މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
މިފްކޯއަށް ލޯނު ނަގައިގެން ވިޔަސް މަސްވެރިންނަށް ފައިސާ ދޭނަން: ރައީސް
މިފްކޯއަށް ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ސޯޝަލް މީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވަން ރައީސް އޮފީހުން މިއަދު ފެށި ސިލްސިލާ 'ރައީސްގެ ޖަވާބު'ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމާ ގުޅޭ ގޮތުން އަބްދުލްގަނީ (ހިޖުރަ/ހދ. ނޮޅިވަރަންފަރު) ނަމަކަށް ކިޔާ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ ހަވާލުނުކޮށް ހުރި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން ދެ ފަހަރެއްގެ މަތިން މިހާތަނަށް 200 މިލިއަން ރުފިޔާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އެއީ ވެސް އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މިހާރު ވެސް ގާތްގަނޑަކަށް އިތުރަށް ދޭން ޖެހިފައި ހުންނަ ފައިސާ އެބަހުރި މަސް ގަންނަމުންދާ ވަރަކަށް. 270 މިލިއަން ވަރަކަށް ރުފިޔާ އެބަ އޮތް މިހާރު ވެސް ދޭން،" ރައީސް ވިދާޅުވި އެވެ.
"މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް އެ ފައިސާ ވަރަށް އަވަހަށް ހަވާލުކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް ވަރަށް އަވަހަށް ހައްލުކޮށްދެވޭނެ ކަމަށް. ހުރިހާ މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް ހަވާލުކުރުމުގެ މަސައްކަތް މި ކުރަނީ."
ތަފްސީލު - މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ފަހު ކަންކަން އިންތިޒާމު ކުރައްވާނީ މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި، ގިނަ ދުވަސް ހޭދަވާން ނުޖެހޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) February 1, 2024
1 ފެބްރުއަރީ 2024
ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީ، މަސްވެރީންނަށް ނުދެވިހުރި ފައިސާއާ ބެހޭގޮތުން ކުރެއްވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/vaacwJa2kS
އެނގުން މުހިންމު - ރައީސް އޮފީހުން ބުނީ އާންމުންގެ ފަރާތުން ރައީސަށް ހުށަހަޅާ ސުވާލުތަކަށް 'ރައީސްގެ ޖަވާބު'ގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް، އެމަނިކުފާނަށް ވަގުތު ލިބިވަޑައިގަތް މިންވަރަކުން ޖަވާބުދެއްވާނެ ކަމަށެވެ. އާންމުންގެ ސުވާލުތަކަށް ރައީސް ޖަވާބުދެއްވާނީ ވީޑިއޯ މެދުވެރިކޮށެވެ. އެ ޖަވާބުތައް ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ރަސްމީ އެކައުންޓުތަކުން ކޮންމެ ދުވަހަކު ވެސް އާންމުކުރާނެ އެވެ.
ގުޅުން ހުރި ކަމެއް - މި ސަރުކާރުގެ އަމާޒަކީ މަސްވެރިން މަސް ކިރާތާ ގިނަވެގެން ދެ ހަފްތާގެ ތެރޭގައި ފައިސާ ދެއްކުމެވެ. ނަމަވެސް އަދި އެކަން އެގޮތަށް ނުވާކަމުގެ ޝަކުވާ ބައެއް މަސްވެރިން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް (1)
ރެއްކަބޭ