އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ތިމާވެށި

ކޮންކްރީޓް ތަރައްގީގެ ބުރަ ބޮޑުވެ އިންޒާރުގެ އަޑު ގަދަވަނީ

ވޯލްޑް ބޭންކުން މި މަހު ނެރުނު ރިޕޯޓެއްގައި، ރާއްޖޭގައި އުމްރާނީ މަޝްރޫއުތައް ހިންގަން ވެށި ހަލާކުކުރާކަން ފާހަގަކޮށް، އެކަން ހުއްޓާލަން ކުރަން ޖެހޭ ކަންކަމަށް އަލިއަޅުވާލި
27 ފެބްރުއަރީ 2024

ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތައް ގިނަ އެވެ. އުމްރާނީ ތަރައްގީ އާއި މީހުން ބިނާ ކުރުމުގެ ރޮނގުން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައި ރާއްޖެ ވަނީ އިގްތިސޯދީ ގޮތުން ހިންދެމި، ބޮލަކަށް ޖެހޭ އާމްދަނީ ދެ ގުނަކޮށް، ފަގީރު ގައުމުތަކުގެ ލިސްޓުން ނެއްޓި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ފައިހަމަކޮށްފަ އެވެ.

އުމްރާނީ ތަރައްގީގެ ކޮންކުރީޓު ބިނާވެށިތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރި، މަގުތަކާއި ބަނދަރާއި އެއާޕޯޓުތައް އިތުރުވެ، ފެނާއި ކަރަންޓާއި ނަރުދަމާ އާއި އިންޓަނެޓު ފަދަ ހިދުމަތްތައް ވެސް ފުޅާވި އެވެ. މިއަދު ރާއްޖޭގައި 17 އެއާޕޯޓު އެބަ އޮތެވެ. ތައުލީމާއި ސިއްހީ ދާއިރާއިން ވެސް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ކުރިއެރުންތައް ހޯދިއްޖެ އެވެ.

ވޯލްޑް ބޭންކުން މި މަހު ރާއްޖެއާ ބެހޭ ގޮތުން ނެރުނު 'ކަންޓްރީ އެންވަޔަރަމެންޓަލް އެނޭލިސިސް'ގައި ވެސް ރާއްޖެއިން ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީގެ ރޮނގުން ހޯދި ކުރިއެރުންތައް ފާހަގަކުރި އެވެ.

ނަމަވެސް ހިތާމައަކީ، އެ ތަރައްގީއަށްޓަކައި އަހަރެމެންގެ އެންމެ އަގުހުރި ގުދުރަތީ ވަސީލަތްތައް ކަމަށްވާ ކަނޑުފަޅާއި ފަރުތަކާއި ނާޒުކު ތިމާވެށި އަހަރެމެންގެ އަމިއްލަ އަތުން ގުރުބާންކޮށްފައިވުމެވެ.

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށް.

ކޮންކްރީޓް ތަރައްގީގެ ބުރަ ފަރުތަކަކަށް ނުއުފުލޭނެ

މިދިޔަ ދެ ދަހަރުގެ ތެރޭގައި ގެނައި ތަރައްގީން ރާއްޖޭގެ ވެއްޓަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަން، ވޯލްޑް ބޭންކުގެ ރިޕޯޓްގައި ފާހަގަނުކުރިޔަސް، ހުރިހާ ދިވެހިން ދަންނާނެ އެވެ. އެ އަސަރުތައް އާންމު ދިރިއުޅުމުގައި ތަޖުރިބާ ކުރަނީ އަހަރެމެންނެވެ. ކަނޑުފަރުގެ ނިޒާމު ހަލާކުވާ ވަރަކަށް ގެއްލުންވަނީ އަހަރެމެންގެ އިގްތިސޯދު މުޅިންހެން ބަރޯސާވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ކަން ވެސް ދިވެހިން ދަނެ އެވެ.

އެކަން އެނގި ތިބެމެ، މޫސުމީ ކާރިސާއެއްގެ އަނދަވަޅުގެ ތުންފަތް މަތީގައި ދުނިޔެ އޮވެމެ، އިގްތިސޯދީ ކުރިއެރުން ހޯދަން ރާއްޖެއިން ކުރާ ދަތުރުގައި ފަނާކުރަނިވި ތަރައްގީއާ ދުރަށް މިސްރާބު ހިފާ މަންޒަރެއް އަދިވެސް ނުފެނެ އެވެ. ދިރުނބާ ކޮޅުގައި ބަސްކިޔަން ތިއްބެވި ބޭފުޅުންގެ ވައުދު ފަތީގައި އޮތީ އެއާޕޯޓަކަށް ފަހު އެއާޕޯޓެކެވެ. ބިން ހިއްކާ، ބަނދަރު ހެދުމެވެ. އޮތް ބަނދަރު ބޮޑު ކުރުމެވެ. މުޅިން ވެސް ކޮންކުރީޓް ހުވަފެންތަކެވެ.

ރާއްޖޭގެ ރަށެއްގެ ބަނދަރު: ގިނަ ރަށްރަށުގައި ބަނދަރު ތަރައްގީ ކުރަމުން ދަނީ މިކަހަލަ މޮޑެލްއަކަށް. (ފޮޓޯ/އެމްޓީސީސީ)
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ (ފޮޓޯ/މިނިސްޓަރު އަބްދުﷲ މުއްތޮލިބު/އެކްސް)

ވޯލްޑް ބޭންކުގެ ތަފްސީލީ 358 ސޮފްހާގެ ރިޕޯޓުގައި ވާ ގޮތުން، ރާއްޖޭގެ ގުދުރަތީ  ވަސީލަތްތައް އުވިގެން ދިޔުމުގެ ފަހަތުގައި ވަނީ މައިގަނޑު ހަތަރު ސަބަބެކެވެ. އެއީ:

  • 1-

    ވެއްޓަށް ގެއްލުންވާ ގޮތަށް ހިންގާ ކޯސްޓަލް ޑިވެލޮޕްމަންޓް މަޝްރޫއުތައް؛ މީގެ ތެރޭގައި ބަނދަރު ހެދުން، ބިން ހިއްކުން، ވެލި ނެގުން، ތޮށިލުން ފަދަ މަޝްރޫއުތައް ހިމެނޭ

  • 2-

    ކުންޏާއި ޕްލާސްޓިކާއި އެހެނިހެން ތަކެތިން ކަނޑުފަޅު ތަގައްޔަރުވުން

  • 3-

    ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ނުވަތަ އެކްސްޕްލޮއިޓް ކުރުން

  • 4-

    ކަނޑުފަޅުގެ ފިނިހޫނުމިން މައްޗަށް ދިޔުން؛ ދުނިޔެ ހޫނުވުމާއި އެލްނީނޯގެ ސަބަބުން މި މައްސަލަ ވަނީ ފަހަކަށް އައިސް ވަކިން ބޮޑުވެފައި

މި ކަންކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ، ގުދުރަތީ ނިޒާމުތަކުގެ ތެރެއިން ވެސް، ރާއްޖޭގެ ފަރުގެ ނިޒާމަށެވެ. ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް، ރަށްރަށުގެ ވިލުންވެރިކަން އިތުރުކޮށްދިނުމުގެ އަގުނުކުރެވޭ ރޯލު އަދާކުރަނީ ފަރުތަކުންނެވެ.

ށ. މަތިކޮމަންޑޫ ހިއްކި ސަރަހައްދު: އެ ސަރަހައްދުގައި ދިރޭ މުރަކައިގެ ނިސްބަތް ކުޑަވެފައި ގިނައީ މަރުވެފައިވާ މުރަކަ އާއި ގާ.
އެލްނީނޯގެ ހާލަތުގައި 2016 ވަނަ އަހަރު ބ. އަތޮޅުގެ ފަރެއްގައި ގާ ހުދުވެ، މުރަކަތައް މަރުވެފައި. (ފޮޓޯ/މެރިން ޖާނަލް މޯލްޑިވްސް)

"ފަރުތަކުގެ ނިޒާމާ ނުލާ، ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބައްދަން ރާއްޖެއިން ކޮންމެ އަހަރަކު ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ %8 ހަރަދުކުރަން ޖެހޭނެ އެވެ،" ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެ އެވެ. މިސާލަކަށް ބަލާ ނަމަ؛

  • މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ (އެމްބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ ޖީޑީޕީ އަކީ 22.8 ބިލިއަން ރުފިޔާ

  • އޭގެ %8 އަކީ 1.8 ބިލިއަން ރުފިޔާ؛ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމްކުރެވޭހާ ފައިސާ

ކަނޑުގެ ލޮނުގަނޑު އުފުލެމުން ދާއިރު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރަށްރަށަށް އެކަމަށް ހޭނެވެން އޮތީ ފަރުތަކުގެ ސިއްހަތު ރަނގަޅުވެގެންނެވެ. ސަބަބަކީ:

  • ރާއްޖޭގެ ރަށްރަށް އެކުލެވިފައިވަނީ ފަރުތަކުން އުފެދޭ ވެލިން؛ ކަނޑުގެ ލޮނުގަނޑު އުފުލޭ އިރު، ރާއްޖެ ފެނުން މަތީގައި އޮތުން ބަރޯސާ ވާނީ ފަރުތަކުން އުފައްދާ ވެލީގެ ނިސްބަތަށް

  • ކަނޑުގެ ލޮނުގަނޑު އުފުލުނަސް ރާއްޖޭގެ ރަށްރަށުގައި އަދިވެސް ދިރިއުޅެވެނީ، ފަރުތަކުގެ ގުދުރަތީ ނިޒާމުން އުފައްދާ ވެލިން އެ ފަރަގު ފޫބައްދާތީ

  • ފަރުތައް މަރުވާ ނަމަ، ކުރިއަށް އޮތް ތަނުގައި ކަނޑުގެ ލޮނުގަނޑު އުފުލޭ ރޭޓު މަތިވާ އިރު، ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްރަށުގައި ވެލި ވޮޑޭ މިންވަރު އެއާ އެއްވަރެއްގައި ހިފަހައްޓާލެވޭނެ ކަމާ މެދު ސުވާލު އުފެދޭ

  • އިންސާނީ އަމަލުތަކުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތަކުގެ އިތުރުން، ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކާ އެކު ފަރުތައް މަރުވުމަށް އޮތް ހިރާސް ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން

ރާއްޖޭގެ ރަށެެއްގެ އަތިރިމަތި. (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

މިސްރާބު ބަދަލުކުރަން މަޖުބޫރު

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2002 އިން ފަށައިގެން މިއަދާ ހަމައަށް ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން 10 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ފަޅާއި ފަރު މުޅިން ހަލާކުކޮށްލާފައިވެ އެވެ. މިއީ މުޅި ގައުމުގެ ބިމުގެ ނިސްބަތުން %3.4 އެވެ. 

ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ އިއާދަނުކުރެވޭ ގެއްލުމާ މެދު ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން މިދަނީ އަލަކަށް ނޫނެވެ. އދ. އިން އެކުލަވާލާފައިވާ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)ގެ ހަވަނަ އެސެސްމެންޓް ރިޕޯޓުގައި ވެސް އެކަން ފާހަގަކުރި އެވެ. ހިއުމަން ރައިޓްސް ވޮޗް އިން ވެސް މިދިޔަ އަހަރު އެކަމާ ގުޅޭ ރިޕޯޓެއް ނެރުނެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވެސް ރާއްޖޭގެ މިއަދުގެ ހާލަތު ސިފަކޮށްދީފައިވަނީ އެ ފަރާތްތަކުން ވެސް ސިފަކޮށްފައިވާ ގޮތަށެވެ. އެގޮތުން:

  • ބިން ހިއްކުމާއި، ބަނދަރު ހެދުން ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ފަރުތަކަށް ގެއްލުންވެ، ރަށްގިރުން އާންމުވެ، އުދަ އެރުން ގިނަވެއްޖެ

  • އެކަމަށް ހައްލު ހޯދަން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރަން މިހާރު ވަނީ މަޖުބޫރު ވެފައި

  • ނަމަވެސް ގޮނޑުދޮށް ހިމާޔަތް ކުރުމަށް ރާއްޖެއިން ގެންގުޅެނީ ގެއްލުން ބޮޑު ގޮތްތަކެއް

ރާއްޖޭގައި 2004 އާއި 2016 އާ ދެމެދު 47 ރަށެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ކުރިއަށްގެންދިޔަ އެވެ. ވޯލްޑް ބޭންކުން އެއްކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • 45 ރަށުގައި ކުރިއަށްގެންދިޔައީ 'ހާޑް އިންޖިނިއަރިން ސޮލިއުޝަންސް' ނުވަތަ ތޮށިލައި ރިވެޓްމެންޓް ޖެހުން ފަދަ މަޝްރޫއުތައް

  • ރަށުގެ ގުދުރަތީ ނިޒާމަށް އަސަރު ނުކުރާ ގޮތަށް ތިމާވެއްޓާ ރައްޓެހި އެޕްރޯޗެއް ގެންގުޅުނީ އެންމެ ދެ ރަށުގައި؛ އެ ދެރަށުގައި ހިންގާފައިވަނީ ގޮނޑުދޮށަށް ވެލި އެޅުމުގެ މަޝްރޫއު

"ގޮނޑުދޮށް ހިމާޔަތް ކުރުމަށް ރާއްޖެއިން އާންމުކޮށް އިހުތިޔާރުކޮށްފައިވަނީ ތޮށި ލުމާއި ރިވެޓްމެންޓް ޖެހުން ފަދަ 'ގްރޭ އިންފްރާސްޓްރަކްޗާ' ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި އެވެ.

"ގްރޭ އިންފްރާސްޓްރަކްޗާގެ ސަބަބުން ގިނަ ފަހަރަށް ވެލިގަނޑުގެ ވަރު ދޫވެ، ވެލިގަނޑު ދައުރުވާ ގޮތަށް ބަދަލު އައުން ފަދަ ނޭދެވޭ ގިނަ ސައިޑް-އިފެކްޓްތަކެއް ކުރިމަތިވެ، ރަށްރަށުގެ ވިލުންވެރިކަން ހައްތަހާ ދަށްވޭ."

ރިޕޯޓުގައި އިތުރަށް ފާހަގަކުރި ގޮތުގައި:

  • ވިލުންވެރިކަން ދަށްވުމުގެ ސަބަބުން އަނެއްކާވެސް ބަރޯސާ ވެވެނީ އިތުރަށް ތޮށިލައި، ރިވެޓްމެންޓް ޖެހުމަށް

  • އެފަދަ ނުރައްކާތެރި ވަށްބޮޅެއްގައި ނުބެދި، ރަށްރަށުގެ ވިލުންވެރިކަން އިތުރުކުރެވޭނީ ގުދުރަތީ ހައްލުތަކެއް ހޯދައިގެން

  • އެފަދަ ހައްލުތަކުގެ ތެރޭގައި ކުޅިފާޗަސްބިންތައް އަލުން އިއާދަކޮށް، އާޓިފިޝަލް ފަރުތައް އާލާކުރުން ހިމެނޭ

ރާއްޖޭގެ ރަށެއްގެ ކުޅިއެއް: މިފަދަ ކުޅިތަކާއި ޗަސްބިންތަކުން ރަށްރަށުގެ ވިލުންވެރިކަން އިތުރުކޮށްދޭ.

ޒިންމާދާރުކަން ކުޑަ ގޮތްގޮތަށް ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ކަނޑުތައް ތަގައްޔަރުވުމާއި ރަނގަޅަށް ކުނި މެނޭޖު ނުކުރެވުމާއި މޫސުމީ ބަދަލުގެ ނޭދެވޭ އަސަރުތައް ހިމެނެ އެވެ.

ދެމެހެއްޓެނިވި ތަރައްގީ އަސްލު ހޯދޭނީ ކިހިނެއް؟

ރާއްޖެއަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް ހާއްސަ ގައުމެކެވެ. ތިރި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ މި ކުޑަކުޑަ ގައުމަށް ބަވަނަވަމުންދާ ދުނިޔޭގައި ކުރިއެރުން ހޯދެން އޮތީ ދެމެހެއްޓެނިވި ތަރައްގީ އޭގެ އަސްލު މާނާގައި ހާސިލްކުރެވިގެންނެވެ.

ވެށި ހިމާޔަތްކުރުމާ އެކު އިގްތިސޯދީ ކުރިއެރުން ހޯދަން ރާއްޖެއިން އިސްކަމެއް ދީގެން ކުރަން ޖެހިފައިވާ މައިގަނޑު އަށް ކަމެއް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ. އެއީ:

1. ދިރާސާކުރުމާއި މޮނިޓާ ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުން

  • ރާއްޖޭގައި ފަރުތަކުގެ ނިޒާމުގެ ހާލަތު ދެނެގަނެވޭނެ އަދާހަމަ މައުލޫމާތެއް ވެސް އަދި ލިބޭކަށް ނެތް

  • ގްރައުންޑް-ލެވެލް މޮނިޓަރިން އާއި ސެޓަލައިޓް އަދި އޭރިއަލް ސެންސަރު ބޭނުންކޮށްގެން ފަރުތަކާއި ކުޅިތަކާއި މޫދުވިނައިގެ ނިޒާމުތަކާ ބެހޭ މައުލޫމާތު އެއްކުރެވޭނެ ގައުމީ ނިޒާމެއް ތައާރަފުކުރަން ޖެހޭ

  • މަސްވެރިކަން ކުރާ ސަރަހައްދުތަކުން މައުލޫމާތު އެއްކޮށް، މަހުގެ ސްޓޮކާއި މަހުގެ ކޮންސަމްޕްޝަންގެ މިންވަރުގެ ދެނެގަންނަން ޖެހޭ

  • ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރާއި ކަނޑުގެ ފިނިހޫނުމިން އެނގޭނެ ނިޒާމެއް ގާއިމްކޮށް، ގާ ހުދުވުމާއި ފަރުތައް މަރުވާ ވަރު ރިއަލް-ޓައިމްގައި މޮނިޓާ ކޮށް، އެކަމުން ލިބޭ މައުލޫމާތުން ދުރާލާ އިންޒާރުދޭ ނިޒާމެއް ގާއިމް ކުރަން ޖެހޭ

  • އިންސާނީ އަމަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ރަނގަޅަށް މޮނީޓާކޮށް، ކަނޑުގެ ތަގައްޔަރުކަމާއި، މަސްވެރިކަން ކުރާ ގޮތާއި، ފެން ފަށަލައަށް އަންނަ ބަދަލުތަކާއި، ރަށްގިރުން ފަދަ ކަންކަމާ ބެހޭ މައުލޫމާތު ލިބެންޖެހޭ

  • ގްރައުންޑް-ލެވެލް މޮނިޓަރިންގެ ކަންކަން ރަށު ފެންވަރުގައި ދަސްކޮށްދީ، މި ނިޒާމުތައް ބޭނުންކޮށް، ލިބޭ މައުލޫމާތުގެ ބޭނުން ހިފޭ މުޖުތަމައެއް ބިނާ ކުރުން މުހިއްމު

2. ދުރާލާ ކަންކަން ރޭވުން ހަރުދަނާ ކުރުން

  • ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ވަނީ ކަނޑުތަކުގެ %20 ހިމާޔަތްކުރަން އެއްބަސްވެފައި؛ އެކަން ވީހާ އަވަހަކަށް ކުރަންޖެހޭ

  • ތަރައްގީގެ މަޝްރޫއު ކުރިއަށްގެންދާ އިރު ވެއްޓަށް ގެއްލުންނުދީ އެކަން ކުރެވޭނެ ގޮތްތައް ދެނެގަނެ، ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަންކަން ރާވަންޖެހޭ

  • މާސްޓާ ޕްލޭންތައް އެކުލަވާލާއިރު ދިރާސާގެ މައްޗަށް ބިނާކޮށް، ވެއްޓަށް  ދިގުމުއްދަތުގައި ކުރާނެ އަސަރު ދެނެގަންނަން ޖެހޭ

ކަނޑުފަޅުގެ ހާލަތު ދެނެގަތުމަށް 'ނޫރާއްޖެ' އިން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި، މުރަކަތަކުގެ ހާލަތު ބަލަނީ

3. ގަވަނަންސް ހަރުދަނާކޮށް ގާބިލްކަން އިތުރުކުރުން

  • ރާއްޖޭގައި މިހާރު ހަދާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ އިތުރުން ސްޓްރެޓީޖިކް އެންވަޔަރަމެންޓަލް އެސެސްމަންޓް (އެސްއީއޭ) ވެސް ތައާރަފު ކުރުން

  • އެސްއީއޭގައި ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އިތުރުން، އެކަމުގެ ސަބަބުން މުޖުތަމައަށް ކުރާނެ އަސަރާއި މޫސުމީ ބަދަލުތަކުގެ އަސަރުތައް އިތުރަށް ގޯސްވާނެ ގޮތް ވެސް ދެނެގަންނާނެ

  • މަޝްރޫއުތައް ކުރިއަށް ގެންދާއިރު، ތިމާވެށި ހިމާޔަތްކުރުމުގައި ބަލަން ޖެހޭ ހުރިހާ ކަންކަމެއް އެންމެ ފުރިހަމައަށް ބެލޭނެ ނިޒާމެއް އޮންނަން ޖެހޭ

  • އެގޮތުން ރާއްޖޭގައި އެ ޒިންމާ މަތިކޮށްފައިވާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ދާއިރާ ފުޅާކޮށް، އީއައިއޭ ބަލައިގަތުމުގައި ގެންގުޅޭ އުސޫލުތައް މިހާރަށް ވުރެ ހަރުކަށިކޮށް، އެކަމުގައި އާންމުގެ ބައިވެރިވުން ހިމަނަން ވޯލްޑް ބޭންކުން ގޮވާލި

  • އީޕީއޭ އާއި މޯލްޑިވްސް މެރިން ރިސާޗް ސެންޓަރު (އެމްއެމްއާރުއައި) ފަދަ ތިމާވެއްޓާ ބެހޭ އިދާރާތަކުގެ ގާބިލްކަށް އިތުރުކޮށް، ޓެކްނިކަލް އަދި މާލީ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ

4. ދިރުންތައް މުއްސަނދި ސަރަހައްދުތައް ހިމާޔަތް ކުރުން

  • ރާއްޖޭގެ ކަނޑުވެށީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރުކޮށް، މިހާރު ހިމާޔަތްކޮށްފައިވާ ތަންތަން ރަނގަޅަށް ބެލެހެއްޓޭނެ ގޮތްތަކެއް ކަނޑައަޅަންޖެހޭ

  • ރާއްޖޭގައި ހުރި ދިރުންތައް މުއްސަނދި ސަރަހައްދުތައް ފާހަގަކޮށް، އެ ސަރަހައްދުތަކަށް އަސަރު ކުރާ ގޮތަށް ބިން ހިއްކުން، މަޝްރޫއުތައް ހިންގުން އަދި ގެއްލުންދިނުން މުޅިން ހުއްޓާލަން ޖެހޭ

  • ލާމަރުކަޒުކުރުމުގެ ތެރެއިން އަތޮޅުތަކާއި ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ސަރަހައްދުތައް ވެއްޓަށް ގެއްލުންނުވާ ގޮތަށް ބެލެހެއްޓޭކަން ޔަގީންކުރުމަށް  ކައުންސިލްތަކުގެ ގާބިލުކަން ވެސް އިތުރުކުރަން ޖެހޭ

ލ. ގަމު ޕަރީ ފެންގަނޑު: މިއީ ހިމާޔަތްކޮށްފައިވާ ތަނެއް. (ފޮޓޯ/ސޯލްޓް އެންޑް ސަނީ)

5. ދެމެހެއްޓެނިވި ގޮތުގައި ގޮނޑުދޮށް ހިމާޔަތްކުރުން

  •  ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް އެކަނި ވިސްނުމުގެ ބަދަލުގައި، ކުރިއަށް އޮތް ތަނުގައި ނުކުންނާނެ މައްސަލަތަކަށް ވެސް ވިސްނަން ޖެހޭ

  • ރަށުގެ ގުދުރަތީ ނިޒާމަށް އަސަރު ނުކުރާނެ ފަދަ ގޮތްތަކެއް ބޭނުންކޮށްގެން ރަށްގިރުން ފަދަ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ

  • ރާއްޖޭގެ ރަށްތަކުގެ ހޭޅީގެ މުހިއްމުކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، އަތިރިމަތީގައި ގަސް ގިނަ ކުރުމަށް ހިތްވަރުދޭންޖެހޭ

  • ކުޅިތަކާއި ޗަސްބިމާއި މޫދުވިނައިގެ ނިޒާމުތައް ހިމާޔަތްކުރަން މިހާރަަށް ވުރެ ބޮޑެތި މަސައްކަތްތައް ކުރަންޖެހޭ

  • ހަމައެކަނި ގުދުރަތީ ގޮތްތައް ބޭނުންކޮށްގެން ހުއްޓުވޭ ވަރަށް ވުރެ ބޮޑަށް ރަށްގިރުމުގެ މައްސަލަ ދިމާވެގެން 'ގްރޭ އިންފްރާސްޓްރަކްޗާ' ގާއިމްކުރާ ރަށްރަށުގައި ވެސް ގުދުރަތީ ހައްލުތަކާ އެކު އެކަން ކުރުމަށް އިސްކަންދޭން ޖެހޭ

6. ގުދުރަތީ ވަސީލަތްތަކުގެ ބޭނުންހިފާ ގޮތް ހަރުދަނާ ކުރުން

  • ތިމާވެއްޓާ ބެހޭ ގޮތުން އެއްކުރާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތް ހަދަންޖެހޭ

  • ކަމާ ބެހޭ ހުރިހާ އިދާރާތަކާއި ރައްޔިތުންނާއި މުޖުތަމައު އެކީ ގުޅިގެން ތިމާވެށީގެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަން ޖެހޭ

  • ފަތުރުވެރިކަން ކުރިއަރާފައިވާ އަތޮޅުތަކުގައި ފަތުރުވެރިން އާންމުކޮށް ދާ ސަރަހައްދުތައް ރަނގަޅަށް މެނޭޖުކޮށް، ތިމާވެއްޓަށް ކުރާ އަސަރު ވީހާވެސް ކުޑަކުރަން ޖެހޭ

މަސްވެރިންތަކެއް ފުން ކުރަން އުޅެނިކޮށް އަޑިއަށް ދިޔަ ވާވު ޝިޕްރެކް މަތިން ނަގާފައިވާ ފޮޓޯއެއް: މިއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސްޕޮޓެއް. (ފޮޓޯ/ނީލް ނިބޭ)

7. ޕޮލިއުޝަން މެނޭޖުކުރުން ރަނގަޅުކުރުން

  • ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ނައްތާލެވޭނެ ހަރުދަނާ ނިޒާމުތައް ގާއިމްކޮށް، އެ ނިޒާމުތައް ފުރިހަމައަށް ހިންގޭނެ ތަމްރީނު ދޭން ޖެހޭ

  • އަލުން ބޭނުންކުރުމާއި ރިސައިކަލް ކުރުމުގެ ޓާގެޓްތަކެއް ކަނޑައަޅާ، ރަށްރަށާއި ރިސޯޓުތަކުގައި ވެސް އެ ޓާގެޓަށް ވާސިލްވާން ޖެހޭ ގޮތް ހަދާ، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ

  • ނަޖިސް ފެން ޓްރީޓްމަންޓަށް ފަހު ބޭރު ކުރެވޭނެ ނިޒާމު ހުރިހާ ރަށެއްގައި ހަމަޖައްސަން ޖެހޭ

  • ވާރޭ ފެން ނެގުމަށް ހިތްވަރުދީ، ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭ

8. ކްލައިމެޓް ފައިނޭންސިން އިތުރުކުރުން

  • މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި ކްލައިމެޓް ފައިނޭންސިންއަށް އިސްކަންދީ، ކްލައިމެޓް ފައިނޭންސިން ލިބޭނެ ފަދަ ގޮތްތަކަށް މަޝްރޫއުތައް ބައްޓަން ކުރުން

  • މޫސުމީ ބަދަލުތަކަށް ވިލުންވެރިކުރާ ސްޓްރެޓެޖީ ތަންފީޒު ކުރާނެ ގޮތުގެ މާލީ ޕްލޭނެއް ވީހާވެސް އަވަހަކަށް އެކުލަވާލަން ވޯލްޑް ބޭންކުން ރާއްޖެއަށް ގޮވާލި؛ އެކަން ކުރަން ޖެހެނީ މިހާރު ގައުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ރިއާޔަތް ކުރުމަށް ފަހު

ވޯލްޑު ބޭންކުގެ ރިޕޯޓުގައި އެތައް އިންޒާރަކާ އެކު، ރާއްޖެއިން ހާއްސަ އިސްކަމެއް ދީގެން އަޅަން ޖެހޭ ފިޔަވަޅުތައް ފާހަގަކޮށްފައިވާ އިރު، އެކަމަށް އިޖާބަދިނުމަށް އަހަރެމެންނަށް މާގިނަ ވަގުތެއް ނެތެވެ. 

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ދުވަހުން ދުވަހަކަށް ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާ ގޯސްވަމުންދާ ކަމެވެ. ތަރައްގީގެ ނަމުގައި އަހަރެމެންގެ އިގްތިސޯދު ކޮޅަށް ޖަހައިދިން ސިނާއަތްތަކުގެ ބިންގާ އަހަރެމެންގެ އަތުން ހަލާކުކޮށްލުމަކީ މޮޔަ ކަމެއް ކަމެވެ. ވެށި ހަލާކުކޮށްގެން ހަގީގީ ތަރައްގީ ނުހޯދޭނެ ކަމެވެ.

ރާއްޖެ ފަދަ ނާޒުކު ގައުމަކަށް ކިރިޔާ ވެސް ރައްކާތެރިކަމެއް ލިބޭނީ، އަހަރެމެންގެ ރަށްތައް ހިމާޔަތްކޮށްދޭ ގުދުރަތީ ނިޒާމުތަކަށް ގެއްލުންދިނުމުގެ ބަދަލުގައި، އެތަންތަން އިޔާދަކުރަން މަސައްކަތް ކޮށްގެންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް