ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް 3 ޖޫން 2023 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ކުރިއަށް ގެންދަނީ. (ފޮޓޯ/ރައީސް އޮފީސް)
ބިން ހިއްކުން ތިމާވެއްޓަށް ބެލުމެއް ނެތް ހަލާކެއްގައި
ރާއްޖޭގައި ބިން ހިއްކުން ހައްދުންނެއްޓުމުގެ ގެއްލުންތަކާ ބެހޭގޮތުން ދިވެހިންގެ ތެރެއިން މަދު ބަޔަކު މިފަހުގެ އަހަރުތަކުގައި އައީ ވާހަކަދައްކަމުންނެވެ. އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން އެ ކަންބޮޑުވުންތަކުގެ ދިރާސާއެއް ކޮށް، މިދިޔަ އަންގާރަދުވަހު ވަނީ ރިޕޯޓެއް ނެރެފަ އެވެ.
އޭގެ ތިން ދުވަސް ކުރިން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މައުލޫއުގައި އެއްޗެއް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ޔަގީންކުރަން، ތިމާވެށި ނަގަނީ ވަރަށް ސީރިއަސްކޮށް އަދި އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އަޅަން،" އަލް ޖަޒީރާ އިން މިދިޔަ ހޮނިހިރުދުވަހު ޝާއިއުކުރި އިންޓަވިއުއެއްގައި، ތަރައްގީގެ މަޝްރޫއުތަކާއި ބިން ހިއްކުމާ ގުޅޭގޮތުން މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި ކަނޑުގެ ލޮނުގަނޑު "އެހާ ބޮޑަށް" އުފުލޭ ތަނެއް ނުފެންނަ ކަމަށް ވިދާޅުވުމުން ފާޑުކިޔުން ކުރިމަތިވެވަޑައިގެންނެވި އެ އިންޓަވިއުގައި ކުރީގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއިއްޒު، ބިން ހިއްކުން އެފަދައިން ދިފާއުކުރެއްވީ ތިމާވެއްޓަށް ގެއްލުމެއް ކުރިމަތިވިޔަނުދިނުމުގެ ފިޔަވަޅުތައް ރާއްޖެ އިން ބަރާބަރަށް އަޅައޭ ވިދާޅުވާ މޭރުމުންނެވެ. އެކަމަކު، އެކަން ދޮގުކުރާނެ ދިވެހި ދިރާސާވެރިންނާއި އެކްޓިވިސްޓުންނެކޭ ވެސް އެއްގޮތަށް، ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ސަރުކާރާއި ކަމާބެހޭ އިދާރާތަކުން އިންތިހާއަށް އިހުމާލުވަމުންދާ ކަމެވެ.
ދިވެހިރާއްޖެ މޫސުމީ ބަދަލަށް ހޭނުމަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ މުޖުތަމައު އިން އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ އިރު، ރާއްޖެއަށް، އަމިއްލަ ތިމާވެށީގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ޒިންމާތަކުން ބަރީއަވެގަނެވޭކަށް ވެސް ނެތް.
'ފެއިލްވެފައި'
ރާއްޖޭގައި ބިން ހިއްކުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު ރިޕޯޓުގައި ބުނިގޮތުގައި:
-
ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުތަކާ މެދު ފަރުވާލެއް ނުބަހައްޓާ، ނުވަތަ އެ ގާނޫނުތަކާ މެދު ވަނީ އިހުމާލުވެފައި. އަދި އޭގެ ސަބަބުން ރަށްރަށުގައި ފެންބޮޑުވުމާއި އެހެނިހެން ގެއްލުންތައް ލިބުމުގެ ހިރާސް ވަނީ އިތުރުވެފައި
-
ކަމާބެހޭ ފަރާތްތަކުން، އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓްތަކުގައި ލާޒިމްކުރާ ފިޔަވަޅުތައް އަޅަމުންނެއް ނުދޭ. އަދި ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާ އިރު ތިމާވެއްޓަށް ކުރާ އަސަރު މޮނިޓަކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ވަނީ ފެއިލްވެފައި
-
ބިން ހިއްކުމުގެ މަޝްރޫއުތައް އާއްމުގޮތެއްގައި ހިންގަނީ އަވަސް އަރުވާލައިގެން، ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމެއް ނެތި އަދި އެކަށީގެންވާ މިންވަރަށް އާއްމުންނާ މަޝްވަރާ ވެސް ނުކޮށް
-
ތިމާވެށީގެ ގާނޫނުތައް ތަންފީޒުކުރުމަށް ސަަރުކާރު ފެއިލްވުމުގެ ސަބަބުން، ފަރުތަކާއި ކުޅި ފާ ޗަސްބިންތަކުން މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދާ މީހުންނަށް ނޭދެވޭ އަސަރުކޮށް، ބައެއް ހާލަތްތަކުގައި ވަނީ އިއާދަނުކުރެވޭ ގެއްލުންތައް ލިބިފައި
-
ތަރައްގީގެ މަޝްރޫއުތައް ރެގިއުލޭޓްކުރުން ހީނަރުވުމުގެ ސަބަބުން ރަށްރަށުގެ ގުދުރަތީ ވަސީލަތްތައް ވަނީ ގެއްލިފައި. އަދި ރައްޔިތުން ވަނީ ސާފު ފެނާއި ބިމާއި މޭވާ ލިބޭ ގަސްގަހާގެހި ފަދަ ވަސީލަތްތަކުން މަހުރޫމްވެފައި
"ތަރައްގީގެ ސިޔާސަތުތަކުގައި އިންސާނީ ހައްގުތަކާއި ތިމާވެށި ހިމާޔަތްކުރެވޭކަން، ދިވެހިރާއްޖޭގެ ރައީސްކަމަށް އަލަށް އިންތިހާބުވެވަޑައިގެންފައިވާ މުހައްމަދު މުއިއްޒު ޔަގީންކުރައްވަން ޖެހޭ،" ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
"We used to grow bananas—the trees were torn up for development. Now we have to import bananas."
— Transparency MV (@TransparencyMV) October 19, 2023
- Interviewee from Kulhudhuffushi, speaking to @hrw
Read the full report on impacts of land reclamation projects here: https://t.co/3pXPfFv7fN@governmentmv @MoEnvmv pic.twitter.com/98FpPEPmpR
ސަރުކާރު ބަދަލުވިޔަސް ބަދަލުނުވާ އާދައެއް
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާ އެކު ބިން ހިއްކުން ހައްދުފަހަނަޅައި ގޮސް ކަންބޮޑުވުންތައް އުތުރިއަރައިގެންދިޔަ ދަނޑިވަޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ހޯއްދެވީ ތަރައްގީ ތިމާވެއްޓާ "އެއްކީލި" ކުރެއްވުމުގެ ވައުދަކާ އެކުގަ އެވެ. އެކަމަކު، ތިމާވެށީގެ ހިމާޔަތަށް އަޑުއުފުލާ އެންމެންނަށް ވެސް ފެނުނީ ހަމަ ކުރިއެކޭ އެއްގޮތަށް ދިމާ އިދިކީލި ނިންމުންތަކާއި މަޝްރޫއުތަކެވެ.
ޔާމީންގެ ސަރުކާރުގެ ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ކުރެއްވި މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ވެސް ދާނީ ހަމަ އެގޮތަށް ކަމަށް، ކަންބޮޑުވާ ގިނަ މީހުން މިހާރު ލަފާކުރާނެ އެވެ.
އިންތިހާބީ ރައީސްގެ އިންޓަވިއު އިން ފާހަގަކުރެވޭ އަނެއް ކަމަކީ، ބިން ހިއްކުމަކީ ހަގީގަތުގައި ތިމާވެއްޓަށް ގެއްލުންހުރި ކަމެއްކަން ގަބޫލުފުޅުކުރައްވައި އެއްޗެއް ވިދާޅުނުވުމެވެ. މި މައްސަލައިގައި މީގެ ކުރިން ޖަވާބުދާރީވި އެހެން ބައެއް ސިޔާސީ ބޭފުޅުން، ތިމާވެށި ސުންނާފަތިކުރުން ދިފާއުކުރެއްވި ނަމަވެސް ހުއްޖަތް ދައްކަވާފައިވަނީ، ބިން ހިއްކުމަކީ ހަލާކެއްކަން ގަބޫލުކުރައްވަމުންނެވެ. ބިން ހިއްކަނީ މަޖުބޫރުވެގެން ކަމަށާއި ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރަން ފިޔަވަޅުތައް އަޅައިގެން ކަމަށް، ވަޒީރުން ފަދަ ބޭބޭފުޅުން ވިދާޅުވެފައިވަނީ އެ ގަބޫލުކުރުން ހާމަކުރެއްވުމާ ވެސް އެކުގަ އެވެ.
އެއާހިލާފަށް، ދެން ވެރިކަމަށް ވަޑައިގަންނަވާ ރައީސް ބިން ހިއްކުމާ ބެހޭގޮތުން ހަމައެކަނި ވާހަކަދެއްކެވީ "އަޅުގަނޑުމެން ކޮންމެ ކަމެއް ކުރިޔަސް، މުރަކަތައް ހިމާޔަތްކުރެވިފައިވާކަން ކަށަވަރުކުރަން" ކަމަށް ވިދާޅުވެ އެވެ.
'އެހީއަށް އެދޭއިރު އަމިއްލަ ޒިންމާއެއް ވެސް އެބައޮތް'
މުއިއްޒުގެ އިންޓަވިއުގައި، މޫސުމީ ބަދަލުގެ މައްސަލައިގައި ރާއްޖޭގެ ކުށެއް ނެތްކަމުގެ ހަގީގަތް ބަޔާންކޮށްދެއްވި އެވެ. ނަމަވެސް އެއީ ސަރުކާރުގެ ޒިންމާއާ މެދު އިހުމާލުވެވޭނެ ސަބަބެއް ނޫންކަން، ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން އަބަދުވެސް ފާހަގަކުރެ އެވެ.
މުއްސަނދި ބޮޑެތި ގައުމުތަކުގެ އަމަލުތަކުގެ ސަބަބުން ނާޒުކު ކުދި ގައުމުތައް ވެއްޓިފައިވާ އަނދަވަޅުގައި ރާއްޖެ މިހާރު މި އޮތީ، ތިމާވެށީގެ ނިޒާމުތަކަށް އިތުރު ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިޔަނުދޭން ހުރިހާ ފިޔަވަޅެއް އަޅަން މަޖުބޫރުވެފަ އެވެ. އުމްރާނީ މަޝްރޫއުތަކަކީ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރަން ބޭނުންކުރާ ހަތިޔާރަކަށް ނަހަދާނެ ވެރިންނަށް ބޭނުން ޖެހިފަ އެވެ. އެ މަޝްރޫއުއެއްގެ ބޭނުންތެރިކަމާއި ފައިދާ އާއި ގެއްލުންތައް އަޅާބަލައި، އަމަލު ކުރަންވީ އެންމެ ރަނގަޅު ގޮތުގައި، ތިމާވެށީގެ ފިޔަވަޅުތައް ބަރާބަރަށް ތަންފީޒުކޮށްގެން، ދެމެހެއްޓެނެވި ތަރައްގީ ގެނެސްދޭން މަސައްކަތްކުރުމުގެ ހިތްވަރާއި ގާބިލްކަން ހުރި މީހުންނެވެ.
ގޮތެއްފޮތެއް ނެތް ބިން ހިއްކުން ބޮޑު މައްސަލައަކަށް ވެގެން އުޅެނީ މޫސުމީ ބަދަލުގެ ކާރިސާގެ ނަޒަރުންނެވެ. ރަށްގިރުމާއި ފެން ލޮނުވުމާއި ހޫނު ގަދަވުން ފަދަ މައްސަލަތައް ދިވެހިންނަށް މިހާރު ވެސް ދަނީ ކުރިމަތިވަމުންނެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ފުޅާމިނުގައި ގުދުރަތީ ވެށި ފަނާކުރާ ތަރައްގީއަކީ، އާދަޔާހިލާފަށް ވާރޭވެހުމާއި ހޫނު ގަދަވުމާއި އުދައެރުމާއި ގާހުދުވުމުގެ ގެއްލުންތައް ހައްތަހާ ގޯސްކުރާ ސަބަބެކެވެ. އެހެންކަމުން ރާއްޖޭގެ ސަރުކާރުތަކުން މޫސުމީ ބަދަލުގެ މައްސަލައިގައި ބޭރު ދުނިޔޭގައި ދައްކާ ވާހަކަ އޮތީ ދެކޮޅުޖައްސަން ޖެހިފަ އެވެ.
ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ނުވަތަ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެހީއަށް އެދެމުން ތިމާވެއްޓާ މެދު އިހުމާލުވަމުންދިޔަ ނުދިނުމަށް، ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ބައިނަލްއަގުވާމީ މުޖުތަމައުއަށް ވަނީ ގޮވާލައިފަ އެވެ. އެ ޖަމްއިއްޔާ އިން ބުނީ ގައުމުތަކާއި މުއައްސަސާތަކުން ކްލައިމެޓް ފައިނޭންސިން ފޯރުކޮށްދިނުން ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ނަމަވެސް އެއާއެކު، ރާއްޖެއަށް ކަންތައްތަކެއް ލާޒިމްކުރަން ވެސް ޖެހޭނެ ކަމަށެވެ. އެ ކަންކަމަކީ:
-
ރާއްޖޭގެ އަމިއްލަ ތިމާވެށީގެ ގާނޫނުތައް ތަންފީޒުކުރުން
-
އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަކީ މިނިވަންކަމާ އެކު ފާރަވެރިވާ ތަނަކަށް ހެދުން
-
މަޝްރޫއުތަކުގެ ސަބަބުން އަސަރު ފޯރާ ރަށްރަށުގެ ރައްޔިތުންނާ މަޝްވަރާކުރުން
"ދިވެހިރާއްޖެ މޫސުމީ ބަދަލަށް ހޭނުމަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ މުޖުތަމައު އިން އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ އިރު، ރާއްޖެއަށް، އަމިއްލަ ތިމާވެށީގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ޒިންމާތަކުން ބަރީއަވެގަނެވޭކަށް ވެސް ނެތް،" ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި އެ ޖަމްއިއްޔާގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން ލިޔުއްވާފައިވެ އެވެ.
ކޮމެންޓް (2)
އާސަންދަ
މުޖުތާޒު