އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އެފްއޭއެމް ބޭރުގައި: އޭނާގެ އެޕާޓްމަންޓްތައް ނެގި މައްސަލަ ހައި ކޯޓަށް ވަނީ ހުށަހަޅާފައި.

ބައްސާމްގެ އެޕާޓްމަންޓްތައް ފުލުހުން ނެގި މައްސަލަ ހައި ކޯޓަށް

ބައްސާމްގެ ދެ އެޕާޓްމަންޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފުކުރީ މިދިޔަ ބުދަ ދުވަހު
11 އޮކްޓޯބަރު 2024

އެފްއޭއެމްގެ ހިޔާނާތުގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުން ނެގުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ބައްސާމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ވީކިހިނެއް؟ - ބައްސާމް އެދުނު ގޮތަށް ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް މި މަހުގެ ނިޔަލަށް ވަގުތު ދޭން ފުރަތަމަ ނިންމި ނަމަވެސް މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ބައްސާމް އެދޭ ގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް އަންގައިފަ އެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ފުލުހުން އެކަން އެންގުމުން، އެ ދުވަހުގެ ރޭ ބައްސާމް ވަނީ ފުލުހުންނާ އެ ދެ އެޕާޓްމަންޓް ހަވާލުކޮށްފަ އެވެ.

ތަފްސީލް - ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު މިދިޔަ ބުދަ ދުވަހު ބައްސާމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ. ރަޖިސްޓްރީން ދައްކާ ގޮތުން މައްސަލަ ބަލައިގަތުމަށް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ފުލުހުން ބައްސާމްގެ އެޕާޓްމަންޓްތައް ނަގާފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުންނެވެ.

ފުލުހުން 'ދައުރަށް' ސާފުކޮށްދިން ގޮތުގައި:

  • ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައި ވަނީ، ވަގުތީ ފިޔަވަޅެއްގެ ގޮތުން އަދި މުދަލުން މުއާމަލާތްކުރުން ހުއްޓުވުމުގެ ބޭނުމުގައި.

  • އަދި ޝަރީއަތުން ގޮތެއް ނިންމަންދެން އެޕާޓާމަންޓް ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފައިވޭ.

އެނގުން މުހިއްމު - ފުލުހުން މިދިޔަ މަހުގެ 18ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާ ގޮތުގައި:

  • އަމިން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އެ ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން 1 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވޭ

  • އެ ޑޮލަރަށް ވާ ދިވެހި ފައިސާ އަމިން އިން އެފްއޭއެމަށް ދައްކާފައެއް ނުވޭ؛ ނަމަވެސް ދެއްކި ކަމަށް ހަދަން ލިޔެކިޔުން ތައްޔާރުކޮށްފައިވޭ

  • އެ 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ފުލުހުން ތުހުމަތުކުރޭ

ފަސްމަންޒަރު - ބައްސާމާއި އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެއް މައްސަލައެއްގައި ބައްސާމްގެ މައްޗަށް ދައުވާކޮށް އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގަ އެވެ.

އެފްއޭއެމުން ހިންގާފައިވާ އެކި މުއާމަލާތްތަކުގައި ފައިސާ ނުލިބޭ ގިނަ މައްސަލަތަކެއް ސިވިލް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ. ގިނަ މައްސަލަތަކެއް އެ ކޯޓުގައި ހިނގަމުންދާއިރު، ފައިސާ ދެއްކުމަށް ގިނަ މައްސަލަތަކެއްގައި ހުކުމް ކޮށްފައި ވެސް ވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް