އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 18 ޖުލައި 2023 ގައި ގަލޮޅު ދަނޑުގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

އެފްއޭއެމްގެ ހިޔާނާތުގެ ތުހުމަތު ސީދާ ބައްސާމަށް؛ ޕާސްޕޯޓް ހިފަހައްޓަނީ

ޝަމީމް ވިދާޅުވީ ފީފާ އިން އެފްއޭއެމްއަށް ފޮނުވާ ފައިސާ އަކީ އެފްއޭއެމްއަށް ދޭ ފައިސާ ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ދޭ ފައިސާއެއް ކަމަށް

ރާއްޖޭގެ ފުޓްބޯޅައިގެ އިދާރާ، އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި މައިގަނޑު ތުހުމަތުކުރެވޭ ފަރާތަކީ އެ ތަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެފްއޭއެމްއަށް ބޭރުން ލިބޭ ފައިސާ އެ ތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެ އިދާރާގެ މައި އޮފީސް ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި ތަކެތި ފުލުހުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ހޯދާފަ އެވެ. މި ތަހުގީގު ހިންގަނީ ޕީޖީ އަންގަވައިގެންނެވެ.

މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވެނީ އެފްއޭއެމް ހިންގަން ހަވާލުވެ ތިއްބެވި ބޭފުޅުންނަށް ކަމަށާއި، މައިގަނޑު ތުހުމަތު އަމާޒުވަނީ ސީދާ އެފްއޭއެމްގެ ރައީސް ބައްސާމަށް ކަމަށެވެ.

ތަފްސީލް - ޝަމީމް ވިދާޅުވީ އެފްއޭއެމްގެ މައްސަލާގައި ފުލުހުންގެ ތުހުމަތަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އެފްއޭއެމްއަށް ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެހެން ކަންކަމަށް ބޭނުން ކުރުން ކަމަށެވެ.

"ރާއްޖޭގައި އެބަހުރި ތަންތަނަށް ލިބޭ ފައިސާ ބޭނުން ކުރުމާ ބެހޭ ގަވައިދުތަކެއް ހަދާފައި. އެކަހަލަ އުސޫލުތަކެއް އެބަހުރޭ ހަދާފައި،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ފީފާ އިން އެފްއޭއެމްއަށް ފޮނުވާ ފައިސާ އަކީ އެފްއޭއެމްއަށް ފޮނުވާ ފައިސާ ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ދޭ ފައިސާއެއް ކަމަށެވެ.

"ރައްޔިތުންނަށް ދޭ ފައިސާއެއް ވަކި ބަޔަކާ އަމާނާތެއް ގޮތަށް ހަވާލުކޮށްފައި މި އޮތީ އެކަން ކުރަން. އެކަން ކުރަނީ ރާއްޖޭގައި ހުރި ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ވަންޏާ، އެއީ އަޅުގަނޑުމެން ބަލަމުން މިދާ މައްސަލަ އަކީ،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެ ފައިސާ އެކި ގޮތްގޮތަށް ދައުރުކޮށްފައި ހުރި ތަން ފެންނަން އެބަހުރި ކަމަށެވެ.

"މިހާރު ގިނަ މުއާމަލާތްތައް މި ހިންގަނީ ކާޑު ބޭނުންކޮށްގެން. ވީމާ ބައެއް ކަހަލަ [މުއާމަލާތްތައް] އެއްޗެހި ފެންނަން ހުރޭ،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވިގޮތުގައި އޭގެ ތެރޭގައި ހިމެނެނީ:

  • ދަތުރުކޮށްފައި ހުންނަ ގޮތް 

  • ވިޔަފާރިކުރަން ދާއިރު ދަތުރުކުރާ ކާރަށް ފައިސާ ދެއްކި އަދަދު 

  • ތިބޭ ހޮޓާތަކުގެ މައުލޫމާތު

"އަޅުގަނޑުމެންނަށް އެނގޭ ކޮންތާކަށްކަން ދިޔައީ ވެސް، ކޮން ހޮޓަލަކުން ކޮން މޯލަކަށް ކަން، ވަނީ ކޮން ފިހާރައަކަށްކަން، ގަތީ ކޮން އެއްޗެއްކަން. މި ހުރިހާ މުއާމަލަތެއް އެހެން ނިޒާމެއްގައި ރައްކާކުރެވިފައި އެބަހުރޭ،" ޝަމީމް ވިދާޅުވި އެވެ.

އިތުރަށް ބަލަންްޖެހޭ ކަންތައްތައް އެފްއޭއެމްގެ މައްސަލާގައި އެބަހުރި ކަމަށާއި ބައެއް ލިޔުންތައް ހުރީ "އާންމު ގޮތެއްގައި އިންސާނުން ލިޔުން ބަލަހައްޓާ ގޮތަށް ނޫން" ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އެހެންވީމާ ބައެއް ކަހަލަ ދަތިތައް ހުންނާނެތާ އެ އެއްޗެހި ހޯދައި އެއްކޮށް ނިއުޅުވާ ހަދަން،" އޭނާ ވިދާޅުވި އެވެ.

މާލީ ކުށްތަކުގެ މައުލޫމާތު ހޯދަން ވަގުތު ނަގާނެ ކަމަށާއި އިތުރު މައުލޫމާތު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ މަގާމުތަކުގައި ތިއްބެވި އެކި ބޭފުޅުންނަށް ކަމަށާއި އެ ބޭފުޅުން މަގާމުތަކުގައި ބައިތިއްބާނީތޯ ނިންމާނީ އެފްއޭއެމްގެ މެންބަރުން ކަމަށެވެ.

"ޕާސްޕޯޓު ހިފެހެއްޓެމާ އެކަހަލަ ކަންތައް، ފުލުހުން އެބަ ކުރިއަށް ގެންދޭ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ވަރަށް ގިނަ މައުލޫމާތުތައް މިހާރު ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާގެ ތެރޭގައި އެ މައްސަލައާ ގުޅުން ހުރި މައްސަލަތައް ކޯޓަށް ވެއްދޭ ވަރަށް ހެކި ހޯދެނެ ކަމަށް ލަފާކުރެވޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެމްއެމްއޭގެ ފަރާތުން ވެސް މައުލޫމާތު އެބަ ލިބޭ އަދި ފުލުހުން ވެސް ތަހުގީގު ކުރިއަށް އެބަ ގެންދޭ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް