ފަހަކަށް އައިސް ރާއްޖޭގައި އިހުސާސްކުރެވޭ ހޫނުމިން އިންތިހާއަށްް މައްޗަށް ދޭ. އެއާ އެކު ވާރޭ ވެހޭ ގޮތަށް ވެސް ބަދަލު އައިސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭ ވަރަށް ބޯކޮށް ވާރޭ ވެހޭ ހާލަތްތައް ކުރިމަތިވޭ. (ދައުރު ގްރެޕިކްސް /އިބްރާހިމް ލަޔާން)

މޫސުން

އަތްވަސް ވާރެޔަސް އިންތިހާ: މޫސުމަށް މިވަނީ ކިހިނެއް؟

މިހާރު ކުރިމަތިވަމުން މިދަނީ މީގެ ކުރިން އިންސާނުންނަށް ކުރިމަތިވެފައި ނުވާ ހާލަތްތަކެއް. މޫސުމީ ބަދަލުގެ އަސަރުތަކަށް ހޭނި، އެކަމުން ލިބޭ ގެއްލުންތައް ކުޑަކުރެވޭ ގޮތަށް ވިލުންވެރިކަން އިތުރުކުރުން މަޖުބޫރު.

މިހާރު އަވިދޭއިރު އަވިދެނީ މަގުމައްޗަށް ނުކުމެ އުޅެލަން ކެތްނުވާ ވަރަށެވެ. ގޭގެ ހުރިހާ އޭސީއެއް ޖައްސަން ޖެހޭ ވަރަށެވެ. ވާރޭ ވެހެންޏާ ވެހެނީ ކުރިމަތީގައި ހުންނަ ގެ ވެސް ނުފެންނަ ވަރަށެވެ. ކުއްލިއަކަށް، ބޯކޮށެވެ. ވައިގަދަވެގެން ދަނީ ގޭގޭގެ ފުރާޅުތަކާއި ބޮޑެތި ސިންގާ ގަސްތައް ވެސް ހިފައިގެންނެވެ. ހުރިހާ ކޮޅަކުން ވެސް އިންތިހާ އެވެ. އެއް އިންތިހާއިން އަނެއް އިންތިހާއަށް މޫސުން ބަދަލުވަނީ ވެސް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

މިހާރު މޫސުމަށް މިވަނީ ކިހިނެއް ހެއްޔެވެ؟

31 ޑިސެމްބަރު 2023: ހުއްޓުމެއް ނެތި 24 ގަޑިއިރަށް މާލެއަށް ވާރޭ ވެހި، މަގުތައް ފެންބޮޑުުވެފައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މިހާތަނަށް ކުރިމަތިނުވާ ހާލަތެއް

މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ފަހަތުގައިވާ އެއް ސަބަބަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާ އެވެ. އިންސާނުންގެ އަމަލުތަކުން އުފައްދާ ގެދަބުޅި އާއި ވިހަ ގޭސްތަކުން ޖައްވުގެ ތެރޭގައި ހޫނު ހިފަހައްޓާތީ، ދުނިޔޭގެ ހޫނުމިން ދަނީ 1970ގެ އަހަރުތަކުން ފެށިގެން އިތުރުވަމުންނެވެ. އޭރާ އަޅާބަލާއިރު ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން ގާތްގަނޑަކަށް 1 ޑިގްރީ ސެލްސިއަސް މަތިވެފައިވާ އިރު، އަހަރެމެންނަށް މިހާރު ތަޖުރިބާ ކުރެވެމުން މިދަނީ އެ ކުޑަކުޑަ އިތުރުވުމުގެ ސަބަބުން ނުކުންނަ ބޮޑު އަސަރުގެ ނަތީޖާ އެވެ.

މިދިޔަ އަހަރަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް އިންތިހާއަށް މޫސުމީ ކާރިސާތަކުގެ އަސަރު ފެނުނު އަހަރެކެވެ. ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން މިހާތަނަށް ރިކޯޑު ކުރެވިފައިވާ މިންވަރަށް ވުރެ މައްޗަށް ދިޔަ އެވެ. ބައެއް ސަރަހައްދުތައް އިންތިހާއަށް ފިނިވެގެން ގޮސް އެތައް ފުރާނައެއް ގެއްލުނު އިރު، ބައެއް ސަރަހައްދުތަކުގައި މީހުން މަރުވީ ހޫނު ގަދަވެގެން ރޯވި އަލިފާންތަކުގަ އެވެ. ފެންބޮޑުވުމާއި ހަނަފަސްވުމުގެ އެތައް ހާދިސާއެކެވެ. ރިކޯޑަކަށް ފަހު ރިކޯޑެކެވެ. އެއާއެކު 2023 ވެގެން ދިޔައީ ދުނިޔޭގެ ތާރީހުގައި ވެސް ފާހަގަކުރެވުނު އެންމެ ހޫނު ގަދަ އަހަރަށެވެ.

މި އަހަރު އަދި ދެބައި ވެސް ނުވެ އެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް އާދެވުނު އިރު މިދިޔަ އަހަރުގެ ގިނަ ރިކޯޑުތަކެއް މުގުރާލައިފި އެވެ. ރާއްޖޭގައި 2023ގައި، އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީއަށް އަރައިގެން ދިޔުމުން ގިނަ ބަޔަކު ހައިރާންވި އެވެ. މި އަހަރުގެ އޭޕްރިލް މަހު އެ އަދަދު 48 ޑިގްރީއަށް އުފުލުނެވެ.

ހުޅަނގު މޫސުން ފެށި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވިއްސާރަ ކުރަމުންދާ އިރު ވެސް، މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން މިދުވަސްކޮޅު ވެސް 40 ޑިގްރީއަށް ވުރެ މައްޗެވެ.

އަވި ގަދަ ދުވަހެއްގެ މެންދުރުފަހު މާލޭގެ ލޯކަލް މާރުކޭޓު ކުރިމަތީ މީހަކު މުދާ ބާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ހޫނުގަދައިރު އެހާ ބޯކޮށް ވާރޭ ވެހެނީ ކީއްވެ؟

ވާރޭ ވެހެނީ، ގަސްގަހާގެއްސާއި ކަނޑުފަޅުތަކުން އާތްވަށް ބަދަލުވެގެން އަރާ ފެނުން ޖައްވުގެ ތެރޭގައި ވިލާ އުފެދިގެންނެވެ. ޖައްވުގެ ތެރޭގައި ފިނިހޫނުމިން ދަށްވުމުން އެ އާވި އަނެއްކާވެސް ކުދިކުދި ފެންތިކިތަކަކަށް ބަދަލުވެ، އެ ފެންތިކިތައް އެކަތި އަނެކައްޗާ ގުޅި، ވަކި ވަރަކަށް ބަރުވުމުން ވާރޭގެ ގޮތުގައި ބިމަށް ފައިބަ އެވެ. މިއީ ފެނުގެ ބުރު ނުވަތަ 'ވޯޓާ ސައިކަލް' އެވެ.

ޖައްވުގެ ހޫނުމިން އިތުރުވުމާ އެކު ބޯކޮށް ވާރޭ ވެހުން އިތުރުވަނީ، އެކަމުގެ ސަބަބުން ފެނުގެ ބުރަށް އަސަރު ކުރާތީ އެވެ. އެގޮތުން:

  • ހޫނު ގަދަވުމުން ކަނޑުފަޅާއި ބިންގަނޑާއި ގަސްގަހާގެހިން އާތްވަށް ބަދަލުވެގެން ޖައްވަށް އަރާ ފެން ނުވަތަ 'ވޯޓާ ވޭޕާ'ގެ މިންވަރު އިތުރުވޭ

  • މީގެ އިތުރުން ހޫނު ވައިގެ ތެރޭގައި ގިނަ އަދަދަކަށް 'ވޯޓާ ވޭޕާ' ނުވަތަ އާތްވަށް ބަދަލުވެގެން އަރާ ފެން ހިފަހައްޓާ

  • ޖައްވުގެ ހޫނުމިން 1 ޑިގްރީ ސެލްސިއަސް އިތުރުވެއްޖެ ނަމަ ވައިގެ ތެރޭގައި އާވި ހިފަހައްޓާ މިންވަރު %7 އިން އިތުރުވާ ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ

  • ގިނައިން އާވި ހިފެހެއްޓުމުން، ގިނަ އަދަދެއްގެ ބޯ ވިލާ އުފެދި، ވިލާތަކުގައި ހިފަހައްޓާ ފެނުގެ މިންވަރު ވެސް އިތުރުވޭ

ހޫނު ގަދަވުމުން ޖައްވަށް ފެން ދަމައިގަންނަ މިންވަރު އިތުރުވެ، ވިލާތަކުގައި ފެން ހިފަހައްޓާ މިންވަރު އިތުރުވުމުގެ ނަތީޖާ އަކީ، ވަރަށް ގަދަޔަށް އަވިދީފައި އޮތުމަށް ފަހު، ކުއްލިއަކަށް ބޯ ވިއްސާރަގަނޑެއް ކުރިމަތިވުމެވެ. ވާރޭ ވެހޭ އިރު ހުއްޓާނުލާ، ބޯކޮށް، ގިނަ އިރު ވާރޭ ވެހުމެވެ. ފެން ބޮޑުވުމާއި އުދަ އެރުމާއި ތޫފާންތައް އުފެދުމާއި ވައި ބާރުވުމާއި ނަގޫރޯޅި އެރުމުގެ ފުރުސަތު ބޮޑުވުމެވެ.

ވަރަށް ހޫނުގަދަ ދެތިން މަހަށް ފަހު މި އަހަރު ރާއްޖެއަށް ކުރިމަތިވެފައިވާ ހުޅަނގު މޫސުމުގެ ވިއްސާރައިން މި ހުރިހާ ސިފަތަކެއް ވެސް ދަނީ ފެންނަމުންނެވެ.

22 މެއި 2024: ކަނޑުގަދަ ވަގުތެއްގައި ލޯންޗުތަކެއް މާލޭ ނެރުން ނުކުންނަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
21 މެއި 2024: ބާރު ވަޔާ އެކު ވާރޭވެހެމުންދިޔަ ވަގުތެއްގައި މާލޭގެ މާރުކޭޓު ސަރަހައްދުން ބަޔަކު ހިނގާފައި ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ގެއްލުން އެހާ ބޮޑުވެދާނެތަ؟

މޫސުން އިންތިހާއަށް ދިޔުމުން އެކަމުންވާ ގެއްލުންތައް ވެސް ބޮޑެވެ. ސީދާ މޫސުމުގެ ސަބަބުން ކުރިމަތިވާ ގެއްލުމާއި އެކަމާ ގުޅިގެން ދިރިއުޅުމުގެ އެހެން ކަންކަމަށް ކުރާ އަސަރު ވެސް އެ ގެއްލުންތަކުގެ ތެރޭގައި ހިމެނެ އެވެ.

ހާއްސަކޮށް، ރާއްޖެ ދުނިޔޭގެ ދެބައިހަމައިގައި އޮވެފައި، ރާއްޖޭގެ ތިމާވެށި ނާޒުކުވުމުގެ ސަބަބުން، އަހަރެމެންނަށް އެކަމުގެ ސަބަބުން ކުރިމަތިވާ އަސަރުތައް ވަކިން ބޮޑެވެ. އެގޮތުން، ރާއްްޖެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި:

  • ހޫނުމިން އިންތިހާއަށް ދިޔުމުން ގޭތެރެ އާއި އޮފީސްތައް ފިނިކޮށް ހިފެހެއްޓުމަށް އޭސީން ހަކަތަ ބޭނުންކުރަން ޖެހޭ މިންވަރު އިތުރުވުން؛ އެކަމުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވެ ޖީބަށް ބަރުވޭ

  • ވައި ގަދަވެ އިމާރާތްތަކާއި މުދަލާއި ގަސްގަހާގެއްސަށް ބޮޑެތި ގެއްލުންތައް ލިބުން

  • ކުއްލިއަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމުން ބިންގަނޑުގެ ތެރެއަށް ފެން ހިނދެން ޖާގަ ނުލިބި ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވުން

  • މޫދަށް ފެންގަނޑު ފައިބައިގެން ދާއިރު، ފެންގަނޑާ އެކު ވެލިގަނޑު ވެސް ދަމައިގަނެ، ރަށްގިރުމަށް މަގުފަހިވުން

  • ފެންބޮޑުވުމާއި އުދަ އެރުމުގެ ހާދިސާތައް އިތުރުވެ، އެފަދަ ހާދިސާތަކުން ލިބޭ ގެއްލުން ބޮޑުވުން

  • ހުޅަނގު މޫސުމުގައި ކުރާ ވިއްސާރާގައި ގޭގެއަށް ފެން ވަދެ، މުދަލާއި ތަކެއްޗަށް އަދި އިމާރާތްތަކަށް ގެއްލުން ލިބޭ މިންވަރު އަހަރަކަށް ވުރެ އަހަރެއް ދަނީ އިތުރުވަމުން؛ އެ ގެއްލުންތައް ފޫބައްދަން އަމިއްލަ ޖީބުންނާއި ދައުލަތުން ކުރާ ހަރަދުތައް ވެސް ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން

މިއީ އަދި ވަގުތުން ވަގުތަށް ފެންނަ އަސަރުތަކެވެ. ކުރިއަށް އޮތް ދުވަސްތަަކުގައި، ދިގު މުއްދަތަކަށް ކުރާނެ އަސަރުތައް އަދި ފެންނަން އޮތީ އެވެ.

މިދިޔަ އަހަރު މާލެ-ސިނަމާލެ ބްރިޖުގެ ހައިވޭއަށް އުދަ އަރާފައި: ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ދަނީ އިތުރުވަމުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
މިދިޔަ އަހަރު މާލެ-ސިނަމާލެ ބްރިޖުގެ ހައިވޭއަށް އުދަ އަރާފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ރާއްޖެ އަކީ އެހެން ގައުމުތަކަށް ކޮންމެހެން ބަރޯސާވާން ޖެހޭ ގައުމެއްކަމުން، މޫސުމީ ކާރިސާތަކުގައި އެހެން ގައުމުތަކަށް ލިބޭ ގެއްލުންތަކުގެ ބުރަ ވެސް އަހަރެމެން އުފުލަން ޖެހޭނެ އެވެ. އެގޮތުން:

  • މޫސުމީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިކަމަށް އަސަރުކޮށް، ކާބޯތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވެދާނެ؛ މިހާރު ވެސް ދޭތެރެދޭތެރެއިން އެފަދަ ކަންކަން ދަނީ ކުރިމަތިވަމުން

  • އދ. އިން 2019ގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ކުރިއަށް އޮތްތަނުގައި ހޫނު ގަދަވެ ބިންގަނޑު ހަނަފަސްވުމުގެ ސަބަބުން ދުނިޔޭގެ %40 ކާބޯތަކެއްޗަށް ޖެހުމުގެ ބިރު އޮތް ކަމަށް

  • ކާބޯތަކެތީގެ އަގު އުފުލި، ރަނގަޅު ކާނާ ގަނެވޭ ވަރުގެ ފުދުންތެރިކަން ގިނަ ބަޔަކަށް ގެއްލި، ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުުރުސަތު ވެސް ބޮޑު

މީގެ އިތުރުން، މޫސުމީ ބަދަލުތަކާ އެކު ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ވެސް ދުރު ރާސްތާގައި ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި:

  • ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން އުފުލުމުގެ ސަބަބުން މުރަކަތައް މަރުވެ، ފަރުތަކުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބުން (މިހާރު ވެސް ރާއްޖޭގެ ފަރުތަކަށް ގާހުދުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ދިމާވެފައި)؛ އެއާއެކު ރަށްރަށަށް ޖަހާ ބޮޑެތި ރާޅުތައް މަތަކުރުމުގެ ގާބިލުކަން ގެއްލިގެން ދާނެ

  • ރަށް ގިރުން ފަދަ ކަންކަމުގެ ސަބަބުން މީހުން ދިރިއުޅެން އޮތް ސަރަހައްދު ކުޑަވެގެން ދިޔުން

  • އޯޝަން އެސިޑިޓީ އިތުރުވެ، ކަނޑުގެ ދިރުންތައް މަރުވުމުގެ ފުރުސަތު ބޮޑުވުން

  • މިކަންކަމުގެ ސަބަބުން، ރާއްޖޭގެ އެންމެ މުހިއްމު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެ

ރާއްޖޭގެ ފަރެއްގައި މިފަހުން ގާހުދުވެފައިވާ މިންވަރު. ކަނާތްފަރާތުގައި އެ ވަނީ މާޗު 2024ގެ ފޮޓޯއެއް. ވާތް ފަރާތުގައި އެވަނީ މާޗު މަހުގެ ތެރޭގައި އެ ފަރު އޮތް ގޮތް. (ފޮޓޯ/އިންސްޓަގްރާމް/އެމީލިއާ އެރިންޓަން)
މި އަހަރުގެ ގްލޯބަލް ކޮރަލް ބްލީޗިން އިވެންޓުގައި ބ. އަތޮޅުގެ ފަރެއްގައި ގާހުދުވެފައިވާ މިންވަރު. (ފޮޓޯ/އިންސްޓަގްރާމް/ރޯޒަލީ ބެއިލީ)

ދެން ކުރެވޭނީ ކޮން ކަމެއް؟

ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއިން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރަކީ، ދޫނުކުރާ އެއްޗެއް ކަމަށް ބެލެވިދާނެހާ މަދު މިންވަރެކެވެ. އެއްގޮތަކުން ބުނާ ނަމަ، ރާއްޖެ ހިމެނެނީ ދުނިޔެ ހޫނުވުމަށް އެންމެ ކުޑަކޮށް 'ކޮންޓްރިބިއުޓް'ކުރި ނަމަވެސް އެންމެ ބޮޑަށް ގެއްލުން ލިބޭނެ ގައުމުތަކުގެ ތެރޭގަ އެވެ. އެކަން ހުއްޓުވަން ރާއްޖެއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އޮތީ ބަދަލުތަކަށް ހޭނުމެވެ. ވިލުންވެރިކަން އިތުރުކުރުމެވެ. 

އެންމެ މުހިއްމު އެއް ކަމަކީ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ގުދުރަތީ ނިޒާމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމެވެ. ހާއްސަކޮށް ރާއްޖޭގެ ފަރުތަކުގެ ނިޒާމާއި ކުޅިފާޗަސްބިންތައް ރައްކާތެރިކޮށް އާލާކުރުމެވެ. މި ނިޒާމުތަކުން، ފެންބޮޑުވުމާއި އުދަ އެރުމުގެ ސަބަބުން ކުރިމަތިވާ ރަށްގިރުމުގެ މައްސަލަ ކުޑަކޮށްދީ، ފެން ހިންދަން އެހީތެރިވެދެ އެވެ.

ގުދުރަތީ ނިޒާމުތަކަށް ގެއްލުން ލިބޭ ނަމަ، މޫސުން ގޯސްވާ ހާލަތްތަކުގައި ލިބޭ ގެއްލުންތައް އެތައް ގުނައެއް އިތުރުވާނެ އެވެ. ރާއްޖޭގެ ފަރުތަކުގެ ނިޒާމު ހަލާކުވެއްޖެ ނަމަ، ކުރިއަށް އޮތްތަނުގައި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމުގެ ހަރަދު އިންތިހާއަށް ބޮޑުވާނެ ކަމަށް ވޯލްޑް ބޭންކުން ފެބްރުއަރީ މަހު ރާއްޖެއާ ބެހޭ ގޮތުން ނެރުނު 'ކަންޓްރީ އެންވަޔަރަމެންޓަލް އެނޭލިސިސް'ގައި ފާހަގަކޮށްފައިވެ އެވެ.

"ފަރުތަކުގެ ނިޒާމާ ނުލާ، ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބައްދަން ރާއްޖެއިން ކޮންމެ އަހަރަކު ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ %8 ހަރަދުކުރަން ޖެހޭނެ އެވެ،" ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެ އެވެ. މި އަދަދުތައް ހިސާބުކުރާ އިރު:

  • މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ (އެމްބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ ޖީޑީޕީ އަކީ 22.8 ބިލިއަން ރުފިޔާ

  • އޭގެ %8 އަކީ 1.8 ބިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ވިއްސާރާގައި ދ. ކުޑަހުވަދޫ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެނީ. (ފޮޓޯ/އެމްއެންޑީއެފް) 
31 ޑިސެމްބަރު 2023: ހުއްޓުމެއް ނެތި 24 ގަޑިއިރަށް މާލެއަށް ވާރޭ ވެހި، މަގުތައް ފެންބޮޑުުވުން. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ވިލުންވެރިކަން އިތުރުކުރަން ދުރާލާ ރާވައިގެން ކުރެވިދާނެ އިތުރު ކަންކަން ވެސް އެބަހުއްޓެވެ. އެއް ކަމަކީ، ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކަށް ވިސްނައިގެން ގައުމު ތަރައްގީ ކުރުމެވެ. އިމާރާތް ކުރުމާއި ހިދުމަތްތައް ތައާރަފު ކުރުމުގައި މޫސުމީ ބަދަލުތަކަށް ރިއާޔަތްކޮށް، ހިރާސްތައް ކުޑަ ކުރެވޭނެ ގޮތަށް ކަންކަން ނިންމުމެވެ. ފެންބޮޑުވުމާއި އުދަ އެރުމުގެ ހާދިސާތައް ކުރިއަށް އޮތްތަނުގައި އިތުރުވާނެ ކަން ދަނެ، ބިންގަނޑަށް ވުރެ އުސްކޮށް ގެ އެޅުމަކީ މީގެ ކުޑަކުޑަ މިސާލެކެވެ.

ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި މަޝްރޫއުތައް ހިންގުމުގައި މޫސުމީ ބަދަލުތަކަށް ރިއާޔަތްކުރުން ސަރުކާރުތަކަށް ވެސް މަޖުބޫރެވެ. އެގޮތުން:

  • ހިރާސް ބޮޑު ސަރަހައްދުތަކަށް މީހުން ތޮއްޖެއްސުން ކުޑަކުރަން ޖެހޭ

  • ވިލުންވެރިކަން ދަށްވާ ފަދަ މަޝްރޫއުތަކުގެ ބަދަލުގައި އެކަން އިތުރުވާ ފަދަ މަޝްރޫއުތައް ހިންގުން އިތުރުކުރަން ޖެހޭ 

  • ދުރާލާ އިންޒާރުދޭ ނިޒާމުތަކާއި ކާރިސާއެއް ކުރިމަތިވާ ހިނދު ލިބޭ ގެއްލުންތަކުން އަވަހަށް އަރައިގަނެވޭނެ ފަދަ ނިޒާމުތައް ގާއިމްކުރަން ޖެހޭ

  • މޫސުމީ ކާރިސާތަކުގެ ސަބަބުން ބޯހިޔާވަހިކަމާއި ކާބޯތަކެތި ލިބުން ފަދަ ކަންކަމަށް އަސަރުކުރާނެ ކަން ދަނެ، އެކަމުގެ ހިރާސް ކުޑަ ކުރަން ރަނގަޅަށް ރާވައިގެން ދުރާލާ ތައްޔާރުވާން ޖެހޭ

  • މީގެ އިތުރުން، މޫސުމީ ބަދަލުތަކާ ގުޅިގެން އިގްތިސޯދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ، ދުރާލާ ދަރަނި މެނޭޖުކޮށް، އިގްތިސޯދީ އޮނިގަނޑު ސިންދަފާތު ކުރަންޖެހޭ

މީގެ ކުރިން ދުނިޔޭގެ ތާރީހުގައި ވެސް އިންސާނުންނަށް ތަޖުރިބާ ކުރެވިފައިނުވާ ވަރަށް ހާލަތު ގޯސްވަމުން ދާއިރު، ދެން ވާނެ ގޮތެއް ޔަގީންކުރެވޭކަށް ވެސް ނެތެވެ. ލިބިފައި ހުރި މައުލޫމާތަށް ބަލައި ސައިންސްވެރިންނަށް ވެސް ހެދޭނީ ދިރާސާ އެވެ. ކުރެވޭނީ އަންދާޒާ އެވެ. އަހަރެމެންނަށް އޮތީ، ކަންކަން ގޯސްވަމުންދާކަން ދެނެގަނެ، އެކަމަށް ތައްޔާރުވުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް