ކޭޕާކު ރެސިޑެންސްގެ ހިޔާނާތުގެ މައްސަލާގައި، ވަގުތީ ގޮތުން ދައުލަތުން ހިފަހައްޓާފައިވާ ޕެންޓްހައުސް: މިހެން ހިފަހައްޓާ މުދަލަށް އަމަލުކުރާނެ ގޮތްތަކުގެ ތަފުސީލީ ގާނޫނީ އޮނިގަނޑެއް ބޭނުންވޭ - (ފޮޓޯ/ފުލުހުން)

ކޮރަޕްޝަން

ކުށުން ހޯދާ މުދާ ދައުލަތަށް، އެކަމަކު ފުރިހަމަ އުސޫލެއް އަދި ނެތް

ހިޔާނާތާއި ބޮޑެތި ކުށްތަކުގެ ތަހުގީގު ކުރިއަށް ދާއިރު އެފަދަ އަމަލްތަކުން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބައިތަކެއް ވެސް އެބަ ފެނޭ. އެކަމަކު ދައުލަތަށް މުދާ ނަގާ ބަލަހައްޓާނެ ގޮތުގެ ތަފްސީލެއް ނެތް
20 އޮކްޓޯބަރު 2024

ކުށުގެ އަމަލަކުން ލިބޭ އާމްދަނީން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތް ރާއްޖޭގައި އަދި ކިރިޔާ ފަށައިގަތިއްޔޭ ބުނެވިދާނެ އެވެ.

އިންތިޒާމުވެގެން، ޖަމާއަތް ހަދައިގެން ހިންގާ ބޮޑެތި ކުށްކުށުން ހޯދާ މުދާ ދައުލަތަށް ނަގަން ޖެހެ އެވެ. ހިއުމަން ޓްރެފިކިން، މަސްތުވާތަކެތި ޓްރެފިކް ކުރުން، ކޮރަޕްޝަނާއި ފައިސާގެ އަސްލު އޮޅުވާލުމާއި ފައިސާ ދޮވުމުގެ ކުށްކުށުގައި ދައުލަތަށް މުދާ ނެގުމަކީ މިހާރު ދުނިޔޭގެ ޝަރުއީ ހަމަ އެވެ.

ރާއްޖޭގައި ހިޔާނާތުގެ ބޮޑު ދެ މައްސަލައެއްގައި މި ފަހުން މި ގޮތަށް އަމަލުކުރި އެވެ. އެގޮތުން:

  • 1-

    ކޭޕާކް އެޕާޓްމަންޓް މަޝްރޫއުގެ ހިޔާނާތުގެ މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ)ގެ ޕެންޓްހައުސްއަކާއި ޕެންޓްހައުސްގައި ހުރި މުދާތައް ދައުލަތުގެ ބެލުމުގެ ދަަށަށް ގެންދިޔަ

  • 2-

    އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދެ ޕެންޓްހައުސެއް ފުލުހުންގެ ބެލުމުގެ ދަށަށް ނެގި

މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް ނުވަތަ ޝަރީއަތް ކުރިއަށް ދަނިކޮށް ވެސް، އެފަދަ މުދަލުން ނަފާ ހޯދުން ވަގުތީ ގޮތުން ހުއްޓުވުމުގެ ގޮތުން ދައުލަތަށް މުދާ ނެގުމަކީ ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުން ލިބިދޭ ބާރެކެވެ.

އެ ގާނޫނުގެ 51 ވަނަ މާއްދާއިން އެ ތަކެތި ވަގުތީ ގޮތުން ހިފަހައްޓާފައި އޮންނާނީ ތަހުގީގީ އިދާރާއެއްގެ ބެލުމުގެ ދަށުގައި ކަން ބަޔާންކުރި ނަމަވެސް ސާފު އުސޫލެއް ނެތް ކަމުގެ ކަންބޮޑުވުން ބައެއް ވަކީލުން ފާޅުކުރައްވަ އެވެ.

އުފެދޭ ގިނަ ސުވާލުތަކެއް

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި ކުރިން މަސައްކަތްކުރެއްވި ވަކީލަކު ވިދާޅުވީ ވަގުތީ ގޮތުން ނަގާ މުދަލާ މެދު އަމަލުކުރަންވީ ގޮތް ސާފުވާން ޖެހޭ ކަމަށެވެ. ޝަރީއަތުގެ ތިން މަރުހަލާ ނިމެން ރާއްޖޭގައި ވަރަށް ދުވަސް ނަގަ އެވެ. ރާއްޖޭގެ ދުވެލިން ބުނަންޏާ އެއީ އެތައް އަހަރެކެވެ.

"މި އިމާރާތްތައް ވެސް ބަލަހައްޓައި، އޭގެ މެއިންޓެނެންސް ވެސް ހުންނާނެ. މަރާމާތުތަކެއް ކުރަން ޖެހިދާނެ މި މުއްދަތުގެ ތެރޭގައި. މިލްކުވެރިކަން އެ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައި އޮންނަން ޖެހޭނެ،" ވަކީލު ވިދާޅުވި އެވެ.

މެލޭޝިއާއިން މިސާލު ދައްކަވަމުން އޭނާ ހުށަހަޅުއްވާ އެއް ހިޔާލަކީ ވަގުތީ ގޮތުން ހިފަހައްޓާ ގެދޮރު ކަހަލަ އެއްޗެހި ރިއަލް-އެސްޓޭޓް ވިޔަފާރިއަށް ވަގުތީ ގޮތުން ދޫކޮށްލުމަށެވެ. ދެން އެއިން ލިބޭ ފައިސާ ވަކި އެކައުންޓެއްގައި ބަހައްޓައި މައްސަލަ ނިމޭ ގޮތަކުން އެއާ މެދު ވެސް ގޮތެއް ކަނޑައަޅާނީ އެވެ.

"މައްސަލަ ސާބިތު ނުވިއްޔާ އިމާރާތާއި، އެއިން ލިބެމުން ދިޔަ ފައިސާ ކުރިން ވެސް އެ ތަނުގެ ވެރިފަރާތަށް ދެވިދާނެ. މައްސަލަ ސާބިތުވިއްޔާ މި ހުރިހާ އެއްޗެއް ދައުލަތަށް ލިބޭ ގޮތަށް،" އޭނާ ތަފްސީލްކޮށްދެއްވި އެވެ.

ދެން އޮތީ މަދަނީ މައްސަލަތަކެއް ހުށަހަޅައިގެން، މި ކަން ކުރެވޭނެ ގޮތްތަކެއް ބެލުމެވެ.

"ޖިނާއީ މައްސަލައެއް ނިމިގެން ދާއިރު، ތިން މަރުހަލާ ނިމެން ވަރަށް ދުވަސް އެބަ ނަގާ. މަދަނީ މައްސަލައަށް ވެސް ނަގާނެ. އެކަމަކު ޖިނާއީ ކުށެއް ސާބިތު ކުރުމަށް ވުރެ ލުއި ވެދާނެ ދެން އޮތް ގޮތް، މަދަނީ މިންގަނޑު،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ތަހުގީގު ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އެސެޓް ރިކަވަރީގެ ގާނޫނެއް

އެސެޓް ރިކަވަރީގެ އުސޫލުން ގިނަ މުދާތަކެއް ކުރިއަށް އޮތް ތަނުގައި ދައުލަތަށް ނަގަން ފަށާއިރު އެ މުދަލާ މެދު އަމަލުކުރާނެ ހަރުދަނާ ގޮތްތަކެއް ބޭނުންވާނެ އެވެ. އެ ކަމަށްޓަކައި ގާނޫނީ އޮނިގަނޑެއް މުހިންމެވެ. ގިނަ ގައުމުތަކުގައި މިހާރު މިފަދަ ގާނޫނެއް އޮވެ އެވެ.

މި ވަގުތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ތިއްބެވި މެންބަރުންނަށް ވެސް އެންމެ މުހިންމު އެ މަސައްކަތަށް ދެކެނީ މި މަސައްކަތެވެ. އެ މެންބަރުން މަގާމާ ހަވާލުވުމަށް ފަހު، އެ ނިޒާމު ތައާރަފުކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ރޯޑު މެޕެއް ވެސް އެކުލަވާލި އެވެ.

މި ރިޕޯޓުގެ ބޭނުމަށް ސުވާލުކުރުމުން އޭސީސީން ވަނީ އެ މުއައްސަސާއިން އެސެޓް ރިކަވަރީގެ ލީގަލް ފްރޭމްވޯކެއްގެ މަސައްކަތް، އޮޑިޓަ ޖެނެރަލް އޮފީހާއި ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

 ދައުލަތަށް މުދާ ނެގޭނެކަން ވެސް ބަޔާންކުރަނީ ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގަ އެވެ. ކުށް ސާބިތުވާ ފަހުން، ދައުލަތަށް ނަގާ މުދަލާ މެދު އަމަލުކުރަން ގާނޫނުގައި އޮންނަނީ:

  • (ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ދައުލަތަށް ނެގޭ ފައިސާ ނުވަތަ މުދަލެއް ބެހެއްޓޭނީ އެ މުދާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރަށް އެދެނު ފަރާތުގެ ބެލުމުގެ ދަށުގަ އެވެ.

  • (ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރާ ފައިސާ ނުވަތަ މުދާ، އޭގެ ފުރިހަމަ އަގުގައި ބަހައްޓަން ވާނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ހެޔޮ ނިޔަތުގައި ހައްގު ލިބިގަތުމަށް އެދޭ ތިންވަނަ ފަރާތްތަކުގެ ހައްގުތައް އެ ފަރާތްތަކަށް ލިބޭ ގޮތަށެވެ.

  • (ނ) މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާ ނުވަތަ މުދަލާ މެދު އަމަލުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރަން ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ބޭއްވި ބައްދަލުވުމުގައި އޭސީސީގެ ރައީސް އަދި ނައިބު ރައީސް (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި މަނީ ލޯންޑަރިންގެ ކުށް ނުހިމެނުނަސް، ހިޔާނާތުގެ ބޮޑެތި ކުށްކުށުން ހޯދާ ފައިސާ އާއި މުދާ ދައުލަތަށް ލިބެން ޖެހެ އެވެ. އެހެންވެ މިހާރު އޮތް ގާނޫނުގެ މާއްދާއަކުން ވެސް ޖުމްލަކޮށް އެއަކަށް ހައްލެއް ނުލިބެ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލު ވިދާޅުވީ އެކި މުދާތަކާ މެދު އަމަލުކުރެވެން ވާނީ ވެސް އެކި ގޮތަށް ކަމަށެވެ. ބައެއް މުދަލަކީ ދުވަސްވުމުން އޭގެ އަގު ދަށްވާނެ އެއްޗެކެވެ. އެފަދަ މުދާ އަވަހަށް ނީލަމުގައި ވިއްކާލުން ބުއްދިވެރި އެވެ.

އަނެއް ކަމަކީ މުދަލުގެ މިލްކުވެރިކަމުގެ ހައްގު ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފަ އެވެ. ކުށްކޮށްގެން ހޯދާ މުދަލެއް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައި ވެސް އޮވެ އެވެ. އެފަދަ މުދާ ހިފަހައްޓާނެ ގޮތްތައް ބަޔާން ކުރެވެން ވާނީ އޭގެ ތަފުސީލީ ގާނޫނެއްގަ އެވެ.

"މި ކަހަލަ ހުރިހާ ތަފްސީލެއް އޮންނަ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭނެ. އެސެޓް ރިކަވަރީގެ ގާނޫނީ އޮނިގަނޑެއް އޮވެގެން މި ހުރިހާ ހުސްކަމެއް ފޫބެއްދެން އަންނަނީ،" ވަކީލު ވިދާޅުވި އެވެ.

އުސޫލެއް ނެތުމުން ދިމާވާ އަނެއް މައްސަލައަކީ އެ ތަކެތި ބެލެހެއްޓުމުގެ ޒިންމާ އޮންނަ ބަޔަކު ވެސް ނޭނގުމެވެ. އުސޫލުތަކެއް އެކުލަވާލައިގެން ކުރިއަށްދާ ގައުމުތަކުގައި 'އެސެޓް ރިކަވަރީ އެޖެންސީއެއް' އޮވެ އެވެ. ދައުލަތަށް ނަގާ މުދާ ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ އެ ތަނަށެވެ.

ތަހުގީގު މުއައްސަސާތަކުގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވެސް ފާހަގަކުރެއްވީ އެ ކަމެވެ. ހަރަދު ބޮޑު ނުވާނެ ގޮތެއް ބަލާފައި، ވަކި އާ މުއައްސަސާއެއް އުފެއްދުމުގެ ބަދަލުގައި އޭސީސީ ނުވަތަ މީރާ ފަދަ ތަނެއްގެ ދަށުގައި ޔުނިޓެއް ވެސް ގާއިމު ކުރެވިދާނެ އެވެ.

"އާ އަމިއްލަ، މިނިވަން ވަކި މުއައްސަސާއެއް ހަދަންޏާ އަނެއްކާވެސް ވަރަށް ގިނަ ހަރަދުތައް އެއީ. މީރާއަކީ އަޅުގަނޑުމެންގެ ޓެކްސް ކަލެކްޓާ، ދައުލަތަށް ލިބޭ އާމްދަނީ ޖަމާކުރާ ތަން. މީރާއަށް ރަނގަޅު މި ރޯލް ވެސް ހަވާލުކުރަން،" އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ކަނޑައެޅެން މި އަންނަނީ ގާނޫނީ އޮނިގަނޑަކާ އެކީގަ އެވެ. ތަހުގީގު ދާއިރާގެ ތަޖުރިބާކާރު ވެސް ފާހަގަކުރެއްވީ މީގައި މުހިންމީ އެސެޓް ރިކަވަރީގެ ތަފުސީލީ ގާނޫނެއް ހަދައި، ތަންފީޒުކުރަން ފެށުމެވެ.

23 ސެޕްޓެމްބަރު 2024: މީރާ ބިލްޑިން އަދި ކައުންޓަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދައުލަތަށް ވެސް ލިބޭ ފުރުސަތެއް

'އެސެޓް ރިކަވަރީ' ނުވަތަ ކުށްކޮގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތުގައި ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ގެންގުޅޭ އެއް ވިސްނުމަކީ 'ރީއިންވެސްޓްމަންޓް' އެވެ. އެ މުދާ ދައުލަތުގެ ބޭނުމަށް ނެގުމެވެ. ނޫނީ އެ މުދާތައް ބޭނުންކޮށްގެން ވިޔަފާރީގެ މަންފާއެއް ދައުލަތަށް ހޯދައިދިނުމެވެ.

"މެލޭޝިއާއިން އަޅުގަނޑަށް ވެސް ފެނުނު، ސަރުކާރު ކޮންމެ އޮފީހެއްގެ ވެރިން ވެސް ވަރަށް ރަނގަޅު ފެންވަރުގެ އުޅަނދުތަކުގައި އުޅޭނީ. މިހާ އަގު ބޮޑެތި އުޅަނދު ހޯދަން ބަޖެޓު ހަމަޖެއްސި ގޮތަކާ ގުޅޭ ގޮތުން ސުވާލުކުރާ އިރަށް ބުނޭ އެއީ ދައުލަތަށް ނެގި މުދަލެކޭ،" ވަކީލު ކިޔައިދެއްވި އެވެ.

