އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ). (ދައުރު ފައިލް ފޮޓޯ/މުހައްމަދު އަމާން)

ބައްސާމްގެ 2 އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި

އެއީ ހުޅުމާލޭ އަމީން އެވެނިއުގެ އޭ ބްލޮކުގެ ދެ އެޕާޓްމެންޓް
9 އޮކްޓޯބަރު 2024

އެފްއޭއެމްގެ ހިޔާނާތުގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ރޭ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ކުރިން ބުނެފައި ވަނީ ބައްސާމުގެ އެދުމުގެ މަތިން އެ ދެ އެޕާޓްމެންޓް ހަވާލުކުރުން މި މަހުގެ 31އަށް ލަސްކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބަލަން ޖެހޭ ކަންތައް ބެލުމަށް ފަހު ބައްސާމު އެދުނު ގޮތަށް އެޕާޓުމެންޓް ހަވާލުކުރުން ލަސްކޮށްދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށާއި ރޭ ދަންވަރު 12އަށް އެ ދެ އެޕާޓްމަންޓް ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

ބުނީ ކީކޭ؟ - ... [އެ ދެ އެޕާޓްމަންޓް ރޭ] 12 ޖެހިއިރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި،" ފުލުހުން ރޭ ދަންވަރު މީޑިއާތަކަށް ފޮނުވި ކުރި މެސެޖެއްގައިވެ އެވެ.

އެނގުން މުހިންމު - ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވީ މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާއިން ބައްސާމް ގަތް ކަމަށް ބުނާ އެ ދެ އެޕާޓްމަންޓްގެ މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް މިދިޔަ މަހު އޮތީ ފޮނުވާފަ އެވެ.

އެއީ ހުޅުމާލޭ އަމީން އެވެނިއުގެ އޭ ބްލޮކުގެ ދެ އެޕާޓްމެންޓެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ މަހުގެ 18ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި:

  • އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އެ ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން 1 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވޭ

  • އެ ޑޮލަރަށް ވާ ދިވެހި ފައިސާ އަމީން އިން އެފްއޭއެމަށް ދައްކާފައެއް ނުވޭ؛ ނަމަވެސް ދެއްކި ކަމަށް ހަދަން ލިޔެކިޔުން ތައްޔާރުކޮށްފައިވޭ

  • އެ 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ފުލުހުން ތުހުމަތުކުރޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް