އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް: އެ އިދާރާގެ ފައިސާއިން އޭނާ ގަތް ކަމަށް ބުނާ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓު ފުލުހުން ވަނީ ބެލުމުގެ ދަށަށް ގެނެސްފައި (ފައިލް ފޮޓޯ)

ބައްސާމްގެ އެޕާޓްމަންޓާ މެދު ކޯޓުން ގޮތެއް ނިންމަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި

ފުލުހުން ތުހުމަތު ކުރާ ގޮތުގައި، ބައްސާމް އެ ދެ އެޕާޓްމަންޓު ގަނެފައިވަނީ އެފްއޭއެމްގެ ފައިސާއިން

ދިވެހި ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމް ބަނގުރޫޓުކޮށް، އެ ތަނުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ބޮޑެތި ތުހުމަތުތަކެއް އޮތް އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދެ އެޕާޓްމަންޓް ނެގީ ޝަރީއަތުން ގޮތެއް ނިމެންދެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިން ބައްސާމް ގަތް ކަމަށް ބުނާ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރީ މިިދިޔަ މަހުގެ 28ގަ އެވެ. އެއާ އެކު، ރޭގެ ވަގުތެއްގައި އެ އެޕާޓްމަންޓް ފުލުހުން ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، ހުޅުމާލޭ ކޯޓުން އެ އަމުރު ނެރެފައި ވަނީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުންނެވެ. އެ އެޕާޓްމަންޓް ހިފެހެއްޓުމަށްޓަކައި "ޝަރީއަތުން ހުކުމެއް އައިސްފައި އޮތުމަކީ ކޮންމެހެން ލާޒިމް ކަމެއް ނޫން" އޭނާ ވިދާޅުވި ކަމަށެވެ.

"ބައްސާމު އަދީލް ޖަލީލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމާއި އެފްއޭއެމްގެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މަނީ ލޯންޑްރިންގެ ތުހުމަތު އުފެދިފައިވާ ހާލަތްތަކުގައި، ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމާއި ފައިސާ ނުވަތަ މުދަލުން މުއާމަލާތްކުރުން ހުއްޓުވުމާ އަދި އެފަދަ މުދާ ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެކެވެ،" ފުލުހުން ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، ކޯޓު އަމުރާ އެކު ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައި ވަނީ، "ވަގުތީ ފިޔަވަޅެއްގެ ގޮތުން އަދި މުދަލުން މުއާމަލާތްކުރުން ހުއްޓުވުމުގެ ބޭނުމުގަ"ވެ. އަދި "ޝަރީއަތުން ގޮތެއް ނިންމަންދެން އެޕާޓާމަންޓް ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އެފްއޭއެމްެގެ ފައިސާއިން ބައްސާމް އެޕާޓްމަންޓް ގަތް މައްސަލައިގައި ފުލުހުން ވަނީ ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

މިދިޔަ މަހުގެ 18ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި:

  • އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އެ ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން 1 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވޭ

  • އެ ޑޮލަރަށް ވާ ދިވެހި ފައިސާ އަމީން އިން އެފްއޭއެމަށް ދައްކާފައެއް ނުވޭ؛ ނަމަވެސް ދެއްކި ކަމަށް ހަދަން ލިޔެކިޔުން ތައްޔާރުކޮށްފައިވޭ

  • އެ 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ފުލުހުން ތުހުމަތުކުރޭ

އެފްއޭއެމްގެ ހިޔާނާތާ ގުޅޭ އެހެން މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް