އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

އެއާޕޯޓް ބޮޑުކުރަން ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ: ރައީސް

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ އެހެން މަސައްކަތްތަކަށް ބޭނުންވާ ބިން ހިއްކާނެ ޖާގަ ލިބޭނީ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުން ކަމަށް ރައީސް ވިދާޅުވި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިރޭ އިފްތިތާހު ކުރި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް އިތުރު ހިދުމަތްތައް ތަރައްގީ ކުރަން ނިންމައި އެ މަޝްރޫއު މިރޭ ރައީސް ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.

ތަފްސީލް - އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯ ރިޕޯޓުގައި ބުނީ، ސީޕްލޭން ޓާމިނަލް އެހެން ރަށަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިނަލް. (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

ރައީސް ވިދާޅުވީ އަމާޒަކީ މިއަދު އިފްތިތާހު ކުރި ޕްރޮޖެކްޓުގެ ބޮޑު ބައެއް ކުރިއަށް އޮތް ފަސް އަހަރު ތެރޭ ނިންމައި 10 އަހަރު ތެރޭ އެއްކޮށް ނިންމުން ކަމަށެވެ.

"މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ޕްލޭނުގައި ހިމެނޭ އެންމެ މުހިއްމު، މި މަސައްކަތް ކުރުމުގައި ކޮންމެހެން ފުރަތަމަ ފަށަން ޖެހޭ މަސައްކަތްތައް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

"އެއީ ސީޕްލޭން ޓާމިނަލް ބަދަލު ކުރަންޖެހޭ ބަދަލު ކުރުން. ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަގު ފަހިކުރެވިގެން ދިޔައީމާ އަޅުގަނޑުމެންނަށް މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ." ރައީސް ވިދާޅުވި އެވެ.

 މަޝްރޫއުގައި ހިމެނޭ އެހެން މަސައްކަތްތަކަށް ބޭނުންވާ ބިން ހިއްކާނެ ޖާގަ ލިބޭނީ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އަލަށް އަޅާ ޑޮމެސްޓިކް ޓާމިނަލާއި ޖެޓްތަކަށް ހިދުމަތްދޭން އަޅާ ޓާމިނަލް އަދި އާ ކާގޯ ފެސިލިޓީ އަޅަން ނިންމާފައިވަނީ މިހާރު ސީޕްލޭންތައް އޮޕަރޭޓު ކުރާ ސަރަހައްދުގަ އެވެ.

އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިނަލްގެ 'ނީރި' ކޮމަން ލައުންޖު. (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

"އެހެންވީމާ އެ ބިން ހިއްކުމުގެ މަސައްކަތާ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުގެ މަސައްކަތާއި އެއާ ގުޅިފައިވާ އެންމެ މުހިއްމު އެއްކަމަކީ ފުނަދޫގައި މިހާރު ހުރި އޮއިލް ސްޓޯރޭޖު އެހެން ތަނަކަށް ބަދަލު ކުރުން،" ރައީސް ވިދާޅުވި އެވެ.

އެ މަސައްކަތް މި އަހަރު ފަށައި، ކުރިއަށް އޮތް ދޮޅު އަހަރު ނުވަތަ ދެ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާކަން ރައީސް މިރޭ އިއުލާނު ކުރެއްވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - ވީއައިއޭގައި މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލް 'ނޫވިލު ސީޕްލޭން ޓާމިނަލް' އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅަން ފެށިތަނެކެވެ. އެތަން ނިންމައި ޓާމިނަލް ބޭނުން ކުރަން ފެށީ 2022 ވަނަ އަހަރު އެވެ. އެ ޓާމިނަލްގެޕްރޮޖެކްޓުގެ އަގަކީ 55 މިލިއަން ޑޮލަރު، (848.1 މިލިއަން ރުފިޔާ) އެވެ.

ކޮމެންޓް (2)

ޙަޒްރާ

5 ޖެނުއަރީ 2024
މުއިއްޒުގެ ޕުލޭނިން ދައުރުގައި ކުރި ކަމެއް. ޞޭކު ކަންކަން ނުކޮށް އިސްތިއުފާ ދީ
1 0

އިބިރަހިމާ

4 ޖެނުއަރީ 2024
މުއިއްޒު މޮޔަ ވެބަލަ. ތީ އިއްޔެ މެންދުރު ނިންމި ސީޕްލޭން ޓަރމިނަލެކޭ. ތިޔަ އުޅެނީ ރާއްޖޭގެ އެނެން ރަށެއްގަ ގާބުރިއެއްވެސް ނުބާއްވާ މާލެއަށް ހުރިހާ ކަމެއް ޖަމާކުރަންތަ؟ މިކަލޭގެ ހަމަ ވަގުތުން ވަގުތަށް ބާލަން ޖެހޭ. އެހެން ނޫނީ މުޅި ގައުމުގެ ހުރިހާ ތަނެއް ސުންނާފަތި ކުރާނެ.
9 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް