ލުތުފީ ފިލައިގެން އުޅުމަށް ފަހު މާލެ ގެނައި ދުވަސް. (ފައިލް ފޮޓޯ/ރާއްޖެ.އެމްވީ)

ނޮވެމްބަރު 3

ނޮވެމްބަރު 3ގެ ހަމަލާގެ މޭސްތިރި ލުތުފީ މިއަދު މިނިވަންވަނީ

ނޮވެމްބަރު 3ގެ ހަމަލާއާ ގުޅިގެން ލުތުފީ ތަންފީޒުކުރަމުންދިޔަ 25 އަހަރުގެ ޖަލު ހުކުމުގެ މުއްދަތު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހަމަވެފައިވޭ؛ އޭނާ މިހާރު ތަންފީޒުކުރަމުން ދަނީ ފިލުމުގެ ހުކުމް
27 ނޮވެމްބަރު 2023
1

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގެ މޭސްތިރި އަބްދުﷲ ލުތުފީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމުގެ ތެރެއިން ފިިލައިގެން ދިއުމުން ކުރި ހުކުމުގެ މުއްދަތު ވެސް ހަމަވެ، އޭނާ މިއަދު މިނިވަން ވާނެ އެވެ.

ވީ ކިހިނެއް؟ - ލުތުފީ ފިލީ ނޮވެމްބަރު 3ގެ ހަމަލާއާ ގުޅިގެން އޭނާގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރު އޭނާ ބޭސްފަރުވާއަށް ސްރީ ލަންކާއަށް ފޮނުވުމުންނެވެ.

ތަފްސީލް - މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ޔުސްރީން އަހުމަދު 'ދައުރު'އަށް މިއަދު ވިދާޅުވީ ނޮވެމްބަރު 3ގެ ހަމަލާއާ ގުޅިގެން ލުތުފީ ތަންފީޒުކުރަމުންދިޔަ 25 އަހަރުގެ ޖަލު ހުކުމުގެ މުއްދަތު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހަމަވެފައިވާ ކަމަށާއި، އޭނާ މިހާރު ތަންފީޒުކުރަމުން ދަނީ ފިލުމުގެ ހުކުމް ކަމަށެވެ.

ބުނީ ކީކޭ؟ - "މިއަދުގެ ވަގުތެއްގައި މިނިވަން ވާނެ،" އޭނާ ވިދާޅުވި އެވެ.

ލުތުފީ ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ 1 މޭ 2019ގައި އަމިއްލައަށް ހަވާލުވީ އެވެ. އަދި ސަރުކާރުން އޭނާ އަނބުރާ ރާއްޖެ ގެނެސް، ފިލައިގެން ދިޔަ މައްސަލާގައި ދައުވާކުރުމުން އިއްވީ ހަތް މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އެނގުން މުހިންމު - ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން، ރާއްޖޭގެ ވެރިކަން ވައްޓާލަން ލަންކާގެ ޕްލޯޓް ޖަމާއަތާ ގުޅިގެން ދިން ހަމަލާއަށް މިއަދު ވަނީ 35 އަހަރު ފުރިފަ އެވެ. އެ ހަމަލާގައި 19 ދިވެހިންގެ ފުރާނަ ގެއްލުނެވެ.

އެ މައްސަލާގައި:

  • ލުތުފީގެ މައްޗަށް ކުށް ސާބިތުވެ، މަރުގެ އަދަބު ދިނުމަށް ހުކުމް ކުރި

  • ނަމަވެސް، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރައްވާފައި. އޭރު ގާނޫނު އޮތް ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމެއްގެ މުއްދަތަކީ 25 އަހަރު

ނޮވެމްބަރު 3ގެ ހަމަލާގައި ލުތުފީއާ އެކު އިސްކޮށް ބައިވެރިވި އަހުމަދު ނާސިރު (ސަގަރު ނާސިރު) ވެސް ވަނީ ހުކުމް ތަންފީޒުކޮށް ނިމި، 2014 ވަނަ އަހަރު މިނިވަންވެފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

27 ނޮވެމްބަރު 2023
މިއީ މީގެ 1 މަސް ކުރިން ވީކަމެއް ނަމަ މިހާރު ވާހަކަ އޮންނާނީ ސަރުކާރުން ބާޣީ ލުތުފީ މިނިވަންކުރީކަމަށް. ދިޔަ** ނޫސް ކިޔާ ނޫހަކުންވެސް ބޮޑެތި ސުރުޚީ ހަދާނެ، ބާޣީ ލުތުފީ މިނިވަންކޮށްފިއޭ މި ޑީލް ނިންމަން 500 މިލިއަން ވެސް ސަރުކާރުން ނަގައިފިއޭ ކިޔައިގެން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް