މިދި އަހަރުގެ ހުޅަނގު މޫސުމުގައި މާލެއަށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވެފައި. (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)
މިދިޔަ އަހަރަށް ވުރެ މި އަހަރު ވާރޭ ވެހޭ މިންވަރު އިތުރުވާނެ: މެޓް
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި ރާއްޖެއަށް ފެންނަން ފަށަނީ މޭ މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގަ އެވެ. މި އަސަރުތައް ފުރަތަމަ ދެކުނުގެ އަތޮޅުތަކަށް ފެންނަން ފަށައި، އޭގެ ފަހުން މެދު ރާއްޖެ ތެރެއަށް ފޯރާ، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށިގެންދެ އެވެ.
މި އަހަރުގެ ހުޅަނގު މޫސުން ފެށިފައިވަނީ، މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ހުޅަނގު މޫސުން ފެށުމާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން، ރޭ ހއ. ދިއްދުއަށް ނަގޫރޯޅިއެއް އަރައި ހަ ގެއެއްގެ ފުރާޅު ވެސް އެއްލާލާފައިވެ އެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް ބޯކޮށް ވާރޭ ވެހި ވައިބާރު ވާނެ އެވެ. އެގޮތުން މެޓް އޮފީހުގެ އޮފިޝަލެއް 'ދައުރު'އަށް ވިދާޅުވީ:
-
ހާއްސަކޮށް ކުރިއަށް އޮތް ހަފްތާ ބަންދާ ދިމާކޮށް، ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތައާ ހަމައަށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކޮށް ގަދައަށް ވާރޭވެހޭނެ ކަމަށާއި ވައި ބާރުވާނެ
-
މި ދުވަސްތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކުރޭ
މިދިޔަ އަހަރާ އަޅާބަލާ އިރު މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖެއަށް ވިއްސާރަކުރާ މިންވަރު އިތުރުވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ. ހާއްސަކޮށް، އެ އިދާރާގެ އޮފިޝަލް ވިދާޅުވީ، އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރާ އެކު ފަހަކަށް އައިސް ރާއްޖެއަށް ވިއްސާރަކުރާ މިންވަރު އިތުރުވެ، ފެންބޮޑުވުމާއި އުދަ އެރުމުގެ ހާދިސާތައް ވެސް ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. އެހެންކަމުން މި އަހަރު ވެސް އެފަދަ ހާދިސާތައް ދިމާވެދާނެ ކަމަށް ކުރިޔާލާ ތައްޔާރުވުން މުހިއްމެވެ.
އުދައިގެ ސަބަބުން މުދަލަށާއި ގެދޮރަށް ލިބިދާނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް:
-
އުދައިގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ރައްކާތެރިވުން
-
ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން؛ އެގޮތުން ވެލި ބަސްތާ ފަދަ ތަކެތި ޖެހުން
-
ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުން ލިބިދާނެ މުދާ ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލު ކުރުން؛ އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި، ފެން ނުޖެހޭ ފަދަ ތަނަކަށް ބަދަލު ކުރުން
-
ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން
-
ބަނދަރުގައި އަޅާފައިވާ އޮޑިދޯނިފަހަރުގެ ވާ ކަނޑައިގެން ނުދާނެހެން އައްސާފައި ބެހެއްޓުން
-
ކުރިމަތިވެދާނެ އާންމު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް، އުދައާ އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުން