ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބުރާސްފަތިދުވަހު އއ. ބޮޑުފޮޅުދޫ ގިރާ ސަރަހައްދު ބައްލަވާލައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ތިމާވެށި

އަލަށް ހުޅުވި މިސްކިތް މާދަމާ ވެސް ވެއްޓިދާނެ ކަމުގެ ބިރު

ބޮޑުފޮޅުދޫ ގިރާ ސަރަހައްދަށް ވަޑައިގެން ރައީސް ސޯލިހު ވަނީ، ބިން ހިއްކުމުގެ މަޝްރޫއު ފެށެންދެން މަޑުނުކޮށް، ރަށް ގިރާ މައްސަލައަށް ވަގުތީ ހައްލެއް ގެންނަން ނިންމަވައިފައި
23 އޮކްޓޯބަރު 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ބުރާސްފަތިދުވަހު އއ. ބޮޑުފޮޅުދޫގެ ގޮނޑުދޮށަށް ފައިބައިވަޑައިގަތީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާ އެކު އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް 2018ގައި އެ ރަށަށް ވަޑައިގެން ރައީސް ސޯލިހު ވައުދެއް ވެސް ވެވަޑައިގަތެވެ؛ އާ މިސްކިތެއް ހެދުމެވެ. އެކަން ވަނީ ފުރިހަމަވެފަ އެވެ. 'މަސްޖިދުއް ތަގުވާގެ' ނަން ދީފައިވާ އެ މިސްކިތް ރައީސް ވަނީ ބުރާސްފަތިދުވަހު ހުޅުއްވައިދެއްވައިފަ އެވެ. ނަމަވެސް ދެން ގޮނޑުދޮށުން ފެނިވަޑައިގެންނެވި މަންޒަރަކީ ރައީސާއި މިނިސްޓަރަށް ވެސް ސިހުމެކެވެ.

އެ މިސްކިތާ ދިމާލުން ގިރާ ހުސްވަނީ އެވެ. ރައީސަށާއި އަސްލަމަށް އަންދާޒާކުރެއްވިފައި އޮތް ވަރަށް ވުރެ ވެސް އަވަހަށް، އަދި މާ ބޮޑަށެވެ. ގޮނޑުދޮށުން ފެނުނު މަންޒަރާ އެކު މަޖުބޫރުވީ، އެ ރަށަށް ރާވާފައި އޮތް ޕްލޭނަށް ކުއްލި ބަދަލެއް ގެންނާށެވެ.

ގާތްގަނޑަކަށް 800 މީހުންގެ އާބާދީއެއް އޮންނަ ބޮޑުފޮޅުދޫގެ ބޮޑުމިނަކީ 8.7 ހެކްޓަރެވެ. އެ ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ ބިން ނެތުމުން ބޯހިޔާވަހިކަމުގެ ދަތިކަމާއި ރަށް ގިރުމުގެ މައްސަލަ އެވެ. އެ ރަށުގެ ބިން ހިއްކަން އެމްޓީސީސީއާ މިހާރު އޮތީ ހަވާލުކޮށްފަ އެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ފަހުކޮޅު އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ސަރުކާރުން ރާވާފައި އޮތީ ބިން ހިއްކުމުގެ މަސައްކަތާ އެކު އެވެ. ނަމަވެސް މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވި އިރު ފެނިވަޑައިގެންނެވި މަންޒަރުން މިހާރު ވަނީ އެ ޕްލޭނަށް ބަދަލު ގެންނަން ނިންމަވައިފަ އެވެ.

"އެއީ ފަސްކޮށްގެން ވާން އޮތް ކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބިން ހިއްކެންދެން ވެސް އެ ސަރަހައްދަށް ވަގުތީ ހައްލެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް ވީހާވެސް އަވަހަކަށް ސަރުކާރުން ފަށާނެ ކަމަށެވެ.

ރައީސްގެ އެ ޖަވާބާ ގުޅިގެން އެ ރަށުގެ ރައްޔިތުން ވަނީ އެ ރަށުގެ މަޝްރޫއުތަކަށް އިސްކަންދިނުމަށް އެދިފަ އެވެ. އަދި ރަށް ގިރުމުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ ބަދަލުގައި ދާއިމީ ހައްލެއް ހޯދައިދޭން ވެސް އެދުނެވެ. އެއީ ވަގުތީ ހައްލެއް ގެނައުމަށް ވެސް ބޮޑު ހަރަދެއް ދާނެތީ އެވެ.

އއ. ބޮޑުފޮޅުދޫ މަތިން ނަގާފައިވާ ޑްރޯން ފޮޓޯއެއް

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވީ ޕްލޭނިން މިނިސްޓަރު އަސްލަމެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ސީދާ ތާރީހެއް ދެއްވޭކަށް ނެތެވެ. އެއީ އެމްޓީސީސީގެ ގާބިލްކަން މިވަގުތު ހުރި ގޮތުން، އެއްފަހަރާ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ނުގެންދެވޭނެތީ އެވެ. އެމްޓީސީސީން މިހާރު ވެސް ފުލް ކެޕޭސިޓީގައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ސަރުކާރުން ވެފައިވާ ހުރިހާ ވައުދެއް ވެސް ފުއްދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"މިއަދު މިސްކިތް ހުޅުވާފައި އަޅުގަނޑުމެން އެ ސަރަހައްދު ބަލައިލިއިރު ވަގުތީ ހައްލެއް ހަމަ ހޯދަން ޖެހޭ. އަޅުގަނޑުމެންނަށް އެ ތަނުގައި މިސްކިތް އަޅާފައި މިސްކިތް ވެއްޓެންދެން ނުތިބެވޭނެ ބަލާކަށް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާދަމާ ވެސް މިސްކިތާ ހަމައަށް ގިރައިގެން ހިނގައިދާނެތީ އެވަރުގެ "ރިސްކެއް" ނަންގަވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެންކަމުން ހަރަދުތަކެއް ހިނގި ނަމަވެސް، ވަގުތީ އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ

"މިއަދު މި ހުޅުވި މިސްކިތް މާދަމާ ވެއްޓޭ ގޮތަކަށް ނުބެހެއްޓޭނެ،" އަސްލަމް ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑުމެން ރާވައިގެން ތިބީ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދާނީ ބިން ހިއްކާ އިރުއޭ. ދެން މިހާރަކު އެގޮތަށް މަޑުކުރެވޭކަށް ނެތް." 

ބޮޑުފޮޅުދޫ ގިރަމުން ދަނީ ހަމައެކަނި މިސްކިތާ ދިމާލަކުން ނޫނެވެ. ރަށުގެ ފުޓުބޯޅަ ދަނޑާ ދިމާލުން ވެސް ދަނީ ގިރަމުންނެވެ. އެހެންކަމުން މިސްކިތާ ދިމާލުން ގިރާ ސަރަހައްދަށް ވަގުތީ ހައްލެއް ގެނެސް، ބޯޅަ ދަނޑާ ދިމާލުން ގިރާ ސަރަހައްދަށް ދާއިމީ ހައްލެއް ގެންނަން މިހާރު ވަނީ ނިންމައިފަ އެވެ.

"[މިސްކިތް ހުރި ދިމާލަށް] ދާއިމީ ހައްލެއް ގެނެވެން ނެތީ މިހާރު މަޑުކުރެވެން ނެތީމަ، ބިން ހިއްކެން ދެން ވެސް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޮޑުފޮޅުދޫ ފަޅު ހިއްކަން މާ ބޮޑު ސަރަހައްދެއް ނެތް ނަމަވެސް، ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް