ތ. ދިޔަމިގިލި: އެ ރަށު ކައުންސިިލުން ފައިސާގެ ކަންކަން ބެލެހެއްޓުން ދޯދިޔާ (ފައިލް ފޮޓޯ)

ތ. ދިޔަމިގިލި

ދިޔަމިގިލި ކައުންސިލް ތިޖޫރީން ހަ ލައްކަ ރުފިޔާ މަދު: އޮޑިޓް ރިޕޯޓް

އެ ކައުންސިލްގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ފައިސާގެ ގިނަ މުއާމަލާތްތައް ހިންގާފައިވަނީ ލިޔެކިޔުންތައް ބެލެހެއްޓުމެއް ނެތި
24 އޯގަސްޓު 2024

ތ. ދިޔަމިގިލި ކައުންސިލް އިދާރާގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ތެރެއިން ހަ ލައްކަ ރުފިޔާ މަދުވެފައިވާ ކަމަށް އެ އިދާރާގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - އެކަން ހާމަވީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުންނެވެ. 

ތަފްސީލް - އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ 10 އޮކްޓޫބަރުގެ ނިޔަލަށް ކައުންސިލްގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ތެރެއިން 605،438 ރުފިޔާ މަދު ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2020 އިން ފެށިގެން މިދިޔަ 10 އޮކްޓޫބަރު 2023ގެ ނިޔަލަށް:

  • 2020 ފެށުނުއިރު ބޭންކް އެކައުންޓަށް ޖަމާނުކޮށް ހުރި ފައިސާގެ އަދަދު 468،004 ރުފިޔާއަށް އަރާ

  • ކައުންސިލްގެ އިދާރާއަށް ނަގުދު ފައިސާއިން ބަަލައިގެންފައިވާ އާމްދަނީގެ އަދަދު 397،052 ރުފިޔާ ހުރި

  • ހަރަދު ކުރުމަށް ކައުންސިލްގެ އިދާރާގެ ބޭންކު އެކައުންޓުން 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި

  • ކައުންސިލްގެ އިދާރާގައި ބަހައްޓައިގެން 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރޯލްކުރި

  • ކައުންސިލްގެ އިދާރާގެ ބޭންކް އެކައުންޓަށް ކައުންސިލްގެ އިދާރާއިން 455،174ރ ޖަމާކުރި

  • ނަގުދު ފައިސާއިން ކައުންސިލްގެ އިދާރާއިން 1.7 މިލިއަން ރުފިޔާ ހަރަދުކުރި

  • ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ތެރެއިން 605،438ރ ގެއްލިފައިވޭ

އެ ރަށު ތިޖޫރީން ގެއްލުނު ފައިސާގެ މައްސަލަ ބަލައި ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ވެސް ވަނީ އެދިފަ އެވެ.

އޭގެ އިތުުރުން އެ ރިޕޯޓުގައި:

  • ކައުންސިލްގެ އިދާރާއަށް ބަލައިގަންނަ ނަގުދު ފައިސާ ގަވާއިދުން ޖަމާކޮށްފައި ނުވާކަން ފާހަގަކުރި

  • ބޮޑެތި އަދަދުތަކުން ކައުންސިލްގެ ބޭންކް އެކައުންޓުން ފައިސާ ނަގައިގެން ކައުންސިލް އިދާރާގައި ބެެހެއްޓުމަކީ ފައިސާ ގެއްލެން މަގުފަހިވެ އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ފާހަގަކުރި

  • ހަރަދުކޮށްފައިވާ ފައިސާގެ ތަފްސީލް ލިޔެކިޔުމުން ބަލަަހައްޓާފައި ނުވާކަން ފާހަގަކުރި

  • އެހެންވެ އެ މައްސަލަ ވެސް ބަލައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެދިފައިވޭ

  • އެ ކައުންސިލްގެ ފައިސާއާ ގުޅޭ އެހެން ވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް