ޖޫން 8، 2022: ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ޕާކިން ޒޯންގައި މީހަކު މަޑުކޮށްލައިގެން ހުރި އިރު، ކުރިމަތީގައި އޮތް ތެޔޮ ރައްކާ ކުރާ ތެޔޮ ފުނަދޫ ޖެޓީގައި ބޮޑު ތެޔޮ ބޯޓެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ތެޔޮ ރައްކާކުރުން ހުއްޓާލައި ފުނަދޫ އިގްތިސޯދީ ހަބަކަށް
ތެޔޮ ރައްކާކުރުމަށް އެސްޓީއޯ އިން ބޭނުންކުރާ ކ. ފުނަދޫގައި އެ މަސައްކަތް ކުރުން ހުއްޓާލައި، އެ ރަށަކީ އިގްތިސޯދީ ހަބަކަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތިގައި، ފުނަދުއަށް ގެންނަން ނިންމާފައިވާ އިގްތިސޯދީ ބޮޑު ބަދަލު ވަނީ ދައްކާލައިފަ އެވެ.
ތަފްސީލް - އެކަމާ ގުޅޭގޮތުން ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލައި، އެ މަސައްކަތް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ނޫނީ ދޮޅު އަހަރު ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
"އަށާރަ މަހާއި 24 މަހާ ދޭތެރޭ، ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭ އަޅުގަނޑުމެން މި އޮއިލް ސްޓޯރޭޖު، ފުނަދޫގައި މި ހުރި ފެސިލިޓީ އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާނަން. [މަސައްކަތް] ނިންމައި، އެއާ އެކު މިހާރު ފެށިފައިވާ އެސްއީޒެޑް މަސައްކަތުގެ ތެރެއިން އަދި އެއަށް ވުރެ ވެސް ފުޅާކޮށް އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްލޭނެއްގެ ތެރެއިން އެތަނަކީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކަށް ހެދުމަކީ ތަސުއްވުރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުނަދޫ އާއި މާލެ އަދި ފުނަދޫ އާއި ހުޅުލެ ބުރިޖުން ގުޅާލާނެ ކަމަށެވެ.
ފުނަދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ދަށުން އެރަށް އެއާޕޯޓް އިކޮނޮމިކް ޒޯނަކަށް ބަދަލުކޮށް؛
-
ސީޕްލޭން ޓާމިނަލް އެ ރަށަށް ބަދަލު ކުރާނެ
-
ވިޔަފާރިކުރަން ހާއްސަ ސެންޓަރުތަކާއި ހޮޓެލްތަކުގެ އިތުރުން ކޮންވެންޝަން ފެސިލިޓީ އާއި މުނިފޫހިފިލުވަން ހާއްސަ ތަންތަން ގާއިމް ކުރާނެ
"މިހާރު ހުޅުލޭގައި ހިންގާ ސީޕްލޭން ޓާމިނަލް ވެސް ފުނަދުއަށް ބަދަލު ކުރަން ނިންމާފައިވާ އިރު ހުޅުލެއިން އަދި ހުޅުމާލޭން ސީޕްލޭން ޓާމިނަލް އަށް ބުރިޖުއެޅި ވަށައިޖެހޭ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް، ހާއްސަކޮށް މޮނޯ ރޭލް ސިސްޓަމެއް ގާއިމް ކުރެވި ފަސޭހަކަމާ އެކު ފަސިންޖަރުން، ކަސްޓަމަރުން، މުވައްޒަފުން ދަތުރު ކުރެވޭ ފަދަ ނިޒާމެއް ގާއިމް ކުރާނަން." ރައީސް ވިދާޅުވި އެވެ.
މިރޭ އިފްތިތާހު ކުރި މަޝްރޫއާ އެކު އެއްފަހަރާ ގިނަ މަސައްކަތްތައް ފެށޭނެ ކަމަށާއި އެކަމަށް ބޭނުންވާ އިންވެސްޓަރުން ހޯދައި ލުއި ފައިނޭންޝަލް ފެސިލިޓީތައް ހޯދުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (4)
ފަރު
ސުލްލެ
ޟަޒް
ހުސޭނު