ވީއައިއޭ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

25 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދޭނެ އާ ޓާމިނަލަކާ އެކު ވީއައިއޭ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްފި

މި މަޝްރޫއުގެ ދަށުން ޑޮމެސްޓިކް ޓާމިނަލް ބޮޑުކޮށް ލޯ ކޮސްޓު ކެރިއާސް އަށް ހާއްސަ ޓާމިނަލަކާއި ޖެޓުތަކަށް ހާއްސަ ޓާމިނަލެއް ވެސް އަޅާނެ

ޖުމުލަ 25 މިލިިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އާ އިންޓަނޭޝަނަލް ޓާމިނަލަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކޮށްފި އެވެ.

ވީ ކިހިނެއް؟ - މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.

ތަފްސީލް - އެ މަޝްރޫއާ ގުޅޭގޮތުން އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވައްސަކީ، އެއާޕޯޓު ތަރައްގީ ކުރަން ހިންގާނެ އެންމެ ބޮޑު މަޝްރޫއު ކަމަށެެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ އެ މަސައްކަތުގެ ބޮޑުބައި މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އެއާއެކު އެއާޕޯޓުގައި މިހާރު ހުރި ވަޒީފާގެ އިތުރަށް %25 ވަޒީފާ އުފެދޭނެ ކަމަށާއި އެއީ ގާތްގަނޑަކަށް 1،000 ވަޒީފާގެ ފުރުސަތު ކަމަށް އެމްޑީ ވިދާޅުވި އެވެ.

  • މިހާރު އަޅަމުންދާ އިންޓަނޭޝަނަލް ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް

  • ރައީސް މުއިއްޒުގެ ވިޝަންއާއެކު މި އަދަދު 25 މިލިއަން އަށް އިތުރުވާނެ

  • އެތަނުން ގަޑިއަކު 4،000 ފަސިންޖަރުން ހޭންޑްލް ކުރެވޭނެ

  • މިހާރު ގަޑިއަކު 300 ޑޮމެސްޓިކް ފަސިންޖަރުންނަށް ހިދުމަތްދޭ ޑޮމެސްޓިކް ޓާމިނަލް ތަރައްގީކޮށް އެ އަދަދު 2،000 އަށް އިތުރު ވާނެ

  • ބަޖެޓު އެއާލައިންތަކަށް ހާއްސަ ލޯކޮސްޓު ޓާމިނަލެއް އަޅާނެ، އެތަނުން ގަޑިއަކު 1000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

  • ސީޕްލޭންގެ ހިދުމަތް އިތުރަށް ތަރައްގީ ކުރާނެ

  • އާ އެމްއާރުއޯ ފެސިލިޓީއެއް ގާއިމްކުރާނެ

  • ކާގޯ ޓާމިނަލްގެ ކެޕޭސިޓީ 3000 މެޓްރިކް ޓަނަށް އިތުރު ކުރާނެ

  • ޕާކިން ކެޕޭސިޓީ އެއްފަހަރާ 70 އެއާކްރާފްޓު ޕާކުކުރެވޭ ވަރަށް ބޮޑުކުރާނެ

ޝަރީފް ވިދާޅުވީ ވެލާނާ އެއާޕޯޓަކީ އަހަރަކު 2000 ޕްރައިވެޓް ޖެޓަށް ހިދުމަތްދޭ އެއާޕޯޓެއް ނަމަވެސް މަތީ ފަންތީގެ އެ ފަތުރުވެރިންނަށް ހިދުމަތް ދޭނެ ހާއްސަ ޓާމިނަލެއް މިހާތަނަށް އެ އެއާޕޯޓުގައި ނެތް ކަމަށެވެ. އެއާޕޯޓު ތަރައްގީކުރަން މިރޭ އިފްތިތާހު ކުރި މަޝްރޫއުގެ ދަށުން ޖެޓް ޓާމިނަލެއް އަޅަން  ނިންމާފައިވާކަން ވެސް ޝަރީފް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް (1)

އަޙްމަދު

5 ޖެނުއަރީ 2024
ރައީސްމުޢިއްޒަކީ ވަރަށްގިނައިން މިވެނިކަމެއް ކުރައްވާނަމޭ ވިދާޅުވާބޭފުޅެކެވެ. އެކަމަކު ކުރައްވާތަނެއް ނުފެނެއެވެ. ފުށިދިއްގަރުފަޅު ހިއްކުން ފިޔަވައެވެ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް