މާލިއްޔަތު ގަވާއިދާ ހިލާފު ހަރަދުތައް: ނަސޭހަތަކުން ފުއްދާލެވޭތަ؟
އޮޑިޓުތަކުގައި އޮޑިޓާ ޖެނަރަލްގެ މަސްއޫލިއްޔަތަކީ ސަރުކާރުގެ އިދާރާތަކުގެ މާލީ ކަންކަން ހިންގައި ބަލަހައްޓަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމެވެ. އޮޑިޓު ރިޕޯޓެއްގެ ބޭނުމަކީ ސަރުކާރުގެ އިދާރާތަކުގެ ބަޖެޓުން ހަރަދުކޮށްފައިވަނީ ބަޖެޓާ އެއްގޮތަށްތޯ ބެލުމަށް ބޭނުންވާ ހެކި ހޯދުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަަލައެއް ނަމަ އެކަން ފާހަގަކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަކީ ވެސް މިފަދަ ރިޕޯޓެއްގެ ބޭނުމެކެވެ.
މި މަސްއޫލިއްޔަތުގެ ދަށުން އޮޑިޓު އޮފީހުން ކުރާ ކައުންސިލުތަކުގެ އޮޑިޓުތަކާ ގުޅޭ ރިޕޯޓުތަކުގައި ކޮންމެ އަހަރަކު ވެސް ކައުންސިލުތަކުން ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންކަމުގެ ތެރެއިން ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައި ހުރެ އެވެ. ބައެއް ކައުންސިލުތަކުން އޮޑިޓަށް ދޮގު މައުލޫމާތު ދީފައި ހުރުމާއި މާލިއްޔަތު ގަވާއިދާ ހިލާފުވުމުގެ ސަބަބުން ދައުވާ ކުރެވޭނެ ބާވަތުގެ މައްސަލަަތައް ވެސް އޮޑިޓުގައި ފާހަގަކޮށްފައި ހުންނަ މިންވަރު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ.
ފިޔަވަޅުއެޅޭތަ؟ އިދާރާތަކުގެ ޖަވާބެއް ނެތް
އޮޑިޓް ގާނޫނު ބުނާގޮތުން މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ފާހަގަކޮށް ރައީސްއަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ކައުންސިލުތަކާއި ލޯކަލް ގަަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ފިނޭންސް މިނިސްޓްރީއަށް ރިޕޯޓު ފޮނުވަންޖެހެ އެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައި ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެކަން ނިންމާނީ ފިނޭންސް މިނިސްޓްރީން ހަދާ އިންޓާނަލް އޮޑިޓަކުންނެވެ. ފިނޭންސް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން މި ފިޔަވަޅު ތަންފީޒުކުރުން އޮންނަނީ ކައުންސިލުތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އެލްޖީއޭއަށެވެ. ދައުވާ ކުރާ ބާވަތުގެ ޖިނާއީ މައްސަލަތަކުގައި އޮންނަނީ ސީދާ އެ ކައުންސިލެއްގެ ފަރާތުން ވެސް މައްސަލަ ފުލުހުންނަށް ހުށަހެޅޭ ގޮތަށެވެ.
މާލިއްޔަތު ގަވާއިދާ ހިލާފު ހުއްދަނޫން އަމަލެއް މީހަކު ކޮށްފި ނަމަ އެ ގަވާއިދުގެ ދަށުން އެ މީހަކު ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ފިނޭންސް މިނިސްޓަރަށް ލިބިގެންވެ އެވެ. އެފަދަ އަމަލެއް ކުރީ ގަސްދުގައި ނަމަ ޖޫރިމަނާކުރުމާ އެކު އެ މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ބަންޑާރަ ނާއިބަށް މިނިސްޓަރު ފޮނުވަންވާނެ ކަމަށް ވެސް މާލިއްޔަތުގެ ގާނޫނު ބުނެ އެވެ.
މި ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއެއްގެ މަގްސަދަކީ ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ފުރިހަމައަށް ހޯދުމެވެ. އެހެންކަމުން، ގެއްލުމުގެ ބަދަލު ފުރިހަމައަށް ލިބެންދެން، ބަދަލު ހޯދުމުގެ ހައްގު ދެމިއޮންނާނެ ކަމަށް ގާނޫނު ބުނެ އެވެ. އެގޮތުން އެ ފައިސާ ޝަރީއަތަށް ގޮސްގެން ނަމަވެސް ހޯދަންޖެހޭނެ ކަމަށް މާލިއްޔަތު ގާނޫނު ބުނެ އެވެ.
ނަމަވެސް ގިނަ މައްސަލަތަކުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާތަނެއް ނުފެނެ އެވެ.
ނަން ނުޖަހާ ގޮތަށް މި ރިޕޯޓަށް ވާހަކަދެއްކެވި ތަހުގީގީ އިދާރާއެއްގެ ބޭފުޅަކު ވިދާޅުވިގޮތުގައި އޮޑިޓުގައި ފާހަގަކޮށްފައި ހުންނަ ހިޔާނާތްތެރިވުމުގެ އެފަދަ މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް ފޮނުވާ މައްސަލަތައް އަތުން ގުނާލެވޭހާ މަދެވެ. ބައެއް މައްސަލަތަކުގައި އެކަށީގެންވާ ހެކި ނެތުމުން ދައުވާ ކުރެވޭކަށް ވެސް ނޯވެ އެވެ.
އޮޑިޓަށް ދޮގު މައުލޫމާތު ދިނުމަކީ ވެސް ފިޔަވަޅު އަޅަންޖެހޭ ކުށެކެވެ. ނަމަވެސް އޮޑިޓު ރިޕޯޓުތަކުގައި ވެސް އޮންނަނީ މިފަދަ ކަންކަން ނުކުރުމަށް ކޮށްފައިވާ އިލްތިމާސްއެއް އެކަންޏެވެ. އިސްލާހުކުރަން ދޭ ނަސޭހަތަކުން ނިންމާލައި، މިފަދަ ކަންކަމާ މެދު ފިޔަވަޅުނާޅައި ދޫކޮށްލުމުގެ ނަތީޖާއަކީ މި އަހަރު އާންމުކުރި ގިނަ އޮޑިޓުތަކުގައި ވެސް މައުލޫމާތު ދިނުމުގައި އޮޅުވާލާފައިވާ ކައުންސިލުތައް ގިނަވުމެވެ.
މި މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި އިދާރާތަކުން ފިޔަވަޅު އެޅުމުގައި އަމަލުކުރާ ގޮތާ ބެހޭގޮތުން އޮޑިޓު އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ފަރާތުން މި ރިޕޯޓަށް މައުލޫމާތު ހޯދުމަށް މަސައްކަތް ކޮށްފައިވާނެ އެވެ. ނަމަވެސް މި އިދާރާތަކުގެ ކަމާބެހޭ ފަރާތްތަކުގެ ބަހެއް މިކަމުގައި ލިބޭ ގޮތެއް ނުވި އެވެ.
ދައުލަތަށް ގެއްލޭ ގިނަ ފައިސާތަކެއް
މި އަހަރުގެ މިހާތަނަށް އޮޑިޓު އޮފީހުން އާންމުކޮށްފައިވާ ކައުންސިލުތަކުގެ އޮޑިޓުތަކުގައި، ބޮޑެތި އަދަދުތަކުން ފައިސާ ގެއްލިފައި ހުރިކަން ފާހަގަކޮށްފައި އެބަހުއްޓެވެ. ގިނައީ ވީނުވީއެއް ނޭނގި ފައިސާ ގެއްލިފައިވާ ނުވަތަ ހިސާބުތައް ދިމާނުވުމުގެ ސަބަބުން ފައިސާގެ ސައްހަކަން ކަށަވަރު ނުވާ ކައުންސިލްތަކެވެ.
ކައުންސިލުތަކުގެ އޮޑިޓުން ފާހަގަވެފައިވާ ބައެއް މައްސަލަތައް:
-
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ލިބޭ ފައިސާގެ ދަފްތަރުު ބަލަހައްޓާފައި ނުވުން؛ ދަފްތަރު ނުބަލަހައްޓާ ނަމަ ކައުންސިލަށް ލިބެން ޖެހެނީ ކޮން ފައިސާއެއް ކަން ނުވަތަ ކިހާ އަދަދެއްގެ ފައިސާއެއްކަން ދެނެގަންނަން ދަތިވާނެ
-
ލިބޭ ފައިސާ ބޭންކަށް ޖަމާނުކޮށް ގިނަ އަދަދެއްގެ ފައިސާ ތިޖޫރީގައި ބަހައްޓާފައިވުން
-
ތިޖޫރީގައި ހުރި އާމްދަނީ ފައިސާއިން އިދާރާގެ ބައެއް ހަރަދުތައް ކުރުމަށް ފައިސާ ދައްކާފައިވުން
-
މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި ކައުންސިލުގެ ރެކޯޑުތަކާ ދިމާނުވުން
-
މާލީ އަހަރު ކައުންސިލަށް ލިބުނު ފައިސާ އާއި ކުރި ހަރަދު ތަނުގެ ރިކޯޑުތަކާ ދިމާނުވުން
-
ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވުން
-
އެކައުންޓްތަކުގެ ހިސާބުތައް ބަލަހައްޓައި ރިކޮންސައިލްކޮށްފައި ނުވުން. ބައެއް ކައުންސިލުތަކުން ބޭންކު ރިކޮންސިލިއޭޝަން ސްޓޭޓްމަންޓުގައި ހިމަނާފައިވާ ބާކީ އާއި ކައުންސިލުގެ ފޮތްތަކުން ދައްކާ ބާކީއާއި ދިމައެއްނުވޭ
-
ހަރުމުދަލުގެ ރަޖިސްޓްރީ އަދާހަމަކޮށް ބަލަހައްޓާފައި ނުވުން
-
މުދާ ހޯދުމުގެ ކުރިން މުދާ ގަންނަން އެދޭ ފޯމް ފުރިހަމަކޮށްފައި ނުވުން؛ ބައެއް މަޝްރޫއުތައް ހަވާލުކުރާއިރު މާލިއްޔަތު ގަވާއިދުގައި ނަގަން ޖެހޭނެ ކަމަށް ބުނާ ޕާފޯމެންސް ގެރެންޓާގެ ފައިސާ ވެސް ގިނަ ކައުންސިލުތަކުން ނުނަގާ
-
ކައުންސިލުގެ ސްޓޮކް ގަވާއިދުން ބަލަހައްޓާފައި ނެތުން. ސްޓޮކް ނުބަލަހައްޓާ ނަމަ ސްޓޮކަށް ވައްދާ މުދާ ނަހަމަގޮތުގައި ބޭނުންކުރުމާއި އެކަށީގެންވާ މިންވަރަކަށް ސްޓޮކްކޮށްފައިވާ މުދަލެއް އަލުން ކައުންސިލުގެ ބަޖެޓުގެ ތެރެއިން ގަތުމާއި ކައުންސިލްގެ ބޭނުމަށް ކޮންމެހެން ކުރަން ނުޖެހޭ ހަރަދެއް ކުރުމުގެ ފުރުސަތު އޮވޭ
އަނެއްބައި ކައުންސިލުތަކުގައި ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ކައުންސިލަށް ލިބެންޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިފައެއްނުވެ އެވެ. ގިނައީ އެ ފައިސާ ހޯދަން ގަވާއިދުގައި އޮންނަ ގޮތުގެ މަތިން މަސައްކަތްކޮށްފައި ވެސް ނުވާ ކައުންސިލުތައްކަން އޮޑިޓުތަކުގައި ފާހަގަކޮށްފައިވެ އެވެ.
ކައުންސިލުތަކުގެ އޮޑިޓުން ފާހަގަވެފައިވާ ބޮޑު އަނެއް މައްސަލައަކީ ކައުންސިލްގެ ތިޖޫރީގައި ބަހައްޓާފައި ހުންނަ ފައިސާ ވީނުވީއެއް ނޭނގި ގެއްލުމެވެ. ނުވަތަ މަދުވެފައި ހުރުމެވެ. ބައެއް ކައުންސިލުތަކުގައި ތިޖޫރީގައި ހުންނަންޖެހޭ ފައިސާގެ ތެރެއިން 600،000 އެއްހާ ރުފިޔާ ހުރީ މަދުވެފަ އެވެ.
ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ވެސް ބައެއް ކައުންސިލުތަކުން ފުރިހަމައަށް ބަލަހައްޓަމުން ނުދާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. ފައިސާގެ ހިސާބުތައް ނުބަލަހައްޓާ ނަމަ ދައުލަތުގެ ފައިސާ މުވައްޒަފުންގެ އަމިއްލަ މަންފާއަށް ބޭނުންކުރުމުގެ މަގު ފަހިވެ އެވެ. އެ ހިސާބުތައް ނުބަލަހައްޓާ ނަމަ ތިޖޫރީން ފައިސާ މަދު ވިޔަސް އެކަން ފާހަގަ ނުކުރެވި ކައުންސިލަށް މާލީ ގެއްލުން ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެއްކަން ވެސް އޮޑިޓު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެ އެވެ.
ބައެއް ހަރަދުތަކާއި ހިސާބުތަކާއި ލިޔެކިއުންތައް ބެލެހެއްޓުމުގައި އިހުމާލުވެފައިވާތީ އާއި އެ ހަރަދުތަކަކީ ކައުންސިލުގެ އިދާރާގެ ބޭނުމަށް ކޮށްފައިވާ ހަރަދުތަކެއްކަން ކަށަވަރުކުރެވިފައި ނުވާތީ މާލިއްޔަތު ގަވާއިދުގެ ދަށުން އެ މައްސަލަ ބަލައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓުގައި އަންގާފައިވެ އެވެ. ނަމަވެސް މި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަން ނުވަތަ ނޫންކަން ކަމާބެހޭ އިދާރާތަކުގެ ފަރާތުން ސާފެއް ނުވެ އެވެ.
ކިޔާލަން
މި އަަހަރު އާންމުކޮށްފައިވާ އޮޑިޓުތަކާ ގުޅިގެން މިފަދަ މައްސަލައެއްގައި ތަހުގީގު ފަށާފައިވަނީ އދ. ދިއްދޫ ކައުންސިލުގެ މައްސަލައެއް އެކަންޏެވެ. އެއީ އެ ކައުންސިލުގެ ކުރީގެ ފައިނޭންޝަލް އެންޑް އައިޓީ ކޮންސަލްޓަންޓް ކައުންސިލުގެ ތިޖޫރީގައި ހުރި ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. އޮޑިޓުގައި އަންގާފައިވާ ގޮތުގެ މަތިން މި މައްސަލާގައި ފިޔަވަޅު އެޅުމަށް ދިއްދޫ ކައުންސިލުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އިތުރަށް ކިޔާލަން
މިހާތަނަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހިސާބަށް ގޮސްފައިވާ މިފަދަ އެންމެ ބޮޑު މައްސަލައަކީ ދުވާފަރު ކައުންސިލުން ހިންގި 2 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތެވެ. މިދިޔަ އަހަރު ފެންމަތިވި މި ހިޔާނާތުގައި ކައުންސިލް މެމްބަރުންގެ އަމިއްލަ އެކައުންޓުތަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވެ އެވެ.
އެލްޖީއޭއިން ކުރި ހާއްސަ އޮޑިޓަކުން ފާހަގަވި އެ މައްސަލަ ބެލުމަށް ފަހު ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކުރި އެވެ. އެކަމަކު ތަހުގީގަށް ފަހު ހުރިހާ މެމްބަރުން ވަޒީފާއަށް އަލުން ނުކުންނަން ހުއްދަދިނެވެ.
ޖުމްލަ 12 މީހެއްގެ މައްޗަށް ތަހުގީގު ހިންގި މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދުނީ އަށް މީހެއްގެ މައްޗަށެވެ. ނަމަވެސް، ފަހުން ޕީޖީ އޮފީހުން ވެސް ނިންމީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ފަހު އެ މައްސަލާގައި ދައުވާ ނުކުރުމަށެވެ.
އޭރުގެ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ދައުވާނުކޮށް ކައުންސިލާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގައި އިސްކުރީ އޯގާތެރިކަން ކަމަށާއި އެކަމުގެ ނަތީޖާ ގޯހެއް ނުވާނެ ކަމަށެވެ.
ކިޔާލަން މުހިންމު
މިނިސްޓްރީތަކުގައި ވެސް އޮތް މައްސަލައެއް
މިފަދަ މައްސަލަތައް ހުރީ ހަމައެކަނި ކައުންސިލުތަކުގެ ތެރޭގައެއް ވެސް ނޫނެވެ. މިނިސްޓްރީތަކާއި ދައުލަތުގެ އެހެން ބައެއް އޮފީސްތަކުގައި ވެސް މިއީ ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. އޮޑިޓު އޮފީހުން އާންމުކުރާ ސަރުކާރުގެ އިދާރާތަކުގެ ބައެއް އޮޑިޓުތަކުން ވެސް ފެންނަން ހުރީ މުޅިން ވެސް މިފަދަ މައްސަލަތަކެވެ. އިސްލާހުކޮށްލަން ބުނެލާފައި ނިންމާލެވޭތީ އަހަރަކަށްވުރެ އަހަރެއް މިފަދަ މައްސަލަތައް އޮޑިޓުތަކުން ފެންމަތިވާލެއް ގިނަ އެވެ.
އޮޑިޓު ރިޕޯޓުތައް ދިރާސާކުރުމަށް އުފައްދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ސަބް ކޮމިޓީގައި މިދިޔަ މަސްތެރޭ ބޭއްވި ބައެއް ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތަކުން ވެސް މުޅިންހެން ފެނުނީ މިފަދަ މައްސަލަތަކާ މެދު ގަވާއިދުގެ ދަށުން ފިޔަވަޅުތައް އެޅުމުގައި ކަމާބެހޭ އިދާރާތަކުން ފަރުވާކުޑަކޮށްފައި އޮތް މިންވަރުގެ ބޮޑުކަމެެވެ.
އެ ކޮމިޓީން ދިރާސާކުރި ބައެއް އޮޑިޓުތަކާ ގުޅިގެން ކޮމިޓީއަށް ހާޒިރުކުރި މިނިސްޓްރީތަކުގެ އިސްވެރިން އެ ބައްދަލުވުންތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، މާލިއްޔަތު ގަވާއިދާ ހިލާފުވުމުގެ ސަބަބުން، އެ އިދާރާތަކަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހެޅުމަށް އޭޖީ އޮފީހަށް ބައެއް މައްސަލަތައް ފޮނުވި ނަމަވެސް އެ މުއާމާލާތްތައް ކޮށްފައިވާތާ ގިނަ އަހަރުތަކެއްވުމުގެ ސަބަބުން، ބޭނުންވާ ބައެއް ލިޔެކިއުންތައް ހަމައެއް ނުވެ އެވެ. އެހެންވެ އެފަދަ ބައެއް މައްސަލަތައް ހުރީ ޝަރީއަތަށް ހުށަހެޅުން މަޑުޖެހިފަ އެވެ.
ބައެއް މައްސަލަތަކުގައި، ތަކުރާރުކޮށް ފައިސާ ހޯދުމަށް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ޝަރީއަތަށް ހުށަހެޅުމަށް އޮޑިޓުގައި އަންގާފައި އޮތް ނަމަވެސް ފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހަޅާފައި ނުހުންނަކަން ވެސް އެ ކޮމިޓީގައި ފާހަގަކުރި އެވެ.
މި ކޮމިޓީގައި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވިގޮތުގައި ކޮމިޓީން ބެލި ގިނަ އޮޑިޓުތަކުން ފާހަގަވި އެއް ކަމަކީ ވަކި ކަހަލަ މައްސަލަތަކެއް ތަހުގީގުކޮށް ފައިސާ ހޯދުމަށް އޮޑިޓުގައި އަންގާފައި ހުރި ނަމަވެސް އެފަދަ މައްސަލަތަކުގެ ލިޔެކިއުންތައް ވަކި ހިސާބަކުން ގޮސްފައި ހުންނަނީ ކޮންމެވެސް ގުދަނަކަށް ކަމެވެ. ދެން އެ ތަކެއްޗަށް ވީނުވީއެއް ނޭނގި ނުވަތަ ގިނަ ދުވަސްވުމުގެ ސަބަބުން ހަލާކުވެގެން ނަމަވެސް، ޝަރީއަތަށް މައްސަލަތައް ފޮނުވޭވަރަށް ލިޔެކިއުންތައް ހަމަނުވެގެން ނުބެލި ބަހައްޓާފައި ހުންނަ މައްސަލަތައް ގިނަ އެވެ.
"[މައްސަލަތައް އޮޑިޓު ރިޕޯޓެއްގައި] ޖަހައިގެންނެއް މި މައްސަލައަކަށް ދާއިމީ ހައްލެއް ނުގެނެވޭނެ. މިކަން ޖެހޭނީ މާލިއްޔަތު ގާނޫނު ތެރެއަށް ވަދެގެން ހުރިހާ މިނިސްޓްރީތަކެއް ތަންފީޒުކުރަންޖެހޭ އެއްޗެއްގެ ގޮތުގައި ގާނޫނީ ހައިސިއްޔަތު ލިބިގެން މިކަން ހައްލުވެގެންދާނީ،" އޮޑިޓު ރިޕޯޓުތައް ދިރާސާކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރުު މޫސާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ ނާޒުކުކަމުގެ ވާހަކަ އަބަދުވެސް މިދަނީ ދައްކަމުންނެވެ. އިގްތިސޯދީ އަނދަވަޅަަކަށް ވެއްޓުމުގެ ކުރިން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ވާހަކަ މިދަނީ ދެކެވެމުންނެވެ. ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް މަދުކޮށްލުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ. މިފަދަ ދަނޑިވަޅެއްގައި، ދައުލަތަށް ލިބެންޖެހޭ އެތަކެއް މިލިއަން ރުފިޔާ މިފަދަ ހިޔާނާތްތަކުން ވަކި ބައެއްގެ ޖީބަށް ވަދެގެން ދިއުމަކީ ސަރުކާރަށް ދެކޮޅުޖެއްސޭނެ ކަމެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް، އެފަދަ ފައިސާ ހޯދުމަށް ފިޔަވަޅެއް ނާޅައި ދޫކޮށްލުމަކީ އިހުމާލާއި ހިޔާނާތަށް ކޮށައިދެވޭ މަގެކެވެ.
ކޮމެންޓް