ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމްގެ ލުއި ވިޓޯނަށް ވިޔަސް ޑޮލަރެއް ނެތް؛ ކީއްވެ؟

މަތީ ފަންތީގެ ފަތުރުވެރިކަމުގެ އެއް ނަމްބަރު މަންޒިލްގެ ގޮތުގައި ރާއްޖެ އޮތަސް އެންމެ އާންމު ރައްޔިތު މީހާއަށް އެ ސިނާއަތުގެ އެންމެ އެދެވޭ ފައިދާ ލިބޭ ކަމާ މެދު ސުވާލު އުފެދޭ
13 ފެބްރުއަރީ 2024
2

މިދިޔަ ހަތަރު އަހަރުގެ ވެސް 'ވޯލްޑް ލީޑިން ޑެސްޓިނޭޝަން' އެވޯޑު ލިބުނީ ރާއްޖެއަށެވެ. އެއީ ފަތުރުވެރިކަމުގެ 'އޮސްކާ'ގެ ގޮތުގައި ބެލެވޭ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވެސް އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވާ ގޮތުން ނަމަ ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ލުއި ވިޓޯން އެވެ.

ޓޫރިޒަމް ތަފާސްހިސާބުތަކުން ދައްކާ މަންޒަރަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމެވެ. ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހުގެ ރެކޯޑު މި މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން މުގުރާލައިފި އެވެ. ސިޔާސީ ލީޑަރުން އާންމުންނަށް ދައްކައިދެނީ އިގްތިސާދީ ބޮޑެތި ހުވަފެންތަކެކެވެ. މިސާލަކަށް، ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމާއި ކާޑު ލިމިޓު ބޮޑުކުރުމަށް ރައީސް މުހައްމަދު މުއިއްޒުގެ ވެވަޑައިގަތް ރިޔާސީ ވައުދުފުޅެވެ.

ޑޮލަރުގެ ވަރަށް ބޮޑު ތާށިކަމެއް އުޅޭތީ، ގައުމީ ބޭންކުގެ ކާޑު ލިމިޓު 25 ޑޮލަރަށް ތިރިކުރަން ޖެހިދާނެކަމުގެ އިޝާރާތަކާ އެކު ގިނަ ބަޔަކު ރުޅި އައީ މި ސަބަބުތަކާ ހުރެ އެވެ. ހިތްހަމަ ނުޖެހިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހިޔާލު ފާޅުކުރި ބައެއް މީހުން އުފެއްދި ސުވާލަކީ ފަތުރުވެރިން މިހާރު ރާއްޖެއަށް އަންނަނީ ދިވެހި ފައިސާ ހިފައިގެންތޯ އެވެ.

"ޓޫރިސްޓުން ގައުމަށް އަންނަވަރު ދުވަހުން ދުވަހަށް ދަނީ ގިނަވަމުން. އެއް މަހަށް ވުރެ އަނެއް މަސް ރިކޯޑު ހަދަމުން. އެކަމަކު ގައުމުގައި ދުވަހަކު ވެސް ޑޮލަރެއް ހުންނަ ކަމަކަށް ނުވޭ. ގައުމުގެ ވެރިންނާއި ބިދޭސީ މީހުންނަށް ޑޮލަރު ލިބޭއިރު ނިކަމެތި މީހާ ހަމަ އެހާލުގައި،" ކާޑު ލިމިޓު ކުޑަ ކުރުމާ ގުޅޭ ގޮތުން އިއްޔެ 'ދައުރު'ން ޖެހި ހަބަރަށް ކޮމެންޓު ކުރި މީހަކު ބުންޏެވެ. 

އެ ކޮމެންޓަށް ޖަވާބުދިން މީހަކު ބުނީ، "ބޭރު މީހުން މިހާރު ރާއްޖެ އައިސް ޕޭކުރަނީ ބޮލި ހިލައިގެން" ކަމަށެވެ.

ހިތްހަމަ ނުޖެހުނު ބައެއް މީހުން ބުނީ 25 ޑޮލަރަށް ކުޑަކުރުމާއި އެއްވެސް އެއްޗެއް ނުދިނުމާ ތަފާތެއް ނެތް ކަމަށެވެ. މިއީ "ދެން ކީއްކުރާ ކާޑެއް"ތޯ އާއި "25 ޑޮލަރު ވެސް ބާއްވާ، ދެން އޯކޭ ނުދިނަސް" ފަދަ އާންމުންގެ ހިތްހަަނުޖެހުމުގެ ކޮމެންޓުތަކުން ސޯޝަލް މީޑިއާ ފުރާލި އެވެ. 

ސިޔާސީ ބޭފުޅުން ދައްކަވަނީ 'ހުސް' ވާހަކަ

ޑޮލަރު ލިމިޓު ކުޑަކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ބީއެމްއެލްއިން ދިނީ ހަމަ ކުއްލިއަކަށް ނޫނެވެ. މި ހިސާބަށް ކަންކަން ގޯސްވެދާނެ ކަމުގެ އެތައް އިޝާރާތްތަކެއް ބޭންކާއި އެ ނޫނަސް ބޭރުގެ މާލީ އިދާރާތަކުން ވެސް ވަނީ ދީފަ އެވެ.

ނަމަވެސް ސިޔާސީ ޕޯޑިއަމްތަކުގައި އެކި ބޭފުޅުން، ދައްކަވަނީ މުޅިން ތަފާތު ވާހަކަތަކެކެވެ. އެ ބޭފުޅުން ވިދާޅުވާއިރަށް ބޭންކުން ލިމިޓު އުވައިލަންވީ އެވެ. ސަބަބަކީ އާންމުންނަށް އެ ގޮތަށް ވައުދެއް ވެފައި އޮތުމުންނެވެ. 

އެކަމަކު ކިތަންމެ ވަރަކަށް ވިދާޅުވިޔަސް، ނެތް އެއްޗެއް ނުހުންނާނެ އެވެ. އޭގެ އެއް މިސާލަކީ، ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ ކާޑު ލިމިޓު މި މަހުން ފެށިގެން 750އިން 1،200 ޑޮލަރަށް ބޮޑުކުރަން ޑިސެމްބަރު 2023ގައި ނިންމި ނިންމުމެވެ.

އެ ނިންމުން ތަންފީޒުކުރަން ފަށަން ހަފްތާއަކަށް ވެފައި އޮއްވާ އެއީ ކުރެވިދާނެ ކަމެއް ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ދެން ފެނުނީ ބީއެމްއެލްގެ ބޯޑުން ޑިރެކްޓަރުންތަކެއް ވަކިކުރި ތަނެވެ. ނަމަވެސް ނެތް އެއްޗެއް ނުދެވޭނެ އެވެ. ލިމިޓު ބޮޑު ކުރެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން އެއްބަސްވީ އެ ނިންމުން ތަންފީޒުކުރުން ފަށަން އޮތް ދުވަހު އެވެ. އަދި އޭގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅަން ފެށި ކަމަށް ބުންޏެވެ. ފުރަތަމަ ކުރަން ޖެހޭ މަސައްކަތް މި އައީ އެންމެ ފަހުންނެވެ.

ބޭންކިން ނިޒާމަށް ޑޮލަރު ވަނުން ނޫން ހައްލެއް ނެތް

ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަނީ ފަތުރުވެރިކަމުންނެވެ. އެކަމަކު އޭގެ ބޮޑު ބަޔަކީ އެއީ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ފައިސާއެއް ނޫނެވެ. އެކަން ކަށަވަރު ކުރާނެ ގަވާއިދެއް ވެސް ރާއްޖޭގައި ނެތީ އެވެ.

"ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް، ވަކި މުއްދަތަކަށް ބޭންކުގައި ބަހައްޓަން ޖެހޭ ގޮތަށް ބޭރު ބައެއް ގައުމުތަކުގައި އެބަހުރި ގަވާއިދުތައް ހަދާފައި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، މި ކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.

"މިސާލަކަށް އިންޑިއާގައި އޮންނަނީ %35. އެ ބަހައްޓަން ޖެހޭ އެއް އަހަރު ވަންދެން. މެލޭޝިއާ އާއި ސިންގަޕޫރުގައި ވެސް އެކަހަލަ ގަވާއިދުތަކެއް އެބަހުރޭ."

ބޭންކް އޮފް މޯލްޑިވްސްގެ ޔޫއެސް ޑޮލަރު އޭޓީއެމް. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އޭނާގެ އަނެއް ކަންބޮޑުވުމަކީ ކޮންމެ ވިޔަފާރިއަކަށް ވެސް ޑޮލަރުގެ މުއާމަލާތް ކުރެވޭ ގޮތަށް ދޫކޮށްލާފައި އޮންނަ އޮތުމެވެ. އެކަން އޮންނަން ޖެހޭ ގޮތަކީ، އޭނާ ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ އެ ނޫނަސް ޑޮލަރުން ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް ކުރެވޭ ގޮތަށް، ލިމިޓުކޮށްފަ އެވެ.

ކަންބޮޑުވުންތަކުގެ ދިގު ލިސްޓުގައި ދެން ހިމެނެނީ:

  • ފަތުރުވެރިން އިތުރުވިޔަސް، ޑޮލަރުގެ ގޮތުގައި ލިބޭ އާމްދަނީ ނުވަތަ ބޭންކިން ނިޒާމަށް ވަންނަ އަދަދު އިތުރެއް ނުވޭ

  • އިގްތިސާދު މިހާ ނާޒުކު ހާލަތެއްގައި އޮތްއިރު، ބޮޑެތި މަޝްރޫއުތަކެއް އެބަ ކުރިއަށްދޭ؛ އެކަމަށް ވެސް ބޭރު ފައިސާއިން ބޮޑެތި ހަރަދުތަކެއް ހިނގާ

  • ބޭރަށް ކިޔަވަންދާ ކުދިންގެ އަދަދު އިތުރުވުން (ކިޔެވުން ފުރިހަމަކުރާ ދަރިވަރުންނަށް ވުރެ އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ އަދަދު ގިނަ)

  • ބޭރު ފައިސާއިން އާންމުން ކުރާ މުއާމަލާތްތައް ބޭންކަށް ނުކަތާ ވަރަށް އިތުރުވުން

މި ކަންބޮޑުވުންތަކާ ވެސް ގުޅޭ، ޑޮލަރަށް ބަރޯސާވުން ކުޑަ ކުރުމުގެ އަމާޒުގައި ބޭރު ފައިސާ މާރުކުރުމާ ގުޅޭ ގަވައިދަށް އިސްލާހުތަކެއް ގެނެސް، އަމަލުކުރަން ރޭވި އެވެ. ނަމަވެސް އެކަން މަޑުޖެހުނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އިގްތިސާދަށް އައި ލޮޅުންތަކާ ހުރެ އެވެ.

މަނީ އެކްސްޗޭންޖެއްގައި މީހަކު ބޭރު ފައިސާ މާރު ކުރަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ހަމައެކަނި ކާޑުތަކުން ވެސް އެތައް މިލިއަން ޑޮލަރު

ރާއްޖެއިން ބޭރުގައި ބޭންކުގެ ކާޑުތަކުން މިހާރު މަހަކަށް މުއާމަލާތް ކުރެވޭ ލިމިޓްތަކަކީ: 

  • ޑެބިޓް ކާޑް - 250 ޑޮލަރު 

  • ކްރެޑިޓް ކާޑް - 750 ޑޮލަރު 

މިހާރު ކަސްޓަމަރުންނަށް އިޝޫކޮށްފައިވާ ކާޑުތަކުގެ ލަފާކުރެވޭ އަދަދެއްވެ އެވެ. އެ އަދަދުން، މަހެއްގެ މައްޗަށް ހަމައެކަނި މި ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ މިންވަރު ކޮންމެވެސް ވަރަކަށް އަންދާޒާ ކޮށްލެވިދާނެ އެވެ. އެ އަދަދަކީ:

  • ޑެބިޓް ކާޑު ދޫކޮށްފައިވާ މީހުންގެ އަދަދު - 350،000 އަށްވުރެ ގިނަ

  • ދޫކޮށްފައިވާ ޑެބިޓް ކާޑުގެ އަދަދު - 450،000 އަށްވުރެ ގިނަ (ބައެއް ކަސްޓަމަރުންނަށް އެއް ކާޑަށް ވުރެ ގިނަ ކާޑު ދޫކޮށްފައިވޭ)

  • ކްރެޑިޓް ކާޑު ކަސްޓަމަރުންގެ އަދަދު - 30،000 އަށްވުރެ ގިނަ

ޑެބިޓު ކާޑު ދޫކޮށްފައިވާ މީހުންގެ %50 މީހުން، މަހަކު ފޮރިން ޕާޗޭސް ލިމިޓަށް މުއާމަލާތް ކޮށްފި ނަމަ ރާއްޖެއިން މަހެއްގެ މައްޗަށް ބޭރުވެގެން އެ ދަނީ 43.7 މިލިއަން ޑޮލަރެވެ. ކްރެޑިޓް ކާޑު ކަސްޓަމަރުންގެ އަދަދަށް ބަލައިގެން ހިސާބުކޮށްފި ނަމަ އެއީ 22.5 މިލިއަން ޑޮލަރެވެ.

ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން މީހަކު ވިޔަފާރިކުރަނީ. (ފޮޓޯ/ބީއެމްއެލް)

އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރާ ކާޑުތަކުން ފޮރިން ޕާޗޭސް ނުކުރެވޭނެ އެވެ.

'މަނިޓަރީ ގަވާއިދު ތަންފީޒެއް ނުކުރެވޭ'

ބީއެމްއެލްއަށް ޑޮލަރުގެ ތާށިކަމެއް އޮތްކަން އެ ބޭންކުން ބުނަމުން އަންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ. ނަމަވެސް އެ ހާލަތަށް އައީ ކުއްލިއަކަށް ނޫނެވެ. 

ޕަބްލިކް ފައިނޭންސް ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ހިޔާލުފާޅު ކުރައްވަމުން ވިދާޅުވި ގޮތުގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ބޭރަށް ޑޮލަރު ގެންދިއުމުގެ ޝައުގުވެރިކަމެއް ވިޔަފާރިވެރިންގެ އޭރު ނުހުރެ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ 1981ގައި މަރުކަޒީ ބޭންކުން އެކުލަވާލާފައި އޮތް މަނިޓަރީ ގަވާއިދުގެ ހަމަތައް އޭރު ހިފަހައްޓަމުން ދިޔުމެވެ. އެކަން ތަންފީޒުވޭތޯ އޭރު ބަލަމުން ދިޔުމެވެ.

"ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި މަސައްކަތުގެ އަގާއި ހިދުމަތުގެ އަގާއި ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އަގު އަދާ ކުރުމަށް ފައިސާގެ އިތުރަށް ބޭންކް ޓްރާންސްފާ އާއި ޗެކް ވެސް ހިމެނެނީ ފައިސާ ކަމުގަ އެވެ،" އެ ގަވާއިދުގެ ފަސް ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރަށް ވެސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސެއް ނެތި ބޭރު ފައިސާ ގަނެ ވިއްކުމާއި ބޭރު ފައިސާ ގަނެ ވިއްކާ ކަމަށް ދެއްކުމަކީ ވެސް މަނާ ކަމެކެވެ.

މަނީ އެކްސްޗޭންޖެއްގައި މީހަކު ބޭރު ފައިސާ މާރު ކުރަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ނަމަވެސް އެކަން މިހާރު ހިނގަނީ އެ މަގަކުން ނޫނެވެ. އެ މީހަކާ އެ މީހެއް، ބޭނުން ރޭޓެއްގައި ޑޮލަރު ވިއްކަނީ އެވެ. ޑޮލަރު ބަންޑެލި ހިފައިގެން މަގުމަތީގައި، ފާޅުކަން ބޮޑު ގޮތެއްގައި ވެސް އެކަން ކުރެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭރު ފައިސާ ޓްރާންސްކެޝަން ހެދުމުގެ ކަންކަމަށް ދޫ ދީފައި އޮންނަ އޮތުމަކީ ރާއްޖެއިން ބޭރު ފައިސާ އެހާ ބޮޑަށް ދޫވެގެންދާ އެއް ސަބަބެވެ.

"އެމްއެމްއޭ އަކީ އެންފޯސިން އެޖެންސީއެއް ނޫން މިހާރު. އެމްއެމްއޭއަށް އެކަން ކުރެވޭނެ ގަވާއިދެއް އެކުލަވާލަން ޖެހޭ. ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރެއް ނޯވޭ އެމްއެމްއޭއަށް. 2008ގެ ކުރިން [ފެހި ގާނޫނުއަސާސީގެ ކުރިން] ނަމަ އެޅޭނެ،" އެ ބޭފުޅާ ވިދާޅުވި އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އިތުރު މައްސަލައެއްގެ ގޮތުގައި އޭނާ ވިދާޅުވީ ފަތުރުވެރިކަމުން ލިބޭ ހަގީގީ އާމްދަނީ ރާއްޖޭގައި ދައުރު ނުވުމެވެ.

"ބައެއް ބެޑުތައް މި ހުންނަނީ ދުރާލާ، ވަރަށް ކުރިއަށް ވިއްކާފައި. މި ޓްރާންސެކްޝަން ހިނގަނީ އެހެން ގައުމެއްގެ އެކައުންޓުން [ބޮޑު އަގެއްގައި]. ބެޑުގެ އަސްލު ހަގީގީ އަގެއް ނޫން ރާއްޖެއަށް ލިބެނީ،" އޭނާ ވިދާޅުވި އެވެ.

'އަދިވެސް ގޯސްތައް ތަކުރާރު ކުރަނީ'

2018އާ ހަމައަށް އޮތް ސަރުކާރުތަކުން މާލީ ކަންކަމާ ގުޅޭ މުހިންމު ހަމަތައް ހިފެހެއްޓި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ހަމަތަކާ މެދު އެންމެ ފަހުން އޮތް އެމްޑީޕީ ސަރުކާރުގެ ދުވަސްވަރުގައި މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ރާއްޖެއަށް ޓެކްސް ނިޒާމު ތައާރަފްކުރުމާ އެކު ދައުލަތުގެ އާމްދަނީ އެތައް ގުނައަކުން ބޮޑުވި އެވެ. އެއާއެކު ތަނަސްވީ އޭގެ ކުރިން ލިބޭ ވަރަށް ވުރެ ބޮޑެތި ލޯނުތައް ނެގުމުގެ ފުރުސަތެވެ. ދެން އައީ ސިޔާސީ ވައުދުތަކާ ގުޅޭ ބޮޑެތި މަޝްރޫއުތަކެވެ.

"އެހެން ނަމަވެސް، ރާއްޖޭގެ އިކޮނޮމިކް އިންފްރާސްޓްރަކްޗާ ހަގީގަތުގައި ބިލްޑުކުރީ 2013ގައި އޮތް ސަރުކާރުން [ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން]،" ސިޔާސީ ގޮތުން ޔާމީންއާ ހިޔާލު ތަފާތުވި ނަމަވެސް، އެ ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޓެކްސްގެ ނިޒާމު ތައާރަފްކުރި އިރު އެކަމުގައި ވަރަށް ބޮޑަށް ބޭރުގެ މާލީ އިދާރާތަކުގެ ލަފަޔާއި އިރުޝާދަށް ބަރޯސާވި އެވެ. އެއާ ހިލާފަށް، އޭނާ ވިދާޅުވި ގޮތުގައި، ޔާމީނަކީ އެކަމުގެ އިލްމު ހުންނެވި ބޭފުޅެކެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދެން އައީ 2018ގެ ސަރުކާރެވެ. އެ ސަރުކާރު އައިސް އެންމެ ފުރަތަމަ ރިޒާވް ބޮޑޭ ބުނި ވާހަކަ އަކީ، އޭނާ ވިދާޅުވި ގޮތުގައި ހަގީގަތުގައި އެސްބީއައިއަށް ވިއްކި 50 މިލިއަންގެ ބޮންޑަކާއި 600 މިލިއަންގެ ލޯނު އެހީއަކާ ގުޅޭ ވާހަކައެކެވެ. އޭރު ރިޒާވް ބޮޑުވީ އެ ފައިސާ ލިބުމުންނެވެ. 

ދެން އައީ ކޮވިޑް-19ގެ ބަލިމަޑުކަމެވެ.

"ކޮވިޑް-19ގައި ފައިނޭންޝަލް މިސްމެނޭޖްމަންޓް ވަރަށް ބޮޑު. ކޮރަޕްޝަންގެ އަމަލުތައް ބައިވަރު. ވެންޓިލޭޓަރުގެ ހިޔާނާތަކީ އަދި ކުޑަ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ ދަރަނީގެ މިންވަރު، އޭގެ ކުރީގެ ހުރިހާ ދައުރުތަކާ އެއްވަރަށް ބޮޑުވި."

ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވެ، ހަރަދުތައް އެތައް ގުނައަކުން ބޮޑުވެގެންދިޔަ އެވެ. ސަބްސިޑީއަށް ކުރާ ހަރަދު ބޮޑުވި އެވެ. މިއީ އޭނާ ވިދާޅުވި ގޮތުގައި ރިޒާވް ހުލިވާ ހިސާބަށް ދިއުމަށް މެދުވެރިވި ބައެއް ސަބަބުތަކެވެ.

ކޮންމެ ސަރުކާރެއް ވެސް އަންނަނީ ކުރިން އޮތް ސަރުކާރުގެ ގޯސްތައް ތަކުރާރު ނުކުރާނެ ކަމަށް ބުނަމުންނެވެ. 

މިސާލަކަށް، މަސްވެރިންނަށް ނުދީ ހުރި ފައިސާ އަނބުރާ ދިނުމުގައި މި ސަރުކާރުގެ ވިސްނުން ހުރި ގޮތެވެ. ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި މި ސަރުކާރު އައިއިރު މަސްވެރިންނަށް ނުދީ ހުރި 250 މިލިއަން ރުފިޔާގެ ތެރެއިން 200 މިލިއަން ރުފިޔާ ދެ ފަހަރެއްގެ މަތިން ދައްކައިފި އެވެ. އެހެން ނަމަވެސް ބެކްލޮގް ފިލުވަމުން، މިހާރު ކިރާ މަހަށް ވެސް ފައިސާ ދޭން ޖެހޭތީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި އަދިވެސް 270 މިލިއަން ރުފިޔާ ދައްކަން އެބައޮތެވެ. މިފްކޯއަށް ލޯނެއް ނަގައިގެން ވިޔަސް އެ ދަރަނި ދައްކަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެ ވިދާޅުވަނީ ދަރަންޏެއް ދައްކަން އިތުރު ދަރަންޏެއް ނަގާ ވާހަކަ އެވެ. ލޯނެއް ނަގައިގެން ދަރަނި ފިލުވާއިރު، ލޯނާ އެކީ އަންނަ އިންޓްރެސްޓްގެ ސަބަބުން ދެން އޮންނާނީ މާ ބޮޑު ދަރަންޏެކެވެ.

ކުރީ ސަރުކާރުން ވާރުތަވި މަޝްރޫއުތަކުގެ ތެރެއިން ކުރިއަށް ދާކަން ޔަގީންނުވާ އެތައް މަޝްރޫއުތަކެއް އެބަހުއްޓެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މަޝްރޫއު ހުއްޓުވާފައި އޮތް ނަމަވެސް، އެ މަޝްރޫއަކަށް ފައިނޭންސް ކުރަން ނެގި ލޯނަށް ފައިސާ ދައްކަން ޖެހޭ ކަމެވެ. އެ މަޝްރޫއެއްގެ ފައިދާ އިގްތިސާދަށް ނެރެވޭނީ ހުއްޓުވުމުގެ ބަދަލުގައި ވީހާވެސް އަވަހަށް ނިންމައިގެންނެވެ.

ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑު އަބަދުވެސް ބޮޑެވެ. ނަމަވެސް އާމްދަނީ ލިބޭ ނިސްބަތަށް ވުރެ ހަރަދުތައް ބޮޑުވެ، ފިޔަވަޅުތަކެއް ނޭޅި، ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވަމުން އަންނަ ނަމަ ޑޮލަރުގެ ތާށިކަމެއް ކުރިމަތިވުން ނޫން ގޮތެއް ނެތެވެ.

ފަތުރުވެރިން ރާއްޖެއަށް އަންނަނީ ދިވެހި ފައިސާ ހިފައިގެނެއް ނޫނެވެ. ނަމަވެސް އެ މީހުން ރާއްޖެ އަންނަން ހަރަދު ކުރާ ޑޮލަރު، ރާއްޖެއަށް ނުލިބި ބޭރުވާ ނަމަ، ފަތުރުވެރިން އަދަދު ކިތަންމެ ވަރަކަށް އިތުރުވިޔަސް، ބޭންކިން ނިޒާމުން އެ ކުރިއެރުމެއް ނުދައްކާނެ އެވެ.

ކޮމެންޓް (2)

ަމަރުޒޫގު

15 ފެބްރުއަރީ 2024
ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް، ވަކި މުއްދަތަކަށް ބޭންކުގައި ބަހައްޓަން ޖެހޭ ގޮތަށް ބޭރުގެ ބައެއް ގައުމުތަކުގައި ގަވާއިދުތައް ހަދާފައި ހުންނަ އިރު ރާޖޭގައި ކީއްވެހެއްޔޭ ނެހެދިގެން އުޅެނީ. ދިވެހިރާއްޖޭގެ ގުދުރަތީ ރިސޯސް ވިއްކައިގެން ލިބޭ އާމްދަނީގެ އެއްވެސް މިންވަރެއް ދިވެހި ދަޢުލަތުގެ ބޭންކަށް ނުވަންނަ ގޮތަށް އެވިޔަފާރިކުރެވިގެން ނުވާނެއެވެ. ދިވެހިރާއްޖޭގެ ތެޔޮވަޅު ތަކަކީ ވެސް އަދި ރަންފަރުބަދަ ތަކަކީ ވެސް މިތާގެ ހިތްގައިމު ޖަޒީރާ ތަކާއި ދޮންވެލި ތުނޑި ތަކެވެ. އެއީ ދިވެހި ދައުލަތުގެ އެންމެ ބޮޑު ގުދުރަތީ ތަރިކައެވެ. ރިސޯރޓް ތަރައްގީކުރަން ބައިނަލްއަގުވާމީ ބޭންކުތަކުން ވެސް އިންވެސްޓްކުރަނީ މި ރަށްރަށް ދައްކައިގެންނެވެ. މި ރިސޯރޓް ހެދި މީހުންގެ އަމާމެން ބަފާމެންގެ ފޯޗުން އޮވެގެނެއް ނޫނެވެ.
0 0

ނަންނުޖަހާ

13 ފެބްރުއަރީ 2024
ޑޮލަރު ކަޅު ބާޒާރުގެ ވާހަކަ ތަންކޮޅެއް ބޮޑަށް ދައްކަން އެބަ ޖެހޭ. ރިސޯޓް އޯނަރުން ޑޮލަރު ވިއްކަނީ ބްލެކްގަ. އެކަން ހުއްޓުވަން އެމްއެމްޢޭ ބިރުގަނޭ. ކަޅު ބާޒާރަށް ސަރުކާރު ކުންފުނި ތަކުންވެސް އެތައް މިލިޔަން ޑޮލަރެއް އެބަ އަޅާ. އޭގެ ކަޓް ކުންފުނި ތައް ހިންގާ މީހުން ނަގާ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް