ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: މި އެއާޕޯޓް ހިންގަނީ އެމްއޭސީއެލް އިން (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލް: 58 އަހަރުގެ ހިދުމަތާ އެކު އަދިވެސް އޮތީ ކުރިއެރުން

ވީއައިއޭގެ ނަމާއި އެމްއޭސީއެލްގެ ނަން އެކި ފަހަރު މަތިން ބަދަލުވިޔަސް ހިދުމަތް ދިނުމުގައި ހޯދަމުން އަންނަނީ ބޮޑު ކުރިއެރުމެއް

ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އުމުރުން 58 އަހަރު ވީ އެވެ. ދިވެހިންގެ ހީވާގިކަމާއި ހިތްވަރުގެ އެތައް ވާހަކައެއް އެ އެއާޕޯޓުގެ ފެށުމުގައި ހިމެނެ އެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެއާޕޯޓުގެ ނަން އެކި ފަހަރު މަތިން ބަދަލުވެ، ރާއްޖޭގެ އިގްތިސޯދު އެ އެއާޕޯޓަށް ބަރޯސާވާ މިންވަރު ވަނީ ބޮޑުވެފަ އެވެ.

ހުޅުލޭ އެއާޕޯޓު ތަރައްގީ ކުރި ދުވަސްވަރު މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އޭރުގެ ރައީސް އިބްރާހިމް ނާސިރު ހުޅުލޭގައި (ފޮޓޯ/އެމްއޭސީއެލް)
ހުޅުލޭ ގައި ކުރިން އޮތް ސްޓީލް ރަންވޭ އަށް ބޯޓެއް ޖައްސަނީ (ފޮޓޯ/އެމްއޭސީއެލް)

ވީއައިއޭގެ ތާރީހު

  • ވީއައިއޭއަށް އެންމެ ފުރަތަމަ ފްލައިޓެއް ޖެއްސީ 19 އޮކްޓޯބަރު 1960ގައި

  • އޭރު އެއާޕޯޓުގައި އޮތް ސްލޮޓެޑް ސްޓީލް ރަންވޭއަށް ޖެއްސީ ރޯޔަލް ނިއުޒިލެންޑް އެއާފޯސްގެ ޓްރާންސްޕޯޓް ޕްލޭނެއް. އެއީ އިނގިރޭސިން ގާއިމްކުރި ރަންވޭއެއް

  • ވީއައިއޭއަށް ފުރަތަމަ ކޮމާޝަލް ޕްލޭނެއް އޮޕަރޭޓު ކުރީ 10 އެޕްރީލް 1962ގައި. އެއީ އެއާ ސިލޯންގެ ފްލައިޓެއް

ހުޅުލޭގައި އެންމެ ފުރަތަމަ އޮތް ސްޓީލް ރަންވޭގެ ބަދަލުގައި ޒަމާނީ ރަންވޭއެއް ތާރު އަޅައިގެން ތަރައްގީ ކުރަން ދިވެހި ސަރުކާރުން ނިންމި އެވެ. އެގޮތުން 1964ގައި 45×2840 ބޮޑުމިނުގެ ރަންވޭއެއްގެ މަސައްކަތް ފެށި އެވެ.

ހުޅުލޭ އެއާޕޯޓު ތަރައްގީ ކުރުމަށް ރައީސް ނާސިރުގެ ދުވަސްވަރު ކުރި މަސައްކަތް (ފޮޓޯ/އެމްއޭސީއެލް)

އެއާޕޯޓުގެ ތަރައްގީގެ މަސައްކަތާ އެކު 'ހުޅުލޭ އެއާޕޯޓު'ގެ ނަމުގައި އިދާރާއެއް އުފެއްދި އެވެ. އަދި 12 އެޕްރީލް 1966ގައި ހުޅުވި އެ އިދާރާއަކީ އެއާޕޯޓުގެ ކަންތައް ބަލަހައްޓަން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ގާއިމްކުރެއްވި އޮފީހެކެވެ. މިހާރު ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަކީ އޭރު ގާއިމްކުރި އޮފީސް ތަރައްގީވަމުން އައިސް އުފެއްދި ދިވެހި ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެމްއޭސީއެލްގެ މުވައްޒަފުން އޭރޯޑްރޯމް މެއިންޓެނެންސް މަސައްކަތުގައި (ފޮޓޯ/އެމްއޭސީއެލް)
އެމްއޭސީއެލްގެ މުވައްޒަފުން މަސައްކަތުގައި (ފޮޓޯ/އެމްއޭސީއެލް)

ވެލާނާ އެއާޕޯޓުގެ ފުރަތަމަ ރަންވޭގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުނީ ދިވެހިންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން އެ މަސައްކަތުގައި ބައިވެރިވާން ރައްޔިތުން ހުޅުލެއަށް ދިޔަ އެވެ. ދިވެހިންގެ ބުރަ މަސައްކަތާ އެކު އޮހޮރުވި ދަލުގެ ނަތީޖާއަކީ މިއަދު ރާއްޖޭގެ އިގްތިސޯދީ މައި ދޮރާށީގެ ގޮތުގައި އޮތް އެއާޕޯޓެވެ. އިނގިރޭސިންގެ އަތުން ރާއްޖެއަށް މިނިވަންކަން ލިބުމުގެ ކުރިން ވެސް އޭރު ދިވެހިން ދުށް ބޮޑު ހުވަފެނާ އެކު ދުނިޔެއަށް ރާއްޖެ ހުޅުވުނީ އެވެ. މިހާރު އެއީ އަހަރަކު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަ މަގެވެ.

އެއާޕޯޓު ހުޅުވައި އޮޕަރޭޓު ކުރަން ފެށި ފަހުން އަހަރުން އަހަރަށް ވީއައިއޭގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ވަސީލަތްތަކާ އެކު ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ކޮލެޓީ އެމްއޭސީއެލުން އައީ މަތިކުރަމުންނެވެ. 

އެމްއޭސީއެލްގެ މުވައްޒަފަކު ފަތުރުވެރިންތަކަކަށް ހިދުމަތް ދެނީ (ފޮޓޯ/އެމްއޭސީއެލް)
ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުގައި ހުންނަ ޑިއުޓީ ފްރީ ފިހާރަތައް (ފޮޓޯ/އެމްއޭސީއެލް)

ރާއްޖޭގައި ޓޫރިޒަމްގެ ސިނާއަތް 1972 ގައި ފުރަތަމަ ފެށުމާ އެކު އެއާޕޯޓު ބޮޑުކޮށް ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރަން ޖެހުނެވެ. އެއާއެކު ކުރި މަސައްކަތުން 'މާލޭ އިންޓަނޭޝަނަލް އެއާޕޯޓު' ގެ ނަމުގައި އެ ޒަމާނާ ގުޅޭ ރަނގަޅު ހިދުމަތްތައް ހިމަނައިގެން ޖާގަ ތަނަވަސް ތަނަކަށް ބަދަލުކުރި އެވެ. އެ މަސައްކަތް ނިންމާ އެއާޕޯޓުގެ އުމްރާނީ ތަރައްގީއަށް އޭރު ކުރި ބޮޑު މަސައްކަތް އިފްތިތާހުކޮށްދެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ވީއައިއޭގައި ތަރައްގީކޮށްފައިވާ އާ ފިއުލްފާމް ކައިރީ ތެޔޮބޯޓެއް (ފޮޓޯ/އެމްއޭސީއެލް)

އެއާޕޯޓުގެ ތަރައްގީއަށް ފަހުގެ ތާރީހުގައި ކުރި މަސައްކަތްތައް

އަހަރުން އަހަރަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ފުޅާވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ އިރު ވީއައިއޭ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަަރު ރަނގަޅުކޮށް ޒަމާނީ ކުރުމަށް އެންމެ ބޮޑު މަޝްރޫއެއް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ މަޝްރޫއުގެ ވެރިފަރާތަކީ އެމްއޭސީއެލް އެވެ.

ގާތްގަނޑަކަށް ބިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ނިމި، މިހާރު އަންނަނީ އާ ވަސީލަތްތައް ބޭނުންކުރަމުންނެވެ. އަދި އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ނިމި މި އަހަރު ހުޅުވުމަކީ އެމްއޭސީއެލްގެ މިހާރުގެ އެންމެ ބޮޑު އަމާޒެވެ.

ވީއައިއޭގައި ތަރައްގީ ކުރާ އާ ޕަސެންޖާ ޓާމިނަލް (ފޮޓޯ/އެމްއޭސީއެލް)

އާ އިންޓަނޭޝަނަލް ޓާމިނަލް އިމާރާތް

މިއީ ވީއައިއޭއިން ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެންމެ މުހިއްމު މަޝްރޫއު އެވެ. ފަސިންޖަރުންގެ ޓްރެފިކް ބޮޑު ދުވަހެއްގައި އެތައް ގަޑިއިރަކު ކިޔުތަކުގައި ހޭދަކުރަން ޖެހޭ ވަގުތުތައް އާ ޓާމިނަލާ އެކު ނިމުމަކަށް އަންނާނެ އެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ގައުމުގެ މުޅި އިގްތިސޯދަށް ވެސް މި މަޝްރޫއު ނިމުމާ އެކު އާ ދިރުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ. 

ވީއައިއޭގައި ތަރައްގީ ކުރާ އާ ޕަސެންޖާ ޓާމިނަލްގެ މަސައްކަތް ނިމުމުން ހުންނާނެ ގޮތުގެ ފޮޓޯ އެއް (ފޮޓޯ/އެމްއޭސީއެލް)
  • ގާތްގަނޑަކަށް 78،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ އާ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

  • އެތަން ނިމޭއިރު އެއިރޯ ބޯޑިން ބްރިޖުތަކާއި އެންމެ ފަހުގެ ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމް ގާއިމް ކުރާނެ

  • ޖާގަ ތަނަވަސް އެފްއެންޑްބީ އައުޓްލެޓްތަކާއި ރީޓެއިލް ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ލައުންޖުތައް ހުންނާނެ

  • އަމާޒަކީ މި އަހަރުގެ ފަހު ކުއާޓަރުގައި އާ ޓާމިނަލް ބޭނުންކުރަން ފެށުން

ވީއައިއޭގައި މަތިންދާބޯޓުތައް ޕާކުކޮށްފައި (ފޮޓޯ/އެމްއޭސީއެލް)
އޭރޯފްލޯޓުގެ ބޯޓެއް ވީއައިއޭގައި (ފޮޓޯ/އެމްއޭސީއެލް)

އާ ރަންވޭ

ކޮމާޝަލް އޮޕަރޭޝަނުގައި ބޭނުންކުރާ އެންމެ ބޮޑެތި އެއާކްރާފްޓު، އޭ380އަށް ހިދުމަތް ދެވޭ ފެންވަރަށް ކޯޑް އެފް ރަންވޭއެއް ތަރައްގީކޮށް ނިންމީ 2018ގަ އެވެ. ދިގުމުގައި 3400 މީޓަރު އަދި 60 މީޓަރު ފުޅާ އެ ރަންވޭ ކޮމާޝަލް އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ފެށީ 2022ގަ އެވެ.

އާ ރަންވޭއާ އެކު އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ހަލުވި ވެފަ އެވެ.

މަތިންދާ ބޯޓަށް ތެޔޮ އަޅާ ބައުޒަރަކަށް ތެޔޮ ބަރުކުރަނީ (ފޮޓޯ/އެމްއޭސީއެލް)
ވީއައިއޭގެ އާ ފިއުލް ފާމް (ފޮޓޯ/އެމްއޭސީއެލް)

ފިއުލް ފާމް އާއި ފިއުލް ހައިޑްރެންޓު ސިސްޓަމް

ވީއައިއޭގައި ތަރައްގީކުރި އާ ފިއުލް ފާމަކީ ކުރިން އެއާޕޯޓުގައި ތެޔޮ ރައްކާ ކުރަން ބޭނުންކުރި ފިއުލް ފާމްއާ އަޅާބަލާއިރު ޖާގަ ތިން ގުނަ ބޮޑު ތަނެކެވެ.

އެ ތަނުގައި؛

  • 45 މިލިއަން ލިޓަރުގެ ޖެޓް ފިއުލް ރައްކާ ކުރެވޭ

  • 1 މިލިއަން ލިޓަރުގެ ޑީސަލް ރައްކާކުރެވޭ

  • 0.1 މިލިއަން ލިޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭ

  • ތިން ސްޓޯރޭޖު ޓޭންކު ގާއިމްކޮށްފައިވޭ

  • ޑިމާންޑު ބޮޑުވާ ނަމަ، އިތުރު ދެ ޓޭންކު ބަނދެވޭނެ ޖާގަ ވެސް އާ ފިއުލްފާމުގައި އޮންނާނެ

އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކުރީ ބޯޓު ޕާކްކުރާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ތެޔޮ އަޅާ ހޮޅިތައް ނުވަތަ ހައިޑްރޭންޓް ސިސްޓަމް މެދުވެރިކޮށް ސީދާ ބޯޓަށް ތެޔޮ އެޅޭ ގޮތަށެވެ. 8.4 ކިލޯމީޓަރުގެ އެ ފިއުލް ހައިޑްރޭންޓް ސިސްޓަމްއާ އެކު ބޯޓުތަކަށް ތެޔޮ އަޅަން ހޭދަކުރާ ވަގުތު ބޮޑުތަނުން ކުޑަވާނެ އެވެ.

ވީއައިޕީ ޓާމިނަލްގައި ހުންނަ މާމަހި ލައުންޖު (ފޮޓޯ/އެމްއޭސީއެލް)
ވީއައިއޭގެ ވީއައިޕީ ޓާމިނަލް (ފޮޓޯ/އެމްއޭސީއެލް)

ވީއައިޕީ/ސީއައިޕީ ޓާމިނަލް

އެއާޕޯޓު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ތެރޭ ހިމެނިގެން ތަރައްގީކުރި އާ ވީއައިޕީ/ސީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށީ 7 ޖެނުއަރީ 2022ގަ އެވެ.

ގާތްގަނޑަކަށް 3،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ފުރަތަމަ ފިޔަވަހިީގެ އިމާރާތް ގާއިމްކޮށްފައިވަނީ އެއްފަހަރާ 95 ފަސިންޖަރުންނަށް އެ ތަނުން ހިދުމަތް ދެވޭ ގޮތަށެވެ.

  • ފަސިންޖަރުންނަށް ހާއްސަ ގިނަ ހިދުމަތްތަކެއް ހިމެނޭ ވީއައިޕީ ޓާމިނަލްެގެ އެންމެ ތިރި ހާއްސަކުރީ ވީވީއައިޕީ ފަސިންޖަރުން

  • ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ހާއްސަވީ ވީއައިޕީ އަދި ސީއައިޕީ ފަސިންޖަރުންނަށް 

  • ފަސިންޖަރުންނަށް ހަމަޖެހިލައިގެން ތިބެވޭނެ ލައުންޖުތައް ވެސް އެ ތަނުގައި ހުރޭ

  • ދެވަނަ ފިޔަވަހި ނިމޭއިރު ޖުމްލަ 6،800 އަކަމީޓަރު ބޮޑު ސަރަހައްދެއްގައި ވީއައިޕީ ޓާމިނަލުގެ ހިދުމަތްތައް ދޭނެ

ވީއައިއޭގައި މިހާރު ބޭނުންކުރާ ކާގޯ ޓާމިނަލް (ފޮޓޯ/އެމްއޭސީއެލް)
 ވީއައިއޭގެ އާ ކާގޯ ޓާމިނަލް (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އާ ކާގޯ ޓާމިނަލް

ޖެނުއަރީ 2018ގައި ބިންގާ އަޅައި އަމަލީ މަސައްކަތް ފެށި އާ ކާގޯ ޓާމިނަލް ހުޅުވާ ރަސްމީކޮށް ބޭނުން ކުރަން ފެށީ މި އަހަރު އެވެ.

 ކުރީގެ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑުކޮށް ހިދުމަތް ދޭން ފެށި ކާގޯ ޓާމިނަލުން އަހަރަކު 120،000 ޓަނުގެ ކާގޯ ހޭންޑްލް ކުރެވޭނެ އެވެ.

އާ ކާގޯ ޓާމިނަލްގެ ފާހަގަ ކުރެވޭ ބައެއް ކަންތައް:

  • 3 ބުރީގެ އޮފީސް އިމާރާތެއް

  • 9 އެކްސްރޭ މެޝިން

  • 7 އިލެކްޓްރޯނިކް ޕްލެޓްފޯމު

  • ކާގޯ ލިފްޓާސް

  • ޓާމިނަލް ތެރޭ ބޭނުންކުރަނީ އިލެކްޓްރިކް އުޅަނދު

  • ތިން ކެރޭނާ އެކު ދޯނިތަކަށް ހާއްސަ ކާގޯ ބަނދަރެއް

  • އޮންލައިން ކާގޯ އޭޖެންޓް ޕޯޓަލެއް

ނޫވިލު ސީޕްލޭން ޓާމިނަލްގައި ސީޕްލޭނެއް ޑޮކް ކޮށްފައި (ފޮޓޯ/އެމްއޭސީއެލް)

އާ ސީޕްލޭން ޓާމިނަލް

 އެމްއޭސީއެލްއިން 55 މިލިއަން ޑޮލަރު (825 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީކުރި ނޫވިލު ސީޕްލޭން ޓާމިނަލަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނެކެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ރިސޯޓުތަކަށް އުފުލާ ސީޕްލޭންތަކުން ހިދުމަތް ދޭ މި ޓާމިނަލަކީ ފަތުރުވެރިކަމުގައި ކުރިއަށް އެޅި ބޮޑު ފިޔަވަޅެކެވެ.

ދިވެހިވަންތަކޮށް އަދި ޒަމާނީ ހިދުމަތްތައް ވެސް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލުން ހިދުމަތް ދޭން ފެށީ 2022ގަ އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލް (ފޮޓޯ/އެމްއޭސީއެލް)
ސީޕްލޭން ޓާމިނަލްގެ އެތެރެ (ފޮޓޯ/އެމްއޭސީއެލް)

ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން އޮޕަރޭޝަން ރާއްޖޭގައި ހިންގާއިރު ސުޕަ ޕީކް ސީޒަނުގައި 7،000 އަށް ވުރެ ގިނަ ފަތުރުވެރިން ސީޕްލޭންގެ ހިދުމަތް ހޯދަ އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލް ތަރައްގީކޮށްފައިވަނީ އެންމެ މަތީ ފަންތީގެ ފަތުރުވެރިންނަށް ވެސް ހިދުމަތް ދެވޭ ފެންވަރަށެވެ.

ވީއައިއޭގެ ތަރައްގީ އަށް 20 އަހަރުގެ މާސްޓާ ޕްލޭނެއް

 އިމާރާތަކާ އެކު ވީއައިއޭގެ ތަރައްގީއަށް 20 އަހަރުގެ މާސްޓާޕްލޭނެއް ރައީސް މުހައްމަދު މުއިއްޒު ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.

އެއާޕޯޓު އިކޮނޮމިކް ޒޯނަކާ އެކު ސީ ޕްލޭން ޓާމިނަލް ވެސް އެހެން ރަށަކަށް ބަދަލުކުރާ ގޮތަށް ޕްލޭންކޮށްފައިވާ އެ މާސްޓާ ޕްލޭނުގައި ހިމެނޭ މުހިއްމު ބައެއް ކަންތައް؛

  • ގަޑިއަކު 4،000 ފަސިންޖަރުން ހޭންޑްލް ކުރެވޭނެ

  • އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

  • މިހާރު ގަޑިއަކު 300 ޑޮމެސްޓިކް ފަސިންޖަރުންނަށް ހިދުމަތް ދޭ ޑޮމެސްޓިކް ޓާމިނަލް ތަރައްގީކޮށް އެ އަދަދު 2،000 އަށް އިތުރު ވާނެ

  • ބަޖެޓު އެއާލައިންތަކަށް ހާއްސަ ލޯކޮސްޓު ޓާމިނަލެއް އަޅާނެ، އެތަނުން ގަޑިއަކު 1000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

  • ސީޕްލޭންގެ ހިދުމަތް އިތުރަށް ތަރައްގީ ކުރާނެ

  • އާ އެމްއާރުއޯ ފެސިލިޓީއެއް ގާއިމްކުރާނެ

  • މަޝްރޫއު ނިމޭއިރު ކާގޯ ޓާމިނަލްގެ ކެޕޭސިޓީ 300،000 މެޓްރިކް ޓަނަށް އިތުރު ކުރާނެ

  • ޕާކިން ކެޕޭސިޓީ އެއްފަހަރާ 73 އެއާކްރާފްޓު ޕާކުކުރެވޭ ވަރަށް ބޮޑުކުރާނެ

އިންޑިއާގެ އެއާލައިނެއް ކަމަށްވާ ވިސްޓާރާގެ ބޯޓެއް ވީއައިއޭގައި (ފޮޓޯ/އެމްއޭސީއެލް)
ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކެއް ވީއައިއޭގައި (ފޮޓޯ/އެމްއޭސީއެލް)

އެއާޕޯޓުގެ ތަރައްގީއަށް ބޮޑު ޕްލޭނެއް އިފްތިތާހުކޮށްފައިވާއިރު، ނިމިދިޔަ 2023 ވަނަ އަހަރަކީ ވީއައިއޭގައި ޓްރެފިކް މޫމަންޓުތަކުގެ އާ ރެކޯޑުތަކެއް ގާއިމްކުރި އަހަރެކެވެ.

ޖުމްލަ 62،866 އެއާޓްރެފިކް މޫމަންޓު މިދިޔަ އަހަރު ރެކޯޑު ކުރިއިރު، 2.8 ފަސިންޖަރުން ވީއައިއޭ މެދުވެރިކޮށް ރާއްޖެ އައިސް ގޮސްފައިވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުން 32 އެއާލައިނެއް ވީއައިއޭ އަށް މިހާރު އޮޕަރޭޓު ކުރެ އެވެ.

ކާގޯ ފްލައިޓެއް ވީއައިއޭގައި (ފޮޓޯ/އެމްއޭސީއެލް)
ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ވީއައިއޭގައި (ފޮޓޯ/އެމްއޭސީއެލް)

މީގެ އިތުރުން ވީއައިއޭ މެދުވެރިކޮށް މިދިޔަ އަހަރު؛

  • 41 މިލިއަން ޓަނުގެ ކާގޯ ރާއްޖެ އެތެރެކުރި

  • 15 މިލިއަން ޓަނުގެ ކާގޯ ބޭރުކުރި

  • 7.5 މިލިއަން ޓަނުގެ ކާގޯ ޓްރާންޝިޕް ކުރި

ރާއްޖޭގެ އިގްތިސޯދީ މައި ދޮރާށި ހިންގާ އެމްއޭސީއެލްއަށް 58 އަހަރު ފުރުނު އިރު ކުރިއަށް އޮތީ އުއްމީދީ އަހަރުތަކެކެވެ. އެއާޕޯޓުގެ އުމުރުން 100 އަހަރު ވާއިރު، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އެއާޕޯޓުތަކުން ލިބޭ ހިދުމަތްތައް ވީއައިއޭއިން ވެސް ފޯރުކޮށްދިނުމަށް އަމާޒު އެމްއޭސީއެލްގެ އެބަ އޮތެވެ. ރާއްޖޭގެ އިގްތިސޯދު ބޮޑު ތަނުން ކުރިއަށް ގެންދިއުމުގައި އެމްއޭސީއެލްގެ ވެރިންނާއި މުވައްޒަފުން ތިބީ ތައްޔާރުވެގެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް