލް
-
އަބްދުﷲ ނަސީމް، ތިނަދޫ
-
މުހައްމަދު އިބްރާހިމް (މެކާނޯ)
-
މުހައްމަދު ހަސަން، ދިޔަމިގިލި
-
ހުސެއިން މަނިކު (އުލަގަލަ)
-
އަބްދުﷲ މުފީދު
ގްރޫޕް – 2
-
ހުސެއިން އަލީ (ފުށްކަފަ)
-
އާދަމް ނަސީރު (ޝޭޑީ)
-
އިބްރާހިމް ޝަރީފް (އޮނުތޫރި)
-
އަލީ މާހިރު [ނުނިކުމޭ]
-
މުހައްމަދު އަލީ [ނުނިކުމޭ]
ސިފައިންގެ އިރުއުތުރު ކަންމައްޗަށް ވާ ގޮތަށް ހުންނަނީ ފުލުހުންގެ އޮފީހެވެ. އެއީ ފުލުހުންގެ މަސްއޫލިއްޔަތު ސިފައިންގެ ސެކްޝަނެއްގެ ގޮތުގައި ނަގަމުން އައި ދުވަސްވަރެވެ. ފުލުސް އޮފީހުގެ ދޮރުގެ ގޮތުގައި އޭރު މަޝްހޫރު ދޮރު ހުންނަނީ އިރުއުތުރު ކަންމައްޗަށް ވާ ގޮތަށެވެ.
މޫސާ ޖަލީލު އިސްވެ ހުރެ ކުއްލިއަކަށް އެ ދޮރުން ނުކުމެ، ހުރަވީ ބިލްޑިންގާ ދިމާއަށް މިސްރާބު ޖެހީ، ކަނީރު ހިނގުމުގައި ތިބި ޓެރަރިސްޓުންނާ ދިމާއަށް ބަޑި ޖަހަމުންނެވެ. ދެން ހުރަވީ ބިލްޑިންގެ ކޮރިޑޯއަށް ވަދެގަތެވެ. އެތަނުގައި މަޑުކޮށް އިމާރާތުގެ އެތެރެއަށް ވަނުމުގެ ނިޔަތުގައި ދޮރު ހަލާކުކޮށްލަން ވެސް އުޅުނެވެ. އެކަމަކު ފަހުން ހިޔާލު ބަދަލުވި އެވެ. އޭރު ނަސީމު ވެސް އެ ހިސާބަށް އަތުވެއްޖެ އެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި މުފީދާއި އުލަގަލައާ ވެސް ދިމާވި އެވެ. ދެން ހަތަރު މީހުން ވަނީ ހުކުރު މިސްކިތަށެވެ.
ބޭރަށް ނުކުންނަން އޮތީ ފައިލް ފޯމޭޝަންގައި ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ކަންތައް ކުރެވުނީ އެގޮތަކަށް ނޫން.
އޭރު ސިފައިންގެ އާއި ހުރަވީ ބިލްޑިންގާ ދެމެދު ހުރަސްނުކުރެވި ފުށްކަފަ އާއި ޝަރީފް ވެއްޓިފައި އޮތެވެ. އެމީހުން ކައިރީގައި ޒަހަމްވެފައި އޮތް މުހައްމަދު އިބްރާހިމް (މެކާނޯ)، މުހައްމަދު ހަސަން އަދި އާދަމް ނަސީރު (ޝޭޑީ)ގެ ހަޔާތުގެ ފަހު ވަގުތުކޮޅު ގުނަނީ އެވެ.
ބައެއް ބައިވެރިން ބުނާ ގޮތުގައި މިސްކިތް ތެރޭގައި މޫސާ ޖަލީލުމެން ވިއްސަކަށް މިނިޓް ވަންދެން ތިއްބެވެ. އަނެއް ބަޔަކު ބުނަނީ ގާތްގަނޑަކަށް ބައިގަޑިއިރާއި 40 މިނިޓްވަރު ވާނެ ކަމަށެވެ. މޫސާ ޖަލީލް ނިންމީ އެނބުރި ސިފައިންގެއަށް ވަންނާށެވެ. އެކަމަކު ބަޑީގެ ހަމަލާ އަންނަން ފެށުމާ އެކު، ބިރުން ގޮސް ހުރަވީ ބިލްޑިންގެ ފާރުމަތިން ފުންމާލަން އުޅުމުގެ ތެރޭގައި ބަޑި ވެއްޓުމުން މުފީދުގެ އަތުގައި ބަޑިއެއް ނެތެވެ. އަދި އޭނާއަށް ކޮށްފައި ހުރި އަސަރާއި ބިރުގެ ބޮޑުކަމުން އެނބުރި އަލުން ސިފައިންގެއަށް ވަންނަން ދާކަށް ވެސް ބޭނުމެއް ނުވި އެވެ. އެހެންވެ މޫސާ ޖަލީލުގެ އިސްނެގުމަށް އޭނާގެ އަތުން ވަޒަންތައް އަތުލައި، އަނެއް ތިން ބައިވެރިންނަށް ބަހާލީ އެވެ.
މޫސާ ޖަލީލާއި ނަސީމާއި ހުސެއިން މަނިކު ހުކުރު މިސްކިތުން ނުކުމެ، ސިފައިންގެއާ ދިމާއަށް ދުއްވައިގަތީ، މިސްކިތު ތެރެއަށް މުފީދު ދޫކޮށްލައިފަ އެވެ.
އޭނާ އެތަނުން ނުކުމެ، މާލެ ތެރެއަށް ދިޔައީ ހަވީރު ވަގުތު އެވެ. ރައީސް އޮފީހުން 1991 ގައި ނެރުނު ފޮތުގައި، ހަތަރު ސިފައިން "އެކުގައި ދުވެފައި ގޮސް" ސިފައިންގެއަށް ވަން ވާހަކަ އޮވެ އެވެ. އެކަމަކު އެއީ ކަން ހިނގި ގޮތެއް ނޫނެވެ.
ނަސީމްގެ ވާހަކަ މުޅިން ތަފާތު
މިއީ ދުވަހަކު ވެސް ދިވެހި ސިފައިން ތައްޔާރުވި ހާލަތެއް ނޫނެވެ. ކުރިމަތިވާނެ ކަމަށް ހީކުރި ފަދަ ކަމެއް ވެސް ނޫނެވެ. އޭރު ޓެރަރިޒަމްގެ ހަމަލާތައް މި ގޮތަކަށް ދިމައެއް ނުވެ އެވެ. ދިވެހި ސިފައިންނަކީ ހަމައެކަނި ގައުމުގެ އެތެރޭގެ ހަލަބޮލިކަން މައިތިރިކުރަން ބޭނުންކުރި ބައެކެވެ. ހަތިޔާރުގެ މާ ބޮޑު ތަމްރީންތަކެއް ނުދެ އެވެ.
ކުރިމަތީގައި އޮތީ ބިރެވެ. ނުކުތް އެންމެން ކަހަލަ ގޮތަކަށް ތިބެވުނީ، ހުސެއިން މަނިކުގެ ބަހުން ނަމަ، "އެކަކާ ޖެހި އަނެކަކު ފިތި ބާރުވެގެން"ނެވެ.
"ބޭރަށް ނުކުންނަން އޮތީ ފައިލް ފޯމޭޝަންގައި ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ކަންތައް ކުރެވުނީ އެގޮތަކަށް ނޫން،" ސިފައިންގެ ލެފްޓިނެންޓް ކާނަލްގެ މަގާމުގައި ހުންނެވި އިރު 2012 ގައި ހުސެއިން ހަލީމް (ކުޑަހުސެއިން) ނެރުއްވި 'ގައުމަށްޓަކައި އުންޑައިގެ ކުރިމައްޗަށް' މި ފޮތުގައި، ހުސެއިން މަނިކާ ހަވާލާދީ ބުނެފައިވެ އެވެ.
"ލަފާކުރެވޭ ގޮތުގައި އެއީ އެހާ ބޮޑު ހާސްކަމެއްގެ ތެރޭގައި އުޅެން ޖެހުނީމަ...ނުކުމެވުނީ ސިންގަލް ފައިލްކޮށް ތިބެގެން. އެކަކާއި ޖެހި އަނެކަކު ފިތި ބާރުވެގެން."
މޫސާ ޖަލީލްގެ ފަހަތުގައި ހުރި ނަސީމް ކަން ކުރީ އެގޮތަކަށް ނޫނެވެ. ނަސީމް ބުނި ގޮތުގައި ސިފައިންގެއިން ނުކުމެ އޭނާ ދިޔައީ ގާޒީ ބިލްޑިން ކަންމައްޗަށެވެ. އިރުކޮޅަކު މަޑުކޮށްލާފައި ކަނީރު ހިނގުން ހުރަސްކޮށް، ރައީސް އޮފީސް ކަންމައްޗަށެވެ. އެތަނުން ދުވެފައި ގޮސް، ރައީސް އޮފީހުގެ މެދަކާ ހިސާބުގައި މަޑުކޮށްލާފައި، އަމީރު އަހުމަދު މަގު ހުރަސްކޮށް، ހުރަވީ ބިލްޑިންގެ ތެރެއަށް ވަނީ އެވެ.
ނަސީމު ބުނީ އޭނާ ކަނީރު ހިނގުން ހުރަސްކުރި އިރު އެތަނުގައި ޓެރަރިސްޓުންގެ އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި ސިފައިންގެއިން ނުކުންނަމުންނާއި އޭގެ ފަހުން ވެސް އޭނާ ބަޑިއެއް ނުޖަހަ އެވެ.
"ކީއްކުރަން ބަޑި ޖަހަންވީ؟ އެތާކު ނެތް އެކަކު ވެސް،" ނަސީމް ބުންޏެވެ.
އެކަމަކު މޫސާ ޖަލީލާއި އެހެން އެންމެން ވެސް ބުނެފައި އޮތީ ނުކުން އިރު ގޯޅިގަނޑުން ހަމަލާތައް ދިން ކަމަށެވެ. ހުސެއިން މަނިކުގެ ބަހުން ނަމަ މޫސާ ޖަލީލު ނުކުމެ، ހުރަވީ ބިލްޑިންގެ އުތުރު ދެކުނު ކަނާ ދިމާއަށް ދެވުނު ހިސާބުން "ދުޝްމަނުން އެތަނަށް ވަރުގަދައަށް ރާސްލާފައި ހަމަލާދިނެ"ވެ.
'ދައުރު'އާ ވަހަކަ ދައްކަމުން ހުސެއިން އަލީ (ފުށްކަފަ) ވެސް ބުނީ "ދުޝްމަނުންގެ ހަމަލާތައް އަންނަން ފެށި" ކަމަށެވެ. އެއީ ވަރަށް ވަރުގަދަ ހަމަލާތަކެއް ކަމަށް ވެސް ބުންޏެވެ. އޭނާ ލަފާކުރަނީ ވެއްޓިފައި އޮތް އިރު ސަލާމަތްވެވުނީ އާދަމް ނަސީރުގެ ގައި ދަށުގައި އޮތުމުންނެވެ. އޭނާގެ ބަހުން ނަމަ 'ހުރިހާ ވަޒަނެއް އެރީ ނަސީރުގެ ގަޔަށެ'ވެ. ހުސެއިން އަލީގެ ޔުނީފޯމް، ނަސީރުގެ ލެއިން ފޯވަމުން ދިޔަ އެވެ. އެ ގޯޅިގަނޑުގެ އިތުރުން އޭނާ ލަފާކުރަނީ ޗާނދަނީ މަގުގެ ކަންމަތީގައި ތިބި ޓެރަރިސްޓުން ވެސް ހަމަލާ ދެމުން ދިޔަ ކަމަށެވެ.
މަރުވެފައި އޮތް ނުވަތަ މަރުވަމުން ދިޔަ އާދަމް ނަސީރު ކައިރީގައި ފުށްކަފައާ އެކު ޝަރީފު ވެސް އޮތެވެ. 'ދައުރު'އާ ވާހަކަ ދައްކަމުން ޝަރީފް ބުނީ ކަނީރު ހިނގުމުން އައި ވަޒަންތައް ވެލިގަނޑަށް އަރައި، މުޅި ތަނުގައި ހިރަފުސްގަނޑު އުފައްދާލި ކަމަށެވެ.
"ވަޒަންތައް ބިންމަތީގައި ޖެހިފައި ވެލިތައް ބުރައިގެން ދަނީ. ހިރަފުސްގަނޑު އަރާ. އެހެންވެ މި ބުނަނީ ވަޒަންތައް އައޭ،" ޝަރީފް ބުންޏެވެ.
ވަސަންތީ އާއި ޖޫލީ މަރުވި ފަހުން ޓެރަރިސްޓުން އެ ގޯޅީގެ ސީދާ ކަންމަތީގައި ތިބި ކަމަކަށެއް ނުވެ އެވެ. '3 ނޮވެމްބަރާ' ބެހޭ ގޮތުން ރައީސް އޮފީހުން 1991 ގައި އަދި އެމްއެންޑީއެފުން 2012 ގައި ނެރުނު ފޮތުގައި އޮތް ގޮތުން ނަމަ، އޭގެ ފަހުން އެ މީހުން ހަމަލާދެމުން ދިޔައީ ގޯޅިގަނޑުގެ މެދަކާ ހަމާގައި ތިބެގެން ނުވަތަ އެއަށް ވުރެ ފަހަތުންނެވެ.
މޫސާ ޖަލީލު ކުއްލިއަކަށް ހަމަލާދޭން ފެށުމުން ޓެރަރިސްޓުން އެ ގޯޅިގަނޑުން ފަހަތަށް ޖެހިލި ވަގުތާއި ނަސީމު ވެސް ގޯޅި ހުރަސްކޮށްލި ވަގުތު ދިމާވުން އެކަށީގެންވެ އެވެ. މޫސާ ޖަލީލްގެ ފަހަތުގައި ތިބި އެހެން މީހުންނަށް ބަޑި ނުޖެހޭ ގޮތް ވެއްޖެ ނަމަ، ގޯޅިގަނޑުން އަނެއްކާވެސް ހަމަލާތައް އައުން ވެސް ކައިރި އެވެ. ސިފައިންގެ ތިން މީހުންގެ ގަޔަށް ވަޒަން އެރީ އެ ވަގުތު ކަމަށް ވެސް ވެދާނެ އެވެ.
އެކަމަކު ނަސީމް ބުނަނީ ކަނީރު ހިނގުމުން ބަޔަކު ހަމަލާދީގެން ސިފައިންގެ ތިން މީހުން މަރުވުން "ދުރު" ކަމަށެވެ.
"އެތަނުގައި އެ މީހުން ތިބި ނަމަ އަހަންނަށް ކިހިނެއް ހުރަސްކުރެވޭނީ؟" ނަސީމު ސުވާލުކުރި އެވެ.
އޭނާގެ ލަފާކުރުން ހުރީ ހިނގައިފާނެ ކަމަށް މީގެ ކުރިން އެހެން މީހުން ގަބޫލުކުރި ގޮތަކަށެއް ނޫނެވެ: ތިން ސިފައިން މަރުވުން ކައިރީ ސިފައިންގެ ތެރެއިން ޖެހި ބަޑިން ކަމެވެ.
ނަމަވެސް ނަސީމްގެ އެ ވާހަކަ، ހަމަލާގައި ބައިވެރިވި އަދި އެ ހަމަލާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ އެހެން އެއްވެސް މީހަކު އަދި ގަބޫލެއްނުކުރެ އެވެ. ނޮވެމްބަރު 3ގެ ހަމަލާގެ ހުރިހާ ކަމެއްގެ އެތައް މައުލޫމާތެއް އެއްކުރި، ސިފައިންގެ އެތައް ސަތޭކަ ބަޔަކާ ވާހަކަ ދެއްކި، ކުރިން ނަގާފައި ހުރި ބަޔާންތައް ވެސް ބެލި މީހަކު، އޭނާ ހުރި މަގާމުގެ ގޮތުން ނަން ނުޖަހަށް ޝަރުތުކޮށް، ބުނީ ސިފައިންގެއިން ދިން ރައްދު ހަމަލާ، ބޭރަށް ނުކުތް ސިފައިންގެ ގަޔަށް އަރާނެ ފުރުސަތެއް ނެތް ކަމަށެވެ.
"އަޅުގަނޑަށް 100 ޕަސެންޓް ޔަގީން ސިފައިން ގެއިން ދިން ހަމަލާ އެމީހުންނަށް އަމާޒުނުވާނެކަން،" އޭނާ ބުންޏެވެ.
"ބޭރަށް [ބަޔަކު] ނުކުންނަ ކަން އޮތީ އެހެން މީހުންނަށް އަންގާފައި. ސިފައިންގެ ތެރޭގައި ތިބި މީހުންނަށް ނޭނގި ކުރި ކަމެއް ނޫން."
މި ހަމަލާގެ ތަހުގީގުގައި ވަސަންތީ ގްރޫޕް، ނުވަތަ ކަނީރު ހިނގުމުގައި ތިބި ޓެރަރިސްޓުންގެ މައްޗަށް ކުރި ތުހުމަތުތަކުގެ ތެރޭގައި އެ ތިން ސިފައިންގެ މަރު ހިމެނެ އެވެ. އަދި ރައީސް އޮފީހުގެ ޑިއުޓީގައި ހުރި އބްދުﷲ ޒުހައިރާއި ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފެއް ކަމަށްވާ އިސްމާއިލް ހަލީމް މަރުވި ދެ ހަމަލާ ވެސް ދިނީ އެ ގްރޫޕުން ކަމަށް، ތަހުގީގަށް ފާހަގަވި އެވެ.
ނަސީމްގެ ވާހަކަ ތަފާތު ނަމަ ކުރީގެ އެއްވެސް ބަޔާނެއްގައި އެ ވާހަކަ އޭނާ ބުނެފައި ނުވަނީ ކީއްވެގެންތޯ، ކުރީގެ ސިފައިންނާއި މިހާރުގެ ބައެއް ސިފައިން ސުވާލުކުރި އެވެ.
"އަޅުގަނޑަކީ މިހާރު ވެސް ސިފައިންގެއަށް، ސިފައިން ދެކެ ވަރަށް ލޯބިވާ މީހެއް. އިހުތިރާމްކުރާ މީހެއް. ބޭނުމެއް ނޫން ދޮގެއް ހަދާކަށް،" ނަސީމް ބުންޏެވެ.
"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މި ބުނަނީ، ސިފައިންގެއިން އަޅުގަނޑުމެން ނުކުތް ކަމެއް [ގިނަ ސިފައިންނަކަށް] ނޭނގޭނެ. މުޅި ސިފައިންގެ އޮތީ ހަތިޔާރު ހިފައިގެން، މަތީގަ އާއި އެއްވަނަ ބުރިން ދެ ވަނަ ބުރިން ތިން ވަނަ ބުރިއާ ހަމައަށް، ފުލް ހަތިޔާރުގައި."
އެހެންވެ އޭނާ ލަފާކުރަނީ ސިފައިންގެ ތެރެއިން ބަޔަކު މަގުމައްޗަށް ނުކުތްކަން ނޭނގި ތިބި ސިފައިން ދިން ހަމަލާތަކެއްގައި ތިން ސިފައިން މަރުވީ ކަމަށެވެ.
އެމްއެންޑީއެފުން ނެރުނު ފޮތުގައި ބުނެފައިވާ ގޮތުގައި ސިފައިންގެ ބަޔަކު ބޭރަށް ނުކުންނަކަން މުހައްމަދު ޒާހިރު، އެހެން މީހުންނަށް އެންގެވި އެވެ. (ނޮވެމްބަރު 3 އާ ބެހޭ ގޮތުން އެއްވެސް ބަޔަކަށް މިހާތަނަށް އިންޓަވިއުއެއް މުހައްމަދު ޒާހިރު ދެއްވާފައި އޮތް ކަމަކަށް ނުވެ އެވެ.)
އަސްލު އެއީ ބަތަލުން
ސިފައިންގެ ތެރެ އޮތީ ހަލަބޮލިކޮށެވެ. ހިތްވަރުގަދަ ސިފައިންނެވެ. ތަމްރީން ނެތަސް، ގައުމުގެ މިނިވަންކަމަށް ބޭރު ބަޔަކު އައިސް އަރައިގަތަނުދޭނެކަމުގެ އަޒުމުގައި ތިބި ސިފައިންނެވެ. އަމާންދޭން ގޮވި މަދު ބަޔަކު ވެސް އުޅުނެވެ. އޭގެ ތެރެއިން މީހަކާ ދިމާއަށް "ދެން ކަލޭ ތިކަހަލަ ވާހަކައެއް ބުނެފިއްޔާ ދުވަސް ދުއްވާލާނަމޭ" ބުނެ، ރައްދު ދިން ސިފައިން ވެސް ހިމެނެ އެވެ. އޮފިސަރުން އެންގި މަގާމުތަކުގައި ގާއިމްވެގެން ތިބެ ބަޑި ޖަހަމުން، އަރާމެއް ނެތި ވަގުތު ހޭދަކުރި ސިފައިން ވެސް ފެނުނެވެ.
އެކަމަކު މި ހުރިހާ މީހުންގެ ތެރެއިން ވެސް އެ ނުކުތް ނުވަ ސިފައިން ތަފާތުވެ އެވެ. ތަފާތުވާން ވެސް ޖެހެ އެވެ. އޭގެ ތިން ސިފައިން އެ ވަނީ ފުރާނައިން ގުރުބާންވެފަ އެވެ.
ބައެއް މީހުންގެ ހިޔާލު ތަފާތެވެ. ހަމަލާގެ ތެރެއަށް އެވަގުތު އެގޮތަށް ނުކުމެގެން ނުވާނެ ކަމަށް ބުނާ ސިފައިން ވެސް އުޅެ އެވެ. އެކަމަކު މޫސާ ޖަލީލަކީ އޭރު ސިފައިންގެ ތެރޭގައި ހުންނެވި އެންމެ މަތީ ތަމްރީންތައް ހެއްދެވި އޮފިސަރުކަމުން، އޭނާއަށް ވެސް ކަންކަން އެނގިވަޑައިގަންނަވާނެ އެވެ. އެހެންކަމުން ސިފައިންގެއިން ބަޔަކު ނުކުމެ، ޓެރަރިސްޓުންގެ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ފެނޭތޯ ބެލުން މުހިންމުކަން، އެ ދަނޑިވަޅު އޭނާއަށް ވިސްނުނެވެ. ހެނދުނުއްސުރެ އެ ވާހަކަ ދިޔައީ، މުހައްމަދު ޒާހިރާ ވެސް ދައްކަވަމުން ކަން، ބައެއް ފޮތްތަކުން އެނގެ އެވެ.
ސިފައިން ނުކުތުމުގެ ސަބަބުން ޓެރަރިސްޓުންނަށް ސިހުން ލިބުނުކަމަށް އެދުވަހު ހިތްވަރުކުރި ސިފައިންގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނުކުތީ ކިހާ ސިފައިން ކަމެއް އަދި އެމީހުން ހަރަކާތްތެރިވަނީ ކިހިނެއް ކަމެއް، ޓެރަރިސްޓުންނަށް ވިސްނާކަށް ވެސް ނޭނގެ އެވެ. އެހެންކަމުން އެ ނުކުތުމުން ޓެރަރިސްޓުންގެ ހިތުގައި އުފެދޭނީ އިތުރު ބިރުވެރިކަމެއް ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކި، ކުރި އާއި މިހާރުގެ ސިފައިން ބުންޏެވެ.
"އަސްލު އެ ނުކުތް މީހުންނަކީ ބަތަލުން،" ސިފައިންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރި އޮފިސަރަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
"އެ މީހުން ނުކުތީ ކޮންމެ ގޮތެއް ވިޔަސް މަރުގެ ކުރިމައްޗަށް. އެ ނުނެގޭނެ އާދައިގެ ކަމެއްގެ ގޮތުގައެއް."
އެކަމަކު ސުވާލަކީ އެ މީހުންގެ އަގު އެވަރަށް ވަޒަންކުރޭ ހެއްޔެވެ؟ އެނބުރި ސިފައިންގެއަށް ވަން ކޮންމެ މީހެއްގެ ހިތުގައި ވެސް ޝަކުވާތަކެއް އެބަ ހުއްޓެވެ. ނަމަވެސް އެ ޝަކުވާތައް ތަފުސީލު ގޮތެއްގައި ކިޔައިދޭކަށް ގިނަ މީހުން ބޭނުމެއް ނުވެ އެވެ.
ކޮމެންޓް (4)
علي وحيد
ނަސްރު_1
ކުއްބެ2
ހުރަވީ