ކޮރަޕްޝަން ތަހުގީގުތަކުގެ މިސްރާބު، އެއިން ހޯދާ މުދާތައް ދައުލަތަށް ނަގައިގެން ފައިދާ ހޯދުމާ ދިމާއަށް ގެންގޮސްގެން ތަހުގީގުކުރާ މުވައްޒަފުންނަށް އެއިން ބައެއް ދެވޭ ގޮތަށް ހެދުން ވެސް މުހިންމެވެ. އޭގެ ބޭނުމަކީ އެ މުވައްޒަފުން މި މަސައްކަތް ކުރުމަށް އިތުރަށް ބާރު އެޅުމެވެ. އަދި އެ މަސައްކަތުން ދުރަށް ނުގޮސް، ދެމިތިބުމަށް ވެސް ބާރު އެޅުމެވެ.

"އެއީ ވަރަށް މަސައްކަތް. އާންމު މީހެއްގެ ބޭންކް އެކައުންޓަކުން ވެސް މިހާރު ވަރަށް ގިނަ ޓްރާންސެކްޝަންސް މި ހަދަނީ. އަދި ފައިސާ ހޯދާ މިފަދަ މީހުންގެ ބައިވަރެއް އޮންނާނެ. ފައިސާގެ އަސްލު އޮޅުވާލަން ވެސް ވަރަށް ބަައިވަރު ޓްރާންސެކްޝަންސް ހަދާނެ. މި ކަން ކުރެވޭނީ ވަރަށް ފަންނީ މީހުންނަށް،" ތަހުގީގު ދާއިރާގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

"އެ މީހުން އިދާރާގައި މަޑުކުރާނީ ރަނގަޅު އާމްދަނީއަކަށް. މިސާލަކަށް ރަނގަޅު ފެންވަރުގެ ޑޭޓާ އެނަލިސްޓެއް، މިފަދަ ފަންނީ މީހުން، އަދި ރަނގަޅު މަސައްކަތްތެރި މީހުން ލިބޭލެއް މަދުވާނެ. މިފަދަ މީހުނަށް ރަނގަޅު މުސާރައިގެ ފުރުސަތުތައް ލިބޭލެއް ގިނަވާނެ. އެސެޓް ރިކަވަރީގެ މަަސައްކަތް ފަންކްޝަން ކުރަން މިފަދަ މީހުން ބައިތިއްބާނެ ގޮތެއް ވެސް ހޯދަން ޖެހޭ."

ކުށްކޮށްގެން ހޯދާ މުދާ، މެލޭޝިއާ ފަދަ ގައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި އެ މިންވަރަށް އަދި ނެގިފައެއް ނުވެ އެވެ. އެކަމަކު ރާއްޖެއަކީ ވެސް މިހާރު ހިޔާނާތުގެ އަމަލްތައް ގިނަ، މަސްތުވާތަކެތީގެ ވިޔަފާރި އެހާމެ ފުޅާކޮށް ހިންގާ ގައުމެކެވެ. އެހެންކަމުން އެފަދަ މުދާ ދައުލަތަށް ނަގަން ޖެހޭތީ، ގާނޫނީ ފުރިހަމަ އޮނިގަނޑެއް އޮންނަން ޖެހޭނެ އެވެ.

ކޮންމެ ސަރުކާރެއްގައި ވެސް ހިޔާނާތުގެ ބޮޑެތި މައްސަލަތައް އެބަ ފެންމަތިވެ އެވެ. އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާއިން ސިޔާސީ މީހުން މުދާ ހޯދާފައިވާކަމުގެ އަޑު ފެތުރުނު ނަމަވެސް މިފަދަ ބޮޑެތި ހިޔާނާތްތަކުގެ ތަހުގީގު ކުރިއަކަށް ނުދެ އެވެ. ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން އެފަދަ މުދާ ދައުލަތަށް ނެގުން އޮތީ މާ ދުރުގަ އެވެ.

އެހެންވިޔަސް އެފްއޭއެމް އާއި ކޭޕާކްގެ ހިޔާނާތުން ހޯދި ކަމަށް ބުނާ މުދާ ވަގުތީ ގޮތުން  ހިފެހެއްޓި، ތަހުގީގު ކުރިއަށްދާއިރު ދައުލަތަށް މިހެން ނަގާ މުދަލާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް އަވަހަށް ބޭނުންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް