އައްޑޫ ނޭޗާ ޕާކު: ތިމާވެއްޓަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާ ގޮތަކަށް އިންވެސްޓު ކޮށްގެން މިފަދަ ތަންތަން ހިންގިދާނެ. ފޮޓޯ/ ހަސަން ނަޖްމީ، ޝަޓާސްޓޮކް

ތިމާވެށި

ކްލައިމެޓް ފައިނޭންސިން: ރާއްޖޭގެ ތަރައްގީއަށް އާ އިންގިލާބެއް

ރާއްޖޭގެ ގުދުރަތީ ދިރުންތައް ރައްކާތެރިކޮށް އޭގެ ތެރެއިން އާމްދަނީ ލިބޭ ކަންކަމަށް އިންވެސްޓްކުރުން މުހިންމު
13 އޭޕްރީލު 2023

ހަމައެކަނި ފައިިސާ ހޯދުމުގެ ބޭނުމުގައި ވިޔަފާރި ކުރުމުގެ ޒަމާން މިއަދު މިވަނީ ފާއިތުވެފަ އެވެ. ފައިސާއަށް ވުރެ އަގުހުރި ތަކެތި ވެސް ވާކަން ގަބޫލުކުރަން މަޖުބޫރުވެފަ އެވެ. އިންސާނުންގެ ތަރައްގީއަށް ޒަމާންތަކެއް ވަންދެން ތިމާވެށި ގުރުބާންކުރުމުގެ އަގު އަދާކުރަން ޖެހުމުން ކުރިން އަޅާލުމެއް ނުދީ ދޫކޮށްލި ކަންތައްތައް އެންމެ އިސްކުރަން ޖެހިފަ އެވެ.

މި ވިސްނުމާ އެކު ދުނިޔެ މިހާރު އެނބުރެމުން ދަނީ ވިޔަފާރީގެ އާ މޮޑަލްއަކާ ދިމާލަށެވެ. ޒަމާންވީ ޓްރެޑިޝަނަލް ފައިނޭންސިންގެ ބަދަލުގައި، އުފެއްދުންތެރި ވިސްނުންތަކާއި ގުޅިލާމެހި، ތިމާވެއްޓާއި މުސްތަގުބަލުގެ އަގު ވަޒަންކުރެވޭ ގޮތަށް ބައްޓަން ކޮށްފައިވާ ކްލައިމެޓް ފައިނޭންސިންއާ ދިމާލަށެވެ.

އެންމެ ތިލަކޮށް ބުނަންޏާ ކްލައިމެޓް ފައިނޭންސިންއަކީ އެކި ދިމަދިމާލުން ލިބޭ މާލީ އެހީ، މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކޮށް، އެ ބަދަލުތަކަށް ހޭނުމަށް ބޭނުން ކުރުމެވެ. ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވާ، ރީތި، ދުޅަހެޔޮ، ދެމެހެއްޓެނިވި ދުނިޔެއެއް ތަރައްގީ ކުރުމެވެ.

'ކޮންމެ ފައިނޭންސިންއެއް ވެސް ވާންވީ ކްލައިމެޓް ފައިނޭންސިންއަށް'

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާއެއް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (ސިޑްސް) އެކެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގެ ވަރުނުލާ ރާޅުތައް އެންމެ ފުރަތަމަ ބިންދާލާނެ އެއް ތަނަކީ މި ރާއްޖޭގެ ތިރި ގޮނޑުދޮށްތަކެވެ. ގަދަ ވަޔާއި ވިއްސާރަ އާއި، އުދައިގެ ބޮޑެތި ބާނިތަކާއި، ރަށްގިރުމާއި، ދަނޑުވެރިކަމާއި މަސްވެރިކަމަށް ބުރޫއެރުމާއި، ދެންވެސް އެތައް ގޮންޖެހުންތަކަކާ އެކު އެވެ.

އެހެންކަމުން އަހަރެމެން އެންމެ އިސްކަމެއް ދީގެން މިދަނޑިވަޅުގައި ކުރަން ޖެހިފައިވާ މަސައްކަތަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެ ބަދަލުތަކަށް ހޭނިފައިވާ ގައުމެއް ބިނާކުރުމެވެ. ވަގުތާއި، ފައިސާ އާއި ވަސީލަތްތައް ހޭދަކުރަންވީ ދިރިއުޅެވޭނެ ހާލަތެއްގައި އަންނަން އޮތް ޖީލުތަކާ ހަމައަށް މި ގައުމު ފޯރުކޮށްދިނުމަށެވެ.

ފުވައްމުލައް: މި ރަށުގައި ވެސް ގުދުރަތީ ރީތި އެތައް ކަމެއް ހިމެނޭ (ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް)

ޔޫއެންޑީޕީގެ އެސިސްޓަންޓް ރެޒިޑަންޓް ރެޕްރެޒެންޓެޓިވް، ރެޒިލިއަންސް އެންޑް ކްލައިމެޓް ޗޭންޖް، އަހުމަދު ޝިފާޒް ސިފަކުރެއްވި ގޮތުގައި "ރާއްޖޭގެ ތަރައްގީއަކީ ކްލައިމެޓް ރެޒިލިއެންސް" އެވެ. އެ ދެ ކަންތައް ވަކި ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

"އަހަރެމެންގެ ކުރިމަގު މުޅިންހެން ކްލައިމެޓް ޕްރޫފް ކުރަން އެބަ ޖެހޭ. އަހަރެމެންގެ ތަރައްގީއާ ބެހޭ ހުރިހާ ކަމެއް ކުރަން މި ޖެހެނީ ކްލައިމެޓް ރެޒިލިއަންސީ އިތުރުވާ ގޮތަށް. ކޮންމެ އިންވެސްޓްމެންޓެއް ވެސް ކުރަން މި ޖެހެނީ އެކަމަށް ވިސްނައިގެން،" އޭނާ ވިދާޅުވި އެވެ.

އެވާހަކަ އަށް ބާރުދެއްވާ ޔޫއެންޑީޕީގެ އިކޮނޮމިސްޓް މުހައްމަދު ޝަހުދު ވިދާޅުވީ "ރާއްޖޭގެ ކޮންމެ ފައިނޭންސިންއެއް ވެސް މިހާރު ވާން ޖެހޭނީ ކްލައިމެޓް ފައިނޭންސިންއަށް" ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ވިޔަފާރިތަކާއި ކުންފުނިތަކާއި ތަރައްގީގެ މަޝްރޫއުތައް ވެސް ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ގޮތަށް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދަން އަމާޒު ހިފާފައިވާ އިރު، ރާއްޖޭގެ ކުރިމަގު ވެސް އެ މަގަށް އަނބުރާލަން ޔޫއެންޑީޕީން ދާދި ފަހުން ވަނީ 10 އަހަރުގެ ބިޔަ މަޝްރޫއުއެއް ފަށާފަ އެވެ.

އެހެން ގައުމެއްގައި، މިސާލަކަށް ޑީސެލިނޭޓްކުރާ ފެން ޕްލާންޓެއް ބެހެއްޓުމަކީ 500،000 ޑޮލަރާ 700،000 ޑޮލަރާ [ދެމެދުގެ އަދަދަކުން] ވެދާނެ ކަމެއް. ރާއްޖޭގެ ގުދުރަތީ ގޮންޖެހުންތަކާއި ބޭނުންވާ ގިނަ އާލާތްތަކާއި ހުނަރު އިމްޕޯޓުކުރަންޖެހުމާގުޅިގެން ވެއްޖިއްޔާ އެ އަދަދު އަރާނެ 1.5 ނުވަތަ 2 މިލިއަން ޑޮލަރަށް.

އަހުމަދު ޝިފާޒް / ޔޫއެންޑީޕީ

ދުނިޔޭގެ ފަރުތައް ހިމާޔަތްކުރަން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް (ޖީއެފްސީއާރް)އާ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ، އެކު ޔޫއެންޑީޕީން ފެށި މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމެވެ.

އެއީ މުޅި ދުނިޔޭގައި ވެސް ހަތް ވަނައަށް އެންމެ ބޮޑު ފަރުގެ ނިޒާމެވެ. ފަސްވަނައަށް އެންމެ ދިރުންތައް މުއްސަނދި ފަރުގެ ނިޒާމު ވެސް މެއެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވާ އަގުހުރި ޖަވާހިރު ވެސް މެއެވެ.

'މިއީ ބޮޑު އިންގިލާބެއްގެ ފެށުން'

ފަރުތައް ހިމާޔަތް ކުރުމުގެ އަމާޒާ އެކު ޔޫއެންޑީޕީން ޖީއެފްސީއާރާ ގުޅިގެން ކުރާ މަސައްކަތުގައި އެންމެ އިސްކަމެއްދޭނީ ކްލައިމެޓް ފައިނޭންސިންގެ ދަށުން ތަރައްގީއަށް ހަރަދުކުރުމަށެވެ.

"ތަރައްގީ މިކިޔަނީ ހަމައެކަނި އުމްރާނީ ކަންކަމެއް ނޫން. ކުރިން ހިނގަމުންދިޔަ ގޮތަށް އިތުރަށް ކުރިއެރުވެން އޮތް ކޮންމެ ކަމެއް ވެސް އެއީ ޔޫއެންޑީޕީން ބަލާ ގޮތުގައި ތަރައްގީ. ވަރަށް 'ބްރޯޑް އަމްބްރެއްލާ'އެއް މި އިންނަނީ. ތަރައްގީއޭ ކީމަ ހުރިހާ ކަމެއް ވެސް ފެތޭނެ އޭގެ ތެރެއަށް،" ޝިފާޒު ވިދާޅުވި އެވެ.

ތަރައްގީގެ އެކިއެކި ކަންކަމަށް ކްލައިމެޓް ފައިނޭންސިންގެ ތެރެއިން ހަރަދުކޮށްގެން، ބޭނުންވަނީ ރާއްޖޭގެ ފައިނޭންސިން މޮޑަލް އާއި ވިޔަފާރިތަކާއި، މުޖުތަމައުގެ ތެރޭގައި ދެކޭ ގޮތާއި، ކޮންޒަވޭޝަންއާ މެދު ގެންގުޅޭ ވިސްނުންތަކަށް ބޮޑު ބަދަލެއް ގެންނާށެވެ.

ރާއްޖޭގެ މަސްވެރިން ކަނޑުމަތީގައި: މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު މަސްވެރިކަމަށް ވެސް ބޮޑު (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)

މިކަން ހާސިލުކުރުމަށްޓަކައި ކޮންމެ 18 މަހަކުން އާ ލަނޑުދަނޑިތަކެއް ކަނޑައަޅާ، ކުރަމުން އަންނަ ކަންކަން ރިވިއުކޮށް އޭގެ ކުރިއަށް އޮތް މަރުހަލާގައި ކުރާނެ ކަންކަން ނިންމާނެ އެވެ. ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭ ޕާޓްނާއެއްގެ ގޮތުގައި ޔޫއެންޑީޕީން ޖީއެފްސީއާރާ ގުޅިގެން ކުރާ މި މަސައްކަތުގައި 13 އިދާރާއެއް ބައިވެރިވެ އެވެ.

ފުރަތަމަ 18 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ކުރަން ނިންމާފައިވާ ކަންކަމަކީ:

1. އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކުގައި އިންވެސްޓްކުރުން

އައްޑު އާއި ފުވައްމުލަކުގައި ހުރި ނޭޗާ ޕާކުތަކުން ދައްކުވައިދެނީ ފަތުރުވެރިންގެ މެދުގައި އިސްތިހާރުކުރާ ރާއްޖެއިން އާންމުކޮށް ނުފެންނަ ފަދަ ހިތްގައިމުކަމެކެވެ. ޗަސްބިމާއި ކުޅީގެ ރީތިކަމެވެ. ގުދުރަތީ ފެހިކަމާއި، އެ ފެހިކަމުގެ ހިމާޔަތުގައި ވަޒަންވެރިވެފައިވާ ދިރުންތަކެވެ.

ނަމަވެސް ލާމަރުކަޒީ ކުރުމުގެ ތެރެއިން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި މި ނޭޗާ ޕާކުތަކުން މާލީ ފައިދާއެއް ނުވެ އެވެ. ތަނުގެ ހިންގުމުގެ ކަންކަމަށް ބޭނުންވާ ވަރަށް ވެސް އާމްދަނީއެއް ނުއުފެއްދެ އެވެ.

އެހެންކަމުން ޔޫއެންޑީޕީގެ ވިސްނުމަކީ ޖީއެފްއާރުސީން ލިބޭ ފައިސާ އެންމެ ފުރަތަމަ މި ދެ ނޭޗާ ޕާކުގައި އިންވެސްޓް ކުރުމެވެ. އެގޮތުން:

  • ކޮވިޑަށް ފަހު އިނދަޖެހި، ހަލާކުވެފައި ހުރި ނޭޗާ ޕާކުތައް އަލުން މަރާމާތުކޮށް ހުޅުވާލާނެ

  • ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން އެ ތަންތަނުން ފައިދާ ވާނެ ގޮތެއް ހޯދާ، ބ. ހަނިފަރު ބޭގައި ގާއިމްކޮށްފައިވާ ފަދަ 'މެރިން ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ސިސްޓަމް' އެއްފަދަ ނިޒާމެއް ގާއިމްކުރާނެ 

  • ގިނަ ފަތުރުވެރިން ނޭޗާ ޕާކުތަކަށް ގެނައުމުގެ މަސައްކަތް ކުރާނެ

  • ފައިދާގެ ގޮތުގައި އާމްދަނީ ލިބެން ފެށުމުން، އެ އާމްދަނީ ހޭދަކުރާނީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކަށް

2. ކޮރަލް ޕޮޒިޓިވް އިކޮނޮމީއެއް ފެށުން

'ކޮރަލް ޕޮޒިޓިވް އިކޮނޮމީ' އަކީ ކޮބައިކަން މިހާތަނަށް ރާއްޖޭގައި މާނަކުރެވިފައެއް ނެތެވެ. އެހެންކަމުން، 'ބްލޫ އިކޮނޮމީ' އެއްގައި ހުންނަން ޖެހޭ ސިފަތަކަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ. ޖެހެނީ އެންމެ ފުރަތަމަ ހަރުފަތުން ފަށާށެވެ.

އެގޮތުން ރާއްޖޭގެ ފަރުތަކަށް ގެއްލުން ލިބޭ ހުރިހާ ކަމަކުން ދުރުވާ ގޮތަށް ކަންކަން އަނބުރާލަން އެންމެ ފުރަތަމަ ކުރަން ނިންމާފައިވާ ކަންކަމަކީ:

  • ރާއްޖޭގެ ސިނާއަތުތަކުގައި ފަރުތަކާއި ވަށައިގެންވާ މާހައުލަށް ގެއްލުން ލިބޭ ގޮތަށް ކުރާ އިގްތިސޯދީ ކަންކަން ދެނެގަނެ، އެކަންކަން ހުއްޓުވުން

  • އެކަންކަން މިހާރު ކުރާގޮތުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުން ހުއްޓުވުމަށް އެއަށް ވުރެ ރަނގަޅު ގޮތްތަކެއް ހޯދުން

  • މިސާލު - މަސްވެރިކަމުގައި ބޭނުންކުރާ އުކުޅެއްގެ ސަބަބުން ފަރުތަކަށް ގެއްލުންވާ ނަމަ އެކަން ބަދަލުކުރުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސް ވާރޭ ފެނާ އެކުވެ ކަނޑަށް ބޭރުވާ ނަމަ އެކަން ހުއްޓުން

3. ތިމާވެއްޓާ ރައްޓެހި ވިޔަފާރިތަކަށް މާލީ އެހީ ދިނުން

ޔޫއެންޑީޕީގެ އަމާޒަކީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ފަދަ ގޮތަކަށް، މުޅި މުޖުތަމައުއަށް ހުޅުވާލައިގެން މި އެހީ ފޯރުކޮށްދިނުމެވެ. ޝިފާޒް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ހުޅުވާލާ ސްމޯލް ގްރާންޓްސް ޕްރޮގްރާމް އަމާޒުކުރާނީ ފުރުސަތުތައް އެންމެ ނުލިބޭ ފަރާތްތަކަށެވެ.

އޭގެ ތެރޭގައި:

  • ފުދުންތެރިކަން ހުރި މިންވަރުން ލޯނު ނަގަން ދަތިވާ ފަރާތްތައް

  • އަންހެނުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުން

  • ބާކީކޮށްލެވިފައިވާ އަތޮޅުތައް، ރަށްރަށް

  • ފުރުސަތުތައް ނުލިބޭ އެހެނިހެން ފަރާތްތަކަށް

މީގެ އިތުރުން ވެސް އެފަދަ ވިޔަފާރިއެއް ފެށުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅަން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން ފުރުސަތު ހުޅުވާލަން ނިންމާފައިވެ އެވެ. އެކަމަށް ބޭނުންވާ ކްރައިޓީރިއާތައް ކަނޑައެޅުމަށް ފަހު އެ ފުރުސަތު ހުޅުވާލާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

އެއާ އެކު އުފެދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރި (ކުމެވި)ތަކަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެ ވިޔަފާރިތަކަށް އެންމެ ފުރިހަމަ ކާމިޔާބީއެއް ހޯދޭނެ ކަން ޔަގީންކުރުމުގެ ގޮތުން ފުރަތަމަ މަރުހަލާއިން ފެށިގެން ވިޔަފާރި ފުޅާވެ، އަމިއްލަ ފައި މައްޗަށް ތެދުވެވެންދެން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

"މިސާލަކަށް 50،000ރ. ގެ ލޯނެއް ނަގައިގެން ވިޔަފާރި ރަނގަޅަށް ހިނގައިގަތީމަ، ރިޓާން ލިބެން ފެށީމަ އަނެއްކާ ރީފައިނޭންސް ވެސް ކުރެވޭނެ، އިތުރަށް ވިޔަފާރި ފުޅާކުރަން،" ޝިފާޒް ވިދާޅުވި އެވެ.

"އެހެންވީމަ އަހަރެމެންނަށް ކޮރަލް ޕޮޒިޓިވް ވިޔަފާރިތަކުގެ ޖީލެއް މި ބިނާ ކުރެވެނީ. ފަސް އަހަރުގެ ތެރޭގައި މި ވިޔަފާރިތައް ވަރަށް ރަނގަޅު ވަރަކަށް ފުޅާވުމަކީ މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒު. މި ފަދަ ވިޔަފާރިތަކަށް ވާގިވެރިވާ ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެނައުމަށް މަގުފަހިކުރެވޭނެ."

4. އިލްމީ ދިރާސާތައް ހެދުން

މިހާތަނަށް މުޅި ރާއްޖެ ހިމެނޭހެން އެންމެ އެކަށީގެންވާ ގޮތަށް ފަރުތަކާއި ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތަކެއް ހެދިފައެއް ނުވެ އެވެ. ރާއްޖޭގެ ފަރުތަކުގެ ހާލަތު ދެނެގަންނާނެ ޑޭޓާބޭސް އެއް ނެތުމުގެ ސަބަބުން ފަރުތަކަށް އަންނަ ބަދަލުތަކާއި، މަރުވަމުންދާ ފަރުތަކާއި އަލުން އިއާދަވަމުންދާ ފަރުތައް ދެނެގަތުމުގައި ގޮންޖެހުންތައް ކުރިމަތިވެ އެވެ. ފަރުތަކަށް އެންމެ ބޮޑެތި ގެއްލުންތައް ކުރިމަތިވާ ސަބަބުތަކާއި ފަރުތައް އިއާދަވުމަށް މަގުފަހިވާ ކަންކަން ވެސް އެންމެ އެދެވޭ ގޮތުގައި އަދި ދެނެގަނެވިފައެއް ނުވެ އެވެ.

އެ ދިރާސާތައް ހެދުމަކީ ވެސް ޔޫއެންޑީޕީން ދެކޭގޮތުގައި ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މިހާރު ދިރާސާ ހަދަން ބޭނުންކުރާ އުކުޅުތައް ބަދަލުކޮށް، ވަސީލަތްތައް އެންމެ ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ އިތުރު ގޮތްތައް ބަލާނެ އެވެ. އެގޮތުން:

  • ރިމޯޓް ސެންސިން ނުވަތަ އޭއައި ބޭނުންކުރުން

  • ޑާޓާ އެއްކޮށް ދިރާސާ ކުރާ މީހުންގެ އަތުން އެ މައުލޫމާތު ގަތުން، ނުވަތަ އެމީހުންނާ އެކު އެއްބަސްވުންތަކެއްގެ ދަށުން ތަފާސްހިސާބު އެއްކުރުން

5. ކޮމިއުނިޓީ ޒިންމާ

ވިޔަފާރިއެއް ގާއިމްވެފައި ހުންނަ ސަރަހައްދަކުން އެ ސަރަހައްދެއްގެ ގުދުރަތީ ވަސީލަތްތައް ބަލަހައްޓާ، ހިމާޔަތް ކުރުމުގެ ޒިންމާ ނެގުމެވެ. މިއީ ރާއްޖޭގެ ރިސޯޓުތަކުން މިހާރުވެސް އަމަލުކުރަމުން އަންނަ ގޮތެވެ.

މިހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެ ނަމަ ދެވަނަ ފިޔަވަހީގައި ބަލާނީ ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރުމަށެވެ.

ފައިސާ އަންނަނީ ކޮން ތަނަކުން؟

ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވާތީ ބޮޑެތި ގައުމުތަކާ އަޅާބަލާއިރު ކުރިމަތިވާ ގޮންޖެހުންތައް ގިނަ އެވެ. މާލީ ގޮތުން ކުރިމަތިވާ ގޮންޖެހުމަކީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ދުނިޔޭގެ ފެންވަރުގައި ވެސް ކުދި ޖަޒީރާ ގައުމުތަކުގެ ގުދުރަތީ ނާޒުކުކަން އަދި ތަރައްގީގެ ދަތުރަކީ އެ ނޫން ގައުމުތަކާ ތަފާތު ގޮތަކަށް މިނާ ގައުމުތަކެއް. ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ނުވަތަ ސިޑްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ތަފާތު ނަޒަރަކުން ބަލަން ޖެހޭ ކަމަށް ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރޭ. މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުގެ ސަބަބުން ކުރިމަތިވާ ހިރާސްތައް، ގުދުރަތީ ގޮތުން އުފެދިފައިވާ ޖިއޮގްރަފީގެ ސަބަބުން ކުރިމަތިވާ ދަތުރުފަތުރާއި މުއާސަލާތުގެ ގޮންޖެހުންތައް، އާބާދީ ކުޑަވުމުގެ ސަބަބުން ހާއްސަ ހުނަރުތަކާއި އުފެއްދުންތެރިކަމަށް އަންނަ ގޮންޖެހުންތައް، އިކޮނޮމީސް އޮފް ސްކޭލް ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް،" ޝިފާޒް ވިދާޅުވި އެވެ.

"އެހެން ގައުމެއްގައި، މިސާލަކަށް ފެން ޕްލާންޓެއް ބެހެއްޓުމަކީ 500،000 ޑޮލަރާއި 700،000 ޑޮލަރާ [ދެމެދުގެ އަދަދަކުން] ވާނެ ކަމެއް. ރާއްޖޭގައި ވެއްޖިއްޔާ އެ އަދަދު އަރާނެ 1.5 ނުވަތަ 2 މިލިއަން ޑޮލަރަށް. އެންމެ ބޮޑު އެއް ސަބަބަކީ ބޭނުންވާ ހުރިހާ ވަސީލަތެއް ބޭރުން އިމްޕޯޓްކޮށް އެ ތަކެތި މަންޒިލަށް ގެންދިއުމުގައި ހިނގާ ލޮޖިސްޓިކް ހަރަދު. ހަމަ އެއާ އެކު، ތަޖުރިބާ ހުރި މީހުން މަދުވުމާއި ކަސްޓަމަ ބޭސް ކުޑަކަމުން ހިދުމަތުގެ އަގު ވެސް މައްޗަށް ދާނެ."

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅޭ ގޮތުން ހޯދިހޯދުންތަކަށް ރިއާޔަތްކޮށް ޝަހުދު ވިދާޅުވީ ރާއްޖޭގައި އެންމެ އެދެވޭ ފެންވަރަށް މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކޮށް، އެކަމުގެ އަސަރުތަކަށް ހޭނެން ކުރަން ޖެހޭ ކަންކަން ހާސިލްކުރަން އަހަރަކު ގާތްގަނޑަކަށް 800 މިލިއަން އާއި 1.5 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް މިހާރު އަންދާޒާ ކުރެވެއެވެ.

މި އަދަދަކީ ސަރުކާރުގެ އަހަރީ ބަޖެޓުގެ ތެރެއިން ހޯދިދާނެ އަދަދެއް ކަމުގައި ނުބެލެވެ އެވެ. އެ ފައިސާ ހޯދަނީ ކޮން ތާކުން ހެއްޔެވެ؟

ރާއްޖެ އައި ދެ ޓޫރިސްޓަކު ހުޅުލޭ ފާލަން މަތީގައި: ޓޫރިޒަމް ދާއިރާއަށް ބޭރުގެ އިންވެސްޓްމެންޓް ގިނަ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ރާއްޖެއަކީ ރާއްޖެ ފަދަ އެހެން ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލާއިރު ރަނގަޅު އަދަދަކަށް ބޭރުގެ އިންވެސްޓްމެންޓްތައް އަންނަ ގައުމެކެވެ. ކޮވިޑްގެ ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގައުމުގެ ޖީޑީޕީގެ %19 އަކީ މިފަދަ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) އެވެ.

ނަމަވެސް، ޝަހުދު ދެކެވަޑައިގަންނަވާ ގޮތުގައި، މާލީ ގޮތުން ބޭރުގެ ފަރާތްތަކުން ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ އެއްވަރަށް ގައުމުގެ އެތެރޭގެ މާކެޓްތަކުން ވެސް ފައިސާ ހޯދިދާނެ ގޮތްތަކާ މެދު މިހާރު ފުޅާކޮށް ވިސްނަން ވެއްޖެ އެވެ. މިގޮތުން، ޔޫއެންޑީޕީ އާއި ފިނޭންސް މިނިސްޓްރީއިން ވަރަށް ފަހުން ނެރެފައިވާ އިންޓެގްރޭޓެޑް ނެޝަނަލް ފައިނޭންސިން ފްރޭމްވޯކްގައި، ރާއްޖެއަށް އެތެރޭގެ މާކެޓްތަކުން ކްލައިމެޓް ފައިނޭންސް ހޯދުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖެއަށް ބަލާއިރު ޑޮމެސްޓިކް މާކެޓުގައި އެބަހުރި ހަމަ ވަރަށް ރަނގަޅު އަދަދަކަށް ފައިނޭންސިން. މީގައި މިއުޅޭ މައްސަލައަކީ، ކިހިނެއްތޯ އެ ފައިސާ ރީއެލައިން ކުރާނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ދިމާލަށް،" ޝަހުދު ވިދާޅުވި އެވެ.

އެ އެލައިންމަންޓް ގެނެވިއްޖެ ނަމަ، ޝަހުދު ގަބޫލުކުރައްވަނީ، މިހާރުވެސް ސިސްޓަމްގެ ތެރޭގައި ހުރި ފައިނޭންސިން ކްލައިމެޓް ފައިނޭންސިންގެ ގޮތުގައި ޗެނަލް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެއީ ވަރަށް ސީރިއަސްކޮށް ކުރެވޭތޯ ބަލަން ޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ޑޮމެސްޓިކް މާކެޓުން މިސާލު ނަންގަވަމުން ޝަހުދު ވިދާޅުވީ:

  • ރާއްޖޭގެ ބޭންކުތަކުގައި ވަރަށް ގިނަ ފައިސާ އެބަހުރި؛ ޑިޕޮޒިޓާ އަޅާބަލާއިރު ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ލޯނުތައް މަދު

  • ވަރަށް ބާރަށް އިތުރުވަމުންދާ ޕެންޝަން ފަންޑެއް ވެސް ރާއްޖޭގައި އެބަ އޮތް؛ ރައްކާތެރި ގޮތަކަށް އެ ފައިސާ ވެސް އިންވެސްޓް ކުރާނެ ގޮތްތައް ހޯދިދާނެ

ކްލައިމެޓް ފައިނޭންސިންއާ ދިމާލަށް ރާއްޖޭގެ ޑޮމެސްޓިކް މާކެޓް އަނބުރާލުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ:

  • ދެމެހެއްޓެނިވި ތަރައްގީގެ ކަންކަމުގެ ގޮތުގައި ހިމެނޭ ކަންކަން ގައުމީ ފެންވަރުގައި ކަނޑައެޅުން

  • އެކަންކަމަށް ފެތޭ ވިޔަފާރިތަކަށް ފައިނޭންސް ދޭ ފަރާތްތަކަށް ވަކި ކަހަލަ އިނާޔަތްތަކެއް ދޭ ގޮތަށް ޕޮލިސީތައް ބައްޓަންކުރުން

ރާއްޖެއަށް ކްލައިމެޓް ފައިނޭންސިންއަށް ބޭނުންވާ ފައިސާ ހޯދުމުގައި ބޭރުން އަންނަ ފައިނޭންސިން އާއި ޑޮމެސްޓިކް ފައިނޭންސިން ބްލެންޑް ކުރެވިދާނެ ގޮތްތައް ހޯދައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން މިހާރަށް ވުރެ ފުޅާކުރެވިދާނެ ކަމަށް ޝަހުދު ވިދާޅުވި އެވެ. ބޭރުން ލިބޭ މާލީ އެހީ އިތުރުކުރަން މަސައްކަތް ކުރުމާ އެކު، ބޮންޑު ވިއްކުމުގައި ކްލައިމެޓް ފައިނޭންސިންގެ ކަންކަމަށް މަގުފަހިވާ ގޮތަށް އެކަން ކުރެވިދާނެކަން އޭނާ ފާހަގަކުރެއްވި އެވެ. ގްރީން ފަންޑާއި ކްލައިމެޓް ޓްރަސްޓްތަކުގެ ގޮތުގައި މިހާރު ވެސް ހިންގަމުން ގެންދާ ފަންޑުތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ބޭނުންކުރެވޭނެ ނިޒާމެއް ވެސް ފަރުމާކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްލައިމެޓް ފައިނޭންސިންއާ ދިމާލަށް މިސްރާބު ހިފައި މި ދަތުރުގައި އަމާޒުން ކައްސާނުލާ ރާއްޖެއިން ކުރިއަށް ހިނގައްޖެ ނަމަ، މީގެ 10 އަހަރު ފަހުން ފެންނާނީ ވަރަށް ވެސް ތަފާތު މަންޒަރެކެވެ. ކުޑަ ޖަޒީރާއެއްގައި ތަރައްގީ މާނަކުރެވޭ ގޮތާއި، ވިޔަފާރިތައް ބައްޓަންވާ ގޮތާއި މީހުންގެ ވިސްނުމަށް އޮންނާނީ އިންގިލާބެއް އައިސްފަ އެވެ. ރާއްޖެއިން ދާނީ ފަހުރުވެރިކަމާ އެކު މުޅި ދުނިޔެއަށް ރީތި، ދެމެހެއްޓެނިވި، ގުދުރަތީ މިސާލެއް ދައްކަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް