އއ. ހިމަންދޫގެ ހުޅަނގު ދެކުނު ފަރާތް ގިރާލާފައި.
ރަށްތައް ގިރާލައިގެން ދާއިރު ބަލަހައްޓައިގެން ތިބެންވީތަ؟
"ވަރަށް ގިނަ، ވަރަށް ގިނަ [ރަށްރަށް އެބަ ގިރާ]. ނުދެވޭ ނުގިރާ ރަށަކަށް."
މިއީ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ވ. އަތޮޅުގެ ކައުންސިލް މެމްބަރު އަދި ވ. ތިނަދޫގެ ކައުންސިލް ރައީސް ޝިފާގު ހުސެން (ޝޭހުބެ) 'ދައުރު'އަށް ވިދާޅުވި ވާހަކައެކެވެ.
"ދެން ކުރިން ވެސް ގިރާ، އެކަމަކު އެއީ ވޮޑޭ ވެލިގަނޑު. އެ ވެލިގަނޑަކީ އެއް މޫސުމުގަ އެއް ދިމާލަށް ގޮސްފައި އަނެއް މޫސުމުގައި އަނެއް ދިމާލަށް އަންނަ ވެލިގަނޑެއް. އެކަމަކު މިހާރު އެހެންނެއް ނޫން މި ވަނީ. މިހާރު މިވާ ގޮތަކީ ހަމަ ވެލިތައް ފައިބައިގެން ގެއްލިގެން ދަނީ،" އޭނާ ވިދާޅުވި އެވެ.
ރަށްގިރުމުގެ ހެއްކަކަށް ޝިފާގު މިސާލު ނެންގެވީ އުފަން ރަށުންނެވެ. އޭނާ ވިދާޅުވި ގޮތުގައި:
-
2019ގައި ވ. ތިނަދޫއިން ގޯތި ދޫކުރުމަށްޓަކައި ލޭންޑް ޔޫޒް ޕްލޭނެއް ހަދައި އެ ކަމަށް ބޭނުންވާ ސާވޭތައް ކުރި
-
ސާވޭއަށް ފަހު ގޯތި ކުރަހާ، ގޯތި ކަނޑަން 2020ގައި ދިޔަ އިރު، ދެ ގޯތި ދޫކުރެވޭކަށް ނެތް
-
އެއީ އިން ވަކިކުރަން ދިޔައިރު، ގާނޫނުން ލާޒިމް ކޮށްފައިވާ ގޮތަށް ގޮނޑުދޮށާއި ގޯއްޗާ ދެމެދުގައި ދޫކޮށްފައިވާ 60 ފޫޓުގެ 'ވެޖަޓޭޝަން އޭރިއާ' 20 ފޫޓަށް ކުޑަވެފައިވާތީ
"އެހެންވީމާ 40 ފޫޓު އެ އޮތީ އެއް އަހަރު ތެރޭ ގިރައިގެން ގޮސްފައި. އެއީ ވަރަށް ބޮޑު އަދަދެއް. އެ ވެލިގަނޑު ނެތް އެހެން ދިމާލަކުން ފެންނަން ވެސް. ހަމަ އެއްކޮށް ގެއްލިގެން ދިޔައީ،" ޝިފާގު ވިދާޅުވި އެވެ.
މިއީ އެންމެ ރަށަކުން ފެންނަން އޮތް އެންމެ މިސާލެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެތައް ރަށެއްގައި މިފަދަ އެތައް މިސާލެކެވެ.
ކަނޑުގެ ލޮނުގަނޑު އެބަ އުފުލޭ؛ ސަމާލުވާން ޖެހޭ
ޝިފާގު 'ދައުރު'އަށް ކިޔައިދެއްވި ގޮތުގައި:
-
2020 ވަނަ އަހަރު ޓައިވާންގެ ނުވަ ޕްރޮފެސަރުންގެ ޓީމެއް ވ. ތިނަދޫގައި ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ދިރާސާއެއް ހަދާފައި
-
ދިރާސާގެ ހޯދުންތަކަށް ބަލައި އެ މީހުން ނިންމާފައިވަނީ ކަނޑުގެ ލޮނުގަނޑު ކުރިއާ ބަލާއިރު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް
".... ތޮށިމަތިން މި އަންނަ ރާޅު، ރަށްރަށުގެ ވަށައިގެން އޮންނަ ފަރާއި ގާތަކުގައި ޖެހިގެން، އޭރުގައި އަންނަ ރާޅުގެ ބާރު (ވޭވް އެނާޖީ) ވަރަށް އެބަ ދަށްކޮށްލާ. މިހާރު ލޮނުގަނޑު އުސްވުމާ ގުޅިގެން އެ އެނާޖީ މަޑެއް ނުވޭ، އެނާޖީ ދުއްވާލެވޭ ގޮތެއް ނުވޭ. އެހެންވީމަ، ވަރަށް ވަރުގަދަ އެނާޖީއެއްގައި އައިސް ރަށަށް ރާޅު ޖަހާތީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް އެބަ ދިމާވޭ،" އެ ޓީމުގެ ހޯދުންތަކާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
ދުނިޔެ ހޫނުވުމާ ގުޅިގެން ދެ ތަނޑީގައިވާ ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާއިރު އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ ފަދަ ތިރި ޖަޒީރާ ގައުމުތަކަށް ކަމަށް ސައިންސްވެރިން އިންޒާރު ދެމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ. އަށާރަ ސަތޭކައިގެ އަހަރުތަކާ އަޅާބަލާއިރު، މިހާރު ވެސް ކަނޑުގެ ލޮނުގަނޑު ވަނީ އެވަރެޖްކޮށް 8 އިންޗި އުފުލިފަ އެވެ.
މި ވަރަށް ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ ފަދަ ގައުމުތަކަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި:
-
ރާޅުތައް ބޮޑުވެ، ރާޅުތައް މަތަކުރަން އުނދަގޫވުން
-
ރަށްގިރުން އާންމުވެ، ދިރިއުޅެން އޮތް ސަރަހައްދު ކުޑަވުން
-
އުދައެރުން އިތުރުވެ، އެފަދަ ހާދިސާތަކުން ލިބޭ ގެއްލުން ބޮޑުވުން
-
ރަށްރަށުގެ މީރުފެން ފަށަލަ ލޮނުވުން
ރާޅުތައް ވާނީ ހައްތަހާ ބޮޑު
ރަށްގިރުމުގެ އިތުރުން، ފަހަކަށް އައިސް ކޮންމެ ހުޅަނގު މޫސުމުގައި ވިއްސާރަވެ، ވައިގަވަދާ ދުވަސްކޮޅު އުދަ އަރާ ނިސްބަތް ވެސް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ.
މި މަހުގެ ކުރީކޮޅު މާލޭގެ ބްރިޖު ބަލާ ޕުލެޓުފޯމާ ދިމާލުން އުދަ އަރައި ބްރިޖް ވިއުއާ ދިމާލުން ފެން ބޮޑުކޮށްލި އެވެ. ޖެހިގެން އައި ދުވަހު ސިނަމާލެ ބްރިޖުގެ ހައިވޭއާ ދިމާލުން އުދައާ އެކު ވެލިއަރަމުން ދާތީ ފުލުހުން ވަނީ ސަމާލުވާން އެދިފަ އެވެ. މާލެ ސަރަހައްދުގެ އިތުރުން ރަށްރަށަށް ވެސް އުދައަރާ ނިސްބަތް ދަނީ އިތުރުވަމުންނެވެ.
އާއްމު ގޮތެއްްގައި މި ގޮތަށް އުދަ އަރަނީ ދެކުނު އިންޑިއާ ކަނޑުގައި އުފެދޭ ތޫފާނުގެ ސަބަބުން ކަނޑުގެ ބާނިތައް ބޮޑުވެގެންނެވެ. ކުރިން އުދަ އަރަނީ ވަކި ދުވަސްވަރެއްގައި ނަމަވެސް، މިހާރު ކޮންމެ އިރަކު ވެސް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
މިއީ އެންމެން ގުޅިގެން ހޭލުންތެރިކަން އިތުކުރަން ޖެހޭ ކަމެއް. ބަލަހައްޓައިގެން ތިބެވޭކަށް ނެތް. pic.twitter.com/9zGtUpjKCh
— Ahmed Zahir (@hirigazahir) July 9, 2023
"[މި އަހަރު ވެސް] މިއީ ހަމަ އާއްމުކޮށް ހުޅަނގު މޫސުމުގައި އަރާ އުދަ. އެކަމަކު ރާޅުތައް އަންނަ ގޮތާއި ޑައިރެކްޝަން އަދި ވޭވް ޕީރިއަޑް އެބަ މިހާރު މަތިވޭ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ފަހުން ކުރި ވިއްސާރައާ ގުޅިގެން ރިޕޯޓުކޮށްފައިވާ ގެއްލުންތަކުގެ ތެރޭގައި:
-
ހދ. ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައިވޭ
-
މީގެ އިތުރުން ވެސް ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްފައިވޭ
-
ބ. މާޅޮހާއި ޅ. ނައިފަރުގައި ވާރޭވެހި ފެންބޮޑުވެފައިވޭ؛ މާޅޮހުގެ ތިން ގެއަށް ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު
އެންޑީއެމްއޭ އިން 'ދައުރު'އާ ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި 2018 އިން 2021ގެ ނިޔަލަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ އުދައެރުމުގެ 25 ހާދިސާއެކެވެ. ނަމަވެސް، މިދިޔަ އަހަރު އެކަނި އެފަދަ 35 ހާދިސާއަށް ވުރެ ގިނައިން ރިޕޯޓުކޮށްފައިވެ އެވެ. އެންމެ ގިނައިން އުދައެރުމުގެ ހާދިސާތައް ރިޕޯޓުކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކުންނެވެ.
'މިއީ އިންސާނުންގެ އަމަލުތަކުގެ ހިތި ނަތީޖާ'
އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އަސަރުތައް އިތުރަށް ގޯސްވެ، ގެއްލުން ބޮޑުވުމުގެ ފުރުސަތު ފަހިވާ ކަމަށް ސައިންސްވެރިންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ފާހަގަކުރެ އެވެ. އެގޮތުން، ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ:
-
ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ރަށްރަށް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަދަލު އައުމުން؛ އެއާ އެކު، އޮޔާއި ވައި ހުންނަ ގޮތުން ރަށުގެ ވެލިގަނޑަށް ބަދަލު އައިސް، ރަށްގިރުން ފަދަ މައްސަލަތައް ބޮޑުވޭ
-
ކުޅިތަކާއި ޗަސްބިމާއި ފަރުތައް ފަދަ ރަށްރަށް ހިމާޔަތްކޮށްދޭ ގުދުރަތީ ނިޒާމުތައް ހަލާކުވުމުން؛ އެކަމުގެ ސަބަބުން ރާޅުތައް މަތަކުރުމުގެ ގާބިލްކަން ގެއްލޭ
-
ގަސްގަހާގެހި ކެނޑުމުގެ ސަބަބުން ރަށްރަށުގެ ފަސްގަނޑު ދޫވެ، ރަށްގިރުމަށް މަގުފަހިވުން؛ އެއާ އެކު، އުދައެރުމުގެ ފުރުސަތު ބޮޑުވެ، ގެއްލުންތައް އިތުރުވޭ
"ކޮންމެ ރަށަކަށް ވެސް ލަފާފުރުމުގެ ދަތިކަން އޮތީމަ ބަނދަރު ހެދުން ވަރަށް މުހިއްމު. ކޮންމެ ކަމެއް ރަށަށް ވިޔަސް ބަނދަރު ހަދަން އެބަ ޖެހޭ. އެކަމަކު ބަނދަރު ހެދީމަ މައްސަލަ އިތުރަށް ބޮޑުވެގެން އެބަދޭ،" އެންމެ އާންމުކޮށް ރާއްޖޭގައި ހިންގާ އެއް ތަރައްގީގެ މަޝްރޫއުއާ ގުޅޭ ގޮތުން ޝިފާގު ވިދާޅުވި އެވެ.
"އެއީ އޮއިވަރަށް ބަދަލުތަކެއް އާދޭ. ގިރުމުގެ މައްސަލަ އިތުރަށް އެބަ ބޮޑުވެގެންދޭ. މިސާލަކަށް، ބަނދަރު ތެރެއަށް ވެލި އެޅުމާއި ބަނދަރު ހެދުމަށްޓަކާ މި ކޮންނަ ދިމަދިމާލުން ނުވަތަ ވެހިކަލް އެއްޗެހި ބޭނުންކޮށްގެން ހަލާކުވާ ދިމަދިމާލުން ނެރު ހެދިގެން، ކަނޑަށް އެބަ ވެލި ބޭރުވޭ،" އޭނާ ފާހަގަކުރެއްވި އެވެ.
އެންމެ ރަނގަޅު ގޮތަކީ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުދިނުމެވެ. ނަމަވެސް، އިގްތިސޯދީ ކުރިއެރުމަށާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެހެން ހިންގަން ޖެހިގެން ހިންގާ މަޝްރޫއުތައް ހިންގާ އިރު ވެސް ރަށުގެ މާހައުލާއި ގުދުތަރީ ނިޒާމުތަކަށް ވީހާ ވެސް ގެއްލުން ކުޑަވާނެ ގޮތަށް އެކަންކަން ކުރުމަށް ބޮޑު އިސްކަމެއް ދޭން ޖެހެ އެވެ.
ބަދަލުތަކަށް ހޭނެވޭނީ ކިހިނެއް؟
މުޅި ގައުމަށް ކުރިމަތިވެފައިވާ މި މައްސަލައަކީ ފަރުދީ ޒިންމާ އަދާކޮށްގެން ހައްލު ހޯދޭ ވަރަށް ވުރެ މާ ބޮޑު މައްސަލައެކެވެ. ބަލަބަލާ ތިއްބާ ރަށްރަށް ގިރައިގެން ދަނީ އެވެ. ގޮނޑުދޮށުގައި ވެލި ބަސްތާ ޖަހައިގެން ހިފެހެއްޓޭ ވަރަށް ވުރެ ރާޅުތައް ބޮޑުވެއްޖެ އެވެ. ދެން ހެދޭނީ ކިހިނެއް ހެއްޔެވެ؟
ކަނޑުގެ ލޮނުގަނޑު އުފުލުމަށް ހޭނުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި:
-
ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކާއި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދެނެގަންނަން ރަނގަޅު ދިރާސާތަކެއްކޮށް، ހަރުދަނާ އުސޫލެއްގެ ދަށުން ރަށްރަށް ހިމާޔަތް ކުރެވޭނެ ގޮތްތައް ދެނެގަތުން
-
އުދަ އަރަމުންދާ ގޮތް ދިރާސާކޮށް، އުދަ އެރުމުގެ ކުރިން އެކަން ދެނެގަނެ، ތައްޔާރުވެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމްކުރުން
-
ރަށްގިރުމާއި ރާޅު އަރާ މުދަލާއި ގެދޮރަށް ގެއްލުން ލިބުން ކުޑަކުރުމަށްޓަކައި ރަށް ވަށައިގެން ތޮށިލައި ރިވެޓްމެންޓް ޖެހުން
-
ފަރުތަކާއި ކުޅިތަކާއި ޗަސްބިން ހިމާޔަތްކޮށް، އެ ތަންތަނުގެ ދިރުންތައް ރައްކާތެރިކުރުން
-
އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ކަމަށް ވިސްނައިގެން މަޝްރޫއުތައް ފަރުމާ ކުރުން؛ މިސާލަކަށް ފެނާއި ނަރުދަމާ އަޅާއިރު އުދައަރައި ފެންބޮޑުވެއްޖެ ހާލަތެއްގައި އެ ނިޒާމަށް އަސަރު ނުކުރާނެ ގޮތަށް ވިސްނައިގެން ހޮޅި ވަޅުލުން
-
ގޯތި ދޫކޮށް، ގެދޮރު އަޅާއިރު ރަށްގިރުމަށް ވިސްނައި ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ތަންތަން އިމާރާތް ނުކުރުން
-
ފަސްގަނޑު ހިފަހައްޓައި ރަށްގިރުމުގެ އަސަރު ކުޑަ ކުރުމަށްޓަކައި މޫދުވިނަ ހައްދައި އާލާކޮށް، ރަށްރަށުގެ ހޭޅިފަށުގައި ރުއްގަސް އިތުރުކުރުން
ލޮނުގަނޑު އުފުލުމުގެ ސަބަބުންނާއި ވެއްޓަށް ދެވޭ ގެއްލުމުގެ ސަބަބުން ކުރާ އަސަރުތައް ދުވަހުން ދުވަހަކަށް ބޮޑުވަމުންދާ އިރު، މިހާރު ކުރެވެން އޮތް ކަމަކީ ކުރިއަށް އޮތް އަހަރުތަކުގައި މި މައްސަލަތައް އިތުރަށް ގޯސްވާނެކަމާ މެދު ހޭލުންތެރިވެ، ގެއްލުން ކުޑަކުރަން މަސައްކަތް ކުރުމެވެ.
ނަމަވެސް، ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއް އާންމު ފަރުދަކަށް ނުހިންގޭނެ އެވެ. އެކަމަށް ހޭދަވާ ހަރަދާއި ގާނޫނުތައް ބައްޓަންވެފައިވާ ގޮތުން ލިބޭ ހަނި ފުރުސަތުގެ ސަބަބުން، ރަށު ކައުންސިލްތަކުން ވެސް ވަނީ އެކަން ކުރަން ނުކުޅެދިފަ އެވެ. އެހެންކަމުން، އެ ޒިންމާގެ ބޮޑުބައެއް އެޅެނީ ސަރުކާރުގެ ބޮލުގަ އެވެ.
'ކަމަކަށް ކަމެއް' ކުރާ އުސޫލު ދޫކޮށްލަން ޖެހޭ
މިދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ 20 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކޮށްފައިވެ އެވެ. މިހާރު ވެސް ނުވަ ރަށެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ނަމަވެސް، ސަރުކާރުން މިފަދަ ބޮޑެތި ހަރަދުތައް ކޮށްގެން ހިންގާ ޕްރޮޖެކްޓުތަކުން ގިނަ ފަހަރަށް އެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ނުލިބޭކަން، އެ މަންޒަރު ކައިރިން ފެނިފައިވާ ޝިފާގު ވިދާޅުވި އެވެ. އޭގެ އެއް މިސާލަކީ، އޭނާ ވިދާޅުވި ގޮތުގައި، ވ. ފުލިދު އެވެ. ދެން، ހަމަ އެ އަތޮޅު ރަކީދޫ އެވެ.
ރަށްގިރުމުގެ މައްސަލަ ބޮޑުވެގެން ފުލިދޫގައި ވަނީ މިފަހުން ތޮށިލާ ނިންމާފަ އެވެ. އެކަމަކު އަދިވެސް އެ ރަށް ދަނީ ކޮންމެވެސް ވަރަކަށް ގިރަމުންނެވެ. ރަކީދޫގައި ވެސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކާ އެކު ހުރަސް ތޮށި ޖަހާފައިވީ ނަމަވެސް، އެ ރަށް ވެސް ގިރަނީ އެވެ.
"ހަގީގަތުގައި [މަޝްރޫއުތައް ހިންގާއިރު] ދެނެނުގަނެވެނީއޭ، ރަނގަޅަށް ރިސާޗު ނެހެދެނީއޭ، ރަނގަޅަށް ސާވޭ ނުކުރެވެނީއޭ. ވ. އަތޮޅުގައި ރަށްތައް މި ހުރި ގޮތުން [ރަށް]ގިރުން ހުއްޓުވަން، އެ ވަރަށް ބަލައި އެ ވަރަށް އެ މަސައްކަތް ނުކުރެވެނީއޭ. ސަބަބަކީ، އެކަންކަން ހައްލުކޮށްފައި އެބަހުރި ވ. އަތޮޅުގެ ރިސޯޓުތަކުގައި،" ޝިފާގު ފާހަގަކުރެއްވި އެވެ.
އެފަދަ އެއް ރިސޯޓަކީ، ޝިފާގު ވިދާޅުވި ގޮތުގައި، އަލިމަތާ ދިއްގިރި އެވެ. އެތައް ދިރާސާއެއް ކޮށް، އެތައް އަހަރެއްގެ ބުރަ މަސައްކަތަށް ފަހު އެ ރިސޯޓު ގިރުމުގެ ހައްލަކަށްވީ، ރަށުގެ ފަސްގަނޑުން ފެށިގެން މޫދުތެރެއަށް ދިގު ތޮށިތަކެއް ޖެހުމެވެ.
"[އަލިމަތާ ދިއްގިރީގައި އެ މަސައްކަތް ކުރި] މީހުން މި ބުނަނީ، ތޮށި ޖަހާއިރުގައި ތޮށީގެ ކުރިއަށް ވަށް ބުރެއް ލީމާ އަދި މައްސަލަައަށް ހައްލެއް ނާދެއޭ. އެކަމަކު ކޮޅަށް 'ވައި' [އަކުރުގެ ބައްޓަމެއް] ލީމާ، އެ މައްސަލައަށް އެބަ ހައްލު އާދޭ،" ޝިފާގު ވިދާޅުވި އެވެ.
"އޭގެ ހެއްކެއް ފެންނަން އެބަ އޮތް މާފުށީގައި، ހަތަރު 'ވައި' އެބައިން ޖަހާފައި. އެ ހަތަރު 'ވައި' ޖެހި ހިސާބަކުން ނުގިރާ މިހާރަކު."
މިއީ ހިންގަން ޖެހޭ ގޮތަށް، ރަނގަޅަށް ދިރާސާކޮށް، މައްސަލައިގެ ފުނަށް ވާސިލުވެގެން މަޝްރޫއުތައް ހިންގާ ނަމަ، އެކަށީގެންވާ ހައްލު ހޯދޭނެ ކަމުގެ ހެއްކެވެ. ނަމަވެސް، ކަމެއް ކުރީމޭ ބުނަން ކުރާ އުސޫލުން ކޮށްގެން އެކަމެއް ނުވާނެ އެވެ.
"މިހާރު [ރަކީދޫ] ކައުންސިލުން އަޅުގަނޑާ ހިއްސާކޮށްފައި އެބައޮތް [މިފަހުން ތޮށި ލުމަށްފަހު ވެސް އެ ރަށް ގިރާ] މައްސަލަ. އެ މީހުން ބޭނުންވަނީ ތޮށިތައް ރަށުން ގުޅިގެން ބޭރަށް ނުކުންނަ [ގޮތަށް ލާން]. އެހެންވީމަ، އެއީ ވަރަށް ބޮޑު ހަރަދެއް،" ޝިފާގު ވިދާޅުވި އެވެ.
"މިކަހަލަ ކަމަކަށް ބަލަންޏާ، އަމުދުން ދައުލަތަށް ބުރަ ޖެހޭ ގޮތަށް، ބޭކާރު ޕްރޮޖެކްޓެއް ހިންގައިގެން ދައުލަތަށް ވާނީ ގެއްލުން. މައްސަލައަށް ހައްލެއް ވެސް ނާދޭ. އެހެންވީމާ ސާވޭ ކުރުމަކީ ވަރަށް މުހިއްމު ކަމެއް މިހާރުން ފެށިގެން. އޭރުންތާ ދާއިމީ، ދެމެހެއްޓެނިވި ހައްލެއް ލިބޭނީ."
ދިރާސާކުރުން ބޮޑު ތަނުން ހަރުދަނާ ކުރަން ޖެހޭ
ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމެކެވެ. ކޮންމެ ރަށެއް އުފެދިފައިވާ ގޮތާއި، އެ ރަށަށް ލިބިފައިވާ ހާއްސަ ގުދުރަތީ ސިފަތަކާއި ފަޅުތަކާއި ފަރުތަކުގެ ނިޒާމާއި އަތޮޅުތެރޭގައި އޮއިވަރު ހިނގާ ގޮތް ތަފާތެވެ. އެހެންކަމުން، ކޮންމެ ރަށަކާ ބެހޭ ގޮތުން ވަކިވަކިން ދިރާސާތައް ހަދައި މައުލޫމާތު އެއްކުރަން ޖެހެ އެވެ.
"ދެ ދުވަހަކުން، ފަސް ދުވަހަކުން، އެއް އަހަރަކުން މި ވާނުވާ ދެނެއެއް ނުގަނެވޭނެ. ވާ ގޮތަކީ، ދިވެހިރާއްޖޭގައި އެބައޮތް ދެ މޫސުން. ދެ މޫސުމުގަ އެބަހުރި ބައިވަރު ނަކަތްތައް. ކޮންމެ ނަކަތެއްގައި ތަފާތު ގޮތެއް އެބަވޭ. އަދި އެކި މޫސުމުގައި ދިޔަވަރު ބޮޑުވާ މިންވަރާ ދިޔަވަރު ހިކޭ މިންވަރު ވެސް ތަފާތު. ހަނދު ފޮޔަށް އެބަ ތަފާތުވޭ، ދިޔަވަރަށް ބަދަލުތައް އާދޭ،" ޝިފާގު ފާހަގަކުރެއްވި އެވެ.
"އެހެންވީމަ އެއް އަހަރަކުން ވެސް ކުރެވޭނެ ސާވޭ އެއް ނޫން މިއީ. މަދުވެގެން 10 ވަރަކަށް އަހަރުން މީގެ ސާވޭއެއް ރަށެއްގައި ނިންމާލެވޭނީ، އެ ވަރަށް ބަލައިގެން."
ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ސޭވް ދަ ބީޗު (އެސްޓީބީ)ގެ ކޯ-ފައުންޑަރު އާމިނަތު ތަންޒީލާ އަލީ (ތަންޒީ) ވެސް ރާއްޖޭގައި ސާވޭތައް ހިންގަނީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި:
-
އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަކީ މަޝްރޫއެއް ހިންގުމުގެ ކުރިން މަޖުބޫރު ކަމެއް؛ ނަމަވެސް، އެކަން ކުރަނީ ކުރަންޖެހޭ ގޮތަކަށް ނޫން
-
ރަނގަޅަށް ސާވޭ ނުކޮށް، އެހެން ރިޕޯޓަކުން ކޮޕީ ކޮށްގެން އީއައިއޭ ތައްޔާރުކޮށްފައި ހުރި މައްސަލަ ވެސް ފެންމަތިވެފައިވޭ
-
ވެށީގެ ކަންކަމަށް ރަނގަޅަށް ރިއާޔަތް ނުކޮށް، ރާއްޖޭގައި އީއައިއޭތައް ހަދާ ނިންމާލަނީ ދެ ހަފްތާއިން، ނުވަތަ ގިނަވެގެން ތިން ހަފްތާ އިން
ތަންޒީލާ ގަބޫލުކުރައްވާ ގޮތުގައި، މިހާރު ހަދާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ އިތުރުން ސްޓްރެޓީޖިކް އެންވަޔަރަމެންޓަލް އެސެސްމެންޓް (އެސްއީއޭ) ވެސް ރާއްޖެއަށް ތައާރަފުކުރަން ޖެހެ އެވެ.
އެސްއީއޭގެ ދަށުން:
-
ތިމާވެއްޓަށް ލިބޭ ގެއްލުންތައް މިންކޮށް، ދިގު މުއްދަތުގައި ބޮޑު ފައިދާއެއް ކުރާނީ މަޝްރޫއު ކުރިއަށް ގެންގޮސްގެންތޯ ނުވަތަ ނޫންތޯ އަޅާކިޔޭނެ
-
ޕޮލިސީ ހެދުމުގައި، މަޝްރޫއު ޕްލޭން ކުރުމުގައި އަދި ޕްރޮޕޯޒަލް ހެދުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތަކަށް ރިއާޔަތްކުރަން ޖެހޭނެ
-
މަޝްރޫއުއެއް ނިންމުމަށް ފަހު އޭގެން ފައިދާ ހޯދާނެ ގޮތުގެ ޕްލޭނެއް ހެދެން ޖެހޭނެ؛ މިހާރު ވެސް ރާއްޖޭގައި ބިން ހިއްކުމަށް ފަހު، ލޭންޑް ޔޫޒް ޕްލޭނެއް ނުހެދި، ގޯތި ދޫނުކޮށް، އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަން އެބަހުރިކަން ތަންޒީލާ ފާހަގަކުރި
އެކަމަކު އިތުރު އެސެސްމެންޓްތައް ތައާރަފުކުރިއަސް އޭގެ ހެޔޮ ނަތީޖާއެއް ފެނިގެންދާނީ ކަންކުރަން އޮންނަ ގޮތަށް، އިހުލާސްތެރިކަމާ އެކު އެކަން ކޮށްގެންނެވެ.
"ސަރުކާރުން މިހާރު ވެސް މާހިރުން ދޭ ލަފައާ ހިލާފަށް، އީއައިއޭއާ ހިލާފަށް މަޝްރޫއުތައް ހިންގަމުން ދަނީ. އެހެންވީމަ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށް ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި،" ތަންޒީލާ ފާހަގަކުރެއްވި އެވެ.
ބޭރު ދުނިޔޭގެ ޕޯޑިއަމްތަކުގައި އަޑަށް ބާރުލާފައި ރާއްޖޭގެ ނާޒުކުކަމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބެން އޮތް ގެއްލުމުގެ ބޮޑު ވާހަކަ ސިޔާސީ ބޭފުޅުން ތަކުރާރުކޮށް ދައްކަވަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ "ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ" އެވެ. ގެއްލުންތައް ކުޑަކުރަން މަސައްކަތް ކުރުމަކީ "އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ" ކަމެވެ.
އެކަމަކު، އެ ވާހަކަތަކުގެ އެއްވެސް ބުރަދަނެއް ނުވާ ކަހަލަ އެވެ. ސަރުކާރުގެ ފަރާތުން އެކަށީގެންވާ ވަރާ ގާތަށް ވެސް މި މައްސަލަ "ސީރިއަސް"ކޮށް ނަގާ ކަމަކަށް މި ދާއިރާގައި އުޅޭ ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ. އެ މީހުން ބުނާ ގޮތުގައި، ފެންނަ މަންޒަރުތަކުން އެކަން ދޭހައެއް ނުވެ އެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެ މިހާ ނާޒުކު ހާލަތެއްގައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފަރުތަކަށް ގެއްލުންދީ، ވެށި ހަލާކުވާ ގޮތަށް ހިންގާ ބޮޑެތި ފަޅުހިއްކުމުގެ ޕްރޮޖެކްޓުތައް ފަދަ މަޝްރޫއުތައް ހިންގުން ހުއްޓާލުން ކަމަށް ތަންޒީލާ ގަބޫލުކުރެ އެވެ. އެއީ ޝިފާގު ވެސް ފާހަގަކުރެއްވި ކަމެކެވެ.
"ގިރަމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ މުހިއްމު ކަމަކީ މައްސަލަ އުފެދުމަށް ހައްލު ގެނައުންތާ؟ އެކަން [ރަށްގިރުން] ގޯސް ކުރަނީ ވެސް ސީދާ ސަރުކާރުން، ރައްޔިތުން އެދިގެން [ހިންގާ ޕްރޮޖެކްޓު ތަކުގެ ސަބަބުން] ވިޔަސް،" ޝިފާގު ވިދާޅުވި އެވެ.
"އެހެންވީމަ، މައްސަލަ އުފައްދަމުން، މައްސަލަ ހައްލު ކުރަން އުޅެގެނެއް [އެކަމެއް] ނުކުރެވޭނެ."
އިތުރަށް ކިޔާލަން -