ގުޅިފަޅުން ހިއްކާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން، 28 ޖެނުއަރީ 2024 ވަނަ ދުވަހު ވަނީ ހިއްކާ ނިންމާފައި. (ފޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ)

ބިން ހިއްކުން

ގުޅިފަޅު ހިއްކާ ނިމެނީ؛ ގިރާވަރު ފަޅު ހުއްޓިފައި އޮތީ ބިލަކަށް ފައިސާ ނުދައްކާތީ

ގުޅިފަޅުން ހިއްކާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރު ވަނީ ހިއްކާ ނިމިފައި؛ ގިރާވަރު ފަޅުން ހިއްކާ މަޝްރޫއު ހުއްޓުމަކަށް އައިއިރު 160 ހެކްޓަރުގެ ތެރެއިން ހިއްކުނީ 50 ހެކްޓަރު
29 ޖެނުއަރީ 2024

މާލޭ މީހުންނަށް ގޯތި ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މާލެ ސަރަހައްދުން ހިއްކަން ފެށި ސަރަހައްދުތަކުގެ ތެރެއިން ގުޅިފަޅުގެ ބޮޑު ބައި ހިއްކާ ނިމުނުއިރު، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތީ މިިދިޔަ އަހަރުގެ ބިލަކަށް ފައިސާ ނުދައްކާތީ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ގުޅިފަޅުން ހިއްކަން ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ.

ރޭ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ގިރާވަރު ފަޅު ހިއްކާ މަޝްރޫއު ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެ މަޝްރޫއަކީ ދައުލަތުން ކްރޮސް ސަބްސިޑީގެ އުސޫލުން ވަކި ވަރަކަށް ފައިސާ ދިނުމަށް ފަހު ބާކީ ބައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއެކެވެ.

ބުނީ ކީކޭ؟ - އެ މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 160 ހެކްޓަރު ހިއްކަން ނިންމާފައި ވާއިރު، މަޝްރޫއު ހުއްޓުނުއިރު ހިއްކާފައި އޮތީ، މިނިސްޓަރު ވިދާޅުވި ގޮތުގައި 50 ހެކްޓަރެވެ.

މަޝްރޫއު ހުއްޓުމަކަށް އައި އެއް ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ބިލަކަށް ދައުލަތުން ފައިސާ ނުދައްކައި އޮތުމުން ކަމަށެވެ.

"ސެޕްޓެމްބަރު، އޮކްޓޯބަރު ހިސާބުގައި އެ މީހުން [ކޮންޓްރެކްޓަރު] ލާފައި އޮތް ބިލަކަށް ޕޭމަންޓު ނުލިބިގެން ޑިލޭއެއް އައިސްފައި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު. (ދައުރު ފޮޓޯ/ ހުސެން ސުނޭން)

ތަފްސީލު - އެ ބިލުގެ އަދަދު ވިދާޅުނުވި ނަމަވެސް، އެއީ ވަރަށް ބޮޑު އަދަދަކަށް ވާތީ އެ ފައިސާ ވީހާ ވެސް އަވަހަށް ހަމަޖައްސައިދީގެން މަސައްކަތް އަލުން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މަޝްރޫއުގެ އަގުބޮޑުކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މި މަޝްރޫއަކީ ގާތްގަނޑަކަށް 197 މިލިއަން ޑޮލަރުގެ މަޝްރޫއެއް. ހަގީގަތުގައި ވަރަށް އަގު ބޮޑު، ދައުލަތުން ވަރަ ބޮޑު ހޭދައެއް ކުރަން ޖެހޭ މަޝްރޫއެއް މިއީ،" މުއްތަލިބު ވިދާޅުވި އެވެ.

ގިރާވަރު ފަޅު ހިއްކުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް މަޝްރޫއު ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ވީހާ ވެސް އަވަހަށް ނިންމައި ގުޅިފަޅާ އެއްގޮތަށް އެ ތަނުގައި ވެސް ހިދުމަތްތައް ގާއިމުކުރާނެ ކަމަށެވެ.

"މިހާރު ވެސް އަޅުގަނޑުމެންނަށް ގިރާވަރުގައި މި ދެންނެވި ގޮތަށް އަސާސީ ހިދުމަތްތަކާއި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދަން ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރި. އެ ފަރާތްތަކާ އެއްކޮށް މަޝްވަރާ ކުރެވިގެން އެ ތަނުން ކޮންމެވެސް އެއް ކުންފުންޏަކާ އެކު ގުޅިފަޅާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި މާ ލަސްތަކެއް ނުވެ ސޮއިކުރެވޭނެ ކަމަށް ދެކެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ގިރާވަރު ފަޅު ޖޫން 2023ގައި ހިއްކާފައި އޮތް މިންވަރު.

އެނގުން މުހިންމު - ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ފައިސާ ހޯދާފައި ވަނީ ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ވިއްކާލައިގެންނެވެ.

ކުރީގެ ސަރުކާރުން ގެންގުޅުނު ވިސްނުމަކީ އެ ފަޅު ހިއްކައިގެން މާލޭ ރަށްވެހިންނަށް 2،000 ގޯތި ދިނުމެވެ.

މި ސަރުކާރުން ވަނީ ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރު އަދި ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކަން ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް