އދ. ދިއްދޫ

އދ. ދިއްދޫ

ދިއްދޫ ކައުންސިލުގެ ކުރީގެ ފައިނޭންސް ކޮންސަލްޓަންޓް ހިޔާނާތްތެރިވި މައްސަލައެއް ބަލަނީ

ދިއްދޫ ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކައުންސިލުގެ ތިޖޫރީގައި ހުރި 5،500ރ. އެ ކައުންސިލުގެ އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ؛ އޭނާ ބޭންކު ސްޓޭޓްމަންޓް ފޯޖުކޮށްފައިވޭ

އދ. ދިއްދޫ ކައުންސިލުގެ ކުރީގެ ފައިނޭންޝަލް އެންޑް އައިޓީ ކޮންސަލްޓަންޓް އެ ކައުންސިލުގެ ތިޖޫރީގައި ހުރި ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ދިއްދޫ ކައުންސިލުގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓް ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ފާހަގަކޮށްފައިވަނީ އޮޑިޓާ ޖެނަރަލް އޮފީހުން މިދިޔަ ހޯމަ ދުވަހު އާންމުކޮށްފައިވާ އެ ކައުންސިލުގެ 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގަ އެވެ. ރިޕޯޓުގައިވާ ގޮތުން ދިއްދޫ ކައުންސިލުގެ ބޭންކު ސްޓޭޓްމެންޓު ބަދަލުކޮށް އޭނާ އޮޑިޓަރުންނަށް ހުށަހަޅާފައިވެ އެވެ.

އެއީ އޮޅުވާލުމުގެ ގޮތުން އަމިއްލައަށް ފޯޖުކޮށް އޮޑިޓަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓެއް ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ކައުންސިލަށް އަންގާފަ އެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައިވާ ގޮތުން:

  • ދިއްދޫ ކައުންސިލުގެ ކުރީގެ ފައިނޭންސް އެންޑް އައިޓީ ކޮންސަލްޓަންޓް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ވަނީ ހުށަހަޅާފައި

  • އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން

ތަފްސީލް - އޮޑިޓުގައިވާ ގޮތުން 3 އޯގަސްޓު 2022 ވަނަ ދުވަހު ކައުންސިލުގެ ތިޖޫރީގައި ހުރި 5500ރ. ދިއްދޫ ކައުންސިލުގެ އޭރުގެ ފައިނޭންސް އެންޑް އައިޓީ ކޮންސަލްޓަންޓާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެ ފައިސާ ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އޭނާއާ އޮޑިޓް އޮފީހުން ސުވާލުކުރުމުން އެ ފައިސާ ޖަމާކޮށްފައިވާނެ ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް އޮޑިޓުގައިވެ އެވެ.

އޮޑިޓުގައިވާ ގޮތުން:

  • އަމިއްލަ ފަރާތަކުން ކައުންސިލަށް ޖަމާކުރި 25،000ރ.ގެ ތެރޭގައި އެ 5500ރ. ހިމެނޭނެ ކަމަށް އޭނާ ބުނެފައިވޭ

  • ނަމަވެސް، އެ 25،000ރ. އަކީ ކައުންސިލަށް ލިބިފައިވާ އެހީއެއްކަން އޮޑިޓަށް އެނގިފައިވޭ

  • ތިޖޫރީގައި ހުރި 5،500ރ. އޭނާގެ އަމިއްލަ އެކައުންޓަށް އޮޅުމަކުން ޖަމާކުރެވިފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ކައުންސިލަށް ރައްދުކޮށްދޭނެ ކަމަށް ފަހުން ބުނެފައިވޭ

  • އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނެ މިދިޔަ 13 ނޮވެމްބަރުގައި ފޯޖުކޮށްފައިވާ ބޭންކް ސްޓޭޓްމަންޓެއް އޮޑިޓަށް އޭނާ ފޮނުވާފައިވޭ

އެނގުން މުހިންމު - އޮޅުވާލުމުގެ ނިޔަތުގައި ނުވަތަ ނުރަނގަޅުު އަމަލެއް ފޮރުވުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ގޮތުގައި އެއްޗެއް ނުވަތަ ލިޔުމެއް އުފެއްދުން ނުވަތަ އެއްޗަކަށް ނުވަތަ ލިޔުމަކަށް ބަދަލު ގެނައުމަކީ ކުށެކެވެ.

ގުޅުންހުރި ކަމެއް - ފައިނޭންޝަލް ކޮންސަލްޓަންޓް އަދި އައިޓީ ކޮންސަލްޓަންޓްގެ މަގާމުގައި މިހާރު ހުންނެވި ބޭފުޅާއާ ގުޅޭ މައްސަލަތަކެއް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން، އެ މަގާމު ކައުންސިލުގެ މަސްލަހަތު ފުށޫއަރާ ގޮތެއްގައި އެކަކަށް ހަވާލުކޮށްފައިވާ މައްސަލަ ފާހަގަކޮށްފައިވެ އެވެ. އަދި އޭނާއަށް މުސާރަ ދީފައިވަނީ ވެސް ވަޒީފާގެ އެއްބަސްވުމުގައި ސޮއިނުކޮށް ކަމަށް އޮޑިޓުގައިވެ އެވެ.

އެ މަގާމު ހަވާލުކޮށްފައިވަނީ އެ ކައުންސިލުގެ ސެކެރެޓަރީ ޖެނަރަލް (އެސްޖީގެ) ފިރިމީހާ އަށެވެ.

އޮޑިޓުގައި ބުނެފައިވަނީ:

  • އައިޓީ ކޮންސަލްޓަންޓަކާއި ފައިނޭންޝަލް ކޮންސަލްޓަންޓެއް ހޯދުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ ތެރޭގައި ތަފާތު ދެ އިއުލާނެއް ކައުންސިލުން ކޮށްފައިވޭ

  • އެ މަގާމުތަކަށް ކުރިމަތިލާފައިވާ ފަރާތަކީ ކައުންސިލުގެ އިދާރާގެ ސެކްރެޓަރީ ޖެނަރަލްގެ މަސްްލަހަތު ފުށޫއަރާ ފަރާތެއް

  • އެ ފަރާތަށް އައިޓީ ކޮންސަލްޓަންޓްގެ މަގާމުގެ އިތުރުން ފައިނޭންޝަލް ކޮންސަލްޓަންޓްގެ މަގާމު ވެސް ދީފައިވޭ؛ އެކަން ކުރީ އެންޓިކޮރަޕްޝަން ކޮމިޝަނުން އެކަން ނުކުރުމަށް ލަަފާދީފައިވަނިކޮށް

  • މި ދެ މަގާމަށް އެ މުވައްޒަފަށް މަހަކު 21،000ރ. ކައުންސިލުން ދޭ؛ މިދިޔަ އަހަރުގެ ނިޔަލަށް 175،000ރ. ކައުންސިލުން ހަރަދުކޮށްފައިވޭ

  • އެއީ އައިޓީ ކޮންސަލްޓަންޓްގެ މަސައްކަތަށް މަހަކު 12،000ރ. އަދި ފައިނޭންޝަލް ކޮންސަލްޓަންޓްގެ މަގާމަށް މަހަކު 9000ރ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް