ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމާއި މަނީލޯންޑަރިންގެ ދައުވާގެ އަޑުއެހުމުގައި ބައްސާމް (ކ) އާއި އޭނާގެ ވަކީލު.

ބައްސާމާ ދެކޮޅު 7 ހެއްކެއް ސިއްރުކޮށްދޭން ދައުލަތުން އެދިއްޖެ

ދައުލަތުން ސިއްރުކޮށްދިނުމަށް އެދިފައިވަނީ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ އެފްއޭއެމްގެ 9،999 ޑޮލަރު ޖަމާކޮށްފައިވާ ބައެއް މީހުންގެ އެކައުންޓް ސްޓޭޓްމަންޓްތަކެއް

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ހުށަހަޅާފައިވާ ހަތް ހެއްކެއް ސިއްރުކޮށްދިނުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ. 

ވީ ކިހިނެއް؟ - އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 9،999 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ކޯޓުގައި ހިނގަމުންނެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވަނީ:

  • މަނީ ލޯންޑަރިންގެ ދައުވާ

  • ހިޔާނާތްތެރިވުމުގެ ދައުވާ

ތަފްސީލް - މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނީ ސިއްރުކޮށްދިނުމަށް އެދިފައިވަނީ ބީއެމްއެލްގައި ހުޅުވާފައިވާ ހަތް އެކައުންޓެއްގެ ސްޓޭޓްމަންޓްތައް ކަމަށެވެ.

އެ އެކައުންޓުތަކަކީ އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކުން ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި 9،999 ޑޮަލަރު، ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމަށްޓަައި ފައިސާ ޖަމާކޮށްފައިވާ ބައެއް މީހުންގެ އެކައުންޓުތަކުގެ އެކައުންޓް ސްޓޭޓްމަންޓުތައް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެދުނީ:

  • އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓުތައް ހިމެނޭ ސީޑީ ސިއްރުކޮށްދިނުމަށް

  • ނަމަވެސް އެ ހެކިތައް ރައްކާތެރިކޮށްދިނުމަށް ހުށަހަޅަނީ އެއްކޮށް ސިއްރުކުރާ ގޮތަކަށް ނޫން؛ ދިފާއުން ހެކިތައް ބަލަން ބޭނުންވެއްޖެ ނަމަ ދައުލަތުގެ ހާޒިރުގައި ކޯޓުގައި ބެލޭނެ އިންތިޒާމު ހަމަޖެހޭ ގޮތަށް 

  • ދައުލަތުން ބުނީ އެ ހެކިތައް ސިއްރުކޮށްދިނުމަށް އެދިފައިވަނީ އެ ހެކިތައް ދިފާއުއަށް ދޫކޮށްފި ނަމަ މުޖުތަމައުގެ ތެރެއަށް ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށް

މިކަމާ ގުޅިގެން ބައްސާމްގެ ފަރާތުން އޭނާގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާކަން މީގެ ކުރިން އެނގިފައި ނުވާ ކަމަށާއި، އެކަމާ ގުޅޭ ފޯމެއް ކޯޓަށް ހުށަހަޅާފައިވާ ނަމަ އެ ފޯމު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.

ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ފޯމު މިއަދުގެ އަޑުއެހުމަށް ފަހު ހަވާލުކުރައްވާނެ ކަމަށެވެ. އަދި ދެން އަންނަ އަޑުއެހުމެއްގައި ހެކި ރައްކާތެރިކުރުމާ ބެހޭ ބެހޭ ގޮތުން ވާހަކަދައްކައި ގޮތެއް ނިންމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން މި މައްސަލާގައި މިދިޔަ މޭ މަހު ބޭއްވި އަޑުއެހުމުގައި ބައެއް ލިޔެކިއުންތައް މަދުވާތީ އާއި ބައެއް ލިޔެކިއުންތައް ދިރާސާކުރަން ވަގުތު ދިނުމަށް ދިފާއުން އެދިފައިވެ އެވެ. މިއަދުގެ އަޑުއެހުމާ ހަމައަށް ވެސް އެ ލިޔެކިއުންތައް ދައުލަތުގެ ފަރާތުން ދިފާއަށް ނުލިބޭތީ އެ ލިއުންތައް ހިއްސާކުރުމަށް މި މަހުގެ 23ގެ ނިޔަލަށް ގާޒީ ވަގުތު ދެއްވި އެވެ. 

ގާޒީ ވިދާޅުވީ މި މަހުގެ ފަހުކޮޅު މި މައްސަލާގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި، އެ އަޑުއެހުމުގައި ކުރިއަށް ގެންދާނީ ދައުވާއަށް ޖަވާބުދާރީވުމުގެ ކަންކަން ކަމަށެވެ. 

ދައުވާތަކުގެ ތަފްސީލް

  • ހިޔާނާތުގެ ދައުވާ: ފީފާއިން އެފްއޭއެމްއަށް ލިބިފައިވާ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ބުނެ 9،999 ޑޮލަރު އެ އިދާރާގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އަދި އެ ފައިސާއަށްވާ ޑޮލަރު އެއްވެސް އިރަކު އެފްއޭއެމްއަށް ބައްސާމް ދައްކާފައި ނުވާކަން ތަހުގީގަށް ހޯދިފައިވާތީ؛ އެ ފައިސާ ބައްސާމްގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައި ވާތީ

  • މަނީ ލޯންޑަރިންގެ ދައުވާ: ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 9،999 ޑޮލަރު އޭނާ އާއި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެޓްމަންޓްސްގެ ބޭނުންތަކަށް ބޭނުންކޮށްފައި ވާތީ އަދި އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްގެން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދައްކަވާފައި ވާތީ؛ މީގެ އިތުރަށް ވެސް އެ ފައިސާ އެކި މީހުންނަށް ފޮނުވައި އެފްއޭއެމްއާ ގުޅުމެއް ނެތް ކަންކަމަށް ހަރަދުކޮށްފައި ވާތީ 

ހިޔާނާތުގެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ:

  • 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ: 

  • 100,000ރ. އާއި 1,000,000ރ.އާ ދެމެދުން ޖޫރިމަނާ ކުރުމާ އެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

ފާހަގަކޮށްލެވޭ ކަމެއް - އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ބައްސާމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަތަކުގެ ތަހުގީގުތައް ނިމުމުން ދައުވާކުރަން ޖެހޭ އިތުރު މައްސަލައެއް އޮތް ނަމަ އެ މައްސަލަތަކުގައި ވެސް ދައުވާކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް